الحمد لله والصلاة والسلام على رسول الله وبعد.
މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވާ އާޔަތެއްގެ މާނައިގައި ވެއެވެ. “ހަމަކަށަވަރުން، ތިމަން ރަސްކަލާނގެ ޤުރްއާން ހަނދުމަކުޅައުމަށް ފަސޭހަކޮށް ދެއްވީމެވެ. ފަހެ، ހަނދުމަކުރާ މީހަކު ވޭހެއްޔެވެ.” (ސޫރަތުލް ޤަމަރު 17ވަނަ އާޔަތް)
ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަރަށް ބައިވަރު މީހުން ﷲ ސުބްޙާނަހޫ ވަތަޢާލާ ބާވާލެއްވި ބަރާކާތްތެރި ފޮތްކަމުގައިވާ ކީރިތި ޤުރުއާން ހިތުދަސް ކުރަމުން ގެންދެއެވެ. އަދި ޒުވާން ގިނަ ކުދިން ޤުރުއާން ޙިފްޒު ކުރުމަކީ ވެސް މިހާރު އާދަޔާ ޚިލާފު ކަމެއް ނޫނެވެ. الحمد لله، އެއިލާހީ ޤުރުއާން ހަނދުމަކުރުމަށް ފަސޭހަ ކޮށްދެއްވި އިލާހެވެ. އަދި މި މުސްކުޅި އަންހެންމީހާއަށްވެސް 82 އަހަރުގައި ހިތުދަސްކުރުމަށް ފަސޭޙަ ކޮށްދެއްވި އިލާހެވެ. އުއްމު ސާލިޙާއި ބޭއްވުނު އިންޓަވިއުއެއްގައި ކުރެވުނު ސުވާލުތަކަށް ބަލާލަމާތޯއެވެ.
1- އުމުރުން މިހާ ދުވަސްވުމަށްފަހު ޤުރުއާން ޙިފްޒު ކުރަމަށް ޝަޢުޤުވެރިވީ ކޮން ސަބަބަކާތޯއެވެ؟
އޭނާ ބުންޏެވެ: “އަހަރެން ކުޑައިރުއްސުރެ އަބަދުވެސް ޤުރުއާން ޙިފްޒު ކުރާހިތްވެއެވެ. އަހަރެންގެ ބައްޕަގެ ދުޢާއަކީ ވެސް އަހަރެންނަކީ ބައްޕަ އަދި އަހަރެންގެ ބޭބެމެން ފަދައިން ޤުރުއާން ހިތުދަސްމީހަކަށް ވުމެވެ. ބައްޕަ މިކަމަށް ވަރަށް ބޮޑަށް ބާރު އަޅައެވެ. އެހެންކަމުން އަހަރެން ޤުރުއާނުގެ 3 ބައި ކުޅަ އެއްބައިވަރު ދަސް ކުރީމެވެ. އުމުރުން 13 އަހަރު ވީއިރު ކައިވެނި ކުރަންޖެހުމުގެ ސަބަބުން އަހަރެންގެ ވަގުތުތައް ފިރިމީހާއަށާއި ދަރިންނަށް ދޭން ޖެހުނެވެ. ގޭގެ މަސައްކަތްތަކުގައި އަވަދިނެތިވެ އުޅެންޖެހުމުގެ ނަތީޖާއަކަށްވީ ދަސްކުރާނެ ވަގުތު ނުލިބުމެވެ. އަހަރެންނަށް 7 ކުދިން ލިބުމަށްފަހު ފިރިމީހާ ނިޔާވުމުން އެކުދިން ތަރުބިއްޔތުކުރުމާއި ކިޔަވާދިނުމުގައި ވަގުތު ހޭދަކުރީ އަހަރެން އެކަންޏެވެ. މިކުދިން ބޮޑުވުމުން އަހަރެންގެ އަމިއްލަ ނަފްސަށް ވަގުތު ލިބުމުން ޤުރުއާން ދަސްކުރަން އަނެއްކާވެސް ފެށީއެވެ.”
2- ޤުރުއާން ދަސްކުރުމުގެ މަރުޙަލާ އާ ބެހޭގޮތުން ކޮންމެވެސް ވަރަކަށް މަޢުލޫމާތު ހިއްސާކޮށްދެއްވާށެވެ.
އޭނާ ބުންޏެވެ: “އަހަރެންގެ އެންމެ ހަގު އަންހެން ދަރިފުޅު އޭރު އުޅެނީ ސްކޫލުގައެވެ. އަދި އަހަރެންނާއި އެންމެ ގާތްކޮށް އުޅެނީވެސް އެކުއްޖާއެވެ. ސަބަބަކީ އެހެން ހުރިހާ ކުދިން ބޮޑުވެ މީހުންނާއި އިނދެގެން ދިއުމެވެ. އަދި މިދަރިފުޅަކީ ވަރަށް މަޑުމައިތިރި ޚުލްޤު ރަނގަޅު ކުއްޖެއްވެސްމެއެވެ. ޤުރުއާން ދަސްކުރުމަށްވެސް ވަރަށް ޝައުގުވެރިކަން ހުންނަ ކުއްޖެކެވެ.”
3- ޤުރުއާން ދަސްކުރަން ގެންގުޅޭ އުސްލޫބަކީ ކޮބާ ހެއްޔެވެ؟
އޭނާ ބުންޏެވެ: “އަހަރެމެން ދުވާލަކު 10 އާޔަތް ދަސްކުރަން ކަނޑައަޅަނީއެވެ. ކޮންމެ ދުވަހަކު ޢަޞްރު ނަމާދަށްފަހު އޮންނަ ވަގުތުކޮޅުގައި ދަސްކުރަނީއެވެ. ދަރިފުޅު އާޔަތްތައް ކިޔުމުން އަހަރެން ފަހަތުން ކިޔަނީއެވެ. ތިންފަހަރު ކިޔުމަށްފަހު ދެން މާނަ އަހަރެންނަށް ކިޔައިދެއެވެ. ޖެހިގެން އަންނަ ދުވަހު ދަރިފުޅު ސްކޫލަށް ދިއުމުގެ ކުރިން އަހަރެންނަށް ކިޔައިދީފައި ދެއެވެ. އަދި އަހަރެން އަޑު އަހަން ޙުޞަރީގެ ކިޔެވުމުގެ އޯޑިއޯ ތިންފަހަރު ކޮންމެ އާޔަތެއް ކިޔޭގޮތަށް ޖައްސާފައި ދެއެވެ. އަހަރެންގެ ގިނަ ވަގުތު ހޭދަކުރަނީ އެއަޑުއެހުމުގައެވެ. މިހެންކަމުން ޖެހިގެން އަންނަ ދުވަހު ޙިފުޒު ރަނގަޅިއްޔާ އެހެން 10 އާޔަތެއް ދަސްކުރަނީއެވެ. ދަސް ނުވާނަމަ އެހެން އާޔަތްތައް ދަސްކުރުމަށް އެއްދުވަސް ފަސްކުރަނީއެވެ. އަދި ހުކުރު ދުވަހަކީ އަހަރެމެންގެ މުރާޖަޢާ ކުރާ ދުވަހެވެ. މިއީ މި މަރުހަލާ ފެށުނު ގޮތެވެ.”
ދެން އޭނާ ބުންޏެވެ: “ހަތަރު އަހަރު ފަހުން އަހަރެންނަށް 12 ފޮތް ދަސްވިއެވެ. ދެން ހަގު ދަރިފުޅުވެސް ކައިވެނި ކޮށްފިއެވެ. އޭނާގެ ފިރިމީހާއަށް އަހަރެންގެ ޤުރުއާން ހިފްޒު ކުރުމުގެ ވާހަކަ އެނގުމުން އަހަރެމެންގެ ގެއާއި ކައިރިން ގެއެއް ކުއްޔަށް ހިފިއެވެ. އަދި އަހަރެމެންނަށް ހިތްވަރުވެސްދީ ހެދިއެވެ. މާނަކިޔައިދީ އެހީތެރިވެދިނެވެ. އަދި މީގެ 3 އަހަރު ފަހުން ދަރިފުޅަށް ކުދިން ލިބުމުން ޙިފްޒު ކުރުން މެދުކެނޑުނެވެ. ދަރިފުޅަށް އަހަރެންގެ ޝައުގުވެރިކަން ފެނުމުން އޭނާގެ ބެލުމުގެ ދަށުން މުދައްރިސަކު ހަމަޖެއްސިއެވެ. މިގޮތަށް މާތް ﷲ ގެ ރަޙްމަތްފުޅުން އަހަރެންނަށް ޤުރުއާން ހިފްޒު ކުރެވުނެވެ. އަދި ދަރިފުޅު އަދި ވެސް ދަނީ ދަސް ކުރަމުންނެވެ.”
މާމަގެ ތިޝައުޤުވެރިކަން ފެނި އެހެން އަންހެންމީހަކަށް މިކަމުގެ އަޘަރެއް ކުރި ހެއްޔެވެ؟
އެކަމަނާ ބުންޏެވެ: އާނ! ވަރަށް ބޮޑު އަޘަރުތަކެއް ކުރިއެވެ. އަހަރެންގެ އަންހެން ދަރިންނާއި މާމަ ދަރިންވެސް ޤުރުއާން ދަސްކުރުމަށް ޝައުޤުވެރިކަން ޖެހި ދަސްކުރަން މަސައްކަތް ކުރަން ފެށިއެވެ. އަދި އެކުދިންގެ ދަރީންނަށްވެސް ދަސްކޮށްދޭން ފެށިއެވެ.”
4- ޤުރުއާން ދަސްކުރި މުއްދަތުގައި ޤުރުއާނުގެ ސަބަބުން މާމައަށާއި މާމަގެ ދިރިއުޅުމަށް އެއްވެސް އަޘަރެއް ކުރި ހެއްޔެވެ؟
އޭނާ ބުންޏެވެ: “އާނ! އަހަރެން ވަރަށް ބޮޑަށް ބަދަލުވިއެވެ. ﷲ އަށް ޙަމްދު ހުއްޓެވެ. އަހަރެން ޤުރުއާން ޙިފްޒު ކުރަމުންދާއިރު އެންމެ ބޮޑަށް މަސައްކަތް ކުރަނީ މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް ފުރިހަމަށް ކިޔަމަންތެރިވެވޭތޯއެވެ. މިގޮތުން ޤުރުއާން ދަސްކުރަމުން ދިޔައިރު އަހަރެންނަށް ހީނުކުރާ ވަރުގެ ހިތްހަމަޖެހުމެއް ލިބުނެވެ. އަދި އަހަރެންގެ އުދާސްތައް ވަޔާ ދިޔަ ކަހަލައެވެ. ޢާންމުކޮށް ދަރިންނާއި ދޭތެރޭ ހުންނަ ކަންބޮޑުވުންތަކުންވެސް އަހަރެން ސަލާމަތްވިއެވެ.
އަހަރެންގެ މަޤުޞަދަކީ މާތް ﷲ ގެ ކަލާމްފުޅު ދަސްކުރުންކަމުން މީގެ މުހިންމުކަން އިޙްސާސް ކުރެވުނެވެ. އަދި ޤުރުއާން ޙިފްޒު ކުރެވުމަކީ ވަރަށް ބޮޑު ނިޢުމަތެއްކަން ވެސް އެނގުނެވެ. ސަބަބަކީ އަހަރެންގެ ޢުމުރުގެ ގިނަ އަންހެނުންނަކީ ޢުމުރުން ދޮށިވުމުގެ ސަބަބުންނާއި ފިރިމީހާ މަރުވެ ދަރިންނާއި ވަކިން އުޅެން ޖެހުމުގެ ސަބަބުން މާޔޫސް ކަންމަތީ ދުނިޔޭގައި އުޅެމުންދާ މީހުންނެވެ. އެކަމަކު الحمد لله އަހަރެން މީގެން އެއްވެސް ކަމަކާއި ކުރިމަތިލާކަށް ނުޖެހުނެވެ. އަހަރެންގެ މަޤުސަދުގައި ކުރިއަށް ދެވޭތޯ ބެލީއެވެ.”
5- ކީކޭތޯ ބުނާނީ ކަމަނާގެ ޢުމުރުފުރައިގެ އަންހެނަކު ޤުރުއާން ޙިފްޒު ކުރަން އުޅޭނަމަ އެހެންނަމަވެސް އުނދަގޫތައް އިޙްސާސް ކުރާނަމަ؟
އޭނާ ބުންޏެވެ: “ތެދުވެރި އިޚްލާސްތެރި ނިޔަތެއްގައި އަދި ހަރުދަނާ ޢަޒުމެއްގައި ކުރާ ކަމެއް ނަމަ އެއްވެސް މާޔޫސްކަމެއް ކުރިމަތި ނުވާނެއެވެ. އިޚްލާސްތެރިކަމާއެކު ފަށާށެވެ. އަދި މާތް ﷲ އަށް ވަކީލް ކުރާށެވެ. އަދި މިޢުމުރުގައި އަމިއްލަ ނަފްސަށް ވަގުތު ހުސްވެފައިވާކަން ހަނދާނުގައި ބަހައްޓާށެވެ. އެހެންނަމަވެސް ނިދުމުގައާއި ބޭރަށް ދިއުމުގައި ހުރިހާ ވަގުތުތައް ބޭކާރު ނުކޮށްލާށެވެ. ހެޔޮ ޢަމަލުކުރުގައި ވަގުތުތައް ހޭދަކުރާށެވެ.”
6- ޢުމުރުން ހަގު ކުއްޖަކު ކައިރީގައި ނަމަ ކީކޭތޯ ބުނާނީ؟ ކޮންކަހަލަ ނަސޭހަތެއްތޯ ދޭނީ؟
– މާތް ﷲ އޭނާ ރައްކާތެރި ކޮށްދެއްވާށެވެ – އޭނާ ބުންޏެވެ: “މާތް ﷲ އަށް ކިޔަމަންތެރިވާށެވެ. އޭރުން އެއިލާހު ހެޔޮގޮތްތައް މިންވަރު ކުރައްވާނެއެވެ. މާތް ﷲ ދެއްވި ނިޢުމަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ. ހުސްވަގުތާއި ސިއްޙަތު ބޭނުން ހަމައެކަނި ކުޅިވަރާއި މަޖަލުގައި ނަގާ ނުލާށެވެ. މިވަގުތުތައް އެއިލާހުގެ ކަލާމްފުޅު ދަސްކުރުމުގައި ހޭދަ ކުރާށެވެ. ކީރިތި ޤުރުއާނަކީ ނޫރެކެވެ. މިދުނިޔޭގެ ދިރިއުޅުމުގައިވެސް އަދި ކަށްވަޅުގައިވެސް މެއެވެ. އަދި މަންމައެއް ހުރި ކަމުގައިވާނަމަ މަންމައަށް ޤުރުއާން ޙިފްޒު ކުރުމަށް އެހީތެރިވެދޭށެވެ. މާތް ﷲ ސުބްޙާނަހޫ ވަތަޢާލާއާއި ކުއްތަންވުމަށްވުރެ ހެޔޮކަމެއް ދަރިއެއްގެ ފަރާތުން މަޔަކަށް ކޮށްދެވޭނެތޯއެވެ؟”
ދުޢާއަކީ އަޅުގަނޑުމެންނަކީވެސް އުއްމު ޞާލިޙު ފަދައިން މާތް ﷲ ސުބްޙާނަހޫ ވަތަޢާލާގެ ކަލާމްފުޅު ކިޔަވާ ދަސްކުރާ ބައެއް ކަމުގައި ލެއްވުމެވެ. އަދި އެއަށް ފުރިހަމައަށް ޢަމަލުކޮށް އެހެން މީހުންނަށް މިޤުރުއާން ދަސްކޮށްދޭ ބައެއް ކަމުގައި ލެއްވުމެވެ.