[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 34 “ރަސޫލުﷲ صلى الله عليه وسلم އަވަހާރަވެ ވަޑައިގަތުން.”

qiyaamai vumuge

2. ރަސޫލުﷲ صلى الله عليه وسلم އަވަހާރަވެ ވަޑައިގަތުން.

ނަބިއްޔާ صلى الله عليه وسلم އަވަހާރަވެ ވަޑައިގަތުންވަނީ ޤިޔާމަތުގެ ޢަލާމާތްތަކުގެ ތެރެއިންނެވެ. ފަހެ ޢައުފް ބިން މާލިކު رضي الله عنه ގެ އަރިހުން [ރިވާވެފައިވާ] ޙަދީޘްގައި ވެއެވެ. ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ((اعْدُدْ سِتًّا بَيْنَ يَدَيِ السَّاعَةِ: مَوْتِي…))[1] މާނައީ: “ތިމަންކަލޭގެފާނާއި ޤިޔާމަތާދެމެދު 6 ކަމެއް ގުނާށެވެ. [އޭގެތެރޭގައި] ތިމަންކަލޭގެފާނު އަވާހާރަވެ ވަޑައިގަތުން ވެއެވެ…..”

ހަމަކަށަވަރުންވެސް ނަބިއްޔާ صلى الله عليه وسلم އަވަހާރަވެ ވަޑައިގަތުމަކީ މުސްލިމުންނަށް އައި އެންމެ ބޮޑު މުޞީބާތެވެ. (އެބަހީ ހިތާމަވެރިކަމެވެ.) ފަހެ ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު އަވަހާރަވެ ވަޑައިގެންނެވުމާއެކު އަޞްޙާބު ބޭކަލުންގެ ލޯތަކަށް ދުނިޔެ އަނދިރިވެގެން ދިޔަފަދައެވެ.

އަނަސް ބިން މާލިކު رضي الله عنه ވިދާޅުވިއެވެ. [އެބަސްފުޅުގެ މާނައީ:] “ރަސޫލުﷲ صلى الله عليه وسلم މަދީނާއަށް ވެދެވަޑައިގެންނެވި ދުވަހު ހުރިހާ އެއްޗަކަށް އަލިކަން ވެރިވިއެވެ. ފަހެ އެކަލޭގެފާނު އަވަހާރަވެ ވަޑައިގެންނެވި ދުވަހު އެންމެހާ ތަކެއްޗަށް އަނދިރިކަން ވެރިވިއެވެ. އަދި ރަސޫލުﷲ صلى الله عليه وسلم ގެ ގައިކޮޅުން ތިމަންކަލޭގެފާނުގެ ދެއަތްޕުޅު ދޫނުކޮށްލަމެވެ. އަދި ތިމަންމެންބޭކަލުން އެކަލޭގެފާނު ފަސްދާނުވެޑުވީ ތިމަންމެންބޭކަލުންގެ ހިތްތަކުން އެކަމަށް އިންކާރުކުރާ ޙާލުގައެވެ.”[2]

އިބްނު ޙަޖަރު ވިދާޅުވެފައި ވެއެވެ. [އެބަސްފުޅުގެ މާނައީ:] “އެބޭކަލުންނަށް އެކަން ފެނިވަޑައިގެންނެވީ އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި އިހުސާސްކުރެވިފައިވާ އެކުވެރިކަމާއި ބާއްޖަވެރިކަމުގެ ވަޤުތުތަކާއި އަމާންކަން ބަދަލުވެގެން ދިޔަކަމުގައެވެ. އެބޭކަލުން އެކަންކަމަށް ފޯރުކުރުވާ ތަޢުލީމާއި ތަރުބިއްޔަތު ގެއްލިގެން ދިޔުމުންނެވެ.”[3]

ދެންފަހެ އެކަލޭގެފާނު -صلى الله عليه وسلم- އަވަހާރަވެ ވަޑައިގެންނެވުމާއެކު އުޑުން ބާވައިލެއްވުމުން އައި ވަޙީ މެދުކެނޑިއްޖެއެވެ. ނަބިއްޔާ صلى الله عليه وسلم އަވަހާރަވެ ވަޑައިގެންނެވެމުން އުންމު އައިމަނުގެ އަރިހަށް އަބޫބަކުރުގެފާނާއި ޢުމަރުގެފާނު -رضي الله عنهم- ޒިޔާރަތް ކުރެއްވުމުން އެކަމަނާ ޖަވާބުދެއްވި ފަދައިންނެވެ. އެކަމަނާގެ އަރިހަށް އެދެބޭކަލުން ވަޑައިގެންނެވުމުން އެކަމަނާ ކީރިތި ކުރައްވަން ފެއްޓެވިއެވެ. އެދެބޭކަލުން އެކަމަނާއަށް ދެންނެވިއެވެ. [އެބަސްފުޅުގެ މާނައީ:] “ކަމަނާ ކީރިތި ކުރުވީ ކޮންކަމެއްހެއްޔެވެ؟ ﷲގެ ޙަޟްރަތުގައި އެކަލާނގެ ރަސޫލާ صلى الله عليه وسلم އަށް ހެޔޮކަން ވެއެވެ. އެކަމަނާ ވިދާޅުވިއެވެ: ތިމަންކަމަނާ މިކީރިތިކުރައްވަނީ ﷲ ގެ ޙަޟްރަތުގައި އެކަލާނގެ ރަސޫލާ صلى الله عليه وسلم އަށް އަށްހުރި ހެޔޮކަން ނޭނގިއެއް ނޫނެވެ. އެހެނެއްކަމަކު ތިމަންކަމަނާއަށް މިކީރިތިކުރެވެނީ އުޑުން ބާވައިލެއްވެމުންއައި ވަޙީ މެދު ކެނޑުމުންނެވެ. ފަހެ އެދެބޭކަލުންނަށްވެސް ކީރިތިކުރެއްވެން ފަށައިފިއެވެ. އެކަމަނާއާއެކު އެދެބޭކަލުންނަށް ކީރިތި ކުރެއްވުނެވެ.”

ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު އަވަހާރަވެ ވަޑައިގެންނެވީ މީސްތަކުން މަރުވެގެންދާ ފަދައިންކަން ކަށަވަރެވެ. އެހެނީ ދުނިޔެވީ މިޙަޔާތުގައި ތާއަބަދަށް ލެއްވިގެންވާ ގޮތުގައި ﷲ سبحانه وتعالى ލިޔުއްވާފައެއް ނުވެއެވެ. ކިއެއްތޯއެވެ. އެއީ އެތަނަކުން ހުރަސްކޮށްފައިދާ ގޮވައްޗެކެވެ. ދެމިހުންނަނިވި ގޮވައްޗެއް ނޫނެވެ. މާތް ﷲ ވަޙީ ކުރައްވާފައިވާ ފަދައިންނެވެ: ﴿وَمَا جَعَلْنَا لِبَشَرٍ مِنْ قَبْلِكَ الْخُلْدَ أَفَإِنْ مِتَّ فَهُمُ الْخَالِدُونَ (٣٤)كُلُّ نَفْسٍ ذَائِقَةُ الْمَوْتِ وَنَبْلُوكُمْ بِالشَّرِّ وَالْخَيْرِ فِتْنَةً وَإِلَيْنَا تُرْجَعُونَ (٣٥)﴾ (سورة الأنبياء: 34-35) މާނައީ: “ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ ކުރިޔަކުންވެސް އާދަމުގެދަރިޔަކަށް (މަރުނުވެ) ދެމިހުރުމެއް ނުލައްވަމެވެ. ފަހެ، ކަލޭގެފާނު އަވަހާރަވެއްޖެނަމަ، އެއުރެންނީ ފަހެ، ދެމިތިބޭނޭ ބަޔެއް ހެއްޔެވެ؟ ކޮންމެ ނަފްސަކީވެސް މަރުގެރަހަ ލިބިގަންނާނޭ އެއްޗެކެވެ. އަދި ނުބައިގޮތާއި ހެޔޮގޮތް މެދުވެރިކުރައްވައި، ތިމަންރަސްކަލާނގެ ތިޔަބައިމީހުން އިމްތިޙާނު ކުރައްވައި ގޮތްބައްލަވަމެވެ. އަދި ތިޔަބައިމީހުން ރުޖޫޢަ ކުރައްވާހުށީ، ތިމަންރަސްކަލާނގެ ޙަޟްރަތަށެވެ.”

މަރަކީ ޙައްޤު އެއްޗެއްކަން ބަޔާންކޮށްދޭ މިނޫންވެސް އާޔަތްތަކެވެ. އަދި ހަމަކަށަވަރުން ކޮންމެ ނަފްސެއްމެ މަރުގެ ރަހަ ދެކޭނެއެވެ. އެއީ ޙުރިހާ މަޚްލޫޤުންގެ ސާހިބާ އަދި ތަޤުވާވެރީންގެ އިމާމު، މުޙައްމަދު صلى الله عليه وسلم ކަމުގައި ވީނަމަވެސް މެއެވެ.

އަދި އެކަލޭގެފާނު އަވަހާރަވުމާމެދު ޤުރުޠުބީ ވިދާޅުވެފައިވަނީ މިފަދައިންނެވެ. [އެބަސްފުޅުގެ މާނައީ:] “[އެއީ އިސްލާމްދީނަށް އެންމެފުރަތަމަ ލިބުނު ކުއްލި ސިހުމެވެ… އެއަށްފަހު ޢުމަރުގެފާނުގެ މަރެވެ. ފަހެ ނަބިއްޔާ صلى الله عليه وسلم އަވަހާރަވެ ވަޑައިގެންނެވުމާއެކު ވަޙީ މެދުކެނޑިއްޖެއެވެ. އަދި ނަބީކަން ހުއްޓިއްޖެއެވެ. އެންމެފުރަތަމަ ފާޅުވީ ނުބައިކަމަކީ ޢަރަބީން މުރުތައްދުވުން ކަމުގައި ވިއެވެ. އަދި އެނޫންވެސް ކަންކަމެވެ. އަދި [އެކަލޭގެފާނު އަވަހާރަވުން] އެއީ އެންމެފުރަތަމަ މެދުކެނޑުނު ހެޔޮކަންތަކެވެ. އަދި އެންމެ ފުރަތަމަ ހުސްކަމެވެ.

أَبُوْ بَكرُ الصِّدِّيْقُ رضي الله عنه ވިދާޅުވެފައި ވެއެވެ:

                  فَلَتَـحْـدُثَـنَّ حَوَادِثُ مِنْ بَعْـدِهِ

                                  تُعْـنَـى بِهِـنَّ جَوَانِـحٌ وَصُـدُوْرُ

މާނައީ: އެކަލޭގެފާނަށް ފަހު ޙާދިޘާތަކެއް ހިނގާނެއެވެ.

                                  އޭގެ ސަބަބުން ހިތްތަކަށާއި އަދި މޭތަކަށް ދަތިކަން އިޙުސާސްވާނެއެވެ.

 

އަދި صَفِيَّة بِنْت عَبْدُ الْمُطَّلِب رضي الله عنها ވިދާޅުވެފައި ވެއެވެ:

                   لَعَـمْـرُكَ مَا أَبْـكِـيْ النَّبِيَّ لِفَقْـدِهِ

                                 وَلَـكِـنَّ مَا أَخْشَى مِنَ الْهَـرْجِ آتِيَا”

މާނައީ: ތިމަންކަމަނާއަށް ކީރިތިކުރެވެނީ ނަބިއްޔާ صلى الله عليه وسلم އަވަހާރަވުމުންނެއް ނޫނެވެ.

                                 ނަމަވެސް އެކަލޭގެފާނަށްފަހު އަތުވެދާނެ ފިތުނައަކަށްޓަކާއެވެ.[4]

 

=ނުނިމޭ=

__________________________________________

[1] ((صحيح البخاري))، كتاب الجزية والموادعة، باب ما يحذر من الغدر، (6/277-مع الفتح).

[2] [ބައްލަވާ:] ((جامع الترمذي))، أبواب المناقب، (10/ 87-88-مع تحفة الأحوذي)، وقال الترمذي: ((هذا حديث صحيح غريب)).
وقال شعيب الأرناؤوط: ((إسنادة صحيح)). انظر: ((شرح السنة)) للبغوي، (14/50)، تحقيق شعيب الأرناؤوط.
قال ابن حجر: ((قال أبو سعيد فيما أخرجه البزار بسند جيد: ما نفضنا أيدينا من دفنه حتى أنكرنا قلوبنا)). ((الفتح)) (8/149)).

[3] [ބައްލަވާ؛] ((فتح الباري)) (8/149).

[4] [ބައްލަވާ:] ((التذكرة)) للقرطبي، (ص 629-630) بتصرف بسيط، وانظر: ((الإذاعة)) لصديق حسن، (ص 67-69).