[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 35 “ބައިތުލްމަޤްދިސް ފަތަޙަވުން.”

qiyaamai vumuge

4. ބައިތުލްމަޤްދިސް ފަތަޙަވުން.

ބައިތުލް މަޤްދިސް ފަތަޙަވުމީ ޤިޔާމަތުގެ ޢަލާމާތްތަކުގެ ތެރެއިން ޢަލާމާތެކެވެ. ޢައުފް ބިން މާލިކު رضي الله عنه ގެ [އަރިހުން ރިވާވެފައިވާ] ޙަދީޘްގައި އައިސްފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ: ((اعْدُدْ سِتًّا بَيْنَ يَدَيِ السَّاعَةِ: (فَذَكَرَ مِنْهَا:) فَتْحُ بَيْت الْمَقْدِس…))[1] މާނައީ: “ތިމަންކަލޭގެފާނާއި ޤިޔާމަތާދެމެދު 6 ކަމެއް ގުނާށެވެ. ބައިތުލްމަޤްދިސް ފަތަޙަވުން (އޭގެތެރޭގައި ޛިކުރު ކުރެއްވިއެވެ.)”

ސިޔަރަތުގެ [ދިރާސާކުރައްވާ] ބޭފުޅުން ބުރަވެވަޑައިގަންނަވާފަދައިން  عُمَرُ بن الخَطَّاب رضي الله عنه ގެ ޒަމާނުގައި، ހިޖުރީ ސަނަތުން ސޯޅަ ވަނަ އަހަރު ބައިތުލް މަޤްދިސް ފަތަޙަކުރެވިގެން ދިޔައެވެ. ފަހެ ޚުދު ޢުމަރު رضي الله عنه، އެކަލޭގެފާނު އަމިއްލަފުޅަށް ވަޑައިގެން އެތާގެ އަހުލުވެރިންނާ ޞުލްޙަކުރައްވާ، އެތަން ފަތަޙަ ކުރެއްވިއެވެ. އަދި ޔަހޫދީންނާއި ނަޞާރާއިންގެ ކިބައިން އެތަން ޠާހިރު ކުރެއްވިއެވެ. އަދި މުޤައްދަސްވެގެންވީ ގެކޮޅާ ދިމާއަށް (އެބަހީ ކަޢުބަތުﷲ ގެފުޅާ ދިމާއަށް) ޤިބުލަވާގޮތަށް އެތާންގައި މިސްކިތެއް ބިނާކުރެއްވިއެވެ.[2]

އަދި ޢުބައިދު ބިން އާދަމްގެ ފަރާތުން އަލްއިމާމު އަޙްމަދު ރިވާ ކުރައްވާފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: ((سَمِعْتُ عُمَرَ بْن الخَطَّابِ يَقُوْلُ لِكَعْب الأحبَار[3]: أَيْنَ تُرَى أَنْ أُصَلِّيَ؟ فَقَالَ: إِنْ أَخَذْتَ عَنِّي؛ صَلَّيْتَ خَلْفَ الصَّخْرَةِ، فَكَانَتِ الْقُدْسُ كُلُّهَا بَيْنَ يَدَيْكَ. فَقَالَ عُمَرُ: ضَاهَيْتَ الْيَهُودِيَّةَ، لاَ، وَلَكِنْ أُصَلِّي حَيْثُ صَلَّى رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَتَقَدَّمَ إِلَى الْقِبْلَةِ، فَصَلَّى، ثُمَّ جَاءَ، فَبَسَطَ رِدَاءَهُ، فَكَنَسَ الْكُنَاسَةَ فِي رِدَائِهِ، وَكَنَسَ النَّاسُ))[4] މާނައީ: “كَعْب الأحبَار އަށް عُمَرَ بْن الخَطَّاب -رضي الله عنه- ވިދާޅުވާތީ ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ: ތިމަންކަލޭގެފާނު ނަމާދު ކުރައްވަން ކަލޭގެފާނަށް ފެނިވަޑައިގަންނަވަނީ ކޮންތަނެއް ތޯއެވެ؟ ވިދާޅުވިއެވެ: ތިމަންކަލޭގެފާނުގެ ކިބައިން ތިކަން އުނގެނޭނަމަ، ހިލަގަނޑުގެ ފަހަތުގައި ނަމާދު ކުރައްވާށެވެ. އޭރުން ފަހެ މުޅި ޤުދުސްވާނީ ކަލޭގެފާނުގެ ކުރިފުޅުމަތީގައެވެ. ފަހެ ޢުމަރުގެފާނު ވިދާޅުވިއެވެ: ކަލޭގެފާނު ޔަހޫދީންނާ ވައްތަރުވެގެންފިއެވެ. ނޫނެކެވެ. އެހެނެއްކަމަކު ތިމަންކަލޭގެފާނު ނަމާދު ކުރައްވާނީ ރަސޫލުﷲ صلى الله عليه وسلم ކުރެއްވި ފަދައިންނެވެ. ފަހެ ޤިބްލައާ ދިމާއަށް ކުރިމަތިލައްވާ ނަމާދު ކުރެއްވިއެވެ. އެއަށްފަހު ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނުގެ ރިދާކޮޅު ފަތުރާލެއްވިއެވެ. ފަހެ އެކަލޭގެފާނުގެ ރިދާކޮޅުގައިވާ ކުނިތައް ފޮޅާލެއްވިއެވެ. އަދި މީސްތަކުންވެސް އެކަން ކުރެއްވިއެވެ.”

=ނުނިމޭ=

__________________________________________

[1] رواه البخاري، [كتاب الجزية والموادعة، باب ما يحذر من الغدر، (6/277-مع الفتح).]

[2] ބައްލަވާ: ((البداية والنهاية)) (7/55-57)

[3]  އެއީ كَعْبُ بِنْ مَاتِع الحُمَيْرِي އެވެ. ޢިލްމު އުނގެނިވަޑައިގެން ހުންނެވި އަދި އަހުލުކިތާބީންގެ ޢިލްމުވެރީންގެ ބޮޑެކެވެ. އިސްލާމްވެ ވަޑައިގެންނެވީ أَبُوْ بَكْرُ الصِّدِّيْقُގެ ޒަމާނުގައެވެ. އަދި ޢުމަރުގެފާނުގެ ޒަމާނުގައި މަދީނާއަށް ވަޑައިގެން އެއަށްފަހު ޝާމުގައި ވަޒަންވެރިވެ ވަޑައިގެންނެވިއެވެ. އަވަހާރަވެ ވަޑައިގެންނެވީ [ޢުމުރުފުޅުން] ސަތޭކައަހަރު ފަހަނައަޅައިފައި ވަނިކޮށް ޢުޘްމާން رضي الله عنه ޒަމާނުގައެވެ. އެކަލޭގެފާނުގެ ގިނަ ރިވާޔަތްތައް ވަނީ އިސްރާއިލީ ރިވާޔަތްތަކުގެ ތެރެއިންނެވެ. އަދި އެކަލޭގެފާނަށް ނިޞްބަތްކުރައްވާ ރިވާޔަތްތަކުގެ ބޮޑުބައެއްގެ ސަނަދު ޞައްޙަވެގެން ނުވެއެވެ. އެކަލޭގެފާނުގެ އެއްވެސް ރިވާޔަތެއް ބުޚާރީގައި ނުވެއެވެ. ޞަޙީހު މުސްލިމްގައި އެކަލޭގެފާނުގެ އަރިހުން އަބޫހުރައިރާ ރިވާކުރައްވާފައިވާ ރިވާޔަތެއްވެއެވެ.

ބައްލަވާ: ((تقريب التهذيب)) (2/135)، و ((تهذيب التهديب)) (8/438-440)، و ((تذكرة الحافظ)) (1/52).

[4] ((مسند الإمام أحمد)) (1/268-269) (ح 261)، تحيق أحمد شاكر، وقال: ((إسناده حسن)).