[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

عقيدة التوحيد 3

Aqeedat-at-tawheed

ދެވަނަ ބައި

ޢަޤީދާ އުނގެނެވޭނެ މަޞްދަރުތަކާއި ސަލަފުއް ޞާލިޙުން ޢަޤީދާ އުނގެނުމުގައި ބޭނުންކުރެއްވި މަންހަޖު

ޢަޤީދާއަކީ ތައުޤީފީ އެއްޗެކެވެ؛ އެބަހީ: ޝާރިޢުގެ(ޝަރުޢުކުރައްވާ ފަރާތުގެ) ދަލީލަކުން މެނުވީ ޢަޤީދާ ސާބިތު ނުކުރެވޭނެއެވެ. އަދި އެސާބިތު ކުރުމުގައި މީހުންގެ ރައުޔަށް ނުވަތަ އިޖްތިހާދަކަށް ތަނެއް ނުދެވޭނެއެވެ. އެހެންކަމުން ދަންނަންވީ ކަމަކީ އަޤީދާގެ މަޞްދަރުތައްވަނީ ހަމަ އެކަނި ޤުރުއާނާއި ސުންނަތުގައި އައި މިންވަރަށް ބިނާވެފައި ކަމެވެ. އެހެނީ އެއްވެސް މީހަކަށް ﷲ އަށް ވުރެ މޮޅަށް އެއިލާހު ދެނެނުގަނެވޭނެތީއެވެ. އަދި އެއިލާހަށް ވާޖިބުވަނީ ކޮންކަމެއް ކަމެއް ކަމެއް ވެސް ދެނެ ނުގަނެވޭނެތީއެވެ. ހަމަ އެފަދައިން އެއިލާހު ހުސްޠާހިރު ވެގެން ވަނީ ކޮން ކޮން ކަންތަކެއްގެ ކިބައިންކަން ވެސް އެއިލާހަށް ވުރެ މޮޅަށް ދެނެނުގަނެވޭނެތީއެވެ. ރަސޫލާ صلى الله عليه وسلم އަށްވުރެ ރަނގަޅަށް (ﷲ ފިޔަވާ) އެހެން އެއްވެސް ފަރާތަކަށް އެއިލާހު ދެނެނުގަނެވޭނެތީއެވެ. އެހެން ކަމުން ސަލަފުއް ޞާލިޙުންނާއި އެބޭކަލުންނަށް ތަބާވެލެއްވި އެންމެހާ ބޭކަލުންވަނީ ޢަޤިދާ އުނގެނުން ހަމައެކަނި ޤުރުއާނާއި ސުންނަތުގެ މައްޗަށް ބިނާކުރައްވާފައެވެ.

    ޤުރުއާނާއި ސުންނަތުން ﷲ ގެ ޙަޟްރަތަށް، ކަމެއް ސާބިތުވެއްޖެ ނަމަ، އެކަމަކަށް އެބޭކަލުން އީމާންވެލައްވައި، އެކަން ހިތުން ތެދުކޮށް ޤަބޫލުކުރާ ޙާލު އެއާއި އެއްގޮތަށް ޢަމަލު ކުރައްވައެވެ. ފަހެ، ޤުރުއާނާއި ސުންނަތުން ކަމެއް އެއިލާހުގެ ޙަޟްރަތަށް ސާބިތު ނުވާ ކަމުގައި ވަނީ ނަމަ، އެކަމެއް އެބޭކަލުން އެއިލާހުގެ ޙަޟްރަތަށް ނިސްބަތް ނުކޮށް، ނަފީކުރައްވައެވެ. އަދި އެކަމަށް އިންކާރު ކުރައްވައެވެ. މިގޮތަށް އެބޭކަލުން ޢަމަލުކުރުމުގެ ނަތީޖާއަކީ އެބޭކަލުންގެ މެދުގައި ޢަޤީދާގެ އެއްވެސް މައްސަލައެއްގައި ޚިލާފެއް ނެތުމެވެ. އަދި ކިއެއްތަ އެބޭކަލުންގެ ޢަޤީދާ އެއީ އެއް ޢަޤީދާ އެއްކަމުގައި ވުމެވެ. އެބޭކަލުންގެ ޖަމާޢަތް އެއީ އެއް ޖަމާޢަތެއް ކަމުގައި ވުމެވެ. އެހެނީ ﷲ (سُبحَانَهُ وَتَعَالَى) ގެ ފޮތާއި ރަސޫލާ (صَلَّى اللهُ عَلَيْهِ وَسَلَّم) ގެ ސުންނަތުގައި ބާރަށް ހިފަހައްޓައިފި ނަމަ އެއިލާހު (سُبحَانَهُ وَتَعَالَى) އެބައިމީހުންގެ ބަސް އެކައްޗަކަށް ހަދާ ދެއްވާނެކަމަށްވަނީ ވަޢުދު ވެލައްވާފައެވެ. އަދި އެބައެއްގެ ޢަޤީދާ އަކީ ރަނގަޅު ޢަޤީދާކަމުގައި ހައްދަވާ ދެއްވާ އެބައިމީހުންގެ މަންހަޖު އެއީ އެއް މަންހަޖެއް ކަމުގައި ހައްދަވާ ދެއްވާނެ ކަމަށް ވެސް ވަނީ ވަޢުދު ވެލައްވާފައެވެ.
ﷲ (سُبحَانَهُ وَتَعَالَى) ވަޙީ ކުރެއްވިއެވެ.

(وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا  ) [سورة آل عمران 103]

މާނައީ: “ތިޔަބައިމީހުން އެންމެން ﷲގެ ދީނުގައި ހިފަހައްޓާށެވެ. އަދި ވަކިވަކިވެ ނުގަންނާށެވެ.”

އަދިވެސް އެއިލާހު (سُبحَانَهُ وَتَعَالَى) ވަޙީ ކުރެއްވިއެވެ.

( فَإِمَّا يَأْتِيَنَّكُم مِّنِّي هُدًى فَمَنِ اتَّبَعَ هُدَايَ فَلَا يَضِلُّ وَلَا يَشْقَىٰ ) [سورة طه 123]

މާނައީ: “ފަހެ ތިމަންރަސްކަލާނގެ ޙަޟްރަތުން ތިޔަބައިމީހުންނަށް ތެދުމަގެއް އަތުވެއްޖެނަމަ، ދެން ތިމަންރަސްކަލާނގެ ތެދުމަގަށް ތަބާވެއްޖެމީހާ (ދަންނާށެވެ!) ފަހެ އެމީހަކު މަގުފުރެދިގެނެއް ނުދާނެތެވެ. އަދި އަބާއްޖަވެރިއެއްވެސް ނުމެވާނޭމެއެވެ.”

އެހެންކަމުން މިބައިމީހުނަށް الفِرْقَةُ النَّاجِيَةُ (ސަލާމަތްވެ ކާމިޔާބުވެގެންވާ ފިރުޤާ)ގެ ނަމުން ނަންދެވުނެވެ. އެހެނީ ނަބިއްޔާ (صَلَّى اللهُ عَلَيْهِ وَسَلَّم) ވަނީ އެބައިމީހުން ސަލާމަތްވެ ކާމިޔާބު ވާނޭ ކަމުގެ ހެޔޮޚަބަރު ދެއްވާފައެވެ. އެޚަބަރު ދެއްވާފައި ވަނީ އެކާލޭގެފާނު މި އުއްމަތް 73 ބަޔަށް ބައިވެގެންދާނޭ ވާހަކަ ބަޔާން ކޮއްދެވި ވަގުތެވެ. އެ 73 ބައި ގެ ތެރެއިން އެއްބައި މީހުން ފިޔަވާ އެހެން ހުރިހާ އެންމެން ދާނީ ނަރަކައަށް ކަމަށް އެކަލޭގެފާނު ބަޔާން ކޮއްދެވިއެވެ. އެ ސަލަމާތްވާނެ ބަޔަކީ ކޮބައިތޯ ސުވާލު ދެންނެވުމުން އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވިއެވެ.

((هِيَ مَنْ كَانَ عَلَى مِثْلِ مَا أَنَا عَلَيْهِ الْيَوْمَ وَأَصْحَابِي))  

މާނައީ: “އެބައިމީހުންނަކީ މިއަދު ތިމަންކަލޭގެފާނާއި ތިމަންކަލޭގެފާނުގެ ޞަޙާބީން ތިއްބެވި ގޮތުގައި ވާނޭ މީހުންނެވެ.”

އެކަލޭގެފާނު އެޚަބަރު ދެއްވި ކަމުގެ ތެދުކަން މިއަދު މިވަނީ އަހަރަމެންނަށް ފެންނާށެވެ. ބަޔަކު މީހުން އެބައިމީހުންގެ ޢަޤީދާ ޤުރުއާނާއި ސުންނަތް ފިޔަވާ ޔޫނާންގެ ފަލްސަފާއިން ނެގިފައިވާ މަންތިޤް ގެ ޤަވާޢިދުތަކާއި “ޢިލްމުލް ކަލާމް” އަށް ބިނާ ކުރުމުގެ ނަތީޖާއަކަށްވީ ޢަޤީދާގައި ބައިބައިވެ ކަސިޔާރުވުމެވެ. އަދި މީހުންގެ ތެރޭގައި ދެބަސްވުން އުފެދުމެވެ. (މުސްލިމުންގެ) ޖަމާޢަތް ބައިބައިވުމެވެ. އިސްލާމީ މުޖްތަމަޢުގެ ބިނާގައި ރެނދުލުމެވެ.

 

_______________________________

= ނުނިމޭ =

މިލިޔުމާގުޅޭ އެހެން ބައިތައް