[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތިބާގެ ދުޢާއަކީ މުސްތަޖާބު ދުޢާއަކަށް ހަދަންބޭނުންނަމަ..3

 

ލޮބުވެތި އަޚާއެވެ! ލޮބުވެތި އުޚްތާއެވެ! ތިބާގެ ދުޢާއަކީ މުސްތަޖާބު ދުޢާއަކަށް ހަދަން ބޭނުންކަމުގައިވަނީނަމަ : –

6. ދުޢާކުރާއިރު ތިބާގެ ހިތް ޙާޟިރުކުރާށެވެ. އަދި ތިބާ ކުރާދުޢާގެ މާނައާމެދު ވިސްނާށެވެ. ތިބާ، ދުޢާ ތިޔަކުރަނީ ޢާލަމްތަކުގެ ވެރި އިލާހަށްކަން ހިތްމައްޗަށް ގެނެސްގަންނާށެވެ.

7. ދުޢާކުރުމުގައި ހައްދުފަހަނަޅައި ނުދާށެވެ. ތިބާއަށް އެކަށީގެންނުވާ ކަމަކަށް އެދި ދެންނެވުމާއި، ﷲ ތަޢާލާ ދެއްވާފައިވާ ޚަބަރަކާއި ޚިލާފަށް ކަންތައްވެގެން ދިއުމަށް އެދި ދުޢާ ކުރުމާއި، ޙަރާމްކަމަކަށް މަގުފަހިކޮށްދެއްވެވުން އެދި ދުޢާކުރުމާއި، އެއިލާހުގެ ޝަރީޢަތާ ޚިލާފުކަމެއް ކުރުމަށް ތައުފީޤްދެއްވެވުން އެދި ދުޢާކުރުންފަދަ ކަންތައް، ދުޢާކުރުމުގައި ހައްދުފަހަނަޅައި ދިއުމުގެތެރޭގައި ހިމެނެއެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ٱدْعُواْ رَبَّكُمْ تَضَرُّعًا وَخُفْيَةً إِنَّهُ لاَ يُحِبُّ ٱلْمُعْتَدِينَ (الأعراف:55) ” މަޑުމޮޅިކަމާއި، ވަންހަނާގޮތުގައި ތިޔަބައިމީހުންގެ ވެރިއިލާހަށް ދުޢާކުރާށެވެ! ހަމަކަށަވަރުން ހައްދުފަހަނަޅައިދާ މީހުންދެކެ އެއިލާހު ލޯބިވެވޮޑިނުގަންނަވަތެވެ.”

 8. ހެޔޮ ކަންތައްތަކަށް އަމުރުކޮށް ނުބައިކަންތައް މަނާކުރާށެވެ! ޙުޛައިފާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވެވިއެވެ.  وَالَّذِيْ نَفْسِيْ بِيَدِهِ لَتَأْمُرُنَّ بِالْمَعْرُوْفِ وَلَتَنْهَوُنَّ عَنِ الْمُنْكَرِ، أَوْ لَيُوْشِكُنَّ اللَّهُ أَنْ يَبْعَثَ عَلَيْكُمْ عِقَاباً مِنْهُ، فَتَدْعُوْنَهُ فَلَا يُسْتَجَابُ لَكُمْ  (رواه الترمذي في الفتن) “ތިމަންކަލޭގެފާނުގެ ނަފްސު އެފަރާތެއްގެ އަތްޕުޅުގައިވާ އިލާހު ގަންދެއްވައި ވިދާޅުވަމެވެ. ތިޔަބައިމީހުން ހެޔޮކަންތަކަށް އަމުރުކުރާހުށިކަމެވެ! އަދި ނުބައިކަންތައް މަނާކުރާހުށިކަމެވެ! އެހެންނޫންނަމަ، ﷲގެ ޙަޟްރަތުން ތިޔަބައިމީހުންގެ މައްޗަށް ކޯފާއެއް އައުން ގާތްވެގެންވެއެވެ. ދެންފަހެ ތިޔަބައިމީހުން ދުޢާކުރިކަމުގައިވިއަސް އިޖާބައެއް ނުކުރެއްވޭހުއްޓެވެ.”

9. ދުޢާކުރަންފެށުމުގެ ކުރިން ﷲއަށް ޙަމްދުކޮށް އެއިލާހަށް ރިވެތިވެގެންވާ ޘަނާއިން ޘަނާ ދަންނަވާށެވެ! އަދި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ޞަލަވާތާއި ސަލާމްލެއްވުން އެދި ދުޢާ ކުރާށެވެ! އެއަށްފަހު ދުޢާކުރުމުގައި ކުރިޔަށް ދާށެވެ!

10. ޤިބުލައަށް ކުރިމަތިލައިގެންހުރެ ދުޢާކުރާށެވެ. އަދި ދުޢާކުރުމަށްޓަކައި އެންމެ ފުރިހަމަ ޢިބާރަތްތައް ބޭނުންކުރާށެވެ. ޤުރުއާނާއި ޞައްޙަ ސުންނަތުގައި ވާރިދުވެފައިވާ ދުޢާތަކަށްވުރެ ފުރިހަމަ، ޖާމިޢު މާނިޢު ދުޢާތަކެއްނުވެއެވެ.

11. ތަވާޟުޢުވެރިކަމާއި މަޑުމޮޅިކަމާއެކު ދުޢާކުރާށެވެ! ﷲގެ ރަޙުމަތަށް މުޙުތާޖުވެގެންވާ މީހެއްކަން ހިތްމައްޗަށް ގެނެސްގަނެ، އަމިއްލަ ފާފަތަކަށް އިޢުތިރާފުވާ ޙާލުގައެވެ. އަމިއްލަ ނަފްސަށް އެއްވެސް ފައިދާއެއްވެސް އަދި ގެއްލުމެއްވެސް ﷲތަޢާލާގެ މިންވަރުފުޅުންމެނުވީ ނުދެވޭނެކަން ޤަބޫލުކޮށް، އެއަށް އިޢުތިރާފުވާ ޙާލުގައެވެ. ލޮބުވެތި އަޚާއެވެ! ލޮބުވެތި އުޚުތާއެވެ! ﷲތަޢާލަގެ ޙާޟްރަތުގައި ނިކަމެތިވެ، މަޑުމޮޅިވެ، ރޮއެ އާދޭސްކުރާ ޙާލު ދުޢާކޮށްފިނަމަ، އެއިލާހުގެ ރަޙުމަތުން އޭނާ މަޙުރޫމް ނުވާނޭކަން ދަނެ، އެކަމަށްޓަކައި އުފާކުރާށެވެ!

12. ﷲތަޢާލާ މާތްކުރައްވާފައިވާ ވަގުތުތައް އިޚްތިޔާރުކޮށް އެވަޤުތުތަކުގައި ދުޢާކުރުން ގިނަކުރާށެވެ! ޢަރަފާތް ދުވަހާއި، ހުކުރުދުވަހާއި، ލައިލަތުލްޤަދްރިއާއި، ބަންގިއާއި ޤަމަތާއި ދެމެދާއި، ވާރޭވެހޭއިރާއި، ރޭގަނޑު ﷲތަޢާލާ ދުނިޔޭގެ އުޑަށް ފައިބައިވޮޑިގަންނަވާ ވަގުތާއި، ރޯދައަށް ހުންނައިރާއި، ސަޖިދައިގައި އޮންނަ ވަގުތު ފަދަ ވަގުތުތަކުގައެވެ.

13. ބަލިވެއުޅޭ ވަގުތާއި، އަނިޔާއެއްލިބެމުންދާ ވަގުތާއި، ދަތުރެއްމަތީވާ ވަގުތުގައިވެސް ދުޢާކުރުން ގިނަކުރާށެވެ! އެހެނީ އެވަގުތުތަކުގައި ކުރާ ދުޢާ ﷲތަޢާލާ އިޖާބަކުރައްވާކަމުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އަންގަވާފައިވެއެވެ.