[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މިހާރުވެސް މަރުވެދާނެ

 

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިހާރު ދުނިޔޭގެ އާބާދީގައި މިއުޅޭ 6 ބިލިއަން މީހުންގެ ތެރެއިން އަހަރެއްގެ ތެރޭގައި 55.3 މިލިއަން މީހުން މިދުނިޔެ ދޫކޮށްފައި ދެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާގެ އިޒުނަފުޅާއި އެކު މިދިޔަ ދެތިން އަހަރުތެރޭގައި މިއީ ގާތްގަނޑަކަށް މަލަކުލް މައުތުގެފާނު މަރުހިއްޕެވި މީހުންގެ އަދަދެވެ. މި އަދަދަކީ ދުވާލެއްގެ މައްޗަށް 150،000 މީހުންގެ މަރެވެ. إنا لله وإنا إليه راجعون އަޅުގަނޑުމެން ވިސްނާލަމާތޯއެވެ. އެއްލައްކަ ފަންސާސްހާސް މީހުންކަމަށް އަޅުގަނޑުމެން  ބުނިކަމުގައި ވިޔަސް، އަޅުގަނޑުމެންނަށް އިޙްސާސްވެސް ކުރަން ނޭނގޭވަރުގެ ބޮޑު އަދަދެއްގެ މީހުން މިދުނިޔެއިން ކޮންމެ ދުވަހަކު ވަކިވެގެން ދެއެވެ.

   އަދި މިއީ ގަޑިއިރެއްގެ ތެރޭގައި ކަމުގައި ބަލަނީނަމަ 6316 މީހުންގެ މަރެވެ. މިއީ ކޮންމެ ދުވަހެއްގެ 24 ގަޑިއިރެއްގެ ތެރެއިން އެންމެ 60 ސިކުންތު ތެރޭގައި މީހުން މަރުވާ އަދަދު ކަމުގައިވަނީނަމަ ދެން އޮތް ގަޑިއިރު ތެރޭގައި އަޅުގަނޑުމެންވެސް މަރާއި ބައްދަލު ކުރުން އެއީ ދުރުގައިވާ ކަމެއް ނޫނެވެ.

 ﷲ ސުބްޙާނަހޫ ވަތަޢާލާ އެއިލާހުގެ ފޮތުގައި ވަޙީ ކުރައްވާފައިވަނީ: (كُلُّ نَفْسٍ ذَائِقَةُ الْمَوْتِ )

މާނައީ: “ކޮންމެ ނަފްސެއްވެސް މަރުގެ ރަހަ ދެކޭހުއްޓެވެ. “ 29:58

             

މިހެން ކަމުން އަޅުގަނޑުމެންނަށް ލިބިފައި މިވަނީ ޢަދަދު ކުރެވިފައިވާ ވަގުތެއްކަން ކަނޑައެޅި ބަޔާންވެގެންދެއެވެ. ހިތާމައަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަކީ މިމަރު އެމީހަކާއިވެސް ބައްދަލު ކުރާނެ ކަން އެނގިހުރެ އެއަށް ޣާފިލުވެފައިވުމެވެ. ފާފަތަކަށް އަރައިގަންނައިރު، ތިމާއަކީވެސް ވަކި ގަޑިއެއް ޖެހެންދެން މިދުނިޔޭގައި އުޅުމަށް ހަމަޖެހިފައިވާ މީހެއްކަން ހަނދާން ނުހުރުމެވެ.

ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރައްވާފައިވެއެވެ.

 قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: ))أَكْثِرُوا ذِكْرَ هَاذِمِ اللَّذَّاتِ –  يَعْنِي الْمَوْتَ-)) (ރިވާކުރެއްވީ ތިރުމިޛީ)

މާނައަކީ: ރަސޫލުﷲ ޞައްލަﷲ ޢަލައިޙި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ލައްޒަތުތައް މެދުކަނޑާލާ ކަންތަކާއި މެދުގައި ތިޔަބައިމީހުން ގިނަގިނައިން ހަނދުމަކުރާށެވެ. (އެބަހީ މަރެވެ)”

 ޝައްކެތްވެސްނެތެވެ.  އަޅުގަނޑުމެން މަރުގެ މަތިން ގިނައިން ހަނދުމަކުރަނީނަމަ އަޅުގަނޑުމެންނަށް ފާފަތަކުން ދުރުވުމަށް ހިތްވަރުލިބި ހެޔޮ ޢަމަލުތައް ކުރުން ގިނަކުރުމަށް ހިތްވަރުލިބިގެންދާނެއެވެ.

 އުމަވީ ޚިލާފަތުގެ ޚަލީފާއެއް، މައްކާއަށް ޢުމްރާއަކަށް ވަޑައިގަތުމަށްފަހު މަދީނާއަށް ޒިޔާރަތްކުރެއްވިއެވެ. އަދި މަދީނާގައި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ އަޞްޙާބު ބޭކަލެއްގެ އަރިހުން ޢިލްމު ލިބިފައި ހުންނެވި ބޭކަލަކު ވާނަމަ އެބޭކަލަކު ޙާޟިރު ކުރެއްވުމަށް އެދިވަޑައިގަތެވެ. އެހިނދު އަބޫ ޙާޒިމް ރަޙިމަހު ﷲ، ޚަލީފާ ސުލައިމާނު ބިން ޢަބްދުލް މަލިކު ރަޙިމަހުﷲ ގެ އަރިހަށް ޙާޟިރުކުރެވުނެވެ. ޚަލީފާ ސުވާލުކުރެއްވިއެވެ. ” އަޅުގަނޑުމެން މަރާ ދޭތެރޭގައި ނުރުހުންތެރިވަނީ ކީއްވެގެން ހެއްޔެވެ؟ މަރުވާން ބޭނުން ނުވަނީ ކީއްވެގެން ހެއްޔެވެ؟” އަބޫ ޙާޒިމް ޖަވާބުގައި ވިދާޅުވިއެވެ. ” ސަބަބަކީ ތިޔަބައިމީހުން ދުނިޔެ ތަރައްޤީކޮށް ދުނިޔެ އާރާސްތު ކޮށްފީމުއެވެ. އަދި އާޚިރަތް ޚަރާބުކޮށް ހަލާކުކޮށްފީމުއެވެ. އެހެންކަމުން ތައްޔާރުކޮށް ހަދާފައިވާ އިމާރާތަކުން ހަލާކުވެފައި ހުރި ތަނަކަށް ދާން ބޭނުން ނުވަނީއެވެ.”

ދުޢާ އަކީ އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ ޢަމަލުތައް ޙިސާބުކޮށް އިސްލާޙުކޮށް ﷲ ރުހިވޮޑިގެންވާ ޙާލުގައި މަރާއި ބައްދަލުވާ ބައެއްކަމުގައި ލެއްވުމެވެ. އާމީން!