الحمد لله رب العالمين و به نستعين. الصلاة و السلام على خير الأنام نبينا محمد و آله و صحبه أجمعين. أما بعد
ޢުމްދަތުލް އަޙުކާމު މިފޮތަކީ ޙާފިޡު އިމާމު އަބްދުލްޣަނީ އަލްމަޤްދިސީ ރަޙިމަހުﷲ “ދީނުގެ ޙުކުމްތަކާއި” ގުޅޭ ޙަދީޘްތައް ޖަމާކުރައްވާފައިވާ ކުޑަ ޙަދީޘްފޮތެކެވެ. އަދި އިމާމު ރަޙިމަހުﷲ މިފޮތުގައި ޞަޙީޙް ބުޚާރީ އަދި ޞަޙީޙް މުސްލިމުގައި ދެފޮތުގައި ބަޔާންވެ އިއްތިފާޤުވެފައިވާ ޙަދީޘްތައް ނެރުއްވުމަށް ބަޔާންކުރެއްވި ކަމުގައިވިޔަސް މަދު މަދުން އެތަނުންއެއްފޮތުގައި ބަޔާންވެގެންވާ ޙަދީޘްތައްވެސް ނެރުއްވާފައިވެއެވެ. މިފޮތުގައިވާ ހުރިހާ ޙަދީޘަކީވެސް ޞައްޙަ ޙަދީޘެވެ. އާދެ މިފޮތަކީ ކުޑަ ނަމަވެސް ވަރަށްވެސް މަޤާމުގެ ގޮތުން ބޮޑު ފޮތެކެވެ. މިކަން އެނގިގެން ދަނީ މިފޮތުގެ މައްޗަށް ޢިލްމުވެރިން ކުރައްވާފައިވާ ޙިދުމަތްތަކުގެ ސަބަބުންނެވެ. މިފޮތުގެ އެތައްގިނަ ޝަރަޙަތަކެއް އެތައް ޢިލްމުވެރިންނެއް ލިޔުއްވާ ޙިދުމަތްކުރައްވާފައިވެއެވެ.