الحمد لله رب العالمين. و الصلاة والسلام على نبينا محمد و على آله و أصحابه جمعين، أما بعد:
ފަޟީލަތުއް ޝައިޚު ޢަބްދުލްމުޙުސިނު އަލްޤާސިމު حفظه الله، ބަޔާންކުރައްވައެވެ. (1)
“ހެޔޮކަންކަމަށް ގޮވާލުމާއި އަދި ނުބައިކަންކަން މަނާކުރުމަކީ ދީނުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. އަދި އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރަސޫލުބޭކަލުން އެކަމަކާއިގެން ފޮނުއްވުނު މަސައްކަތެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އީމާންވުމުގެ ކުރިޔަށް ﷲ ސުބުޙާނަހޫ ވަތަޢާލާ އާޔަތްތަކުގައި ހެޔޮކަންކަމަށް އަމުރުކުރުމާއި އަދި ނުބައިކަންތައްތަކަށް މަނާކުރެއްވުން ގެންނަވާފައިވެއެވެ. އެއީ އީމާންކަމުގެ ބައެއްކަމުގައި ވީހިނދުވެސްމެއެވެ.
ﷲ ސުބުޙަނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ.
(كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنكَرِ وَتُؤْمِنُونَ بِاللَّـهِ )
(2)
މާނައިގެ ތަރުޖަމާއީ: “ތިޔަބައިމީހުންނަކީ މީސްތަކުންނަށްނަށްޓަކައި ނެރުވުނު އެންމެ ހެޔޮ އުއްމަތެވެ. (އެއީ) ތިޔަބައިމީހުން ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން މަނާކުރާތީއެވެ. އަދި ﷲއަށް އީމާންވާތީއެވެ”
އަދިވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ ނަމާދާއި އަދި ޒަކާތުގެ ކުރިން މިކަން ބަޔާންކުރެއްވެވިއެވެ.
ﷲޢައްޒަ ވަޖައްލަ ވަޙީކުރެއްވިއެވެ.
(وَالْمُؤْمِنُونَ وَالْمُؤْمِنَاتُ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ يَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ وَيُقِيمُونَ الصَّلَاةَ وَيُؤْتُونَ الزَّكَاةَ )
(3)
މާނައިގެ ތަރުޖަމާއީ: “އަދި މުއުމިނު އަންހެނުންނާއި އަދި މުއުމިނު ފިރިހެނުންނަކީ އެއްބަޔަކު އަނެއްބަޔެއްގެ މައްޗަށްވާ ވާގިވެރީންތަކެކެވެ. އެބައިމީހުން ހެޔޮކަންކަމަށް(ﷲއެއްކައުވަންތަކުރުމާއި އަދި ކުރަންއަންގަވާފައިވާ ހުރިހާކަމެއްކުރުމަށް) އަމުރުކުރެއެވެ. އަދި ނުބައިކަންކަން (ޝިރުކުކުރުމާއި އަދި ނަހީވެފައިވާ ހުރިހާކަމެއް) މަނާކުރެއެވެ. އަދި ނަމާދުޤާއިމުކުރެތެވެ. އަދި ޒަކާތްދެއެވެ.”
އަދި މިއުއްމަތަށް އެއްވެސް ކާމިޔާބެއް އެކަން ޤާއިމުނުކޮށެއް ލިބުމެއްނެތެވެ. ﷲސުބުހާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ.
(وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ ۚ وَأُولَـٰئِكَ هُمُ الْمُفْلِحُونَ )
(4)
މާނައިގެ ތަރުޖަމާއީ: “އަދި ތިޔަބައިމީހުން ތެރެއިން ހެޔޮކަމަށް(އިސްލާމްދީނަށް) ދަޢުވަތުދޭ، ހެޔޮކަންކަމަށް(ﷲއެއްކައުވަންތަކުރުމާއި އަދި ކުރަންއަންގަވާފައިވާ ހުރިހާކަމެއްކުރުމަށް) އަމުރުކުރާ އަދި ނުބައިކަންކަންް (ޝިރުކުކުރުމާއި އަދި ނަހީވެފައިވާ ހުރިހާކަމެއް) މަނާކުރާ ބަޔަކު ވާހުށިކަމެވެ. އަދި ކާމިޔާބު ލިބިގެންވާ މީސްތަކުންނަކީ އެބައިމީހުންނެވެ.”
އަދި ﷲ ސުބުޙަނަހޫ ވަތަޢާލާ ވަނީ ހުރިހާ އިންސާނުން ގެއްލުމާއި ހަލާކުގެތެރޭގައިވާކަމަށް ބަޔާންކުރައްވައި ހުވާގެ ބަސްފުޅުވަޙީކުރައްވައިފައެވެ. އެއީ އީމާންވެ، ހެޔޮ ޢަމަލުކޮށް، ހެޔޮކަންކަމަށް ގޮވާލައި އަދި ނުބައިކަންކަން މަނާކޮށް އެކަމުގެ މައްޗަށް ކެތްތެރިވި މީސްތަކުން ފިޔަވައެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
وَالْعَصْرِ ﴿١﴾ إِنَّ الْإِنسَانَ لَفِي خُسْرٍ ﴿٢﴾ إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ ﴿٣﴾
(5)
މާނައިގެ ތަރުޖަމާއީ: “އަދި ޒަމާން ގަންދެއްވަމެވެ. ހަމަކަށަވަރުން އިންސާނާ ވަނީ ގެއްލުމާއި ހަލާކެއްގައިކަން ކަށަވަރެވެ. އެއީ (ﷲއަށް) އީމާންވެ، ޞާލިޙު ޢަމަލުކޮށް އަދި ޙައްޤަށް ވަޞިއްޔަތްކޮށް އަދި އަދި ކެތްތެރިވުމަށް ވަޞިއްޔަތްކުރިމީހުން މެނުވީއެވެ.”
(وَتَوَاصَوْا بِالْحَقِّ) މިބަހުގެ ޙައްޤަށް ވަޞިއްޔަތްކުރުމުގެ މުރާދަކީ އެބަހީ ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން ނަހީކުރުމެވެ. (1)
ނިމުނީ
މިފޮތުގެ އިތުރުބައިތައް ބައްލަވާ
وصلى الله وسلم على نبينا محمد و على آله و أصحابه أجمعين.
______________
(1)މަދީނާގެ މަސްޖިދުއްނަބަވީގެ އިމާމު އަދި ޚަޠީބު ޑރ. ޢަބްދުލްމުޙުސިނު އަލްޤާސިމު ލިޔުއްވާފައިވާ “الأمربالمعروف والنهي عن المنكرأصل من أصول الدين”(ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން މަނާކުރުމަކީ ދީނުގެ އަޞްލުގެ ތަކުގެ ތެރެއިން އަޞްލެކެވެ)ތަރުޖަމާ ކުރެވެމުންދާ މިކުޑަކުޑަފޮތުން ނެގިފައިވާ މައުޟޫއެކެވެ. މައުޟޫއަށް އެވަނީ މުނާސަބުނަމެއް ދެވިފައެވެ.
(2) سورة آل عمران 110
(3)سورة التوبة 71
(4)سورة آل عمران 104
(5)سورة العصر