الحمد لله رب العالمين. و الصلاة و السلام على نبينا محمد، و على آله و أصحابه أجمعين. أما بعد:
“ހެޔޮކަންކަމަށް އަމުރުކުރުމާއި އަދި ނުބައިކަންކަން މަނާކުރުމަކީ ދީނުގެ ވާޖިބުތަކުގެ ތެރެއިން ވާޖިބެކެވެ. އަދި ފާފަތަކަށް އަރައިގަންނަ ގަތުމަށް ހަނުހުންނަ މީހާ އެކަންކުރާ މީހާއަށްވުރެ ނުބައިވެގެންވެއެވެ. ފަހެ އޭނާގެ ހަނުހުރުމަކީ ފާފަކުރާމީހާގެ ނުބައިކަމަށް ވެވޭ އިޤުރާރެކެވެ. އަދި ފާފަކުރާމީހާގެ ހިތުގައި އެފާފަ އެއީ ކުޑަކަމަކަށް ވެގެންދާނެއެވެ. އަދި މިއީ އެންމެ ބޮޑުވެގެންވާ ގެއްލުންތަކުގެ ތެރެއިން ހިމެނޭކަމެކެވެ.
އިބުނު އަލްޤައްޔިމު ރަޙިމަހުﷲ ވިދާޅުވިއެވެ. “ހަމަކަށަވަރުން ﷲގެ ޙައްޤުތައް ދޫކޮށްލާމީހާއީ، ﷲއާއި ރަސޫލާގެ ޙަޟްރަތުގައި ފާފަތަކަށް އަރައިގަންނަ މީހުންނަށްވުރެ ނުބައިވެގެންވާ ޙާލެއްގައިވާ ބަޔެކެވެ. ފަހެ ހަމަކަށަވަރުން އަމުރުކުރުން ދޫކޮށްލައިފިމީހާގެ ޢަމަލު ފާފަތަކަށް އަރައިގަންނަ މީހާއަށްވުރެ ތިރީސް ވަޖުހުން(ގޮތުން) އެކަންބޮޑުވެގެން (ނުބައިވެގެން) ވެއެވެ. އެކަން ތިމަންމެންގެ ޝެއިޚު ބަޔާންކޮށްދެއްވާފައިވެއެވެ.”
“މީސްތަކުންގެ ކައިރީގައި، ހެޔޮކަންކަމަށް އަމުރުނުކުރާ އަދި ނުބައިކަންކަން މަނާނުކުރާ މީހުންގެ މަޤާމު
ހެޔޮކަންކަމަށް އަމުރުކުރުމަކީ (ދީނުގެ) މަތިވެރިވެގެންވާ ޝިޢާރެކެވެ. އަދި އެކަން ދޫކޮށްލުމަކީ އީމާންކަން ދެރަކަމުގެ ޢަލާމާތެކެވެ. އަދި ﷲ(ސުބުޙާނަހޫ) އާއި އޮންނަންޖެހޭ ގުޅުން ކުޑަކަމުގެ ޢަލާމާތެކެވެ. އަދި އެކަމުގައި ފަރުވާކުޑަކޮށްފި މީހާގެ ޤަދަރު މީސްތަކުންގެ ކައިރީގައި ކުޑަވެގެންދެއެވެ. އަދި އޭނާއަށް ކިޔަމަންތެރިވުން ކެނޑިގެންދެއެވެ. އަދި އެމީހަކާއި މެދު އޮންނަ އިޙުތިރާމްގެއްލިގެންދެއެވެ. އަދި ފާފަކުރާމީހުންގެ ކައިރީގައި އޭނާގެ އަގުވެއްޓެއެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
(وَمَن يُهِنِ اللَّـهُ فَمَا لَهُ مِن مُّكْرِمٍ) (1)
މާނައިގެ ތަރުޖަމާއީ:”އަދި ﷲ ނިކަމެތިކުރައްވައިފިމީހަކަށް، ފަހެ އޯގާތެރިވާނެ (ޝަފާޢަތްތެރިވާނެ، ނަޞްރުދޭނެ) އެއްވެސް މީހަކު ނުވާހުއްޓެވެ.”
ނުބައިކަމުގެ އަހުލުވެރިންގެ ކައިރީގައި އެމީހެއްގެ އަގުވެއްޓުމަކީ އެމީހުންގެ ނުބައިކަން ކުރުމަށް އޭނާއަށް އަމުރުކުރުމާއި އަދި ހެޔޮކަންތައް ކުރުމަށް އެމީހެއްގެ މައްޗަށް އެބައިމީހުން މަނާކުރުމެވެ.
ޝެއިޚުލް އިސްލާމް (އިބުނު ތައިމިއްޔާ) ރަޙިމަހުﷲ ވިދާޅުވިއެވެ. “ހެޔޮކަންކަމަށް އަމުރުނުކުރާ އަދި ނުބައިކަންކަން މަނާނުކުރާ މީހާގެ މައްޗަށް ﷲ (ސުބުޙާނަހޫ)، ޝަރިޢަތާއި ދެކޮޅު (ނުބައި) ކަންކަމަށް އަމުރުކޮށް އަދި (ހެޔޮކަންކަން އެމީހެއްގެ މައްޗަށް) މަނާކުރާނެ މީހަކު ފާކުރައްވާނެއެވެ.”
އަދި ޢިއްޒަތްތެރިކަން ހޯދަން މަދަޙަކިޔުމުގައި(ޘަނާ ކިޔުމުގައި) ހައްދުފަހަނައަޅާމީހުން އެބައިމީހުން ދަށްކުރައްވައި ނިކަމެތިކުރައްވާނެ ދޮރެއް ﷲ ސުބުޙާނަހޫ ވަތަޢާލާ ހުޅުއްވަވާ ހުއްޓެވެ.” (2)
وصلى الله وسلم على نبينا محمد و آله و صحبه أجمعين.
މިފޮތުގެ އިތުރުބައިތައް ބައްލަވާ.
_________
(1) سورة الحج: 18
(2)މަދީނަތުއްނަބަވިއްޔާގެ މަސްޖިދުއްނަބަވީގެ އިމާމު އަދި ޚަޠީބު ޑރ. ޢަބްދުލްމުޙުސިނު އަލްޤާސިމު ލިޔުއްވާފައިވާ “الأمر بالمعروف والنهي عن المنكر أصل من أصول الدين” (ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން މަނާކުރުމަކީ ދީނުގެ އަޞްލުގެ ތަކުގެ ތެރެއިން އަޞްލެކެވެ) މިފޮތުން ނެގިފައިވާ މައުޟޫއެކެވެ.