ޙަޤީޤަތުގައި [އިސްތިސްޤާ ނަމާދުކުރުމަށްޓަކައި] ރޯދަހިފުމަށް އަމުރުކުރަން ދަލީލެއް އައިސްފައިވާ ކަމެއް އަޅުގަނޑަށް އެނގިފައެއްނުވެއެވެ.
ރޯދަވެރިޔާ ރޯދަވިއްލާއިރު އިޖާބަކުރެވޭނެ ފަދަ ދުޢާއެއް އޭނާއަށް ވާކަން އެނގެން އޮތް ނަމަވެސް، ރޯދައަށް ތިބެ އިސްތިސްޤާ ނަމާދުކުރުމަށް ދަލީލެއް ނުވާކަމަށް ބައެއް ޢިލްމުވެރިންވަނީ ބަޔާންކޮށްދެއްވާފައެވެ.
މީސްތަކުންނަށް އަމުރުކުރާނީ ދޭދޭ މީހުންގެ މެދުގައިހުރި މައްސަތަލައް ޙައްލުކުރުމަށާއި ފާފަ ފުއްސެވުމަށް އެދި ދެންނެވުމަށެވެ.
އެކަމަށް [ޝަރުޢީ] ނައްޞުތަކުން ދަލީލު ލިބެއެވެ.
ރޯދައަކީ ވަރަށްވެސް މަތިވެރި އަޅުކަމެކެވެ.
ނަމަވެސް ބައެއް ޢިލްމުވެރިން އިޝާރާތްކުރައްވާފައިވާ ފަދައިން ވަކި ޙާއްޞަ އަޅުކަމެއް ވަކި ޚާއްޞަ ދުވަސްވަރެއްގައި ކުރުމަށް ދަލީލެއް ނެތި އަމުރެއް ނުކުރެވޭނެއެވެ.
محمد بن محمد المختار الشنقيطي – حفظه الله –
ސުޢޫދީ ޢަރަބިއްޔާގެ ޢިލްމުވެރިންގެ އެންމެ މަތީ މަޖިލީހުގެ މެމްބަރެއް
__________________________________________
[2] އަދި زاد المستقنع އޭ ކިޔުނު ފޮތް ޝަރަޙަކުރައްވަމުން الشرح الممتع ގައި ފަޟީލަތުއްޝައިޚް މުޙައްމަދު ބިން ޞާލިމް އަލްޢުޘައިމީން رحمه الله ވިދާޅުވެފައިވެއެވެ:
ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ: ތިން ދުވަސްވަންދެން ރޯދަހިފުމަށް އަދި ތިންވަނައަށް ވީ ދުވަހު [އިސްތިސްޤާ ނަމާދުކުރުމަށް ނުކުތުމަށް] މީސްތަކުންނަށް އަމުރުކުރާނީއެވެ.
އަދި އަނެއްބައި ޢިލްމުވެރިން ވިދާޅުވިއެވެ: އިސްތިސްޤާ ނަމާދުކުރާ ދުވަހަކީ ހޯމަ ދުވަސް ނުވަތަ ބުރާސްފަތި ދުވަސްކަމުގައި ހަދާނީއެެވެ. އެހެނީ އެ ދެދުވަހަކީ ރޯދަހިފުން ސުންނަތްވެގެންވާ ދެ ދުވަހެވެ. ފަހެ އޭރުން ރޯދައަށް ތިބެ މީސްތަކުން ނަމާދަށް ނުކުންނާއެވެ. ރޯދަވެރިންގެ ދުޢާ އެނޫން މީހުންގެ ދުޢާއަށް ވުރެ އިޖާބަވުން ގާތް ވެގެންވެއެވެ. ފަހެ ހަމަކަށަވަރުން ރޯދަވެރިޔާއަށްއިޖާބަވެވޭފަދަ ދުޢާއެއް ވެއެވެ.
މިފޮތުގެ މުއައްލިފު- رحمه الله – ވެސް ވިދާޅުވެފައިވަނީ މިފަދައިންނެވެ.
ނަމަވެސް މިއީ ނަޒަރު ހިންގާލަން ޖެހޭފަދަ ބަހެކެވެ. [އެބަހީ: މިކަމުގައި އެންމެ ރަނގަޅުގޮޮތެއް ނޫނެވެ.] އެހެނީ ނަބިއްޔާ صلّى الله عليه وسلّمއިސްތިސްޤާ ނަމާދުކުރައްވަން ނުކުމެ ވަޑައިގެންނެވި އިރު ރޯދަހިފުމަށް އެކަލޭގެފާނުގެ އަޞްޙާބުބޭކަލުންނަށް އަމުރުނުކުރައްވައެވެ.
ފާފަތަކުން ތައުބާވުމާއި މީސްތަކުންނަށް ދެވިފައިވާ އަނިޔާތަކުން ސަލާމަތްވުމާ ބެހޭގޮތުން މިފޮތުގެ މުއައްލިފު އެންމެ ފުރަތަމަ ވިދާޅުވެފައިވާ ބަސްފުޅުތައް މިކަމާ ވަރަށް މުނާސަބެވެ. ނަމަވެސް އެއާ ޚިލާފަށް ރޯދަ ހިފުމަކީ އެކަން ޘާބިތުކުރުމަށް ދަލީލެއް ބޭނުންވާ ކަމެކެވެ. ނަބިއްޔާ صلّى الله عليه وسلّم ގެ ޒަމާނުގައި އިސްތިސްޤާ ނަމާދު ކުރުމަކީ ހިނގާފައިވާ ކަމަކަށް ވީއިރު އަދި އެކަލޭގެފާނުގެ އަޞްޙާބުބޭކަލުންނަށް އެކަމަށް އަމުރުކުރައްވާފައި ނުވާއިރު، ފަހެ އެފަދައިން ޢަމަލުކުރާނެ ޖާގައެއް ނުވެއެވެ.
[الشرح الممتع لعثيمين / مجلد: ٥ / ص: ٢٠٨ – ٢٠٩ / طبعة: دار ابن الجوزي]
[3] މި ލިޔުމުގައި ބަޔާންކުރެވިފައިމިވަނީ އިސްތިސްޤާ ނަމާދުކުރާދުވަހު ރޯދައަށް ހުރުން މަނާވުމެއްނޫނެވެ. ސުންނަތް ރޯދަ ހިފާ ދުވަސްތަކުގައި އިސްތިސްޤާ ނާމަދުކުރާނަމަ ރޯދައަށް ހުރެވިދާނެއެވެ. ނަމަވެސް އިސްތިސްޤާ ނަމާދުކުރުމަށްޓަކައި ވަކި ދުވަސްތަކެއްގައި ރޯދަހިފުމަށް މީސްތަކުންނަށް ބާރު އެޅުމަކީ ވާރިދުވެފަިައިވާ ކަމެއް ނޫނެވެ.