[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަތުވާ: ޤަޟާކުރަންޖެހިފައިވާ ރޯދައިގެ އަދަދާމެދު ޝައްކުވެއްޖެނަމަ ހަދާނީ ކިހިނެތް؟

ރަމަޟާން މަހުން ޤަޟާކުރަން ޖެހިފައިވާ ރޯދަތަކެއްވާ މީހަކަށް، އޭނާ ޤަޟާކުރަން ޖެހިފައިވާ ރޯދައިގެ އަދަދާމެދުގައި ޝައްކުވެއްޖެނަމަ އޭނާ ހަދާނީ ކިހިނެތް ހެއްޔެވެ؟ އޭނާއަށް ދޫވެފައިވަނީ 4 ރޯދަތޯ ނުވަތަ 3 ރޯދަތޯ ޔަޤީނެއް ނޫނެވެ. މިހާރު އޭނާ 3 ރޯދަ ހިފައިފިއެވެ.

 

(ރަމަޟާން މަހުން) ޤަޟާކުރުން ވާޖިބުވެފައިވާ ރޯދަތަކުގެ އަދަދާމެދު ޝައްކުވެއްޖެނަމަ، ފަހެ އޭނާ ހިފާނީ އޭގެ މަދު މިންވަރެވެ. (އެބަހީ: އޭނާ ޤަޟާކުރަން ލާޒިމުވެފައިވާ، ޔަޤީން މިންވަރެވެ.) މިސާލަކަށް އަންހެނަކު ނުވަތަ ފިރިހެނަކު ޤަޟާކުރަން ޖެހިފައިވަނީ 3 ރޯދަތޯ ނުވަތަ 4 ރޯދަތޯ ޝައްކުވެއްޖެނަމަ، ފަހެ އޭނާ ޤަޟާކުރާނީ މަދު މިންވަރެވެ. (އެބަހީ: 3 ރޯދައެވެ.) އެއީ ޔަޤީންވެގެންވާ މިންވަރެވެ. އެއަށްވުރެ އިތުރުވާ މިންވަރަކީ (އެބަހީ: 4 ވަނަ ރޯދައަކީ) ޝައްކުވެފައިވާ މިންވަރެވެ. (އެހެންކަމުން 3 ރޯދަ ހިފުމުން) އަޞްލަކީ އޭނާގެ ޒިންމާއިން ބަރީއަވެގެންވުމެވެ.

ނަމަވެސް އެންމެ ރައްކާތެރި ގޮތަކީ އޭނާއަށް ޝައްކުވެފައި އެވާ ދުވަހުގެ ރޯދަވެސް ޤަޟާކުރުމެވެ. އެއީ:

– އެ ރޯދައަކީ އޭނާ ޤަޟާކުރުން ވާޖިބު ރޯދައެއް ނަމަ، އެ ރޯދަ ހިފުމުން ޔަޤީނުންވެސް އޭނާގެ ޒިންމާއިން ބަރީއަވީއެވެ.

– އެ ރޯދައަކީ އޭނާ (ޤަޟާކުރުން) ވާޖިބުވެފައިވާ ރޯދައެއް ނޫންނަމަ އެ ރޯދަ ވެގެންދާނީ ސުންނަތް ރޯދައަކަށެވެ. އިޙްސާންތެރީންގެ އަޖުރު ﷲ ތަޢާލާ ގެއްލެނި ނުކުރައްވާނެއެވެ.

 

ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙުލް ޢުޘައިމީން – رحمه الله –

[فتاوى نور على الدرب (11 / 2)]