ސުވާލު: އަންހެނަކަށް މަޣްރިބު ނަމާދަށް ފަހު ޙައިޟުގެ ލޭގެ އަޘަރު ފެނުނެވެ. އެއީ މަޣްރިބު ނަމާދު ކުރިން ނުވަތަ ފަހުންވެފައި ހުރިކަމެއްކަން އޭނާއަކަށް ނޭނގެއެވެ. އޭނާގެ ނަމާދާއި ރޯދައިގެ ޙުކުމަކީ ކޮބާ ހެއްޔެވެ؟
ޖަވާބު:
1. ފަހެ އޭނާއަށް ލޭ ފެނުމުން އެއީ އިރު އޮއްސުމުގެ ކުރިން ވެފައިހުރިކަމެއްކަމަށް އޭނާއަށް ބޮޑަށް ބުރަވެވެންޏާ، އެދުވަހު އޭނާގެ ރޯދަ ޞައްޙައެއް ނުވާނެއެވެ.
2. ނަމަވެސް އެ ލެއަކީ މަޣްރިބު ވަގުތުގެ ފަހުން އައިސް ނުހިކިހުރި ލޭކަމުގައި ބޮޑަށް ބުރަވެވޭނަމަ އެދުވަހު އޭނާގެ ރޯދަ ޞައްޙަ ވާނެއެވެ. އަދި އޭނާ ޠާހިރުވުމުން މަޣްރިބު ނަމާދު ޤަޟާކުރުންވެސް ލާޒިމުވާނެއެވެ.
3. ޝައްކުވެ އެ ދެގޮތުންކުރެ ގޮތެއް ޔަޤީންނުވާނަމަ ދަންނައެވެ. ފަހެ މިކަމުގައި އަޞްލަކީ ރޯދަ ޞައްޙަ ނުވާކަމުގެ ދަލީލެއް ޘާބިތުވެއްޖައުމަށް ދާންދެން ރޯދަ ޞައްޙަވުމެވެ.
މިކަމުގައި ޢިލްމުވެރިން – رحمهم الله – ކަނޑައަޅުއްވާފައިވާ ޤަވާޢިދަކީ: އެކަމެއް ރައްދުކުރާނީ އެންމެ ފަހުން ހިނގި ކަމަކަށެވެ. އަދި އަޞްލަކީ އޭނާގެ ރޯދަ ފުރިހަމަވެ، އޭނާގެ ޛިންމާއިން ބަރީއަވެފައިވާކަމެވެ. އެއީ އެކަމަށް އަޘަރުކުރުވާކަމެއް ޘާބިތުވެއްޖައުމަށް ދާންދެނެވެ. އެހެންކަމުން ބަލާނީ އެފަދަމީހެއްގެ ރޯދަ ޞައްޙަކަމަށެވެ. ދެން ފަހެ އެފެނުނު ލެއަކުން އެދުވަހަށް އަޘަރެއް ނުކުރާނެއެވެ.
މިމައްސަލާގައި ދެކޮޅަށް ބަލަންޖެހޭނެއެވެ. އެހެނީ:
– އޭނާގެ ރޯދަ ޞައްޙަނަމަ، ޙައިޟުން ޠާހިރުވުމުން މަޣްރިބުނަމާދު ޤަޟާކުރުން ލާޒިމުވާނެއެވެ. ރޯދަހިފަން ނުޖެހޭނަމަ މަޣްރިބު ނަމާދު ޤަޟާކުރުން ލާޒިމުވާނެއެވެ.
– އޭނާގެ ރޯދަ ޞައްޙަ ނޫންނަމަ ޙައިޟުން ޠާހިރުވުމުން މަޣްރިބު ނަމާދު ޤަޟާކުރަން ނުޖެހޭނެއެވެ.
ފަހެ، އޭނާގެ ރޯދަ ސަލާމަތްވެއްޖެނަމަ (އެބަހީ: ރޯދަ ޞައްޙަނަމަ) މަޣުރިބު ނަމާދުކުރުން ލާޒިމުވާނެއެވެ. އެއީ ނަމާދު ވަގުތު ވަތްއިރު އޭނާ ޠާހިރުކަންމަތީ ހުރުމުންނެވެ. މިކަމުގައި ބަލަންޖެހޭނީ ނަމާދު ވަގުތު ވަތްއިރު އޭނާ ހުރި ޙާލަތެވެ. ނަމާދު ވަގުތު ނިމޭއިރު ހުރި ޙާލަތެއް ނޫނެވެ.
فضيلة الشيخ محمد بن محمد المختارالشنقيطي – حفظهالله –
ސުޢޫދީ ޢަރަބިއްޔާގެ ޢިލްމުވެރިންގެ މަތީމަޖިލީހުގެ ޢިލްމުވެރިއެއް
(شرح زاد المستقنع للشيخ الشنقيطي)
__________________________________________________
މިފަތުވާގެ އަޞްލު: ލިންކު