ލޮބުވެތި އަޚާއެވެ! ލޮބުވެތި އުޚްތާއެވެ! ތިބާގެ ދުޢާއަކީ މުސްތަޖާބު ދުޢާއަކަށް ހަދަން ބޭނުންކަމުގައިވަނީނަމަ : –
14. ދެއަތް އުފުލައި ދުޢާ ކުރާށެވެ! عَنْ أَبِيْ مُوْسَى رَضِيَ اللَّهُ عَنْهُ قَالَ: دَعَا النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ثُمَّ رَفَعَ يَدَيْهِ، وَرَأَيْتُ بَيَاضَ إِبْطَيْهِ ( أخرجه البخاري) އަބޫ މޫސަލް އަޝްޢަރީ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. “ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ދުޢާ ކުރެއްވިއިރު، އެކަލޭގެފާނުގެ ކިހިލިފަތްޕުޅުގެ ދޮންކަން ފެންނަވަރަށް، ދެއަތް އުފުއްލަވައި ދުޢާކުރައްވާތީ ތިމަންކަލޭގެފާނު ދެކެވަޑައިގެންނެވީމެވެ.” އަދި ސަލްމާނުލް ފާރިސީ ރަޟިޔަﷲ އަންހުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. إِنَّ اللَّهَ حَيِيٌّ كَرِيْمٌ، يَسْتَحِيْ إِذَا رَفَعَ الرَّجُلُ إِلَيْهِ يَدَيْهِ أَنْ يَرُدَّهُمَا صِفْراً خَائِبَتَيْنِ ( صححه الألباني) “ﷲ ތަޢާލާއަކީ ލަދުވެތި، ދީލަތިވެވޮޑިގެންވާ އިލާހެކެވެ. އަޅަކު ދެއަށް އުފުލައި އެއިލާހުގެ ޙަޟްރަތުގައި ދަންނަވައިފިނަމަ، ނާކާމިޔާބުވެ ހުސްއަތާއިގެން ދާ މީހެއްކަމުގައި އޭނާލެއްވުމަށް ﷲތަޢާލާ ލަދުވެތިވެވޮޑިގަންނަވައެވެ.”
15. ކޮންމެވެސް ހެޔޮޢަމަލެއް ކުރުމަށްފަހުގައި ދުޢާކުރަން ފަށާށެވެ! ޞަދަޤާތެއް ކުރުމަށް ފަހު، ނުވަތަ އެފަދަ އެހެންވެސް ހެޔޮކަމެއް ކުރުމަށްފަހު ދުޢާކުރާށެވެ. މުސްލިމު އަޚެއްގެ ޙާޖަތެއް ފުއްދައިދީފި މީހެއްގެ ޙާޖަތް، ﷲތަޢާލާ ފުއްދަވައި ދެއްވާކަމުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
16. ބާރަށް އަޑުލައި ދުޢާނުކުރާށެވެ! އަޅުގަނޑުމެން ދުޢާކުރަނީ ސިއްރާއި ފާޅުގައިވާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ އިލާހަކަށެވެ.
17. ﷲތަޢާލާގެ، ރިވެތިވެގެންވާ ބަރަކާތްތެރި އިސްމުފުޅުތައް ބޭނުންކޮށްގެން ދުޢާ ކުރާށެވެ. ދަންނަވާ ކަމަކާއި އެންމެ ގުޅޭ އިސްމަފުޅެއް ބޭނުންކުރާށެވެ. މިސާލަކަށް ރަޙުމަތަށް އެދި ދަންނަވާއިރު ‘ޔާ ރަޙުމާނު ޔާ ރަޙީމް’ ފާފަފުއްސެވުމަށް އެދި ދަންނަވާއިރު ‘ޔާ ޣަފޫރު’ ބޭނުން ކުރާށެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. وَلِلَّهِ الأسْمَاءُ الْحُسْنَى فَادْعُوهُ بِهَا وَذَرُوا الَّذِينَ يُلْحِدُونَ فِي أَسْمَائِهِ سَيُجْزَوْنَ مَا كَانُوا يَعْمَلُونَ ( الأعراف : 180 ) ” އެންމެރިވެތި ނަންފުޅުތައް މިލްކު ވެގެންވަނީ، ﷲ އަށެވެ. ފަހެ، އެ ނަންފުޅުތަކުން ތިޔަބައިމީހުން އެއިލާހަށް ދުޢާކުރާށެވެ! އަދި އެއިލާހުގެ ނަންފުޅުތަކާމެދު، ޙައްޤުމަގުން އެއްކިބާވެ އުޅޭމީހުން، ތިޔަބައިމީހުން ދޫކޮށްލާށެވެ! އެބައިމީހުން ކޮށްއުޅުނު ކަންތަކަށް އެބައިމީހުންނަށް ޖަޒާ ދެއްވާހުށްޓެވެ.”
18. ﷲ ތަޢާލާ އިޖާބަ ނުކުރައްވައިފިނަމަ، ދުޢާ އިޖާބަކުރައްވާނޭ އެހެން އެއްވެސް ފަރާތެއްނުވާކަމާއި، ތިބާގެ ޙާޖަތްފުއްދައިދެވޭނޭ އެހެން އެއްވެސް ފަރާތެއް އެއިލާހު ސުބުޙާނަހޫވަތަޢާލާ ފިޔަވައި ނުވާކަމަށް، ތިބާގެ ދުޢާގައި ގިނަގިނައިން ކިޔާށެވެ. ހުރިހާ އިންސީންނާއި ޖިންނީން އެއްބައިވެ، ތިބާއަށް ގެއްލުމެއް ދޭންއުޅުނަސް، އެއިލާހުގެ އިރާދަފުޅާއި ނުލައި އެކަމެއް ނުވާނެކަމާއި އެއިލާހަކީ ހުރިހާކަމަކަށް ކުޅަދުންވަތަ އެއްކައުވަންތަ އިލާހުކަން ތިބާގެ ދުޢާގައި ގިނަގިނައިން ކިޔާށެވެ. ތިބާގެ ދުޢާ އިޖާބަކުރައްވާތޯ މަޑުމޮޅިކަމާއެކު އެއިލާހަށް ދަންނަވާށެވެ. ލޮބުވެތި އަޚާއެވެ! ލޮބުވެތި އުޚުތާއެވެ! ﷲގެ ޙަޟްރަތުގައި އާދޭހާއެކު ގިނަގިނައިން ދަންނަވާ އަޅުންދެކެ އެއިލާހު ލޯބިވެވޮޑިގަންނަވައެވެ. ލޮބުވެތި އަޚާއެވެ! ލޮބުވެތި އުޚުތާއެވެ! ދޮރުގައި ގިނައިން ޓަކިޖަހާ މީހަކަށްޓަކައި ދޮރުހުޅުވުން ގާތްވެގެންވާކަން ދަންނާށެވެ!