[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޙައްޤަށް ރުޖޫޢަވުމުގެ މުހިންމުކަން

عَنِ الْحَسَنِ الْبَصَرِيِّ “أَنَّ مَعْقِلَ بِنْ يَسَارٍ -رَضِيَ اللَّهُ عَنْهُ- كَانَتْ أُخْتُهُ تَحْتَ رَجُلٍ فَطَلَّقَهَا ثُمَّ خَلَّى عَنْهَا حَتَّى انْقَضَتْ عِدَّتُهَا، ثُمَّ خَطَبَهَا، فَحَمِيَ مَعْقِلٌ مِنْ ذَلِكَ أَنَفاً فَقَالَ: خَلَّى عَنْهَا وَهُوَ يَقْدِرُ عَلَيْهَا، ثُمَّ يَخْطُبُهَا، فَحَالَ بَيْنَهُ وَبَيْنَهَا، فَأَنْزَلَ اللَّهُ (وَإِذَا طَلَّقْتُمُ النِّسَاءَ فَبَلَغْنَ أَجَلَهُنَّ فَلا تَعْضُلُوهُنَّ …)[ البقرة الآية: 232] إِلَى آخِرِ الْآيَةِ، فَدَعَاهُ رَسُوْلُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَرَأَ عَلَيْهِ، فَتَرَكَ الْحَمِيَّةَ، وَاسْتَقَادَ لِأَمْرِ اللَّهِ”. (رواه البخاري ).

 ޙަދީޘުގެ މާނަ

ޙަސަނުލް ބަޞަރީ ރަޙިމަހުﷲގެ ކިބައިން ރިވާވެގެންވެއެވެ. މަޢްޤިލް ބިން ޔަސާރު ރަޟިޔަﷲ ޢަންހުގެ އުޚްތުގެ ފިރިމީހާ، އެކަމަނާ ވަރިކުރިއެވެ. އެއަށްފަހު ޢިއްދަހަމަވި އިރުވެސް ރުޖޫޢަނުކޮށް ހުރުމަށްފަހު އަނެއްކާވެސް ކައިވެނިކުރަން އެދުނެވެ. މަޢްޤިލް ބިން ޔަސާރު ރަޟިޔަﷲ ޢަންހު އެކަމާ ނުރުހުންތެރިވެ ކޯފާވެވަޑައިގެން، ‘ރުޖޫޢަކުރެވެންއޮތްވާ ނުކޮށް ހުރުމަށް ފަހު ކައިވެންޏަށް އެދެނީހޭ’ ވިދާޅުވެ އެކައިވެންޏަށް ހުރަސް އެޅުއްވިއެވެ. ދެންފަހެ، وَإِذَا طَلَّقْتُمُ النِّسَاءَ فَبَلَغْنَ أَجَلَهُنَّ فَلا تَعْضُلُوهُنَّ …)[ البقرة الآية: 232] “އަދި ތިޔަބައިމީހުންގެ އަނބިން ވަރިކޮށް އެކަނބަލުންގެ ޢިއްދަ ހަމަވެއްޖެނަމަ، އެކަނބަލުން (ވަރިކުރި) ފިރިހެނާއާ، އެކަނބަލުން ކައިވެނިކުރުމަށް ހުރަސް ނާޅާށެވެ!” މި އާޔަތް ﷲ ތަޢާލާ ބާވައިލެއްވިއެވެ. އެހިނދު ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ އެކަލޭގެފާނު ގެންނެވުމަށް ފަހު މިއާޔަތް ކިޔަވާ ވިދާޅުވިއެވެ. އެކަލޭގެފަނު (އާޔަތް އަޑު އެއްސެވުމަށްފަހު)، ކޯފާމަޑުކުރައްވައި، ﷲގެ އަމުރަށް ބޯލަނބައި ކިޔަމަންތެރިވެލެއްވިއެވެ.  

ތަފްޞީލީ މާނަ

މި ޙަދީޘުގައި ބަޔާންވެފައިމިވަނީ ޞަޙާބީންގެތެރޭގައި ހިނގާދިޔަ ޙާދިޘާއެކެވެ. މިއިންވެސް އަޅުގަނޑުމެންނަށް އެނގިގެންދަނީ ޞަޙާބިން، ﷲއާއި އެއިލޙުގެ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ކިޔަމަންވެލެއްވެވި މިންވަރެވެ. އަދި އެބޭކަލުންގެ އީމާންތެރިކަން ވަރުގަދަކަމާއި ﷲގެ އަމުރަށް ކިޔަމަންވެ، ނަފްސު ކޮންޓްރޯލް ކުރެއްވުމުގައި އެބޭކަލުން ކުރިހޯދާފައިވާ މިންވަރެވެ. އެބޭކަލުން އަބަދުވެސް ބައްލަވަނީ ﷲގެ ރުހިވޮޑިގަތުން ޙާޞިލުވާނޭ ގޮތެކެވެ.

މަޢްޤިލް ރަޟިޔަﷲ ޢަންހު، އަބުލް ބަދާޙް ބިން ޢާޞިމްއާއި އެކަލޭގެފާނުގެ އުޚްތުކައިވެނި ކޮށްދެއްވިއެވެ. ދުވަސްތަކަކަށްފަހު ރަޖްޢީ (ރުޖޫޢަކުރެވޭފަދަ) ވަރިއަކުން އެކަމަނާ ވަރިކުރެއްވުމަށްފަހު ޢިއްދަހަމަވެގެން ދިޔައިރުވެސް ރުޖޫޢަނުކުރައްވާ ހުންނެވިއެވެ. އެއަށްފަހު އަނެއްކާވެސް މަޢްޤިލް ރަޟިޔަﷲ ޢަންހުގެ އަރިހުން އެކަމަނާއާއި ކައިވެނިކުރުމަށް އެދިލެއްވިއެވެ. އެކަމަނާވެސް ކައިވެނި އަލުންކުރުމަށް ރުހި، ބޭނުންވެފައި ހުރިއިރުވެސް، މަޢްޤިލް ރަޟިޔަﷲ އަންހު އެކަން މަނާކުރައްވައި ހުރަސް އެޅުއްވިއެވެ. އަދި ވިދާޅުވިއެވެ. “އެކަމަނާ ކައިވެނިކޮށް ތިބާއަށް ހެޔޮކޮށްހިތިއެވެ. ނަމަވެސް ތިބާ އެކަމަނާ ވަރިކުރިއެވެ. ދެން އަނެއްކާވެސް އެކަމަނާއާއި ކައިވެނިކުރުމަށް އެދެނީހެއްޔެވެ. ﷲގަންދީ ބުނަމެވެ. ތިކަމެއްނުވާނެއެވެ.” ދެންފަހެ ﷲތަޢާލާ، ބަޤަރާ ސޫރަތުގެ 232ވަނަ އާޔަތް ބާވައިލެއްވިއެވެ. އެއަށްފަހު ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އެކަލޭގެފާނު ގެންދެވުމަށްފަހު، އެ އާޔަތް ކިޔަވާ ވިދާޅުވުމުން، ﷲ ތަޢާލާގެ އަމުރަށް ކިޔަމަންގަނެ އެކައިވެނިކޮށްދެއްވިއެވެ.

މި ޙަދީޘުންލިބޭ ބައެއް ފައިދާތައް

  1. ވަލީއަކީ ކައިވެނީގެ ޝަރުޠެއްކަން.
  2. ކުފޫހަމަވެގެންވާ މީހަކު ކައިވެންޏަށް އެދެފިނަމަ، ވަލީ ހިފެހެއްޓުމަކީ ވަލީވެރިޔާގެ މައްޗަށް ޙަރާމްކަމެއްކަން.
  3. ހައްޤު އެނގުމުން އެއަށް ތަބަޢަވުން އަވަސްކުރަންޖެހޭކަން
  4. ވެރިމީހާ އޭނާގެ ރައްޔިތުންގެ ކަންތައްތަކަށް އަހަންމިއްޔަތުކަން ދޭންޖެހޭކަން
  5. ކަމެއްގެ މައްޗަށް ހުވާކޮށްފައި ވަނިކޮށް، އެއީ ރަނގަޅުގޮތް ނޫންކަން އެނގުމުން ކައްފާރާދިނުމަށްފަހު ރަނގަޅުގޮތުގައި ހިފަންޖެހޭކަން.