[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މައިންބަފައިންނަށް ހެޔޮކޮށް ހިތުން

parent

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

އިންސާނުން ދުނިޔެއަށް އައުމުގެ އަޞްލަކީ، އޭނާގެ މައިންބަފައިންނެއެވެ. މައިންބަފައިންނަކީ އެބައިމީހުންގެ ދަރިންނަށް ނުހަނު ހެޔޮއެދޭ ބައެކެވެ. އެބައިމީހުން ހެޔޮއެދޭ މިންވަރަކީ، އެބައިމީހުންނަށް ނުލިބޭ މޮޅާއި ކާމިޔާބު އެބައިމީހުންގެ ދަރިންނަށް ލިބުމަށް މައިންބަފައިން އެދެއެވެ. މައިންބަފައިންނަކީ، އެބައިމީހުންގެ ދަރިން ހެޔޮ ގޮތުގައި ބޮޑު ކުރުމަށް ނުހަނު ބުރަ މަސައްކަތްތަކެއް ކުރާ ބައެކެވެ. ނުހަނު ބޮޑެތި ޤުރުބާނީ ތަކެއްވާ ބައެކެވެ. މިފަދަ ބޮޑެތި ޤުރުބާނީ ތަކެއްވާ ބަޔަކަށް ހެޔޮކޮށް ހިތުމަކީ، އިންސާނީ ނަޛަރަކުން ވިސްނާލިކަމުގައި ވިޔަސް ކޮންމެހެން ލާޒިމް ކަމެއްކަމަށް އިންސާނީ ބުއްދި ޤަބޫލުކުރާ ކަމެކެވެ.

މިގޮތުންބަލާެއިރު އިސްލާމްދީނުގައިވާނީ މައިންބަފައިންނަށް އޯގާތެރިވެ، އަޅާލާ، ކިޔަމަންތެރިކަން އަދާކުރުމަށް ނުހަނު ބޮޑަށް ބާރުއަޅުއްވާފައެވެ. ކީރިތި ޤުރުއާނުގެ 7 ތަނެއްގައި ﷲ ސުބުޙާނަހޫ ވަތަޢާލާ މައިންބަފައިންގެ ވާހަކަ ބަޔާންކުރައްވާފައިވެއެވެ. އޭގެތެރެއިން 4 ތަނެއްގައި އެއިލާހަށް ޝަރީކު ނުކުރުމަށް އެންގެވުމާއި ވިދިގެން މައިންބަފައިންނަށް ކިޔަންމަންތެރިކަން އަދާކުރުމުގެ ވާހަކަ ބަޔާންވެގެންވެއެވެ. އެ އާޔަތްތަކަކީ:

﴿وَإِذْ أَخَذْنَا مِيثَاقَ بَنِي إِسْرَائِيلَ لَا تَعْبُدُونَ إِلَّا اللَّـهَ وَبِالْوَالِدَيْنِ إِحْسَانًا وَذِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينِ﴾ [سورة البقرة٨٣ ]

މާނައީ: “އަދި އިސްރާއީލުގެދަރިންގެކިބައިން، ތިމަންރަސްކަލާނގެ ކަށަވަރުވެގެންވާ ޢަހުދު ހިއްޕެވި ހިނދު، ހަނދުމަކުރާށެވެ! އެއީ ﷲ އަށް މެނުވީ ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށެވެ. އަދި މައިންބަފައިންނާއި، ގާތްތިމާގެމީހުންނާއި، ޔަތީމުންނާއި، މިސްކީނުންނަށް ހެޔޮކޮށްހިތުމަށެވެ. “

﴿وَاعْبُدُوا اللَّـهَ وَلَا تُشْرِكُوا بِهِ شَيْئًا ۖ وَبِالْوَالِدَيْنِ إِحْسَانًا وَبِذِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينِ وَالْجَارِ ذِي الْقُرْبَىٰ وَالْجَارِ الْجُنُبِ وَالصَّاحِبِ بِالْجَنبِ وَابْنِ السَّبِيلِ وَمَا مَلَكَتْ أَيْمَانُكُمْ ﴾ [سورة النساء٣٦]  

މާނައީ: “ތިޔަބައިމީހުން، ﷲއަށް އަޅުކަންކުރާށެވެ! އަދި، އެކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކަ ނުކުރާހުށިކަމެވެ! އަދި، މައިންބަފައިންނަށާއި، ގާތްތިމާގެމީހުންނަށާއި، ޔަތީމުންނަށާއި، މިސްކީނުންނަށާއި، ގާތްއަވަށްޓެރިޔާއަށާއި، ދުރުއަވަށްޓެރިޔާއަށާއި، ކައިރިއެކުވެރިޔާއަށާއި، ދަތުރުވެރިޔާއަށާއި، ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅުންނަށް ހެޔޮކޮށް ހިތާށެވެ! “

﴿قُلْ تَعَالَوْا أَتْلُ مَا حَرَّمَ رَبُّكُمْ عَلَيْكُمْ ۖ أَلَّا تُشْرِكُوا بِهِ شَيْئًا ۖ وَبِالْوَالِدَيْنِ إِحْسَانًا ﴾ [سورة الأنعام۱٥۱]  

މާނައީ: “ކަލޭގެފާނުވިދާޅުވާށެވެ! ތިޔަބައިމީހުންއަންނާށެވެ! ތިޔަބައިމީހުންގެ މައްޗަށް، ތިޔަބައިމީހުންގެ ވެރި ރައްބު ޙަރާމްކުރެއްވިކަންތައް ކިޔައިދެއްވާހުށީމެވެ. ތިޔަބައިމީހުން، އެކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކަ ނުކުރާށެވެ! އަދި މައިންބަފައިންނަށް ހެޔޮކޮށްހިތާށެވެ! “

﴿وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا ۚ إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلَاهُمَا فَلَا تَقُل لَّهُمَا أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا ﴾ [سورة الإسراء ٢٣] 

މާނައީ: “އެއިލާހަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށްހިތުމަށް، ކަލޭގެފާނުގެ ވެރިރައްބު ކަނޑައަޅުއްވައި އެންގެވިއެވެ. އެދެމީހުންކުރެ އެކަކު، ނުވަތަ އެދެމީހުން ތިބާގެ ގާތުގައި ތިބެ، މުސްކުޅި ކަމާހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް އުއްފު ވެސްނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަބަހެއްވިޔަސް ނުބުނާށެވެ!) އަދި އެދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެދެމީހުންނަށް ބަސްބުނާށެވެ!”