[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢަމަލުގެ ފަތް

jjjjjjjjjjjjjjjjjކޮންމެ އިންސާނެއްގެވެސް ޢަމަލުތައް ލިޔުއްވޭ ފަތެއް ވެއެވެ. އޭގައި ލިޔުއްވައި ރެކޯޑު ނުކުރެވޭ އެއްވެސް ޢަމަލެއް ނުވެއެވެ. އެއީ ކިތައްމެ ކުޑަ ޢަމަލެއްކަމުގައި ވިޔަސް މެއެވެ. ނުވަތަ ކިތައްމެ ބޮޑު ޢަމަލެއް ކަމުގައި ވިޔަސް މެއެވެ.

ﷲ ތަޢާލާ ވަހީކުރައްވާފައި ވެއެވެ. ((وَإِنَّ عَلَيْكُمْ لَحَافِظِينَ ﴿١٠﴾ كِرَ‌امًا كَاتِبِينَ ﴿١١﴾ يَعْلَمُونَ مَا تَفْعَلُونَ ﴿١٢﴾ )) سورة الإنفطار

މާނަ : ” އަދި ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް ރައްކާތެރިވެ ބަލަހައްޓަވާ މަލާއިކަތުންވެއެވެ. އެއީ މާތްވެގެންވާ، ލިޔުއްވާ މަލާއިކަތުންނެވެ . ތިޔަބައިމީހުން ކުރާ ކަންތައް އެ މަލާއިކަތުން ދެނެވަޑައިގެންވެތެވެ. “

އެހެން އާޔަތެއްގައި ވެއެވެ. ((يَوْمَئِذٍ يَصْدُرُ‌ النَّاسُ أَشْتَاتًا لِّيُرَ‌وْا أَعْمَالَهُمْ ﴿٦﴾ فَمَن يَعْمَلْ مِثْقَالَ ذَرَّ‌ةٍ خَيْرً‌ا يَرَ‌هُ ﴿٧﴾ وَمَن يَعْمَلْ مِثْقَالَ ذَرَّ‌ةٍ شَرًّ‌ا يَرَ‌هُ ﴿٨﴾ )) سورة الزلزلة މާނަ : ” އެދުވަހުން މީސްތަކުން ތަފާތު ބައިބަޔަށް ދާނެތެވެ. (އެއީ) އެއުރެންނަށް، އެއުރެންގެ ޢަމަލުތައް ދެއްކެވުމަށްޓަކައެވެ. ފަހެ، ޒައްރެއްގެ މިންވަރުވިޔަސް، ހެޔޮކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ. އަދި ޒައްރެއްގެ މިންވަރުވިޔަސް، ނުބައިކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ.

އަދިވެސް އެއިލާހު ވަޙިކުރައްވާފައި ވެއެވެ. ((وَوُضِعَ الْكِتَابُ فَتَرَ‌ى الْمُجْرِ‌مِينَ مُشْفِقِينَ مِمَّا فِيهِ وَيَقُولُونَ يَا وَيْلَتَنَا مَالِ هَـٰذَا الْكِتَابِ لَا يُغَادِرُ‌ صَغِيرَ‌ةً وَلَا كَبِيرَ‌ةً إِلَّا أَحْصَاهَا ۚ وَوَجَدُوا مَا عَمِلُوا حَاضِرً‌ا ۗ وَلَا يَظْلِمُ رَ‌بُّكَ أَحَدًا ﴿٤٩﴾ )) سورة الكهف މާނަ: ” އަދި(ކޮންމެ މީހަކުމެ ކޮށްފައިވާ عملތަކުގެ) ފަތް (އެމީހަކަށް) ދެއްވާނެތެވެ. ފަހެ، އެ ފަތުގައިވާ ތަކެއްޗާމެދު، ކުށްވެރިން ބިރުގެންފައިވާތީ ތިބާދެކޭނޫއެވެ. އަދި އެއުރެން ބުނާނެތެވެ. އޭ ތިމަންމެންނަށްހުރި ހިތާމައެއްގެބޮޑުކަމާއެވެ! މިފަތަށް މިވެފައިވަނީ ކީއްހެއްޔެވެ؟ ކިތަންމެކުޑަކަމެއްވެސް، އަދި ބޮޑުކަމެއްވެސް، އެ ފަތުގައި ނުހިމަނައިދޫކޮށްލައިފައެއް ނުވެއެވެ. އަދި އެއުރެންކުޅަ އެންމެހައި عملތައް އެފަތުގައިވާތީ، އެއުރެން ދެކޭނެތެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެއެއްވެސްމީހަކަށް އަނިޔާވެރިވެވޮޑިއެއް ނުގަންނަވަތެވެ. “

ކޮންމެ މީހެއްގެ ޢަމަލުގެ ފަތް އެ ދުވަހުގައި އެމީހަކަށް ދެވޭނެއެވެ. ޢަމަލުގެ ފަތްތައް ބަހާލެވޭނޭ ކަން އަނގަވައި ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. ((وَإِذَا الصُّحُفُ نُشِرَ‌تْ ﴿١٠﴾ )) سورة التكوير މާނަ: ” އަދި ފަތްފުށްތައް ނިއުޅައިލައްވާ ހިނދެވެ. “

އެހެން އާޔަތެއްގައި އެއިލާހު ވަހީކުރައްވާފައި ވެއެވެ. ((وَكُلَّ إِنسَانٍ أَلْزَمْنَاهُ طَائِرَ‌هُ فِي عُنُقِهِ ۖ وَنُخْرِ‌جُ لَهُ يَوْمَ الْقِيَامَةِ كِتَابًا يَلْقَاهُ مَنشُورً‌ا ﴿١٣﴾ )) سورة الإسراء މާނަ: ” އަދިކޮންމެ އިންސާނަކުމެ، އޭނާ ކުޅަ ޢަމަލު، އޭނާގެ ކަރުގައި ތިމަންރަސްކަލާނގެއެޅުއްވީމެވެ. އަދި ޤިޔާމަތްދުވަހުން، ތިމަންރަސްކަލާނގެ އެމީހަކަށް ފޮތެއްނެރުއްވާހުށީމެވެ. އެ ފޮތް ނިއުޅައިލެވިގެންވާ ޙާލުގައި، އޭނާ ދެކޭނެތެވެ. “

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައި ވެއެވެ. (( އެމީހެއްގެ ޢަމަލުގެ ފަތުން ގިނައިން އިސްތިޣުފާރު ކޮށްފައިވާތަން ފެނިއްޖެ މީހާއަށް އުފާވެރިކަންހުއްޓެވެ. )) – أخرجه ابن ماجه –

އެދުވަހުގައި ކާމިޔާބު ލިބޭ މީހުންނަކީ އެމީހެއްގެ ޢަމަލުގެ ފަތް ކަނާއަތަށް ލިބޭ މީހުންނެވެ. އަބާއްޖަވެރިޔަކީ އެމީހާގެ ޢަމަލުގެ ފަތް އޭނާގެ ފުރަގަހުން ވައަތަށް ލިބޭ މީހުންނެވެ.