މަދީނާގައި ދިރިއުޅުމާ ގުޅުންހުރި އަދަބުތަކެއްވޭ
އޭގެ ތެރޭގައި:
ފުރަތަމައީ: މުސްލިމު މީހާ މި މަދީނާގެ މާތްކަމަށާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ މި މަދީނާއަށް ކުރެއްވި ލޯތްބަށްޓަކައި މިތަނަށް ލޯބިކުރުން.
އިމާމު އަލްބުޚާރީ އެކަލޭގެފާނުގެ ޞަޙީޙުގައި އަނަސް رضى الله عنه ގެ ކިބައިން ރިވާކުރައްވާފައިވެއެވެ.
((أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ، كَانَ إِذَا قَدِمَ مِنْ سَفَرٍ، فَنَظَرَ إِلَى جُدُرَاتِ المَدِينَةِ، أَوْضَعَ رَاحِلَتَهُ وَإِنْ كَانَ عَلَى دَابَّةٍ حَرَّكَهَا مِنْ حُبِّهَا))
މާނައީ: “ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ދަތުރުފުޅަކުން އެނބުރި ވަޑައިގަންނަވާއިރު މަދީނާގެ ފާރުތައް(މަލަމަތި) ފެނިވަޑައިގަތުމުން ޖަމަލެއްގެ މަތީގައި ދަތުރުކުރައްވާނަމަ ދުވެލި ބާރުކުރައްވައެވެ. އަދި އެނޫން ސަވާރީއެއްގައި ދަތުރުކުރައްވާނަމަ އެ ސަވާރީއެއް ޙަރަކާތްކޮށްލައްވައެވެ.” (މިފަދައިން ކަންތައް ކުރައްވަނީ އެކަލޭގެފާނު މަދީނާއަށް ހުންނަ ލޯތްބެއްގެ ބޮޑުކަމުންނެވެ.)
ދެވަނައީ: ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންވެ ﷲއާއި އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ އެންގެވިގޮތަށް އުޅުމާއި، ފާފަތައްކުރުމާއި ދީނުގައިނެތް ބިދުޢައިގެ ޢަމަލުތައް ކުރުމުން ދުރުވެހުރުން. އެހެނީ މަދީނާގައި ކުރާ ހެޔޮޢަމަލުތައް މާތްވެގެން ވާފަދައިން އެތަނުގައި ކުރާ ނުބައިފާފަތަކުގެ ނުބައިކަންވެސް ބޮޑުވެގެންވެއެވެ. ފަހެ ޙަރަމް ސަރަޙައްދުގައި ކުރާ ފާފައިގެ ނުބައިކަން އެހެންތަންތަނުގައި ކުރާ ފާފައަށްވުރެ ބޮޑުވެގެން ވެއެވެ. ނުބައިކަންތައްތައް ގުނަގުނަވެގެނެއް ނުދެއެވެ. ނަމަވެސް އެކަންތައް ނިސްބަތުން ބޮޑުވަނީއެވެ.
ތިންވަނައީ: އާޚިރަތަށްޓަކައި އިސްކުރެވޭ ޢަމަލުތައް ގިނަކޮށް ގެއްލުންނުވާ މިވިޔަފާރިން ބޮޑު މިންވަރެއް ޙާޞިލުކުރުން. އެހެނީ ޤިޔާމަތް ދުވަހުން އެންމެ ހެޔޮކަމެއްވެސް އެތައްގުނައަކަށް އިތުރުވެގެންވެއެވެ. އެކަންކުރާނެ (އެއް)ގޮތަކީ މަސްޖިދުއް ނަބަވީގައި އެމީހަކަށް ކުޅަދާނަވީ މިންވަރަކުން ނަމާދުކުރުން އިތުރުކޮށްގެނެވެ. އެއީ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަދީޘްބަސްފުޅުގައި ވަޢުދުކުރައްވާފައިވާ އަޖުރު ޙާޞިލުކުރުމަށެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
((صَلاَةٌ فِي مَسْجِدِي هَذَا خَيْرٌ مِنْ أَلْفِ صَلاَةٍ فِيمَا سِوَاهُ، إِلَّا المَسْجِدَ الحَرَامَ)) [رواه البخاري ومسلم]
މާނައީ:”ތިމަންކަލޭގެފާނުގެ މިމިސްކިތްކޮޅުގައި(މަސްޖިދުއްނަބަވީގައި) ކުރާނަމާދު އެހެން މިސްކިތްތަކުގައި ކުރާ އެއްހާސްނަމާދަށްވުރެ ހެޔޮކަން ބޮޑުވެގެން ވެއެވެ. މަސްޖިދުލް ޙަރާމްގައި ކުރާނަމާދު ފިޔަވައެވެ.”
ހަތަރުވަނައީ: މިބަރަކާތްތެރި މަދީނާގައި ހެޔޮކަންތައްތަކުގައި ނަމޫނާއަކަށް މުސްލިމުމީހާވުން. އެހެނީ ތިބާއަށް މަޑުކުރެވިފައި ތިޔަވަނީ އެބިމަކުން އިސްލާމީ ނޫރު ފާޅުވެ، ދުނިޔޭގެ އެކިކަންކޮޅުތަކަށް ތެދުމަގަށް ގޮވާލި މުޞްލިޙުން ނުކުމެގެންދިޔަ ބިމެއްގައެވެ. މިބިމަށް ޒިޔާރަތްކުރާ މީހުން މިބިން ދޫކޮށްދާއިރު ރިވެތި އަޚްލާޤުގެ މާތް ޞިފަތަކާއި މަތިވެރި އަޚްލާޤު ފެންނާނެއެވެ. އޭރުން އެފަދަ މީހުން އެނބުރިދާނީ ފެނުނު ހެޔޮކަމުން އަޘަރުކޮށް، ފައިދާ ޙާޞިލުކޮށް، ﷲއާއި އެއިލާހުގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ކިޔަމަންގަތުމުގައި ރައްކާތެރިވާ ޙާލުއެވެ.
ހެޔޮކަމާއި އިޞްލާޙުގައި މި މަދީނާއަށް ޒިޔާރަތަށް އަންނަ މީހުން މި ބަރަކާތްތެރި ރަށުން ހެޔޮނަމޫނާ ފެނުމުން ފައިދާ ޙާޞިލުކުރާފަދައިން، މިއާ އިދިކޮޅަށްވެސް ކަންތައް ހިނގާފާނެއެވެ. މަދީނާގައި މިއާ ޚިލާފަށް އުޅޭ މީހުން ފެނުމުން ފައިދާ ޙާޞިލުކޮށް ޘަނާކިޔާ މީހަކަށްވުމުގެ ބަދަލުގައި އޭގެން ގެއްލުންވެ ބަދުބަސް ބުނާ މީހަކަށް ޒިޔާރަތަށް އަންނަ މީހުން ވެދާނެއެވެ.
=ނުނިމޭ=