ފަސްވަނައީ: މުސްލިމުމީހާ އޭނާއަށް މިހުރެވެނީ ވަޙީބާއްވާލުވުނު ހެޔޮރަނގަޅު ބިމުގައި ކަމާއި، އީމާންކަން އެބިމަކަށް ރުޖޫޢަވާނެ ބިމުގައިކަން ހަނދާންކުރުން. މިއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި އެކަލޭގެފާނުގެ އަޞްޙާބުން ކަމުގައިވި މުހާޖިރުންނާއި އަންޞާރުން ދިރިއުޅުއްވި ބިމެވެ. އެބޭކަލުން މިބިމުގައި ހިނގާބިނގާ އުޅުއްވިއެވެ. އެތަނެއްގައި ތިބެގެން ހެޔޮކަމާއި ޘާބިތުކަމާއި ޙައްޤާއި ހިދާޔަތު ލިބިގެންނެވި ބިމެވެ. ފަހެ އެހެންކަމުން އެބިމަށް އާދެވޭމީހާ އެބޭކަލުން ކުރައްވާފައިވާ ޢަމަލުފުޅުތަކާ ޚިލާފަށް އެއްވެސް ޢަމަލެއްކުރުމުން ރައްކާތެރިވާން ޖެހޭނެއެވެ. އެއީ ﷲ ތަޢާލާ ނުރުހުންތެރިވެވޮޑިގަންނަވާފަދަ ގޮތަކަށް އެތަނުގައި އުޅުމެވެ. އޭގެ ސަބަބުން ދުނިޔެއާއި އާޚިރަތުގައި ނުބައި ނިމުމާއި ގެއްލުމާ ކުރިމަތިލާން ޖެހޭނެއެވެ.
ހަވަނައީ: މަދީނާގައި ދިރިއުޅުމަށް ﷲ ތަޢާލާގެ ރަޙުމަތުން ފުރުޞަތު ލިބިއްޖެނަމަ މިބިމަށް އައިސް ދީނުގައި ނެތް ބިދުޢައެއް ގެނައުން ނުވަތަ ބިދުޢަވެރިޔަކަށް ހިޔާވެހިކަން ދިނުމުން ރައްކާތެރިވާންޖެހޭނެއެވެ. މިކަމުގެ ސަބަބުން ﷲ ތަޢާލާގެ ލަޢުނަތް އެމީހަކަށް ޙައްޤުވެގެންވާކަން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޞައްޙަ ޙަދީޘުން ޘާބިތުވެގެން ވެއެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ.
((الْمَدِينَةُ حَرَمٌ، فَمَنْ أَحْدَثَ فِيهَا حَدَثًا، أَوْ آوَى مُحْدِثًا، فَعَلَيْهِ لَعْنَةُ اللهِ وَالْمَلَائِكَةِ وَالنَّاسِ أَجْمَعِينَ، لَا يُقْبَلُ مِنْهُ يَوْمَ الْقِيَامَةِ عَدْلٌ، وَلَا صَرْفٌ))
މާނައީ :” މަދީނާއަކީ ޙަރަމެކެވެ. ފަހެ އެތަނުގައި ބިދުޢައެއް ހަދައިފިމީހާ ނުވަތަ ބިދުޢަވެރިއަކަށް ހިޔާވަހިކަންދީފިމީހާ (ދަންނައެވެ.) ފަހެ އޭނާއަށް ﷲއާއި މަލާއިކަތުންނާއި އެންމެހާ މީސްތަކުންގެ ލަޢުނަތްވެއެވެ. ޤިޔާމަތްދުވަހުން އޭނާގެ ކިބައިން ފަރުޟެއްވެސް އަދި ސުންނަތެއްވެސްޤަބޫލް ނުކުރައްވާނެތެވެ.”
މިއީ އިމާމް މުސްލިމްގެ ރިވާޔަތުގައި ވާގޮތެވެ. އެކަލޭގެފާނު ރިވާކުރައްވާފައިވަނީ އަބޫހުރައިރާ رضى الله عنه ގެ އަރިހުންނެވެ. ޞަޙީޙުލްބުޚާރީ އާއި މުސްލިމްގައި ޢަލީ رضى الله عنه ގެކިބައިންވެސް މިޙަދީޘް ރިވާވެގެން އައިސްފައިވެއެވެ.
=ނުނިމޭ=