[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މަދީނާގެ މާތްކަން (އަދި އެތާގައި ދިރިއުޅުމާއި އެތަނަށް ޒިޔާރަތްކުރުމުގެ އަދަބުތައް) 13

madheenah

ހަތްވަނައީ: މަދީނާގެ ގަސްނުކެނޑުމާއި އެތަނުގައި ދިރިއުޅޭ ޙައިވާނުން ޝިކާރަނުކުރުން : މިކަމަށް ނަހީކުރައްވާ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުން ޙަދީޘްތަކެއް ވާރިދުވެފައިވެއެވެ. އެގޮތުން ޢަބްދުﷲ ބިން ޖާބިރު رضى الله عنهماގެ ކިބައިން ރިވާވެގެން ވެއެވެ.

((إِنَّ إِبْرَاهِيمَ حَرَّمَ مَكَّةَ، وَإِنِّي حَرَّمْتُ الْمَدِينَةَ مَا بَيْنَ لَابَتَيْهَا، لَا يُقْطَعُ عِضَاهُهَا، وَلَا يُصَادُ صَيْدُهَا)) [رواه مسلم]

މާނައީ :”އިބްރާހީމް ޢަލައިހިއްސަލާމް މައްކާ ޙުރުމަތްތެރި ކުރެއްވިއެވެ. އަދި ތިމަންކަލޭގެފާނު ދެ ލާބައިގެ ދެމެދުގައިވާ މަދީނާގެ ބިން ޙުރުމަތްތެރި ކުރެއްވީމެވެ. [لابة:މިލަފްޒުގެ މާނައަކީ އަލިފާން ފަރުބަދައިން ފައިބާ ލާވާއެވެ.] އެތަނުގެ ގަހެއް ނުކެނޑޭނެއެވެ. އަދި ޖަނަވާރެއް ޝިކާރައެއް ނުކުކުރެވޭނެއެވެ.”

އަދި އިމާމު މުސްލިމު ޞަޢުދު ބިން އަބީވައްޤާޞްرضى الله عنه ގެ އަރިހުން ރިވާކުރައްވާފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރެއްވިއެވެ.

((إِنِّي أُحَرِّمُ مَا بَيْنَ لَابَتَيِ الْمَدِينَةِ أَنْ يُقْطَعَ عِضَاهُهَا، أَوْ يُقْتَلَ صَيْدُهَا)) [رواه مسلم]

މާނައީ :”ހަމަކަށަވަރުން ތިމަންކަލޭގެފާނު ދެ ލާބައިގެ ދެމެދުގައިވާ މަދީނާގެ ބިން، އެތަނުގެ ގަސްކެނޑުމާއި ޖަނަވާރުތައް ޝިކާރަކުރުން މަނާވެގެންވާ، ޙުރުމަތްތެރި ތަނެއްގެ ގޮތުގައި ހެއްދެވީމެވެ.”

އަދި އައްޞަޙީޙައިން (ޞަޙީހުލް ބުޚާރީ އަދި މުސްލިމް) ގައި އައިސްފައިވެއެވެ. ސުލައިމާން ބިން އަލްއަޙްވަލް ވިދާޅުވިއެވެ. ތިމަންކަލޭގެފާނު އަނަސް رضى الله عنه އާ ސުވާލުދެންނެވީމެވެ.

“ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް މަދީނާ ޙުރުމަތްތެރި ކުރެއްވި ހެއްޔެވެ؟”

އެކަލޭގެފާނު ވިދާޅުވިއެވެ. “އާނއެކެވެ. އެއީ މިވެނި އެވެނި ހިސާބެކެވެ. އެހިސާބުން ގަހެއް ނުކެނޑޭނެއެވެ. އެތަނުގައި ދީނުގައި ނެތް އާކަމެއް ގެނެސްގެންފި މީހާއަށް ﷲއާއި މަލާއިކަތުންނާއި އެންމެހާ އިންސާނުންގެ ލަޢުނަތް އޭނާއަށް ވެއެވެ.”

އަދިވެސް އައްޞަޙީޙައިންގައި ވެއެވެ. ހަމަކަށަވަރުން އަބޫހުރައިރާ رضى الله عنه ވިދާޅުވެއެވެ.

“ތިމަންކަލޭގެފާނަށް މަދީނާއިން ފުއްލާއެއް ކައިބޮއިހަދާ އުޅޭތަން ފެނިވަޑައިގަތްނަމަ ތިމަންކަލޭގެފާނު، އޭތި ބިރުގަންނަވާ ނުހަދާނަމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރައްވާފައި ވެއެވެ.

((مَا بَيْنَ لَابَتَيْهَا حَرَامٌ))

މާނައީ :”ދެ ލާބައިގެ ދެމެދުގައިވާ ތަނަކީ ޙުރުމަތްތެރިވެގެންވާ ތަނެކެވެ.”

[މިތާގައި ފުއްލާއަށް ތަރުޖަމާކުރެވިފައިމިވަނީ: الظِّبَاءُ އެވެ.] ޙަދީޘްގައި ވާރިދުވެގެންވާ ގަސް ނިސްބަތްކުރެވެނީ އެތަނުގައި ﷲ ތަޢާލާ ފަޅުއްވާފައިވާ ގަސްގަހަށެވެ. [އެބަހީ: އިންސާނެއްގެ އެއްވެސް މަސައްކަތަކާ ނުލާ ފަޅާފައިވާ ގަސްތަކެވެ.] މީސްތަކުން އިންދައިގެން އެމީހުން އަމިއްލައަށް ހައްދާ ގަސްތައް އޭގެތެރޭގައި ނުހިމެނެއެވެ. އެފަދަ ގަސް ކެނޑުން ހުއްދަވެގެން ވެއެވެ.

އަށްވަނައީ: މުސްލިމް އަޅާ އެތަނުގައި ދިމާވާ އުނދަގޫތަކާއި ދަތިތަކަށް ކެތްތެރިވުން: އެހެނީ އަބޫ ހުރައިރާ ރަޟިޔަﷲ އަންހު ރިވާކުރެއްވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.

((لا يَصْبِرُ عَلَى لَأْوَاءِ الْمَدِينَةِ وَشِدَّتِهَا أَحَدٌ مِنْ أُمَّتِي، إِلَّا كُنْتُ لَهُ شَفِيعًا يَوْمَ الْقِيَامَةِ أَوْ شَهِيدًا)) [رواه مسلم] 

މާނައީ :”މަދީނާގައި ދިރިއުޅުމުގެ ދަތިކަމަށް ތިމަންކަލޭގެފާނުގެ އުންމަތުގެ ތެރެއިން މީހަކު ކެތްކޮށްފިނަމަ އެމީހަކަށް ޤިޔާމަތް ދުވަހު ޝަފާޢަތްތެރިއަކަށް ނުވަތަ ހެކިވެރިއަކަށް ތިމަންކަލޭގެފާނު ވެވަޑައިނުގަންނަވާނެ މީހަކުނުވެއެވެ.”

އަދިވެސް ޞަޙީޙް މުސްލިމްގައި ވެއެވެ. އަލްމަހްރިއްޔުގެ އަޅު އަބޫ ސަޢީދު، އަބޫ ޞަޢީދުލް ޚުދްރީ رضى الله عنهގެ އަރިހަށް ހޫނުގަދަ ރެއެއްގައި ވަޑައިގެން އަބޫ ޞަޢީދުލް ޚުދުރީގެ އަރިހުން މަދީނާ ދޫކުރައްވާ ދިއުމާމެދު މަޝްވަރާއަކަށް އެދިވަޑައިގެންނެވިއެވެ. އަދި ތަކެތީގެ އަގުއުފުލިފައިވުމާއި އެކަލޭގެފާނުގެ ދަރިން ގިނަކަމުގެ ޝަކުވާކުރެއްވިއެވެ. އަދި މަދީނާގައިހުރި ދަތިކަމަށް ކެތްނުކުރެވޭނެ ވާހަކަވެސް ވިދާޅުވިއެވެ. އަބޫ ޞަޢީދުލް ޚުދްރީ ވިދާޅުވިއެވެ.

وَيْحَكَ ![މިކަލިމައަކީ ތަދުއިޙުސާސްވުމުން ނުވަތަ ރަޙުމުކުރުމުގެ ގޮތުން ބުނާކަލިމައެކެވެ. މަދަޙައިގެ މާނައިގެ ނުވަތަ އަޖައިބުވުމުގެ މާނައިގަވެސް މިކަލިމަ ބޭނުންކުރެއެވެ.]ތިޔަކަމަކަށް ތިމަންކަލޭގެފާނު އަމުރެއްނުކުރައްވާނަމެވެ. ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާ އަޑު ތިމަންކަލޭގެފާނު އެއްސެވީމެވެ.

((لا يَصْبِرُ أَحَدٌ عَلَى لَأوَائِهَا، فَيَمُوتَ، إِلَّا كُنْتُ لَهُ شَفِيعًا – أَوْ شَهِيدًا – يَوْمَ الْقِيَامَةِ إِذَا كَانَ مُسْلِمً))

މާނައީ :”މުސްލިމެއްގެގޮތުގައި ހުރެ، މަދީނާގައި ދިރިއުޅުމުގެ ދަތިކަމަށް ކެތްކޮށް އެތަނުގައި މަރުވެއްޖެމީހާއަށް ޤިޔާމަތްދުވަހުގައި ތިމަންކަލޭގެފާނު އެމީހަކަށްޝަފާޢަތްތެރިއަކަށް- ނުވަތަ ހެކިވެރިއަކަށް ވެވަޑައިނުގަންނަވާނެ މީހަކުނުވެއެވެ.”

=ނުނިމޭ=

މިފޮތުގެ އެހެނިހެން ބައިތައް