މިއަލިފާނަކީ ޒަމާންތައް ކިތަންމެ ދިގުލައިގެން ދިޔަ ކަމުގައިވީނަމަވެސް ނިވޭ އަލިފާނެއް ނޫނެވެ. ﷲ ވަޙީކުރެއްވިއެވެ.
فَذُوقُوا فَلَن نَّزِيدَكُمْ إِلَّا عَذَابًا ﴿٣٠﴾[سورة النبإ]
“ފަހެ، ތިޔަބައިމީހުން (ކުޅަ ނުބައި ޢަމަލުތަކުގެ) ރަހަ ލިބިގަންނާށެވެ! ފަހެ، ޢަޛާބުމެނުވީ، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަކަށް އިތުރެއް ނުކުރައްވާ ހުށީމެވެ.”
އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ.
كُلَّمَا خَبَتْ زِدْنَاهُمْ سَعِيرًا ﴿٩٧﴾[سورة الإسراء ]
“އެ ނަރަކައިގެ ހުޅުގަނޑު ކުޑަވާ ކޮންމެފަހަރަކު، އެއުރެންނަށް އެ ހުޅުގަނޑު އަނދައިގަތުން އިތުރުކުރައްވަމެވެ.”
އަދި ހަމައެއާއެކު ކާފިރުވީމީހުންނަށް އަރާމުގެ އެއްވެސް ރަހައެއް އެތަނުގައި ނުލިބޭނެއެވެ. އަދި ކިތަންމެ ދުވަހެއް ވީކަމުގައި ވީނަމަވެސް އެބައިމީހުންގެ ކިބައިން ޢަޛާބު ލުއި ނުކުރެވޭނެއެވެ. ﷲ ވަޙީކުރެއްވިއެވެ.
فَلَا يُخَفَّفُ عَنْهُمُ الْعَذَابُ وَلَا هُمْ يُنصَرُونَ ﴿٨٦﴾ [سورة البقرة]
“ފަހެ، އެއުރެންގެ ކިބަޔަކުން ޢަޛާބެއް ލުޔެއް ނުކުރައްވާހުށްޓެވެ. އަދި ނަޞްރު ލިބޭނޭ ބަޔަކު ކަމުގައިވެސް، އެއުރެން ނުވެތެވެ.”
އަދި ޙަދީޘްގައިވާ ގޮތުން ކޮންމެ ދުވަހަކު ނަރަކައިގެ އަލިފާންގަނޑު ރޯކުރެވޭނެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.
((صَلِّ صَلَاةَ الصُّبْحِ، ثُمَّ أَقْصِرْ عَنِ الصَّلَاةِ حَتَّى تَطْلُعَ الشَّمْسُ حَتَّى تَرْتَفِعَ، فَإِنَّهَا تَطْلُعُ حِينَ تَطْلُعُ بَيْنَ قَرْنَيْ شَيْطَانٍ، وَحِينَئِذٍ يَسْجُدُ لَهَا الْكُفَّارُ، ثُمَّ صَلِّ فَإِنَّ الصَّلَاةَ مَشْهُودَةٌ مَحْضُورَةٌ حَتَّى يَسْتَقِلَّ الظِّلُّ بِالرُّمْحِ، ثُمَّ أَقْصِرْ عَنِ الصَّلَاةِ، فَإِنَّ حِينَئِذٍ تُسْجَرُ جَهَنَّمُ، فَإِذَا أَقْبَلَ الْفَيْءُ فَصَلِّ))[صحيح مسلم]
“ފަތިސް ނަމާދު ކުރާށެވެ. ދެންއެއަށްފަހު އިރުއަރައި އުފުލިއްޖައުމަށް ދާންދެން ނަމާދުކުރުމުން މާނާވެގަންނާށެވެ. އެހެނީ ހަމަކަށަވަރުން އިރުއަރާ ހިނދު އެއިރުއަރަނީ ޝައިޠާނާގެ ދެދަޅުގެ ދެމެދުންނެވެ. އަދި އެހިނދަކީ ކާފަރުން އިރަށް ސަޖިދަކުރާ ހިނދެވެ. ދެންއެއަށްފަހު ނަމާދު ކުރާށެވެ. ހަމަކަށަވަރުން މިނަމާދަކީ (މަލާއިކަތްބޭކަލުން) ޙާޟިރުވެ ހެކިވާ ނަމާދެކެވެ. އަދި ބިމަށް ޖަހާފައިވާ ލޮންސިއެއްގެ އެންމެ ކުޑަމިންވަރަށް ހިޔަނި ކުޑަވެއްޖައުމަށް ދާންދެން ނަމާދުކުރާށެވެ. ދެން އަނެއްކާވެސް ނަމާދުކުރުމުން މަނާވެގަންނާށެވެ. އެހެނީ ހަމަކަށަވަރުން އެވަގުތަކީ ނަރަކަ ރޯކުރެވޭ ހިނދެވެ. ދެން ހިޔަނި ދިގުދެމިގެންދާހިނދު ނަމާދު ކުރާށެވެ.” [صحيح مسلم]
އަދި ސަޙީޙުލްބުޚާރީ އަދި މުސްލިމްގައި ރަސޫލުﷲ صلى الله عليه وسلمޙަދީޘްކުރެއްވިކަމަށް އަބޫހުރައިރާ رضي الله عنه ރިވާކުރެއްވިއެެވެ.
((إِذَا اشْتَدَّ الْحَرُّ، فَأَبْرِدُوا بِالصَّلَاةِ، فَإِنَّ شِدَّةَ الْحَرِّ مِنْ فَيْحِ جَهَنَّمَ))
“ހޫނުކަން ގަދަވެއްޖެކަމުގައި ވާނަމަ އެހޫނުކަން މަޑުވެއްޖައުމަށް ދާންދެން ނަމާދުކުރުން މަޑުކޮށްލާށެވެ. އެހެނީ ގަދަ ހޫނުކަމަކީ ނަރަކައިގެ މަތީގެ ހޫނުކަން ގަދަވެ އެފެތުރިގެންދާހިނދު އަންނަ އެއްޗެކެވެ.”
އަދި ޤިޔާމަތްދުވަހުން ނަރަކައިގެ އަހުލުވެރިން އެނަރަކަޔަށް ވެއްދޭ ހިނދުގައި ނަރަކައިގެ އަލިފާންގަނޑު ރޯކުރެވޭނެޔެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
(وَإِذَا الْجَحِيمُ سُعِّرَتْ ﴿12﴾ وَإِذَا الْجَنَّةُ أُزْلِفَتْ ﴿13﴾)[سورة التكوير]
މާނައީ:”އަދި ނަރަކަ ރޯކޮށްލައްވާ ހިނދެވެ. [12] އަދި ސުވަރުގެ ގާތްކުރައްވާ ހިނދެވެ.[13]”
=ނުނިމޭ=