ނަރަކައަށް ވާހަކަދެއްކޭކަމާއި އެއަށް ފެންނަކަން
ކީރިތި ޤުރާއާނާއި އަދި ރަސޫލުﷲ صلى الله عليه وسلمގެ ޙަދީޘްތަކުން ނަރަކަ ސިފަކުރެވިފައިވާގޮތް ކިޔާލައިފި މީހަކަށް ނަރަކައަށް ފެންނަކަމާ، އަދި އެއީ ވާހަކަ ދައްކާ، ޝަކުވާކުރާ އެއްޗެއްކަން އެނގިގެންދާނެވެ.
ކީރިތި ޤުރުއާނުން އެނގޭ ގޮތުގައި ނަރަކަޔަށް އޭގެ އަހުލުވެރިން ވެއްދުމަށްޓަކައި ގެނެވޭތަން އެޔަށް ދުރުން ފެންނާނެއެވެ. އެހިނދު މުޖްރިމުންދެކެ އެނަރަކަ ނުރުހުންތެރިވެ އަދި ރުޅިއައިސްފައިވާ ވަރުގެ ބޮޑުކަމުން ބިރުވެރި އަޑުތަކެއް ލައްވަމުން ގެންދާނެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
إِذَا رَأَتْهُم مِّن مَّكَانٍ بَعِيدٍ سَمِعُوا لَهَا تَغَيُّظًا وَزَفِيرًا ﴿١٢﴾ [ سورة الفرقان]
މާނައީ:”ދުރުހިސާބަކުން އެ ނަރަކަޔަށް އެއުރެން ފެންނަހިނދު، ރުޅިއައިސް ކެކިއަރާ އަޑާއި، މާނޭވާގެ އަޑު، އެ ނަރަކައިން އެއުރެންނަށް އިވޭނެތެވެ.”
އިބްނު ޖަރީރު رحمه اللهއިބްނު ޢައްބާސް رضي الله عنهގެ އަރިހުން ރިވާކުރެއްވިއެވެ.
((إِنَّ الرَّجُلَ لَيُجَرُّ إِلَى النَّارِ، فَتَنْزَوِي وَيَنْقَبِضُ بَعْضُهَا إِلَى بَعْضٍ، فَيَقُولُ لَهَا الرَّحْمَنُ: مَا لَكِ؟ فَتَقُولُ: إِنَّهُ لَيَسْتَجِيرُ مِنِّي فَيَقُولُ: أَرْسِلُوا عَبْدِي وَإِنَّ الرَّجُلَ لَيُجَرُّ إِلَى النَّارِ، فَيَقُولُ: يَا رَبِّ مَا كَانَ هَذَا الظَّنَّ بِكَ فَيَقُولُ: فَمَا كَانَ ظَنُّكَ؟ فَيَقُولُ: أَنْ تَسَعَنِيَ رَحْمَتُكَ قَالَ: فَيَقُولُ أَرْسِلُوا عَبْدِي . . .))[ تفسير ابن جرير, ساق ابن كثير هذا الحديث في (النهاية) (2/21) وقال: (إسناده صحيح) ]
މާނައީ:” ހަމަކަށަވަރުން މީހަކު ނަރަކަޔަށް (ވެއްދުމަށްޓަކައި) ދަމާފަގެންދެވޭނެއެވެ. ދެން އެނަރަކައިގެ އެއްބަޔެއް އަނެއްބަޔަކަށްވަދެ ކުޑަވެ ހިފަހައްޓައިފާނެތެވެ. އެހިނދު އައްރަޙްމާން(ﷲ ނަރަކަޔާއި މުޚާތަބުކޮށް) ވަޙީކުރައްވާނެތެވެ. ތިބާއަށް ކިހިނެއް ވަނީ ހެއްޔެވެ؟ ނަރަކަ ބުނާނެތެވެ. އޭނަ އަހަރެންގެ ކިބައިން ރައްކާތެރިވުމަށްއެދި (އިބައިލާހުގެ ޙަޟްރަތުން) އެދެނީއެވެ. އެހިނދު ﷲ ވަޙީކުރައްވާނެވެ. ތިމަން އިލާހުގެ އަޅާ (ނަރަކަޔަށް ނުލައި) ދޫކޮށްލާށެވެ. އަދި ހަމަކަށަވަރުން (އެހެން)މީހަކު ނަރަކަޔަށް ދަމާފަގެންދެވޭނެއެވެ. ދެން އޭނާ ބުނާނެތެވެ. އޭ ﷲއެވެ. މިއީ އަހަރެން އިބައިލާހާ މެދު ހީކުރިގޮތެއް ނޫނެވެ. ދެން ﷲ ވަޙީކުރައްވާނެތެވެ. ތިބާ ހީކުރީ ކިހިނަކުން ހެއްޔެއެވެ؟ ދެން އޭނާ ބުނާނެތެވެ. އިބައިލާހުގެ ރަޙްމަތް އަހަރެންނާ ހަމަޔަށް ފޯރާނެކަމަށެވެ. އެހިނދު އެކަލާނގެ ވަޙީކުރައްވާނެއެވެ. ތިމަން އިލާހުގެ އަޅާ (ނަރަކަޔަށް ނުލައި) ދޫކޮށްލާށެވެ…”
އަދި އަބޫހުރައިރާ رضي الله عنهގެ އަރިހުން ރިވާވެގެން އައިސްފައިވާ ޙަދީޘެއްގައިވެއެވެ.
((تَخْرُجُ عُنُقٌ مِنَ النَّارِ يَوْمَ القِيَامَةِ لَهَا عَيْنَانِ تُبْصِرَانِ وَأُذُنَانِ تَسْمَعَانِ وَلِسَانٌ يَنْطِقُ، يَقُولُ: إِنِّي وُكِّلْتُ بِثَلَاثَةٍ، بِكُلِّ جَبَّارٍ عَنِيدٍ، وَبِكُلِّ مَنْ دَعَا مَعَ اللَّهِ إِلَهًا آخَرَ، وَبِالمُصَوِّرِينَ))[أخرجه الإمام أحمد و الترمـذي وقال الترمذي هذا حديث حسن غريب]
މާނައީ: “ޤިޔާމަތްދުވަހުން ނަރަކައިން ބޮލެއް ނުކުންނާނެއެވެ. އެބޮލުގައި އެއިންބަލާ ދެލޯ ވާނެއެވެ. އަދި އެއިން އަޑުއަހާ ދެކަންފަތް ވާނެއެވެ. އަދި އެއިން ވާހަކަދައްކާ ދުލެއް ވާނެއެވެ. އަދި ނަރަކަ ބުނާނެތެވެ. އަހަރެންނާ ހަވާލުކުރެވިގެންވަނީ ތިން އެވެ. އެއީ ކޮންމެ ޖައްބާރު ދެކޮޅުވެރިމީހަކާ، އަދި ﷲ އާއެކު އެހެން އިލާހަކަށް އަޅުކަންކޮށްއުޅޭ ކޮންމެ މީހަކާއި، އަދި ޞޫރަ ހަދާމީހުންނާއެވެ.”
=ނުނިމޭ=