[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ބާއްޖަވެރިކަމަކީ ކޮބާ؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ހުރިހާ އިންސާނުން ވެސް އިއްތިފާޤުވެ އެ އެއްޗެއް ހޯދުމަށް ކެނޑިނޭޅި މަސައްކަތް ކުރާ އެއްޗަކީ ބާއްޖަވެރިކަމެވެ. އެހެންކަމުން މި ބާއްޖަވެރިކަމަކީ ކޮބައިތޯއެވެ؟

ބާއްޖަވެރިކަމަކީ އިންސާނާ އަތުގައި މުދަލާއި ފައިސާ ގިނަވެ އިތުރުވާ ވަރަށް ހުރުން ތޯއެވެ؟

ބާއްޖަވެރިކަމަކީ އިންސާނާ އެހެންމީހުންގެ މައްޗަށް މަތިވެރިވެ، އޭނާގެ ވަށައިގެން، އޭނާގެ އިޝާރާތަކަށް އިންތިޒާރުގައި ޚާދިމުން ތިބުންތޯއެވެ؟

ނުވަތަ ބާއްޖަވެރިކަމަކީ އިންސާނާ ކިބައިގައި މަޝްހޫރުކަމާއި ޖިސްމާނީ ރީތިކަން ހުރުންތޯއެވެ؟

ނުވަތަ ބާއްޖަވެރިކަމަކީ، ވެރިކަމާއި ރަސްކަމާއި ޖާހާ މަންސަބު ހުރުންތޯއެވެ؟

ހަމަކަށަވަރުން އިންސާނީ ދިގު ތާރީޚުގައި ވަރަށް ގިނަ މީހުންވަނީ މި ބާއްޖަވެރިކަން ލިބޭތޯ އެކި ގޮތްގޮތަށް މަސައްކަތް ކޮށްފައެވެ. އެގޮތުން އެބައިމީހުން މުޅި ޙަޔާތް މިކަމުގައި ފަނާކުރި މީހުން ހިމެނެއެވެ. ނަމަވެސް، ތާކުން ތާކު ނުޖެހޭ ނުބައި މަގުތަކުން ދިޔުމުގެ ސަބަބުން އެމީހުންނަށް ވަނީ އެ ބާއްޖަވެރިކަމުގެ ދޮރު ބަންދުވެ، ބަރުބާދުވެ ހަލާކުވެ ގޮސްފައެވެ.

އެގޮތުން ފިރުޢައުނާއި އޭނާގެ އަޢުވާނުން ވަނީ ރަސްކަމަށް ދަހިވެތިވެ، އެކަމުގައި ނިމި ގޮސްފައެވެ. މާތް ﷲ ކީރިތި ޤުރުއާނުގެ އެތައް ތަނެއްގައި ވަނީ ފިރުޢައުނާއި އޭނާގެ ޤައުމުގެ މީހުންގެ ވާހަކަ ބަޔާންކުރައްވާފައެވެ. އެގޮތުން މާތް ﷲ ޞުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވަނީ:

﴿وَنَادَىٰ فِرْعَوْنُ فِي قَوْمِهِ قَالَ يَا قَوْمِ أَلَيْسَ لِي مُلْكُ مِصْرَ وَهَٰذِهِ الْأَنْهَارُ تَجْرِي مِن تَحْتِي  ۖ أَفَلَا تُبْصِرُونَ﴾ [الزخرف: 51]

މާނައީ: “އަދި ފިރުޢައުނު އޭނާގެ ޤައުމުގެ މީހުންގެ ތެރޭގައި ހުރެގޮވާލިއެވެ. އޭނާ ބުންޏެވެ. އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! މިޞްރުގެ ވެރިކަންވަނީތިމަންނާއަކަށް ނޫންހެއްޔެވެ؟ އަދި މި ކޯރުތައް ތިމަންގެ ދަށުން ހިނގަހިނގާހުރެތެވެ. ފަހެ، ތިޔަބައިމީހުންނަށް ނުފެންނަނީ ހެއްޔެވެ؟”

އޭނާއަށް ރަސްކަމާއި ވެރިކަން ދެއްވީ ﷲ ޞުބުޙާނަހޫ ވަތަޢާލާ ކަން އޭނާ ހަނދާން ނެތުނެވެ. އޭނާގެ ވަށައިގެން ފެން ކޯރުތައް ލެއްވީ ﷲ ކަން އޭނާ ހަނދާންނެތުނެވެ. އަދި އޭނާއަށް ތަބާވާނެ ޤައުމެއް ލެއްވީ ﷲ ކަންވެސް އޭނާ ހަނދާންނެތުނެވެ. އެހެންކަމުން، ނިޢުމަތްތަކަށް ކާފިރުވުމުގައި އޭނާ ހައްދުފަހަނަޅާ ދިޔައެވެ. އެގޮތުން، އިލާހުވަންތަކަމަށްވެސް ދަޢުވާކުރިއެވެ.

﴿وَقَالَ فِرْعَوْنُ يَاأَيُّهَا الْمَلَأُ مَا عَلِمْتُ لَكُ مِّنْ إِلَٰهٍ غَيْرِي فَأَوْقِدْ لِي يَا هَامَانُ عَلَى الطِّينِ فَاجْعَل لِّي صَرْحًا لَّعَلِّي أَطَّلِعُ إِلَىٰ إِلَٰهِ مُوسَىٰ وَإِنِّي لَأَظُنُّهُ مِنَ الْكَاذِبِينَ﴾[القصص: 38]

މާނައީ: “އަދި ފިރުޢައުނުބުންޏެވެ. އޭ (އަހުރެންގެ ޤައުމުގެ)ބޮޑުންނޭވެ! އަހުރެން ފިޔަވައި އެހެން އިލާހެއް ތިޔަބައިމީހުންނަށް ވާކަމެއްއަހުރެންނަށް އެނގިފައެއް ނުވެތެވެ. އޭ ހާމާނެވެ! އަހުރެންނަށް މަށިން އީޓުހަދައިދޭށެވެ! އަދި އަހުރެންނަށް އުސްގަނޑުވަރެއް ތައްޔާރުކޮށްދޭށެވެ! (އެއީ) މޫސާގެފާނުގެ އިލާހުއަހުރެންނަށް ފެނޭތޯއެވެ. އަދި ހަމަކަށަވަރުން، އަހުރެންނަށްހީވަނީ، އެކަލޭގެފާނު ވަނީ ދޮގުވެރިންގެ ތެރެއިން ކަމަށެވެ.”

އެހެންކަމުން، އޭނާގެ މިނުކިޔަމަންތެރިކަމާއި ބޮޑާކަމުގެ ނަތީޖާއަކަށް ވެގެންދިޔައީ ވަރުގަދަ ހިއްޕެވުމަކުން މާތް ﷲ އޭނާ ހިއްޕެވުމެވެ. އަދި ދިރިތިބީންނަށް ޢިބުރަތެއްގެ ގޮތުގައި ލެއްވުމެވެ.

﴿فَأَخَذَهُ اللَّهُ نَكَالَ الْآخِرَةِ وَالْأُولَىٰ* إِنَّ فِي ذَٰلِكَ لَعِبْرَةً لِّمَن يَخْشَىٰ﴾[النازعات: 25-26]

 މާނައީ: “ދެން އާޚިރަތާއި ދުނިޔޭގެ ޢުގޫބާތެއްގެ ގޮތުން މާތް ﷲ އޭނާ ހިއްޕެވިއެވެ. [25] ބިރުވެތިވާ މީހަކަށް ހަމަކަށަވަރުން އެކަމުގައި ޢިބްރަތެއްވާކަން ކަށަވަރެވެ. [26]”

ޤާރޫން ޖަމާކުރި މުދަލާއި ޚަޒާނަތަކާއި މެދު އޭނާ ބޮޑާ ވެގަތެވެ. އެއީ އޭނާގެ މޮޅުކަމުން ކަމަށް އިޢުލާން ކުރިއެވެ. އަދި މާތްﷲގެ ނިޢުމަތަށް ކުފުރުވެރިވިއެވެ. އެވަޤުތު އެކަލާނގެ ކޯފާ އޭނާގެ މައްޗަށް ހައްޤު ވެގެން ދިޔައެވެ. އަދި އޭނާ ބިމުގެ އަޑިއަށް ގަންބާލެވުނެވެ. މުދަލާއި ރަނުގެ ކަންޒުތައް ދިޔައީއެވެ.

﴿فَخَسَفْنَا بِهِ وَبِدَارِهِ الْأَرْضَ فَمَا كَانَ لَهُ مِن فِئَةٍ يَنصُرُونَهُ مِن دُونِ اللَّهِ وَمَا كَانَ مِنَ الْمُنتَصِرِينَ﴾ [القصص : 81]

މާނައީ: “ފަހެ، ތިމަންރަސްކަލާނގެ އޭނާއާއި، އޭނާގެ (ޚަޒާނާތަކާއި) ގެއާއެކުގައި، ބިންގަނޑު ގަންބަވައިގެންނެވީމެވެ. ފަހެ، ﷲއާ ދެކޮޅަށްއޭނާއަށް ނަޞްރުދޭނޭ އެއްވެސްބަޔެއް ނުވިއެވެ. އަދި ނަޞްރުލިބޭނޭ މީހުންގެ ތެރެއިންވެސްއޭނާ ނުވިއެވެ.”

އަދި ހަމައެފަދައިން، ވަލީދު ބުނު މުޣީރާވެސް ނަސީބު ލިބިގަތުމަތް މަސައްކަތް ކުރިއެވެ. އެގޮތުން މާތްﷲ އޭނާ މުދާވެރި ކުރައްވާ، ވަރުގަދަ ދަރީންތަކެއް ދެއްވިއެވެ. މިކަމަށް އޭނާ ފަޚުރުވެރިވެ އުޅުނެވެ. ނަމަވެސް ގަދަ ކީރިތިވަންތަ މާތް ﷲގެ މަތިން ހަނދުމަނައްތާލިއެވެ. އެއިލާހުގެ ނަބިއްޔާގެ ދަޢުވަތަށް ހުރަސްއެޅުމަށް އެބާރާއި ނުފޫޒުގެ ބޭނުން އޭނާ ކުރިއެވެ. އެގޮތުން މާތް ﷲ އޭނާ ނަރަކައަށް އެއްލާ ލެވޭނެ ވާހަކަ ބަޔާންކުރެއްވިއެވެ.

﴿سَأُصْلِيهِ سَقَرَ﴾ [المدّثر: 26]

މާނައީ:  “ނިކަންހުރެ ތިމަންރަސްކަލާނގެ އޭނާ ނަރަކަޔަށްވައްދަވާހުށީމެވެ.”

މިޒަމާނަށް ބައްލަވާށެވެ. ބައެއް މީހުންނަށް ބާއްޖަވެރިކަމަކީ ނުވަތަ މޮޅު ދިރިއުޅުމަކީ މަޝްހޫރުވުމުވެ. އެހެންކަމުން، ޙަޔާތުގެ އެތައް ވަޤުތެއް ތިމާފަދަ ނިކަމެތި އިންސާނުންގެ ތަރުހީބާއި އެމީހުންގެ ތާއީދު ލިބޭތޯ ހޭދާކުރާ މީހުން މަދެއް ނޫނެވެ. ތަފާތު ދާއިރާތަކުންނެވެ. ޙަޤީޤަތުގައިވެސް މިބައިމީހުންނަކީ ޚާލިޤުވަންތަ މާތް ﷲގެ އަޅުވެތިކަން ދޫކޮށް، މީސްތަކުންނަށް އަޅުކަންކުރާ ބައެކެވެ.

އަދި އަނެއްބަޔަކު ދެކޭގޮތުގައި ބާއްޖަވެރިކަމާއި މޮޅުކަން ވަނީ ވަކި ފަންނެއްގައެވެ. އެގޮތުން ފިލްމީ ދާއިރާއާއި ލަވަކިޔުމާއި މިހެންގޮސް ތަފާތު ދާއިރާތައް ޚިޔާރުކުރެއެވެ. އަދި އެކަމުގައި ތިމާގެ ޙަޔާތް ފަނާކޮށް ހަލާކުކޮށްލައެވެ. ޙަޤީޤީ ބާއްޖަވެރިކަމާއި ދުރަށްދެވޭކަން މިބައިމީހުންނަށް ވަނީ އޮޅިފައެވެ.

އެހެންކަމުން، މިބާއްޖަވެރިކަމުގެ ހަޤީޤީ މަގަކީ ކޮބައިތޯއެވެ؟… އެ ލިބެނީ ކޮންތަނަކުންތޯއެވެ؟… ބާއްޖަވެރިކަމާއިގެން ވަޑައިގެންނެވީ ކާކުތޯއެވެ؟… އަދި އިންސާނުންގެ ހިތްތަކަށް އެ ބާއްޖަވެރިކަން ވެއްދީ ކާކުތޯއެވެ؟… ޝައްކެއްނެތް ގޮތުގައި، އެބޭކަލަކީ ކައުއިތުރު ނަބިއްޔާ މުޙަންމަދު އަލްމުޞްޠަފާ صلى الله عليه وسلمއެވެ. މާތް ﷲގެ ޙަޟްރަތުން އެކަލޭގެފާނު ވަޑައިގަތީ މިބާއްޖަވެރިކަމުގެ މަގު އިންސީންނާއި ޖިންނީންނަށް ދެއްކެވުމަށެވެ. ޢާލަމްތަކަށް ރަޙްމަތެއްގެ ގޮތުންނެވެ.

ބާއްޖަވެރިކަމީ، އީމާންކަމާއި ހެޔޮ ޞާލިޙު ޢަމަލުތަކެވެ.

ޔޫނުސް ބުނު މައްތާ عليه السلامއަށް ބާއްޖަވެރިކަން ލިބުނެވެ. ބޮޑު މަހުގެ ބަނޑުތެރޭގައި، އަނދިރީގެ މައްޗަށް އަނދިރިކަން ވެރިވެފައިވީއިރު، އެކަމުން މާތް ﷲ އެކަލޭގެފާނު ސަލާމަތްކުރެއްވިއެވެ. އަދި ބާއްޖަވެރިކަމާއި ނަސީބުވެރިކަން ދެއްވިއެވެ. ކީއްވެތޯއެވެ؟ މާތް ﷲ ގެ ޒިކުރު ކުރުން މަތީގައި އެކަލޭގެފާނު ދެމިހުންނެވީތީއެވެ. މަހުގެ ބަނޑުތެރޭގައެވެ. ހުރިހާ ގުޅުމެއް ކެނޑިފައިވީ ހިނދުވެސް، ﷲ އާއި އެކަލޭގެފާނާއި ދެމެދުގައިވީ ގުޅުމެއް ނުކެނޑެއެވެ. އެހެންކަމުން، މާތް ﷲ ޤުރުއާނުގައި އެވާހަކަ ބަޔާންކުރެއްވިއެވެ. އަންނަނިވި ކަލިމަތަކުން – ޛިކުރުން – އެކަލޭގެފާނު ބާއްޖަވެރިކަން ހޯއްދެއްވިއެވެ.

﴿وَذَا النُّونِ إِذ ذَّهَبَ مُغَاضِبًا فَظَنَّ أَن لَّن نَّقْدِرَ عَلَيْهِ فَنَادَىٰ فِي الظُّلُمَاتِ أَن لَّا إِلَٰهَ إِلَّا أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِينَ﴾ [الأنبياء : 87]

މާނައީ: “އަދި ذوالنّون (އެބަހީ: ޔޫނުސްގެފާނު)ހަނދުމަކުރާށެވެ! އެކަލޭގެފާނު (ޤައުމުގެ މީހުންދެކެ) ކޯފާވެގެން ވަޑައިގަތް ހިނދެވެ.ފަހެ، އެކަލޭގެފާނަށް ތިމަންރަސްކަލާނގެ ޢުޤޫބާތެއް ނުދެއްވާނެކަމަށްހީކުރެއްވިއެވެ. ފަހެ، އެކަލޭގެފާނު އަނދިރިތަކުގެ ތެރޭގައި (އެބަހީ: މަހުގެ ބަނޑުގައި)ދުޢާކުރެއްވިއެވެ. އިބަރަސްކަލާނގެ މެނުވީ، އިލާހަކު ނެތެވެ. އިބަރަސްކަލާނގެހުސް ޠާހިރުވަންތަކަމާއެވެ! ހަމަކަށަވަރުން، އަނިޔާވެރިންގެ ތެރެއިން މިއަޅާވީމެވެ.”

އަދި ބާއްޖަވެރިކަން މޫސާ عليه السلامވެސް ހޯއްދެވިއެވެ. އެއީ ބިޔަ ކަނޑެއްގެ ކުރިމަތީގައި އެކަލޭގެފާނުވީހިނދުއެވެ. ފިރުޢައުނާއި އޭނާގެ ލަޝްކަރު މޫސާގެފާނާއި އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ފަހަތުން އައިސް އަރާ ހަމަކުރި ހިނދެއެވެ. އެހެން އެއްވެސް ގޮތެއް ނެތުނު ހިނދެވެ. ނަމަވެސް އެކަލޭގެފާނަކީ ބާއްޖަވެރިއެއްކަމުގައި މާތް ﷲ ލެއްވިއެވެ. މާތް ﷲގެ ވަޢުދުފުޅާމެދު ފުރިހަމަ ޔަޤީންކަން އެކަލޭގެފާނަށް އޮންނެވިއެވެ. އެވަޤުތު ވިދާޅުވިއެވެ.

﴿قَالَ كَلَّا ۖ إِنَّ مَعِيَ رَبِّي سَيَهْدِينِ﴾ [الشعراء: 62]

މާނައީ: “އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަހިލާއެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، ތިމަންގެ ވެރިރަސްކަލާނގެ ތިމަންނާއާއެކު ވޮޑިގެންވެއެވެ. އެކަލާނގެ ތިމަންނާއަށް މަގުދައްކަވާނެތެވެ.”

އަދި ބާއްޖަވެރިކަން އަޅަމެން މާތް ނަބިއްޔާ މުޙަންމަދު صلى الله عليه وسلمވެސް ހޯއްދެއްވިއެވެ. އެއީ އެކަލޭގެފާނުގެ ކުރިފުޅުމަތީގައި މައްކާގެ މުޝްރިކުން ކަނޑިހިފައިގެން ތިބި ވަޤުތެވެ. ހޮހޮޅައި ދޮރުމަތީގައެވެ. ނަމަވެސް، އެއީ ބިންމަތީގައި ލެއްވުނު އެންމެ މާތް އިންސާނާއެވެ. އެވަޤުތު ކޮޅުގެ ޛިކުރު ކީރިތި ޤުރުއާނުގައި މާތް ﷲ ކުރައްވާފައިވެއެވެ.

﴿إِلَّا تَنصُرُوهُ فَقَدْ نَصَرَهُ اللَّهُ إِذْ أَخْرَجَهُ الَّذِينَ كَفَرُوا ثَانِيَ اثْنَيْنِ إِذْ هُمَا فِي الْغَارِ إِذْ يَقُولُ لِصَاحِبِهِ لَا تَحْزَنْ إِنَّ اللَّهَ مَعَنَا ۖ فَأَنزَلَ اللَّهُ سَكِينَتَهُ عَلَيْهِ وَأَيَّدَهُ بِجُنُودٍ لَّمْ تَرَوْهَا﴾[التوبة: 40]

މާނައީ: “ތިޔަބައިމީހުން އެކަލޭގެފާނަށް ނަޞްރުނުދިނަސް، ހަމަކަށަވަރުން، ﷲ، އެކަލޭގެފާނަށް ނަޞްރުދެއްވިއެވެ. ދެމީހުންކުރެ އެކަކު ކަމުގައިވާ ހާލު، ކާފިރުވިމީހުން، އެކަލޭގެފާނު ނެރެލިހިނދުގައެވެ. އޭގެ ދެކަލުން (ثَورފަރުބަދައިގެ)ހޮހަޅައިގައި ތިއްބެވި ހިނދުގައެވެ. އެކަލޭގެފާނުގެ އެކުވެރިޔާއަށް (އެބަހީ؛ އަބޫ ބަކުރުގެ ފާނަށް)، ހިތާމަނުކުރައްވާށޭ، ހަމަކަށަވަރުން، ﷲވޮޑިގެންވަނީ، ތިމަންމެންނާ އެކުގައޭވިދާޅުވިހިނދުގައެވެ. އެހިނދު އެކަލޭގެފާނަށް ހިތްޕުޅު ހަމަޖެހުމާއި، އަމާންކަންﷲ ބާވައިލެއްވިއެވެ. އަދި ތިޔަބައިމީހުންނަށް ނުފެންނަ ލަޝްކަރުތަކަކުންއެކަލޭގެފާނަށް އެކަލާނގެ ގަދަކަން ދެއްވިއެވެ”.

އަދި ޝައިޚުލްއިސްލާމް އިބްނު ތައިމިއްޔާ رحمه اللهވެސް މި ބާއްޖަވެރިކަން ޙާޞިލްކުރެއްވިއެވެ. އެއީ އެކަލޭގެފާނު ޖަލުގެ ކުޑަ އަނދިރި ގޮޅިއަށް ވެއްދުނު ވަޤުތުއެވެ. އެވަޤުތުކޮޅު މިއާޔަތް ވިދާޅުވަމުން ގެންދެވިއެވެ.

﴿فَضُرِبَ بَيْنَهُم بِسُورٍ لَّهُ بَابٌ بَاطِنُهُ فِيهِ الرَّحْمَةُ وَظَاهِرُهُ مِن قِبَلِهِ الْعَذَابُ﴾[الحديد : 13]

މާނައީ: “ފަހެ، އެ އުރެންގެ މެދުގައި ފާރެއް ލައްވާނެތެވެ. އެ ފާރުގައި ދޮރެއްވެއެވެ. އޭގެއެތެރެފުށުގައިވަނީ ރަޙްމަތެވެ. އަދި އޭގެ ބޭރުފުށުން އަނެއްފަރާތުގައިވަނީ ޢަޛާބެވެ.”

އަދި ޖަލުގެ ބޭރުގައި ތިބި މީހުންނާއި މުޚާޠަބުކޮށް އެކަލޭގެފާނު ވިދާޅުވިއެވެ.

“އަހުރެންނާ މެދު ދުޝްމަނުން ކުރާނެ އެއްވެސް ކަމެއް ނެތެވެ! އެހެނީ، އަހުރެންގެ ބަޤީޗާ އާއި ބުސްތާނު ވަނީ އަހުރެންގެ ހިތުގައެވެ. އަހުރެން ދާ ކޮންމެތަނަކަށް އެއެއްޗެހި ދާނެއެވެ… އަހުރެން މަރާލިނަމަ، ޝަހީދަކަށްވީއެވެ… އަދި ޤައުމުން ނެރެލިނަމަ އެއީ ފަތުރުވެރިކަމެކެވެ… އަދި ޖަލަށްލުމަކީ މާތްﷲ އަށް މުނާޖާކުރުމަށް މީހުންނާއި އެކަހެރިވެވޭ ޚިލުވަތެކެވެ…”

ބާއްޖަވެރިކަމަކީ އެއީއެވެ. އަދި އޭގެ ތެރެއިން ބައެއް ބާއްޖަވެރިންގެ ޙާލުހުރިގޮތުގެ ނަމޫނާތަކެކެވެ. އެހެންކަމުން، ބާއްޖަވެރިކަމަކީ ހެޔޮ ޞާލިޙު ޢަމަލުން ނޫނީ ނުލިބޭނެ އެއްޗެކެވެ. އެމަގާއިގެން ފޮނުއްވުނީ އުއްމަތުގެ މާތް ނަބިއްޔާ މުޙަންމަދު صلىاللهعليهوسلمއެވެ.

އެހެންކަމުން، ދަންނާށެވެ…! އީމާންކަމާއި ނުލާއި ގަނޑުވަރުތަކުގައި ނިދާ މީހުންނަށް މާތް ﷲ ލިޔުއްވާފައިވަނީ މިފަދައިންނެވެ.

﴿…فَإِنَّ لَهُ مَعِيشَةً ضَنكًا…﴾[سورة طه 124]

މާނައީ: “… ފަހެ، ހަމަކަށަވަރުން، އެމީހަކަށްއޮތީ، ދަތި ދިރިއުޅުމެކެވެ…”

އަދި އީމާންކަމާއި ނުލައި މުދަލާއި ފައިސާ ޖަމާކުރި މީހުންގެ ނިމުން، މާތް ﷲ ކުރައްވާފައިވަނީ މިފަދައިންނެވެ.

﴿…فَإِنَّ لَهُ مَعِيشَةً ضَنكًا…﴾[سورة طه 124]

މާނައީ: “… ފަހެ، ހަމަކަށަވަރުން، އެމީހަކަށްއޮތީ، ދަތި ދިރިއުޅުމެކެވެ…”

އަދި އީމާންކަމާއި ނުލާ ދުނިޔޭގެ ލައްޒަތާއި މަންސަބު ހޯދި މީހުންގެ ނިމުން، މާތް ﷲ ލައްވާފައިވަނީވެސް މިފަދައިންނެވެ.

﴿…فَإِنَّ لَهُ مَعِيشَةً ضَنكًا…﴾[سورة طه 124]

މާނައީ: “… ފަހެ، ހަމަކަށަވަރުން، އެމީހަކަށްއޮތީ، ދަތި ދިރިއުޅުމެކެވެ…”

އޭ ބާއްޖެވެރިކަމަށް އެދޭ މީހުންނެވެ…! އޭ ބާއްޖަވެރިކަމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާ މީހުންނޭވެ…! އޭ ދެމިގެންވާ ދާއިމީ ބާއްޖަވެރިކަމަށް އެދޭ މީހުންނެވެ…! ސުވަރުގެތަކާއި ކޯރުތަކަށް އެދޭ މީހުންނެވެ…! މުޙަންމަދު صلى الله عليه وسلم ގެނެސްދެއްވި އެއްޗެއްނަމަ އެ އެއްޗެއްގައި ހިފައިގެން މެނުވީ އެކަމެއް ޙާޞިލެއް ނުކުރެވޭނެއެވެ.