[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤުރުއާނުގެ އަލީގައި ދަރިން ތަރުބިއްޔަތު ކުރުން 1

الحمد لله رب العالمين، والصلاة والسلام على سيد المرسلين، وعلى آله وصحبه أجمعين أما بعد:

އިސްލާމީ މުޖުތަމަޢުތަކުގައި ތަފާތު ގިނަގުނަ ވަބާތަކާއި އިޖުތިމާޢީ ބަލިމަޑުކަން މިހާރު ފެތުރިފައިވަނީ މިއިން ޒަމާނަކު ވެސް އެކަންކަން ފެތުރިފައި ނެތް ހިސާބަށެވެ. އަޅުގަނޑުމެންގެ ކުޑަކުޑަ ރާއްޖެވެސް މިކަމުން އިސްތިސްނާ ވެގެނެއް ނުވެއެވެ. ޢާންމު ވަމުން މިދާ އިޖުތިމާޢީ ބަލިމަޑުކަމުގެ ތެރޭގައި ހިމެނޭ އެންމެ ހިތާމަވެރި އެއް ކަމަކީ ދަރިން ތަރުބިޔަތު ކުރުމުގައި އިހުމާލުވެވި ފަރުވާ ކުޑަ ކުރެވުމެވެ. ނަތީޖާއެއްގެ ގޮތުން، އަލަށް އުފެދޭ އިސްލާމީ ޖީލުތައް ފެންނަނީ މުޅިން ފަސާދަވެފައި ވަނިކޮށެވެ. އަޅުގަނޑުމެންގެ ޒުވާނުންވަނީ ހަލާކުގެ ވަޅުގަނޑުގެ ތުންމައްޗަށް ހުރަހޮޅިފައެވެ. ނުވަތަ އެ ވަޅަށް އެކޮޅުކޮޅުން ވެއްޓިފައެވެ.

ތިމާއަށްޓަކައި ޤުރުބާނީތަކެއްވެ، ތިމާ ބަލައިބޮޑުކުރި މައިންބަފައިންނަށް ނުކިޔަމަންތެރިވުމާއި، މަސްތުވާތަކެތީގެ ބިރުވެރި މަޅިއާ ދިމާޔަށް ހިނގާ ގޮސް އެމަޅީގައި މެހިގަތުމާއި، ބޮޑެތި މަރާމާރީއާއި، ބަދުއަޚުލާޤީ ޢަމަލުތަކަށް އަރައިގަތުމާއި، ރަޙިމާއި ގާތްތިމާގެކަމުގެ ގުޅުން ކަނޑައިގެން އުޅުމާއި، މިހިރަ މިހިރަ ޒާތުގެ އެތަކެއް ފަސާދައެއް ވަނީ އުންމަތުގެ ޙާލާމެދު ވިސްނައި ފިކުރުކުރާ ބަޔަކު ލޭކަރުނަ އަޅާންޖެހޭ ވަރަށް ޢާންމުވެފައެވެ.

އަޅުގަނޑުމެންގެ މުޖުތަމަޢު ކައި ހުސް ކުރާން ދިމާކޮށްގަނެގެން އުޅޭ މިދެންނެވި ޒާތުގެ ނުބައި ވަބާތަކާ ދެކޮޅަށް އަވަސް ފިޔަވަޅުތަކެއް އަޅާ، އެވަބާތަކަށް އެކަށޭނަ ޙައްލެއް ބޭނުންވެފައިވަނީ އިންތިހާ ދަރަޖައަށެވެ. މިދަނޑިވަޅުގައި އެންމެ ފުރަތަމަ ކުރަންޖެހޭ ސުވާލަކީ، އަޅުގަނޑުމެންގެ މައްސަލަތަކުގެ ޙަޤީޤީ ޙައްލު އޮތީ ކޮންތާކުތޯ، މިސުވާލެވެ. އަޅުގަނޑުމެންނަށް ޖެހިގެން އުޅޭ އަޚްލާޤީ، އަދި އިޖުތިމާޢީ އެތައް ކެންސަރެއްގެ ފަރުވާ ވަނީ ކޮން ބޭހެއްގައިތޯއެވެ؟ އެ ބޭސް ބޭނުން ކުރަންޖެހޭ އުޞޫލުތަކާއި މިންގަނޑުތަކަކީ ކޮބައިތޯއެވެ؟

މިނިވަން ވިސްނުމަކުން، ހެޔޮކަމުގެ ތަރަހައިގެ މަތީގައި ވިސްނާލައިފި ކޮންމެ މީހަކަށްވެސް ފެންނާނޭ ޙަޤީޤަތަކީ، އަޅުގަނޑުމެން މިހޯދާ ޙައްލު، އަޅުގަނޑުމެން ބޭނުންވެގެން މިއުޅޭ ފަރުވާ އޮތީ މަތިވެރިވަންތަ މާތް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކީރިތި ކަލާމްފުޅުގައި ކަމެވެ. ކިތާބުއްﷲ، ޤުރްއާން ކަރީމުގައި ކަމެވެ. އެ މަތިވެރި ފޮތާ މެދު އަޅުގަނޑުމެން ޙައްޤު ގޮތުގައި ވިސްނައި ފިކުރު ކޮށްލައިފި ނަމަ، އަޅުގަނޑުމެންގެ ހުރިހާ މައްސަލަތަކެއްގެ ޙައްލު އެ ފޮތުގެ ކީރިތި ތަޢުލީމުގެ ތެރެއިން ފެންނާނޭ ކަމާމެދު ޝައްކެއް ނެތެވެ.

ﷲ ސުބުޙާނަހޫ ވަ ތަޢާލާ ޚަލްޤު ކުރެއްވި މަޚްލޫޤުންގެ ކަންތައްތައް އެންމެ ފުރިހަމައަށް ދެނެވޮޑިގެން ވާނީ އެއިލާހެވެ. އެބައިމީހުންނަށް އެންމެ މަޞްލަޙަތުހުރި ގޮތްތައް އެންމެ މޮޅަށް ދެނެވޮޑިގެން ވާނީ އެއިލާހެވެ. އެމަޚްލޫޤުންނަށް ރިވެތި، ރަނގަޅު ތަރުބިޔަތެއް ދެވޭނެ އެންމެ މޮޅު ގޮތްތަކަކީ ކޮބައިކަންވެސް އެންމެ ފުރިހަމަޔަށް ދެނެވޮޑިގެން ވާނީ އެއިލާހެވެ. މިއީ ބުއްދީގެ ބޭނުން ކުރާ ކޮންމެ މީހަކުމެ ޤަބޫލުކުރާންޖެހޭ ޙަޤީޤަތެވެ.

ވީއިރު، އެއިލާހުގެ އަމުރުފުޅުތަކާއި އުނގަންނައިދެއްވުންތައް އެއްކިބާކޮށްފައި، އިންސާނުންގެ ތެރެއިން ބަޔަކު އެއުރެންގެ މަޙުދޫދުވެގެންވީ ޢިލްމުގެ ތެރެއިން ނެރެފައި ހުންނަ، އެއް ތިއަރީ އަނެއް ތިއަރީއާ ފިސާރި ބާރަށް މުޑި އަރައި ފުށުއަރާ، ތިއަރީތަކެއްގެ ތެރެއިން ތިއަރީއަކަށް އަޅުގަނޑުމެން އެންމެ ބޮޑު އިސްކަމެއް ދޭ ދިނުމަކީ ހައިރާނުން ހައިރާން، އަޖައިބުން އަޖައިބު ވާން ޖެހޭ ކަމެއް ނޫން ބާވައެވެ!

އޮޅުމެއް ނެތެވެ. ތުއްތު ކުއްޖެއްގެ ގޮތުގައި އިންސާނާ ދުނިޔެއަށް އުފަންވުމަށް ފަހު، ފުރާފުރިހަމަ މުކައްލަފަކަށް އޭނާ ވެއްޖައުމަށް ދާންދެން އެންމެ ފުރިހަމަ ގޮތުގައި އޭނާ ތަރުބިއްޔަތު ކުރާނޭ ގޮތް ﷲގެ ޝަރީޢަތުގައި ވާނެއެވެ. އެޝަރީޢަތުގެ ގިއުގަނޑުގެ ތެރޭގައި ދުނިޔެ ދުށް އެންމެ މަތިވެރި އިންސާނުންވަނީ ތަރުބިޔަތު ކުރެވިފައެވެ. އިންސާނިއްޔަތު ދުށް އެންމެ ޒާހިދު، އެންމެ ތަވާޟުޢުވެރި، އެންމެ ޚުލްޤުހެޔޮ، އެންމެ އިންސާނީވަންތަ، އެންމެ ހިތްހެޔޮ، އެންމެ ހީވާގި، އެންމެ އުފެއްދުންތެރި، އެންމެ ހިތްވަރުގަދަ، އެންމެ ޢަޒުމު ވަރުގަދަ މީހުންނަކީ އެޝަރީޢަތުގެ ތަރްބަވީ ފެނުން ފެން ބުއި މީހުންނެވެ. އަބޫބަކުރާއި ޢުމަރުން ފެށިގެން ޢުމަރު ބިން ޢަބްދުލްޢަޒީޒާ ހަމަޔަށް، އައްޝާފިޢީ އާ ހަމައިން ފެށިގެން އިބުނު ތައިމިއްޔާއާ ހަމަޔަށް، ޚާލިދު ބުނުލް ވަލީދާ ހަމައިން ފެށިގެން ނޫރުއްދީން ޒަންގީ އާއި ޞަލާޙުއްދީނުލް އައްޔޫބީއާ ހަމަޔަށް، ބަލައިލުމުން މި ދެންނެވި ބަހުގެ އަލިގަދަ ހެކި ފެނެއެވެ.

ހެޔޮ ލަފާ ދަރިންތަކެއް ތަރުބިޔަތު ކުރުމަކީ ހެޔޮލަފާ މުޖުތަމަޢެއްގެ ދޮރޯށްޓެވެ. މި ދެ ކަމީ ގުޅި ލާމެހިފައިވާ ދެ ކަމެވެ. އެހެންކަމުން، މިލިޔުމުގެ މައިގަނޑު ފަށައިގަތުމުގެ ކުރިން، ‘ތަރުބިޔަތު’ މި ލަފުޒުގެ މަފްހޫމާއި، ޖުމްލަ ގޮތެއްގައި ތަރުބިޔަތުގެ މުހިއްމުކަމާއި، ޚާއްޞަކޮށް ދަރިން ތަރުބިޔަތު ކުރުމުގެ މުހިއްމުކަމާއި، ދަރިން ތަރުބިޔަތު ކުރުމުގައި އިހުމާލުވެ ފަރުވާ ކުޑަ ކުރެވުމުގެ ނަތީޖާއާ ބެހޭގޮތުން، މާތް ﷲގެ ތައުފީޤާއެކު، އެއްޗެއް ދަންނަވާލެވޭތޯ އަޅުގަނޑު މަސައްކަތް ކުރާނަމެވެ.

‘ތަރުބިޔަތު’ ގެ މަފްހޫމު

‘ތަރުބިޔަތު’ ނުވަތަ ‘ތަރުބިއްޔަތު’ މި ލަފުޒަކީ އަޞްލުގައި ޢަރަބި ލަފުޒެކެވެ. ނަމަވެސް މި ލަފުޒު ވަނީ ވަރަށް އިހުއްސުރެ، ދިވެހި ވެފައެވެ. އެހެންކަމުން އަޅުގަނޑުމެންގެ ބަހުގައި ވެސް، މި ލަފުޒު ދަނީ ޢަރަބި ބަހުގައި ބޭނުން ކުރެވޭ މާނަ އާއި މަފުހޫމުގައި، ބޭނުން ކުރެވެމުންނެވެ.

ޢަރަބި ބަހުގައި، ‘ތަރުބިއްޔަތު’ ގެ މާނައަކީ، އެއްޗެއް އެ އެއްޗެއްގެ އެންމެ ފުރަތަމަ މަރުހަލާއިން ފެށިގެން ފުރިހަމަ ޢިނާޔަތްތެރިކަން ދީގެން ބަލައި ބޮޑުކުރުމެވެ. މިއީ ދިވެހި ބަހުގައިވެސް ތަރުބިޔަތު މާނަ ކުރެވިފައިވާ ގޮތެވެ.

ދިވެހި ރަދީފުގައި ތަރުބިޔަތު މާނަކޮށްފައިވާގޮތް މިތަނުގައި ނަކަލުކޮށްލާނަމެވެ.

ތަރުބިޔަތު:

1- ރަނގަޅު ގޮތްތަކަށް ހާނުވައި ބޮޑުކުރާ ބޮޑު ކުރުން.

2- އަށަގެންފައިވާ ރީތި އަޚްލާޤާއި މާތް ސިފަތައް.

3- ގެންގުޅެ ބޮޑުކުރާ ގޮތް.

(ނުނިމޭ)

މިލިޔުމުގެ އެހެންބައިތައް