[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سورة الهمزة ގެ ތަފްޞީރު – 2

(يَحْسَبُ أَنَّ مَالَهُ أَخْلَدَهُ )

މާނަ : ”  ހަމަކަށަވަރުން، އޭނާގެ މުދާ އޭނާ ދަމަހައްޓާނެކަމަށް އޭނާ ހީކުރެތެވެ.

އެބަހީ : އޭނާގެ މި މުދާ އޭނާ ދުނިޔޭގައި ދާއިމީ ގޮތެއްގައި ލަހައްޓައިދޭނޭކަމަށް އޭނާ ހީކުރެއެވެ. އެއީ އޭނާގެ ޖިސްމާނީ ހަށިގަނޑު ކަމުގައި ވިޔަސް ނުވަތަ އޭނާގެ ޒިކުރާ ކަމުގައި ވިޔަސްމެއެވެ.

އޭނާގެ ޒިކުރާ ދަމަހައްޓާއިދޭނޭކަމުގައި ނުވަތަ އޭނާގެ އުމުރު ދިގުކޮށްދޭނޭ ކަމުގައި އޭނާ ހީކުރެއެވެ. ނަމަވެސް ކަންތައް އޮތީ އެފަދައަކުން ނޫނެވެ. ފަހެ ހަމަކަށަވަރުން މުދަލުގެ އަހުލުވެރި މުއްސަދިން، އެމީހުންނަކީ ދުނިޔެމަތީގައި ދީލަތި، މުދާ ހޭދަކުރާ ބައެއްކަމުގައި ނުވާނަމަ ، އެމީހުންގެ ނަން މީސްތަކުންގެ ތެރޭގައި ޒިކުރު ކުރެވޭނީ ނުބައި ގޮތުގައެވެ. މިވެނި މީހަކު ފެނިގެންދިޔައީ ދަހި މީހެއްގެ ގޮތުގައޭ ކިޔައި މަޖިލިސްތަކުގައި އެފަދަމީހުންނަށް ޢައިބު ކިޔޭނެތެވެ. އެހެންކަމުން ﷲ ތަޢާލާ ވަހީކުރައްވާފައި މިވަނީ

(كَلَّا ۖ لَيُنبَذَنَّ فِي الْحُطَمَةِ )

މާނަ : ” ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ފުނޑުފުޑުކޮށްލަނިވި ނަރަކަޔަށް އޭނާ އެއްލައިލައްވާނެކަން ކަށަވަރެވެ. .

(كَلَّا ) މި ލަފްޒަށް ޢިލްމުވެރި ދެއްވާފައިވާ ނަމަކީ ހަރްފު ރަދްޢު އެވެ. އެބަހީ އެ ލަފްޒުން އެނގިގެންދަނީ އެ ބަސްބުނި މީހާ ނުވަތަ ( އޭނާގެ މުދާ އޭނާ ދަމަހައްޓައިދޭނެކަމަށް ) އެ ހީކުރި މީހާއަށް އެއްވެސް ކާމިޔާބެއް ނުވަތަ ކުރިއެރުމެއް ނުވާކަމެވެ. އެފަދައިން އެކަން ނުވާނެކަން އަންގައި ދިނުމެވެ. ނުވަތަ (كَلَّا ) ގެ މާނައިކީ ( حَقاًّ ) ކަމުގައިވެސް ބެލެވިދާނެއެވެ. މާނައަކީ ހަޤީޤަތުގައިވެސް އޭނާ ނަރަކައަށް އެއްލާލެވޭނެއެވެ. މި ބަޔާންކުރެވުނު ދެ މާނަވެސް ރަނގަޅެވެ. އެހެނީ އޭނާގެ މުދަލެއް އޭނާ ދުނިޔޭގައި ނުދަމަހައްޓާނެތެވެ. އަދި ޒިކުރާވެސް މެއެވެ. އޭނާ ﷲ ތަޢާލާ ވާޖިބު ކުރެއްވިގޮތައް އެ މުދާ ހޭދަނުކުރުމުގެ ސަބަބުން ފަހަރެއްގައި މީސްތަކުން އޭނާގެ ނަން ނުބައިގޮތުގައި ޒިކުރުކޮށްފާނެއެވެ.

(لَيُنبَذَنَّ فِي الْحُطَمَةِ )މިތާންގައި މިވާ (ل ) ގެނެވިފައި އެވަނީ ހުވާގެ ބަސްފުޅުގެ ޖަވާބުގައެވެ. ހުވާގެ ބަސްފުޅުގެ ތަޤްދީރަކީ(ޖުމްލައިގައި ފޮރުވިފައިވާ ލަފުޒަކީ) (وَاللهِ ) އެވެ. އޭގެ ޖަވާބަކީ (لَيُنبَذَنَّ فِي الْحُطَمَةِ ) އެވެ. މާނައަކީ  وَاللهِ لَيُنبَذَنَّ فِي الْحُطَمَةِ (ﷲ ގަންދެއްވަމެވެ. ހަމަކަށަވަރުން އޭނާ ނަރަކައަށް އެއްލާލެވޭނެއެވެ. )  މިފަދައިންނެވެ. މި ޖުމްލައިގައި މިބަޔާންކުރެވުނު (ل ) ގެނެވިފައި އެވަނީ ޖާވާބުލް ޤަސަމް (ހުވާގެ ބަސްފުޅުގެ ޖަވާބު ) ގައި ކަމަށްވުމުން އެބަސްފުޅު އެ لام ގެ ސަބަބުން ބާރުގަދަވެގެން ދެއެވެ. އަދި لَيُنبَذَنَّ ގެ ފަހަތުގައި މިވާ (ن) ނޫނު އައްތައުކީދު ގެ ސަބަބުންވެސް އެ ޖުމްލައިގެ ބާރުގަދަވެގެން ދެއެވެ. އަދި ހަޒްފް ކުރެވިފައިވާ ( ލިޔުމުގައި ޒިކުރުކުރެވިފައި ނުވާ ) ހުވާގެ ބަސްފުޅުގެ ސަބަބުންވެސް އެބަސްފުޅުގެ ބާރުގަދަވެގެން ދެއެވެ. ހުވާގެ ބަސްފުޅުންނާއި ، لام އާއި ” ن ” التأكيد ގެ ސަބަބުން ބާރުގަދަ ކުރެވިފައިވާ މިޘާލުތައް ފެންނަންހުރި އާޔަތްތައް ކީރިތިޤުރުއާންގައި ވަރށްގިނައިން ޒިކުރުކުރެވިފައި ވެއެވެ. ﷲ ތަޢާލާ އެއްޗެއް ގަންދެއްވައި ބަސްފުޅު ވަހީކުރައްވަނީ އެއެއްޗެއްގެ ބާރުގަދަކުރެއްވުމަށްޓަކައެވެ. ނުވަތަ އެ ބަސްފުޅަކަށް އިތުރު ބާރެއް ދެއްވުމަށްޓަކައެވެ. އަދި އެއެއްޗެއްގެ މަތިވެރިކަމަށްޓަކައެވެ.

އެއިލާހުގެ މިބަސްފުޅު (لَيُنبَذَنَّ ) ( ހަމަކަށަވަރުން އެއްލާލެވޭނެއެވެ. ) އެއްލާލެވޭނީ އެމުދަލުގެ ވެރި މީހާހެއްޔެވެ؟ ނުވަތަ އޭނާގެ މުދާ ހެއްޔެވެ؟ ޖަވާބަކީ އެ މުދަލުގެ ވެރިމީހާއާއި އެ މުދާވެސް ނަރަކައަށް އެއްލާލެވޭނެއެވެ. އެ މުދަލުގެ ވެރިމީހާ ދަންނާށެވެ. އޭނާއާއި ބެހޭގޮތުން އެހެން އާޔަތެއްގައި ﷲ ތަޢާލާ ވަހީކުރައްވާފައި ވެއެވެ.

(يَوْمَ يُدَعُّونَ إِلَىٰ نَارِ‌ جَهَنَّمَ دَعًّا ) –سورة الطور 13 –

މާނަ: ” އެދުވަހު ނަރަކައިގެ އަލިފާނުގެ ތެރެޔަށް އެއުރެން ކޮއްޕައި ވައްޓައިލައްވާނެތެވެ. “ .

މިއާޔަތުގައި މިވަނީ ކޮއްޕައި ވައްޓައިލެވޭނެ ވާހަކައެވެ. އަނެއް އާޔަތުގައި އެވަނީ ( يُنبَذَ ) އެވެ. އެބަހީ الْحُطَمَةِ އަށް އެއްލާލެވޭނެއެވެ. الْحُطَمَةِ އަކީ އެތަނެއްގައި މީހާ ނިކަމެތިކޮށް ފުނޑުފުނޑުކޮށްލެވޭ ތަނެވެ.

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި ވެއެވެ.

(وَمَا أَدْرَ‌اكَ مَا الْحُطَمَةُ ﴿٥﴾ )

( އަދި ފުނޑުފުނޑު ކޮށްލަނިވި ނަރަކައަކީ ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއް ހެއްޔެވެ. )

މި އާޔަތުގައި ގެނެވިފައިމިވާ ޞީޣާއަކީ ތަޢުޡީމުގެ ގޮތުން ނުވަތަ މަތިވެރިކުރުމުގެ ޞީޣާ އެކެވެ.

نَارُ‌ اللَّـهِ الْمُوقَدَةُ ﴿٦﴾ ( اللَّه ގެ އަނދައަނދާ ހުންނަ ނަރަކަޔެވެ. ) .

މި އާޔަތުގައި މިވަނީ ކުރީ އާޔަތުގައި އައިސްފައިވާ ޞީޣާގެ ޖަވާބެވެ. އެބަހީ: އެއީ ﷲގެ އަނދަ އަނދާ ހުންނަ ނަރަކަޔެވެ. މިތަނުގައި ނަރަކައަކީ ﷲގެ ނަރަކައިގެ ގޮތުގައި އެއިލާހުގެ ނަފްސުފުޅަށް ނަރަކަ ނިސްބަތްކުރައްވާފައި އެވަނީ އެނަރަކައިގެ އަލިފާނުން އެ އަޒާބު ހައްޤުވާ މީހުންނަށް ޢަޒާބު ދެއްވަނީ އެއިލާހެވެ. އެއީ ޢަދުލުވެރި ޢުޤޫބާތެވެ. އަނިޔާވެރިކަމާއެކު ބޭއިންސާފުން ދެވޭ ޢުޤޫބާތެއްނޫނެވެ. އެބަހީ ޢަޒާބު ހައްޤުވެގެންވާ މީސްތަކުން އެނަރަކައިގެ އަލިފާނުން އަންދަވަނީ ﷲ ތަޢާލާއެވެ. އެހެންކަމުން އެއީ ޢަދުލުވެރިކަމުގެ އަލިފާނެވެ. އެއީ ބޭއިންސާފުގެ އަލިފާނެއްނޫނެވެ. އެހެނީ އަލިފާނުން އެންދުމަކީ އެއްބައިފަހަރު ޢަދުލުވެރި ޢަޒާބަކަށްވެސް ވެދާނެއެވެ. ފަހަރެއްގައި އަނިޔާވެރިކަމުގެ(ބޭއިންސާފުގެ) ޢަޒާބެއްކަމަށްވެސް ވެދާނެއެވެ. ޝައްކެއްވެސް ނެއްގޮތުގައި ކާފަރުވީމީސްތަކުންނަށް ނަރަކައިގެ އަލިފާނުން ޢަޒާބުދެއްވުމަކީ ޢަދުލުވެރިކަމެވެ. އަދި އެފަދައިން ޢަޒާބުދެއްވުމުން ﷲ ތަޢާލާއަށް ޘަނާލިބިގެންވެއެވެ. އެހެނީ އެ ކާފަރުން ކޮށްއުޅުނު ޢަމަލުތަކަށް ހައްޤުވާގޮތުގައި އެ ކާފަރުންނާއިމެދު އެއިލާހުގެ ދަރުބާރުގައި ޢަދުލުވެރިވީތީއެވެ. ﷲ ތަޢާލާގެ މި ވަޙީބަސްފުޅު ( الْحُطَمَةُ ) ކުރިން ގެންނަވާފައިވާ ފާޢިލު ( މިއާޔަތުގައި މިވާ ނުބައި ޢަމަލުކުރާ ފަރާތް ) (هُمَزَةٍ لُّمَزَةٍ ) އާ މެދު ވިސްނާލާށެވެ. الْحُطَمَةُ އަދި هُمَزَةٍ لُّمَزَةٍ ގެންނަވާފައިވަނީ އެއްވަޒަނަކަށެވެ. އެއީ ލަފްޟްގެ ގޮތުންވެސް ޢަޒާބު އެޢަމަލުކުރި މީހާއާ ގުޅޭގޮތުން ގެނައުމަށެވެ.

(   نَارُ‌ اللَّـهِ الْمُوقَدَةُ )

މާނަ: ” އެއީ اللَّه ގެ އަނދައަނދާ ހުންނަ ނަރަކަޔެވެ.”

– ނުނިމޭ –

މަސްދަރު : –  ފަޟީލަތުއްޝައިޚު އަލް ޢައްލާމާ މުޙައްމަދު ބިން ޞާލިޙުލް ޢުޘައިމީން ރަޙިމަހުﷲ ގެ  ތަފްޞީރު –

ކުރީ ބައި ކިޔުއްވުމަށް