[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سورة قريش ގެ ތަފްސީރު -2

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

فَلْيَعْبُدُوا رَ‌بَّ هَـٰذَا الْبَيْتِ ﴿٣﴾

މާނައީ : “ފަހެ، މިގެފުޅުގެ ވެރި ރައްބަށް އެބައިމީހުން އަޅުކަންކުރާހުށިކަމެވެ.”

އެނިޢުމަތް ދެއްވިކަމަށްޓަކައި އެފަރާތަށް ޝުކުރުވެރިވުމަށްޓަކައެވެ. ﴿فَلْيَعْبُدُوا﴾ގައި މިވާ ف އަކީ ف السَّبَبِيّة (އެބަހީ: ސަބަބު ބަޔާންކުރާ ف) އެވެ. އޭގެ މުރާދަކީ މިދެ ނިޢުމަތް ދެއްވުމުގެ ސަބަބުން މިގެފުޅުގެ ވެރި ރައްބަށް އަޅުކަންކުރާށެވެ. ނުވަތަ އެ فއަކީ ف التفريع (އެބަހީ: މުޖުމަލުކޮށް އެއްޗެއް ބަޔާންކުރުމަށްފަހު އޭގެ ތަފްސީލު ދިނުމަށް ބޭނުންކުރާ ف) އެވެ. ކޮންމެ ވައްތަރެއްގެ فއެއްވިޔަސް އެބިނާވެގެންވަނީ އިސްވެދިޔަ ކަންތަކުގެ މައްޗަށެވެ. އެބަހީ: މިބޮޑުވެގެންވާ ނިޢުމަތްދެއްވުމުގެ ސަބަބުން އެބައިމީހުންގެ މައްޗަށް ﷲއަށް އަޅުކަންކުރުން ވާޖިބު ވެއްޖެއެވެ.

އަޅުކަމަކީ ލޯބިވުމާއި މަތިވެރިކުރުމުގެ ގޮތުން ﷲގެ ޙަޟްރަތަށް ނިކަމެތިވެގަތުމެވެ. އިންސާނާ ﷲއަށް އަޅުކަންކުރުމެވެ. އެއީ އަޑުއަހާ ކިޔަމަންގަތުމާއެކު އެކަލާނގެ ޙަޟްރަތަށް ނިކަމެތިވުމެވެ. އެމީހަކަށް ﷲ އާއި އެކަލާނގެ ރަސޫލާގެ އަމުރުފުޅެއް އަތުވެއްޖެނަމަ ތިމަންނާ އަޑުއަހާ ކިޔަމަންވެއްޖައީމުއޭ ބުނުމެވެ.

އެމީހަކަށް ޚަބަރެއް ފޯރައިފިނަމަ އޭނާގެ ބަހަކަށް ވާންޖެހޭނީ އަޑުއަހާ އީމާންވެއްޖައީމުއެވެ. ލޯތްބާއި މަތިވެރިކުރުމާއި އެކުގައެވެ. އެލޯބީގެ ސަބަބުން އިންސާނާ އޭނާގެ މައްޗަށްވާ އަމުރުތައް ތަންފީޒުކުރުމަށް ތެދުވެއެވެ. އަދި ނަހީކުރެވިގެންވާ ކަންތައް, އެއިލާހުގެ މަތިވެރިކަމަށް ބިރުވެތިވުމުގެ ސަބަބުން ދޫކޮށްލައެވެ. މިއީ އަޅުކަމުގެ މާނަތަކުގެ ތެރެއިން މާނައެކެވެ. އަދި އަޅުކަން މިލަފްޒު އަޅުކަންކުރުމުގެ ގޮތުން ކުރެވޭ ޢަމަލަށް ނިސްބަތްކޮށް ބޭނުން ކުރެވެއެވެ. މިގޮތުގެ މަތީން ޝައިޚުލްއިސްލާމް އިބްނުތައިމިއްޔާ رحمه الله އަޅުކަން މާނަކުރައްވައި، ވިދާޅުވެފައިވެއެވެ.

إنَّ العبادةَ اسْمٌ جَامِعٌ لِكُلِّ مَا يُحِبُّهُ اللَّهُ وَيَرْضَاهُ مِنَ الْأَقْوَالِ وَالْأَعْمَالِ الظَّاهِرَةِ وَالْبَاطِنَةِ.

“އަޅުކަމަކީ ސިއްރާއި ފާޅުގައި ކުރެވޭ ޢަމަލުތަކާއި ބުނެވޭ ބަސްތަކުގެ ތެރެއިން ﷲ ތަޢާލާ ލޯބިވެވޮޑިގެންވާ އަދި ރުހިވޮޑިގެންވާ އެންމެހާ ކަމެއް ޝާމިލުވެގެންވާ ނަމެކެވެ.”

ﷲ ތަޢާލާގެ މިބަސްފުޅު : ﴿رَ‌بَّ هَـٰذَا الْبَيْتِ﴾ އެބަހީ: މަތިވެރިވެގެންވާ ކަޢުބާއެވެ. އަދި ﷲ ތަޢާލާވަނީ ގެފުޅު އެކަލާނގެއަށް ނިސްބަތްކުރައްވާ ވަޙީކުރައްވާފައެވެ.

﴿وَطَهِّرْ‌ بَيْتِيَ لِلطَّائِفِينَ وَالْقَائِمِينَ وَالرُّ‌كَّعِ السُّجُودِ﴾ [سورة الحخ ٢٦]

މާނައީ: “އަދި ޠަވާފްކުރާ މީހުންނަށާއި، ޤާއިމްވެތިބޭ މީހުންނަށާއި، ރުކޫޢުކޮށް ސަޖިދަކުރާ މީހުންނަށްޓަކައި، ކަލޭގެފާނު ތިމަންއިލާހުގެ ގެފުޅު ޠާހިރު ކުރައްވާށެވެ.”

(ޤުރައިޝް ސޫރަތުގެ ތިންވަނަ އާޔަތުގައި) ﴿رَ‌بَّ هَـٰذَا الْبَيْتِ﴾ ކާއިނާތުގެ ވެރިރައްބަށް ގެފުޅު  ނިސްބަތްކުރައްވާފައިވަނީ އެގެފުޅު މަތިވެރިކުރައްވާ، ޝަރަފުވެރިކުރެއްވުމުގެ ގޮތުންނެވެ. އެހެންވީމާ އެއް އާޔަތުގައި ގެފުޅު ނިސްބަތްކުރައްވާފައި އެވަނީ އެއިލާހުގެ ރައްބުވަންތަކަމެވެ. އަދި އަނެއް އާޔަތުގައި އެއިލާހުގެ ޒާތުފުޅަށެވެ. އެއީ އެތަން މަތިވެރިކުރައްވާ ޝަރަފުވެރިކުރެއްވުމުގެ ގޮތުންނެވެ. އަދި އެހެން އާޔަތެއްގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿إِنَّمَا أُمِرْ‌تُ أَنْ أَعْبُدَ رَ‌بَّ هَـٰذِهِ الْبَلْدَةِ الَّذِي حَرَّ‌مَهَا﴾

މާނައީ: “ހަމަކަށަވަރުން، ތިމަންކަލޭގެފާނަށް އަމުރުކުރައްވާފައިވަނީ، މިރަށުގެ (އެބަހީ: މައްކާގެ) ވެރިރައްބަށް އަޅުކަން ކުރުމަށެވެ. އެއިލާހީ، އެރަށް ޙުރުމަތްތެރި ކުރެއްވި އިލާހެވެ.”

އަދި އޭގެފަހުގައި ވަޙީކުރައްވާފައިވެއެވެ.

﴿وَلَهُ كُلُّ شَيْءٍ﴾

މާނައީ : “އަދި ހުރިހާ އެއްޗެއް މިލްކުވެވޮޑިގެންވަނީ އެއިލާހަށެވެ.”

މިފަދައިން މިވަނީ ﷲ އަކީ ހަމައެކަނި އެރަށުގެ ވެރިރައްބުކަމަށް މީހަކަށް ހީވެދާނެ ހީވުމުން ދުރުކުރެއްވުމަށެވެ.

އަދި ކޮންމެ މަޤާމަކަށް ޚާއްޞަ މުނާސަބު ޞީޣާއެއްވެއެވެ. ﷲ ތަޢާލާގެ މިބަސްފުޅުގައި

﴿إِنَّمَا أُمِرْ‌تُ أَنْ أَعْبُدَ رَ‌بَّ هَـٰذِهِ الْبَلْدَةِ الَّذِي حَرَّ‌مَهَا وَلَهُ كُلُّ شَيْءٍ﴾

މާނައީ: “ހަމަކަށަވަރުން، ތިމަންކަލޭގެފާނަށް އަމުރުކުރައްވާފައިވަނީ، މިރަށުގެ (އެބަހީ: މައްކާގެ) ވެރިރައްބަށް އަޅުކަން ކުރުމަށެވެ. އެއިލާހީ، އެރަށް ޙުރުމަތްތެރި ކުރެއްވި އިލާހެވެ. އަދި ހުރިހާ އެއްޗެއް މިލްކުވެވޮޑިގެންވަނީ އެއިލާހަށެވެ.” {އައްނަމްލު ސޫރަތް 91}

އެއިލާހުގެ ރަސްކަންފުޅު ޢާންމުވެގެންވާކަން ބަޔާންކުރެވުނު ސަބަބަކީ މުޝްރިކުން ﷲއީ ހަމައެކަނި އެރަށުގެވެރި އިލާހު ކަމަށް ބުނެދާނެ ކަމަށްޓަކައެވެ. ނަމަވެސް މިތަނުގައި މިއީ (ގެފުޅު) މަތިވެރިކުރުމުގެ ޙާލަތަކެވެ.  އެހެންކަމުން އެއިލާހަށް ވަކިން ނިސްބަތްކުރައްވާ ޒިކުރުކުރުމަކީ މުނާސަބުގޮތެވެ.

-ނުނިމޭ-

________________________________________________________

މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه اللهލިޔުއްވާފައިވާ سورة قريشގެ ތަފްސީރުގެ ތަރުޖަމާއެވެ.

މިލިޔުމުގެ އެހެންބައިތައް