އެކަލާނގެ ބަސްފުޅު؛ ﴿إِذَا جَاءَ نَصْرُ اللَّـهِ﴾ އެބަހީ: ޢަދުއްވުންގެ މައްޗަށް ކަލޭގެފާނަށްވާ ﷲ ގެ ނަޞްރެވެ. ﴿وَالْفَتْح﴾ [މިލަފްޒު] ގުޅުވިިފައި މިވަނީ “النصر“ (ނަޞްރު) އަށެވެ. ފަތަޙަ އަކީ ނަޞްރާއެކުވާ ކަމެއްކަމުގައި ވުމާ އެކުވެސް މިލަފްޒު ނަޞްރާ ގުޅުވިފައިވުމުން ދޭހަކޮށްދެނީ އެކަން ވާނޭކަމެވެ. އަދި އެއީ ޚާއްޞަ ކަމެއް ޢާންމު ކަމަކާ ގުޅުމުގެ ބާބުގެ ތެރެއިންވާ ކަމެކެވެ. ﷲ ތަޢާލާގެ ބަސްފުޅުގައިވާ ފަދައިން: ﴿تَنَزَّلُ الْمَلَائِكَةُ وَالرُّوحُ فِيهَا﴾ [سورة القدر: 4] [އާޔަތުގެ މާނައީ: “މަލާއިކަތުންނާއި ޖިބްރީލްގެފާނު އެރޭ ފައިބާ ވަޑައިގަންނަވާނެއެވެ.”] އެބަހީ: ލައިލަތުލްޤަދުރި ވިލޭރޭގައެވެ. ފަހެ ޖިބްރީލްގެފާނު ހިމެނިވަޑައިގަންނަވަނީ މަލާއިކަތުންގެ ތެރެއިންނެވެ. ޚާއްޞަ ކުރެވިފައި މިވަނީ އެކަލޭގެފާނުގެ ޝަރަފަށްޓަކައެވެ. الفتح މިލަފްޒުގައިވާ “الـ” އަކީ العهد الذهني (ހިނގައިދިޔަކަމެއް ވިސްނުމަށް އައުން) އެވެ. އެބަހީ: (ފަތުޙޭ ބުނުމުން) ތިޔަބައިމީހުންގެ ވިސްނުމަށް އަންނަ އެންމެން ދަންނަ ފަތަޙައެވެ. އެއީ މައްކާ ފަތަޙަ ވުމެވެ.
އަދި ހިޖްރީ ސަނަތުން 8 ވަނަ އަހަރުގެ ރަމަޟާން މަހު މައްކާ ފަތަޙަކުރެވިގެން ދިޔައެވެ. ހިޖުރައިން 6 ވަނަ އަހަރު ޤުރައިޝުންނާއެކު ނަބިއްޔާ صلى الله عليه وسلم ވެފައިވާ ޙުދައިބިއްޔާގެ އެއްބަސްވުން (ޞުލްޙުލް ޙުދައިބިއްޔާ) ޤުރައިޝުން އުވާލުމީ އެކަމުގެ ސަބަބެވެ. ފަހެ އެބައިމީހުންނާ ހަނގުރާމަ ކުރުމަށްޓަކައި ދިހަވަރަކަށް ހާސް ބޭކަލުންގެ ލަޝްކަރަކާއެކު ނަބިއްޔާ صلى الله عليه وسلم ސިއްރިޔާތުގައި މަދީނާއިން ނުކުމެ ވަޑައިގެންނެވިއެވެ.
އަދި ޙަދީޘް ކުރެއްވިއެވެ. ((اللَّهُمَّ عمي أَخْبَارَنَا عَنْهُم)) [1] މާނައީ: “އޭ ﷲއެވެ. ތިމަންމެންގެ ޚަބަރު އެބައިމީހުންނަށް ވަންހަނާ ކުރައްވާފާނދޭވެ!” ފަހެ އެބައިމީހުންގެ ތެރޭގައި އެކަލޭގެފާނު ވަނިކޮށް މެނުވީ އެބައިމީހުންނަށް ހޭވެރިކަމެއް ނުވިއެވެ. އަދި ހިޖްރައިން 8 ވަނަ އަހަރުގެ ރަމަޟާން މަހުގެ 20 ވަނަ ދުވަހު މައްކާއަށް ވެދެވަޑައިގެންނެވިއެވެ. ނަޞްރާއި ކާމިޔާބު ލިބި ގަދަފަދަ ވެގެންވާ ޙާލުގައެވެ. ކަންވެ ނިމެއްޖައުމުން ޤުރައިޝުންގެ މީހުން އެކަލޭގެފާނުގެ އަރިހަށް ގެފުޅު ވަށައިގެން އެއްވެއްޖައޫއެވެ. ފަހެ އިތުރު އެކަލޭގެފާނު ގެފުޅުގެ ދޮރުކޮޅު ކައިރިއަށް ނުކުމެ ވަޑައިގެންނެވިއެވެ. އެހިނދު އެކަލޭގެފާނު ކަންތައްކުރައްވާނެ ގޮތެއްގެ އިންތިޒާރުގައި ޤުރައިޝުން ތިއްބެވެ. ދެންފަހެ ދޮރުކޮޅުގެ ދެކަނީގައި އަތްވިއްދަވާލައްވައި ޙަދީޘް ކުރެއްވިއެވެ. އޭ ޤުރައިޝުންނޭވެ. ތިޔަބައިމީހުން ދެކެނީ ތިމަންކަލޭގެފާނު ތިޔަބައިމީހުންނާމެދު ކަންތައް ކުރައްވާނީ ކިހިނެއް ކަމަށް ހެއްޔެވެ؟ އެކަލޭގެފާނަކީ މީގެ 8 އަހަރު ކުރިން އެބައިމީހުންނަށް ފިއްލެވި ބޭކަލެކެވެ. މިހާރު މިވަނީ އެކަލޭގެފާނު މުށުތެރެއަށް އައިސް އެކަލޭގެފާނު ބޭނުން ކަމެއް ކުރެވޭނެ ގޮތް ވެފައެވެ. ޙަދީޘް ކުރެއްވިއެވެ. ތިޔަބައިމީހުން ދެކެނީ ތިމަންކަލޭގެފާނު ތިޔަބައިމީހުންނާމެދު ކަންތައް ކުރައްވާނީ ކިހިނެއް ކަމަށް ހެއްޔެވެ؟
އެބައިމީހުން ބުނޫއެވެ: ހެޔޮކޮންނެވެ. ދީލަތި ފަރާތެކެވެ. އަދި ދީލަތި ފަރާތެއްގެ ދަރިއެކެވެ. ޙަދީޘް ކުރެއްވިއެވެ: ފަހެ ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނު ވިދާޅުވާހުށީ ޔޫސުފްގެފާނު އެކަލޭގެފާނުގެ އަޚުންނަށް ވިދާޅުވީފަދައިންނެވެ. ﴿ لَا تَثْرِيبَ عَلَيْكُمُ الْيَوْمَ ۖ يَغْفِرُ اللَّـهُ لَكُمْ﴾ [سورة يوسف: 92] މާނައީ: “މިއަދު ތިޔަބައިމީހުންގެ މައްޗަކަށް މަލާމާތެއް ދެރަބަހެއް ނެތެވެ. ތިޔަބައިމީހުންނަށް ﷲ ފާފަ ފުއްސަވާށިއެވެ!” ދާށެވެ. ތިޔަބައިމީހުންނީ މިނިވަނުންނެވެ. ފަހެ އެބައިމީހުންނަށް އެކަލޭގެފާނު މަޢާފު ކޮށްދެއްވިއެވެ. ﷲ ތަޢާލާ ވަނީ މިފަތަޙައަށް ބަޔާންވެގެންވާ ފަތަޙައިގެ ނަމުން ނަންދެއްވާފައެވެ. ވަޙީ ކުރައްވާފައިވެއެވެ: ﴿إِنَّا فَتَحْنَا لَكَ فَتْحًا مُّبِينًا﴾ [سورة الفتح: 1] މާނައީ: “ހަމަކަށަވަރުން ފާޅުވެ ބަޔާންވެގެންވާ ފަތަޙަ އަކުން، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ފަތަޙަ ދެއްވީމެވެ.” އެބަހީ: ބަޔާންވެ ފާޅުވެގެންވާ މަތިވެރި ފަތަޙައެކެވެ.
އަދި މިކާމިޔާބީއާއެކު ހެޔޮ ނިމުންވަނީ މުޙައްމަދު صلى الله عليه وسلم ގެ ކަމާއި ޤުރައިޝުންނާއި އެމީހުންނަށް ތަބާވާ ފަރާތްތަކުގެ ދައުރު ނިމިއްޖެކަން އެންމެހާ މީސްތަކުންނަށް އެނގިއްޖެއެވެ. ދެންފަހެ ފައުޖު ފައުޖަށް މީސްތަކުން ﷲގެ ދީނަށް ވަންނަން ފަށައިފިއެވެ. ﴿يَدْخُلُونَ فِي دِينِ اللَّـهِ أَفْوَاجًا﴾ މާނައީ: “މީސްތަކުން ބައިބަޔަށް ﷲ ގެ ދީނަށް ވަންނާތީއެވެ.” އެބަހީ: ވަކިވަކީން ދީނަށް ވަންނަމުން ވަންނަމުން އައިސް ޖަމާޢަތް ޖަމާޢަތަށެވެ. އަދި ސިއްރިޔާތުގައި މެނުވީ ބައެއް ޙާލަތްތަކުގައި މީސްތަކުން އިސްލާމްދީނަށް ވަދެފައި ނުވެއެވެ. ﷲ ގެ ދީނަށް ޖަމާޢަތް ޖަމާޢަތަށް މީސްތަކުން ވަންނަ ހިސާބަށް މިފޯރީއެވެ. އަދި އެންމެހާ ކަންކޮޅު ތަކުން ނަބިއްޔާ صلى الله عليه وسلم ގެ އަރިހަށް މަދީނާއަށް ވަފްދުތައް އަންނަން ފެށިއެވެ. އަދި ހިޖްރައިން ނުވަވަނަ އަހަރަށް “عام الوفود” (ވަފްދުތަކުގެ އަހަރު) ގެ ނަމުން ނަންދެވުނެވެ.
-ނުނިމޭ-
________________________________________________________
[1] أخرجه الطبراني في “الكبير” 23/ (1052) وفي “الصغير” (68)
މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه اللهލިޔުއްވާފައިވާ سورة النصرގެ ތަފްސީރުގެ ތަރުޖަމާއެވެ.