[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سورة النصر ގެ ތަފްސީރު – 3

ﷲ ތަޢާލާ ވަޙީ ކުރައްވާފައި ވަނީ، މިއަހަރު ފެނިއްޖެ ކަމުގައި ވާނަމަ ﴿فسبح بحمد ربك واستغفره﴾ “ފަހެ ކަލޭގެފާނުގެ ވެރިރައްބަށް ޙަމްދާއެކު ތަސްބީޙަ ވިދާޅުވާށެވެ!  އަދި ފާފަފުއްސެވުން އެދިވަޑައިގެން އެކަލާނގެ ޙަޟްރަތަށް ދަންނަވާށެވެ!” މިކަން ދިމާވެއްޖެ ނަމަ ޖަވާބެއް ކަމުގައި ވާނޭކަމަށް ބެލެވޭހުށީ މިނިޢުމަތްތަކުގެ މައްޗަށް ﷲ ތަޢާލާއަށް ޝުކުރުކޮށް އެކަލާނގެއަށް ޙަމްދު ކުރާށެވެ. ނަމަވެސް [ވަޙީ ކުރައްވާފައި ވަނީ] ﴿فسبح بحمد ربك واستغفره﴾ފަހެ ކަލޭގެފާނުގެ ވެރިރައްބަށް ޙަމްދާއެކު ތަސްބީޙަ ވިދާޅުވާށެވެ! އަދި ފާފަފުއްސެވުން އެދިވަޑައިގެން އެކަލާނގެ ޙަޟްރަތަށް ދަންނަވާށެވެ!” މީގެ އަނެއް މިޘާލަކީ މާތް ﷲ ގެ މިވަޙީ ބަސްފުޅެވެ: ﴿إنا نحن نزلنا عليك القرآن تنزيلاً. فاصبر لحكم ربك﴾ [سورة الإنسان: 23، 24] މާނައީ: “ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނުގެ މައްޗަށް ޤުރުއާން ވަކިވަކިކޮށް ބާވައިލެއްވީމެވެ. ފަހެ، ކަލޭގެފާނުގެ ވެރިރައްބުގެ ޙުކުމްފުޅަށް، ކަލޭގެފާނު ކެތްތެރިވެވަޑައިގަންނަވާށެވެ!”

މިކަން މެދުވެރިވުމުން [ބުނެވޭހުށީ] ތިބާގެ ވެރި ރަސްކަލާނގެ ބާވާލެއްވި ބާވާލެއްވުމަށް ޝުކުރުކޮށް އަދި އޭގެ ޙައްޤު އެއަށް ދޭށެވެ. އެހެންނަމަވެސް ވަޙީކުރައްވާފައި ވަނީ: ﴿فاصبر لحكم ربك﴾ “ކަލޭގެފާނުގެ ވެރިރައްބުގެ ޙުކުމްފުޅަށް، ކަލޭގެފާނު ކެތްތެރިވެވަޑައިގަންނަވާށެވެ!” [މިއީ] ހަމަކަށަވަރުންވެސް އެކަލޭގެފާނުގެ އުއްމަތަށް މިޤުރުއާން ފޯރުކޮށްދިނުމާއި ފެތުރުމުގައި އެކަލޭގެފާނަށް ދުއްތުރާ ކުރިމަތިވާނޭ ކަމުގެ ގޮވާލެއްވުމެކެވެ.

﴿فسبح بحمد ربك واستغفره﴾ ފަހެ ކަލޭގެފާނުގެ ވެރިރައްބަށް ޙަމްދާއެކު ތަސްބީޙަ ވިދާޅުވާށެވެ! އަދި ފާފަފުއްސެވުން އެދިވަޑައިގެން އެކަލާނގެ ޙަޟްރަތަށް ދަންނަވާށެވެ!” މިކަމުގެ ޙިކްމަތް ވިސްނާ ފިކުރު ކޮށްލުމުން އެނގި ބަޔާވެގެންދެއެވެ. ފަހެ މީގެ މާނައަކީ ﷲ ގެ ނަޞްރާއި ފަތަޙަ އަތުވެއްޖެ ހިނދު ދެންފަހެ ކަލޭގެފާނުގެ އަޖަލު ކުޑަތަންވެއްޖެއެވެ. އަދި ކަލޭގެފާނުގެ ވެރިރައްބަށް ތަސްބީޙަ އާއި ތަޙްލީލު ދަންނަވައި ފާފަ ފުއްސެވުމަށް އެދި ދެންނެވުން ފިޔަވައި އިތުރު ކަމެއް ކަލޭގެފާނުގެ މައްޗަކަށް ދެންނުވެއެވެ. ﴿فسبح بحمد ربك﴾ އެބަހީ: ޙަމްދު ކުރުން އެކުވެފައިވާ ތަސްބީޙައަކުން އެކަލާނގެއަށް ތަސްބީޙަ ދަންނަވާށެވެ.

ތަސްބީޙައަކީ: ﷲ ތަޢާލާއާ އެކަށީގެންނުވާ އެންމެހާ ކަންކަމަކުން އެކަލާނގެ ހުސްޠާހިރުވަންތަ ކުރުމެވެ. އަދި ޙަމްދަކީ: މަތިވެރި ކުރުމާއި ލޯތްބާއެކު އެންމެ ފުރިހަމަ ގޮތުގައި ޘަނާ ދެންނެވުމެވެ. ހުސްޠާހިރުވަންތަ ކުރުމާއި ޙަމްދު ދެންނެވުން ޖަމާކުރުމާއެކު ﴿واستغفره﴾ “އަދި އެކަލާނގެ ޙަޟްރަތަށް އަސްތަޣްފާރު ކުރާށެވެ!” އެބަހީ ފާފަފުއްސެވުން އެދިވަޑައިގެން އެކަލާނގެ ޙަޟްރަތަށް ދަންނަވާށެވެ.

ފަހެ ﷲ ތަޢާލާ މިވަނީ 2 ކަމެއް ކުރުމަށް އެކަލޭގެފާނަށް އަމުރު ކުރައްވާފައެވެ:

ފުރަތަމައީ: ޙަމްދާއެކުވާ ތަސްބީޙައެވެ.

ދެވަނައީ: އަސްތަޣްފާރު ކުރުމެވެ.

އިސްތިޣްފާރު ކުރުމަކީ ފާފަ ފުއްސަވައިދެއްވުމަށް އެދި ދެންނެވުމެވެ. އަދި ފާފަ ފުއްސެވުމަކީ ﷲ ތަޢާލާ އެކަލާނގެ އަޅުތަކުންގެ ފާފަތައް ފުއްސަވައިދެއްވައި އެކަން ފަހަނައަޅައި ގެންދެވުމާއެކު އެކަންކަން ވަންހަނާ ކޮށްދެއްވުމެވެ. މިއީ އަޅާ ޙާޞިލްކުރަން ބޭނުންވާ އޭނާގެ ލަނޑުދަޑިވެސް މެއެވެ. އެހެނީ ހަމަކަށަވަރުން އަޅާއީ ފާފަކުރުން ގިނަ ފުއްސެވުމަށް ބޭނުންޖެހިފައިވާ މީހެކެވެ. އެކަލާނގެ ރަޙްމަތް އޭނާއަށް ނުލިބިއްޖެނަމަ ހަލާކުވެ ހިނގާދާހުއްޓެވެ! މިހެންކަމުން ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައި ވެއެވެ. ((لَنْ يَدْخُلَ أَحَدٌ مِنْكُم الْجَنَّةَ بِعَمَلِه)) قَالُوا: وَلاَ أَنْتَ يَا رَسُوْلَ اللهِ؟ قَالَ: ((وَلاَ أَنَا إِلاَّ أَنْ يَتَغَمَّدَنِي اللهُ بِرَحْمَتِه)) [1] މާނައީ: “އެމީހެއްގެ ޢަމަލުތަކުގެ ސަބަބުން ތިޔަބައިމީހުންގެ ތެރެއިން އެކަކުވެސް ސުވަރުގެ ނުވަންނަހުއްޓެވެ.” [އަޞްޙާބު ބޭކަލުން] ދެންނެވިއެވެ. ކަލޭގެފާނުވެސް ތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. “ތިމަންކަލޭގެފާނުވެސް މެއެވެ. ﷲގެ ރަޙްމަތަށް ތިމަންކަލޭގެފާނުވެސް ވައްދަފައިވުމަށް ދާންދެނެވެ.” އެހެނީ ތިބާގެ މިޢަމަލު ތިބާ ބޭނުން ކަމުގައި ވާނަމަ ތިބާގެ ނިޢުމަތްތަކުގެ ތެރެއިން ނިޢްމަތެއްގެ ބަދަލު ކަމުގައި ހެދެއެވެ. އެންމެ ނިޢުމަތަކުން އެންމެހާ ނިޢުމަތްތައް ދެނެގަތުމަށްޓަކައެވެ. ސުވަރުގެ ލިބުމުގެ ބަދަލެއް ކަމުގައި އެކަން ހެދޭނީ ފަހެ ކިހިނަކުން ތޯއެވެ؟

މިހެންކަމުން ބައެއް ދަންނަބޭކަލުން އެބޭކަލުންގެ ލިޔުންތަކުގައި ނަންގަނެފައި ވެއެވެ.

إِذَا كَانَ بشُكْرِي نِعْمَةَ اللَّهِ نِعْمَةٌ عَلَيَّ لَهُ فِي مثلهَا يَجِبُ الشُّكْرُ

فَكَيْفَ بُلُوعُ الشُّكْرِ إِلا بِفَضْلِهِ وَإِنْ طَالَتِ الأَيَّامُ وَاتَّصَلَ الْعُمْرُ

“ﷲ ދެއްވާފައިވާ ނިޢުމަތަށް މިއަޅާ ޝުކުރުވެރިވުމަކީ، އެފަދަ ނިޢުމަތްތަކަށް ޝުކުރުވެރިވުން ޙައްޤުވާ ނިޢުމަތަކަށް ވީ ހިނދު، ފަހެ ޢުމުރު ދިގުވެ ދުވަސްތައް ދިގުދެމިގެން ދިޔަ ކަމުގައި ވީނަމަވެސް އެކަލާނގެ ފަޟްލުވަންތަ ކަމުން މެނުވީ ޝުކުރު އަދާކުރާނީ ކިހިނަކުންތޯއެވެ.”

-ނުނިމޭ-

________________________________________________________

[1] البخاري (5673) ومسلم (2816)

މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ލިޔުއްވާފައިވާ سورة النصرގެ ތަފްސީރުގެ ތަރުޖަމާއެވެ.

މިލިޔުމުގެ އެހެނިހެން ބައިތައް