[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سورة قريش ގެ ތަފްސީރު -4

﴿وَآمَنَهُم مِّنْ خَوْفٍ﴾ ފާޅުވެ ބަޔާންވެގެންވާ ބިރުވެރިކަމަކުން ރައްކާތެރިކުރެއްވުމެވެ. އެހެނީ ބިރަކީ ފާޅުވެގެންވާ ކަމެކެވެ. ޢަދާވަތްތެރިން ރަށުގެ ވަށައިންވާނަމަ އެރަށެއްގެ އަހުލުވެރިން ބިރުގަނެ، އެރަށުން ނުކުތުމުން މަނާވެގަނެގެން އެބައިމީހުންގެ ގެތަކުގައި ތިބެއެވެ. އެހެންކަމުން ﷲ ތަޢާލާ އެބައިމީހުންނަށް ދެއްވި މިއަމާންކަމުގެ ނިޢުމަތް ހަނދުމަކޮށްދެއްވިއެވެ. ﴿وَآمَنَهُم مِّنْ خَوْفٍ﴾ ބިން އެބައިމީހުންނަށް އަމާންވެގެން ދިޔައެވެ. އެއީ މައްކާއެވެ. އެހެންކަމުން އެތަނުގެ ގަހެއް ނުކެނޑެއެވެ. އަދި އެރަށުގައި ލޭ އޮހޮރުވުން މަނާވެގެންވެއެވެ. މި ޚާއްޞަކަން އެހެން އެއްވެސް ބިމަކަށް ދެއްވާފައެއް ނުވެއެވެ. މަދީނާއަށް ވެސް ދެއްވާފައެއް ނުވެއެވެ. (މަދީނާގައި) ޙަރަމްފުޅެއްވެއެވެ. އަދި އެއީ ޙުރުމަތްތެރިވެގެންވާ ތަނެކެވެ. އެކަމަކު މަދީނާގެ ޙަރަމްފުޅާއި މައްކާ ޙަރަމްފުޅާއި އެތައް ހާސް ތަފާތު ހުއްޓެވެ. މިގޮތުން މައްކާގެ ޙަރަމަށް އަންނަ މީހަކު އެންމެ ފަހަރަކުވިޔަސް އިޙްރާމުގައި އެތަނަށް އަންނާނެއެވެ. މައްކާގެ ޙަރަމް ގައި ގަސްކެނޑުން އެކީއެކަށް ޙަރާންވެގެންވެއެވެ. އެކަމަކު މަދީނާގެ ޙަރަމްގައި ދަނޑުގޮވާން ފަދަ ކަންކަމަށް ގަސްކެނޑުން ހުއްދައެވެ. މައްކާގެ ޙަރަމްގައި ޝިކާރަކުރުން ޙަރާމްވެގެން ވެއެވެ. އަދި (އެކަންކޮށްފިނަމަ) އެކަމަށް ޖަޒާވަނީ ކަނޑަޅުއްވާފައެވެ. މަދީނާގައި ޝިކާރަކުރުމަށް ޖަޒާއެއް ކަނޑައަޅުއްވާފައެއް ނުވެއެވެ. އެންމެ މަތިވެރި އެންމެ އަމާން ތަނަކީ މައްކާއެވެ.

ގަސްގަހާގެހިވެސް ވަނީ އަމާން ލިބިގެން ރައްކާތެރިވެގެންނެވެ. ޝިކާރަކުރެވޭ އެއްޗިހިވެސް ވަނީ އަމާންވެ ރައްކާތެރިވެގެންނެވެ. ﷲ ތަޢާލާ އެއިލާހުގެ އަޅުތަކުންނަށް ފަސޭހަ ނުކުރެއްވިނަމަ އެބައިމީހުންނަށް ޝިކާރަކުރެވޭ ޖަނަވާރުތައްވެސް ޙަރާމްކުރެއްވީހެވެ. އެހެންނަމަވެސް ﷲ ތަޢާލާ އެއިލާހުގެ އަޅުތަކުންނަށް ރަޙުމުކުރައްވާ އެތަނުގައި ޛަބަޙަކުރުމާއި ނަޙުރު ކުރުން ހުއްދަކުރެއްވިއެވެ. މި ނިޢުމަތުގެ ވާހަކަ ﷲ ތަޢާލާވަނީ ޛިކުރުކުރައްވާފައެވެ. އެއިލާހު ވަޙީބަސްފުޅުގައިވެއެވެ.

﴿أَوَلَمْ يَرَ‌وْا أَنَّا جَعَلْنَا حَرَ‌مًا آمِنًا وَيُتَخَطَّفُ النَّاسُ مِنْ حَوْلِهِمْ﴾ 

މާނައީ: “ހަމަކަށަވަރުން، އަމާން ކަން ލިބިގެންވާ ޙަރަމް ފުޅެއް ތިމަންރަސްކަލާނގެ ލެއްވިކަން އެބައިމީހުންނަށް ނޭނގެނީ ހެއްޔެވެ. އެއީ އެބައިމީހުންގެ ވަށައިގެން އެކަކު އަނެކަކު މަރައި އަޅުވެތިކޮށް އުޅުނުތަނެވެ.” { ޢަންކަބޫތު ސޫރަތް 67 }

އެބަހީ: މިނިޢުމަތްތަކަށްޓަކައި ﷲ އަށް އެބައިމީހުން ޝުކުރުވެރިނުވަނީ ހެއްޔެވެ. މުޅި މިސޫރަތަކީ މާތްވެގެންވާ ގެފުޅުގައްޔާއި ބިރުވެރިކަމުން އަމާންކަން ދެއްވުމުގައްޔާއި ހައިހޫނުކަމުން މުއްތިކުރެއްވުމުގައި ޤުރައިޝް ވަންހައިގެ މީހުންނަށް މާތް ﷲ ދެއްވި ނިޢުމަތްތައް އެބައިމީހުންނަށް ހަނދާންކޮށްދިން ހަނދާންކޮށްދިނުމެކެވެ.

މީހަކު ބުނެފާނެއެވެ. މިދެއްވި ނިޢުމަތްތަކަށް ޤުރައިޝުން ކުރަން ޖެހެނީ ކޮންކަމެއް ހެއްޔެވެ؟ އަދި ހަމަ އެފަދައިން މިހާރު ޤުރައިޝުންގެ ތެރެއިން މައްކާގައި އުޅެމުންދާ މީހުނާއި އެނޫން މީހުންވެސް ކުރަންޖެހެނީ ކޮން ކަމެއް ހެއްޔެވެ؟

ބުނަމެވެ. ވާޖިބުވެގެންވަނީ އެކަލާނގެއަށް ކިޔަމަންވުންމަތީ ދެމިތިބުމުން އެކަލާނގެއަށް ޝުކުރުވެރިވުމެވެ. ﷲ އަމުރުކުރެއްވި ކަންތައްތައް ކުރުމާއިއެކު ނަހީކުރެއްވި ކަންތައްތަކުން ދުރުވުމެވެ. އެހެންކަމާއެކު ޙަރަމުގައި ފާފަކުރުން ގިނަވެއްޖެނަމަ އެރަށުގެ އަހުލުވެރިންނަށް އެހެން މީހުންނަށްވުރެ ނުރައްކާތެރިކަން ބޮޑެވެ. އެހެނީ މާތްކުރެވިގެންވާ ބިމެއްގައި ކުރެވޭފާފަ އެނޫން ބިމެއްގައި ކުރެވޭ ފާފައަށްވުރެ ބޮޑުވާނެއެވެ. އެހެންކަމުން ﷲ ވަޙީކުރައްވާފައިވެއެވެ.

﴿وَمَن يُرِ‌دْ فِيهِ بِإِلْحَادٍ بِظُلْمٍ نُّذِقْهُ مِنْ عَذَابٍ أَلِيمٍ﴾

މާނައީ: “އަދި އެތާނގައި އަނިޔާވެރިކަމާއެކު، ދީނާއި ޚިލާފް ގޮތްތައް އުފައްދަންއުޅޭ މީހާއަށް، ތިމަންރަސްކަލާނގެ ވޭންދެނިވި ޢަޛާބުން ރަހަ ދައްކަވާހުށީމެވެ.”{ ޙައްޖު ސޫރަތް 25 }

މިބިމުގައި ޙައްޤުން އެއްކިބާވުމަށް މަސައްކަތްކުރާ މީހާގެ އިތުރުން، ޙައްޤުން އެއްކިބާވުމަށް ހިތަށްއަރުވާ މީހާއަށްވެސް ވަޢީދުގެ ބަސްފުޅު އައިސްފައިވެއެވެ. އެހެންކަމުން އިންސާނާއަށްވަނީ ކޮންމެ ތަނެއްގައިވެސް ﷲގެ ނިޢުމަތްތައް މަތީން ހަނދުމަކުރުމެވެ. މައްކާގައި އެކަންޏެއްނޫނެވެ. މިއީ މިއަދު އެންމެ އަމާން ރަށްތަކުގެ ތެރެއިން ރަށެކެވެ. އެހެނެއްކަމަކު ދިރިއުޅުމަށާއި އެހެނިހެން ކަންކަން ކުރުމަށް އުނދަގޫތަނެކެވެ. ބަނޑުހައި ހޫނުކަމުން އަހަރެމެން މުއްތިކުރެއްވިއެވެ. ބިރުވެރިކަމުން އަމާންކުރެއްވިއެވެ. އެހެންކަމުން އަހަރެމެންގެ މައްޗަށް އޮތީ މި ނިޢުމަތަށް ޝުކުރުވެރިވުމެވެ. ހެޔޮކަންކަމާއި ތަޤްވާވެރި ވުމުގައި އެހީތެރިވުމެވެ. ހެޔޮކަންތަކަށް އަމުރުކުރުމާއި ނުބައި ކަންކަމުން ނަހީކުރުމެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ މަގަށް އެނގިތިބެ ދަޢުވަތު ދިނުމާއި އެކުގައި އެމަގުގައި ސާބިތުވުމެވެ. އަދި އޯގާތެރި އަޚުންތަކެއްކަމުގައި ވުމެވެ. އަހަރެމެންގެ މައްޗަށް ވާޖިބުވެގެންވަނީ ވަކީން ޚާއްސަކޮށް ކިޔަވާކުދިންގެ މައްޗަށް ވާޖިބުވެގެންވަނީ އެބައިމީހުންގެ މެދުގައި ޚިލާފެއް އުފެދިއްޖެނަމަ މަޝްވަރާއަށް އިށީނުމެވެ. އަދި ޙައްޤަށް ވާޞިލުވުމަށް ޤަސްދުކޮށްގެން މަޑުމައިތިރިކަމާއެކު މުނާޤަޝާކުރުމެވެ. އިންސާނާއަށް ޙައްޤު އެނގިއްޖެ ކޮންމެ ޙާލަތެއްގައި އެކަމަށް ތަބާވުން ވާޖިބުވެގެން ވެއެވެ. އަދި އޭނާގެ އަމިއްލަ ރައުޔަށް ނަޞްރުދިނުން ހުއްދަވެގެން ނުވެއެވެ. އެހެނީ ކޮންމެ ފަހަރަކު އޭނާގެ ރައުޔު ރަނގަޅުވެފައި އެނޫން ރައުޔު ގޯސްވާކަށް އޭނާއަކީ ކުށުން ހުސްދުރުވެގެންވާ ޝަރުޢުގެ ވެރިފަރާތެއް ނޫނެވެ. އެހެންކަމުން މުއުމިން އިންސާނާ އަށް އޮތީ އޭނާގެ ކިބައިން ﷲ ތަޢާލާ އެދިވޮޑިގެންނަވާ ގޮތުގައި ވުމެވެ.

﴿وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّـهُ وَرَ‌سُولُهُ أَمْرً‌ا أَن يَكُونَ لَهُمُ الْخِيَرَ‌ةُ مِنْ أَمْرِ‌هِمْ ۗ وَمَن يَعْصِ اللَّـهَ وَرَ‌سُولَهُ فَقَدْ ضَلَّ ضَلَالًا مُّبِينًا﴾

މާނައީ : “އަދި ﷲއާއި، އެކަލާނގެ ރަސޫލާ ކަމަކަށް ނިޔާކުރައްވައިފި ހިނދު، މުއުމިނު ފިރިހެނަކަށްވެސް، އަދި މުއުމިނު އަންހެނަކަށްވެސް، އެއުރެންގެ އެކަމުގައި އެއުރެންނަށް އިޚްތިޔާރު އޮތުމަކީ ނެތްކަމެކެވެ. އަދި ﷲއަށާއި، އެކަލާނގެ ރަސޫލާ އާއަށް އުރެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ، ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު ފުރެދިއްޖެކަން ކަށަވަރެވެ.” { އަޙްޒާބު ސޫރަތް 36 }

ދެންފަހެ އިންސާނާ އޭނާގެ އަމިއްލަ ރައުޔު އެއީ ބާޠިލު ރައުޔެއްކަން އެނގޭ އިރުވެސް އެރައުޔުގެ މަތީގައި ހުރެ އެރައުޔަށް ނަޞްރުދިނުމަކީ އެއީ ގޯހެކެވެ. އެހެނީ އެއީ މުޝްރިކުންގެ ގޮތެވެ. އެބައިމީހުން ރަސޫލާއަށް ތަބައަވުމުން ދުރުހެލިވިއެވެ. އެބައިމީހުންގެ ވާހަކަ ބަޔާންކުރައްވާ ވަޙީކުރައްވާފައިވެއެވެ.

﴿إِنَّا وَجَدْنَا آبَاءَنَا عَلَىٰ أُمَّةٍ وَإِنَّا عَلَىٰ آثَارِ‌هِم مُّهْتَدُونَ﴾

މާނައީ: “ތިމަންމެންގެ ކާބަފައިން ދީނެއްގެ މަތީގައި ވަނިކޮށް ތިމަންމެން ހަމަކަށަވަރުން، ދުށީމުއެވެ. އަދި ހަމަކަށަވަރުން، އެބައިމީހުންގެ ފިޔަވަޅުތައް މަތީގައި ތިމަންމެން ހިނގަނީއެވެ.” { ޒުޚްރުފް ސޫރަތް 22 }

 

ﷲ ތަޢާލާ އަޅަމެން ދާއިމަށް އިސްލާމްކަމުގެ މަތީގައި ލަހައްޓަވާ އަދި އަޅަމެންގެ މިބިމުގައި އަމާންކަން ލަހައްޓަވާށިއެވެ. އަދި އަޅަމެންނީ ﷲގެ ފޮތާ އެކަލާނގެ ރަސޫލާ ގެންނެވި ގޮތުގެ މަތީގައި ތިބި އުޚުއްވަތްތެރި ބައެއް ކަމުގައި ލައްވާށިއެވެ. ހަމަކަށަވަރުން އެކަލާނގެއީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.

-ނިމުނީ-

________________________________________________________

މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه اللهލިޔުއްވާފައިވާ سورة قريشގެ ތަފްސީރުގެ ތަރުޖަމާއެވެ.

މިލިޔުމުގެ އެހެންބައިތައް