[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މަދީނާގެ މާތްކަން (އަދި އެތާގައި ދިރިއުޅުމާއި އެތަނަށް ޒިޔާރަތްކުރުމުގެ އަދަބުތައް) 15

madheenah

ދިހަވަނައީ: މަދީނާގައި ވަޒަންވެރިވެ ދުވަސްތައް ހޭދަކުރަން ލިބުމުން ފަޚުރުވެރިނުވުން: ހަމައެކަނި މަދީނާގައި ހުރުމަކުން އެއްވެސް ފައިދާއެއް އޭނާ އަކަށް ނުވެއެވެ. އޭނާ ހެޔޮ ޢަމަލެއްނުކޮށް ﷲއާއި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ އެންގެވިގޮތަށް ނޫޅެ ފާފަތަކާއި އުރެދުމާ ދުރުހެލިނުވާނަމަ މަދީނާގައި އުޅުމުން އޭނާއަށްވަނީ ގެއްލުމާއި ހަލާކެވެ. އިމާމު މާލިކުގެ މުވައްޠާގައި ސަލްމާނުލް ފާރިސީ رضى الله عنه ވިދާޅުވިކަމަށް ލިޔުއްވާފައިވެއެވެ.

“إِنَّ الْأَرْضَ لَا تُقَدِّسُ أَحَدًا وَإِنَّمَا يُقَدِّسُ الْإِنْسَانَ عَمَلُهُ”

މާނައީ :”ބިމުގެ ސަބަބުން އެއްވެސް މީހަކު މާތް މީހެއްކަމުގައެއް ނުވެއެވެ. އިންސާނާ މާތް މީހަކަށް ހަދަނީ އޭނާގެ ޢަމަލުތަކެވެ.”

މީގެ ސަނަދުގައި މެދުކެނޑުމެއްވެއެވެ. ނަމަވެސް މިބަސްފުޅުގެ މާނައަކީ ޞައްޙަ މާނައެކެވެ. އެހެނީ ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ.

(إِنَّ أَكْرَمَكُمْ عِنْدَ اللَّهِ أَتْقَاكُمْ) [الحجرات ۱٣]

މާނައީ: “ﷲތަޢާލާގެ ޙަޟްރަތުގައި ތިޔަބައިމީހުންގެ ތެރެއިން އެންމެ މާތްވެގެންވާ މީހުންނީ ތިޔަބައިމީހުންގެ ތެރެއިން އެންމެ ތަޤުވާވެރިވީ މީހުންނެވެ.”

އެނގިވަޑައިގަންނަވާނޭ ފަދައިން ޒަމާން ބަދަލުވަމުންގޮސް މިބަރަކާތްތެރި ބިމުގައިވެސް ނުބައި މީހުންނާ ރަނގަޅުމީހުން ދިރިއުޅެއެވެ. ހެޔޮރަނގަޅު މީހުންނަށް އެބައިމީހުންގެ ޞާލިޙު ޢަމަލުތަކުގެ ސަބަބުން ފައިދާ ކުރާނެއެވެ. ނުބައި ނުލަފާމީހުން މަދީނާގައި ވުމަކުން އެބައިމީހުން މާތްވެގެނެއްނުވެއެވެ. މަތިވެރިވެގެނެއްވެސް ނުވެއެވެ. އިންސާނުންގެ ނަސަބު ފަދައިންނެވެ. ކިތަންމެ މަތިވެރި ނަސަބަކުން އައި ނަމަވެސް އޭނާގެ ކިބައިގައި ހެޔޮކަމެއްނެތްނަމަ އޭނާގެ ނަސަބަކުން އޭނާއަށް ވާ މަތިވެރިކަމެއް ނުވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރައްވާފައި ވެއެވެ.

((مَنْ بَطَّأَ بِهِ عَمَلُهُ لَمْ يُسْرِعْ بِهِ نَسَبُهُ)) [رواه مسلم]

މާނައީ: ” އެމީހެއްގެ ޢަމަލުތައް އޭނާ މަޑުޖައްސާކަމުގައި ވަނީނަމަ އޭނާގެ ނަސަބު މަތިވުމަކުން އޭނާއަކަށް ކުރިއެރުމެއްނުވެއެވެ.”

ފަހެ އޭނާގެ ޢަމަލުތައް ގޯސްވުމުގެ ސަބަބުން އޭނާ ފަސްކުރެވޭނަމަ، އޭނާގެ ނަސަބު މަތިވެރިވެގެނެއް އޭނާ ކުރިއަރައިގެނެއް ނުދާނެއެވެ.

=ނުނިމޭ=

މިފޮތުގެ އެހެނިހެން ބައިތައް