[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަތުވާ: ބުރުދާ މަދަޙައިގައި ޝިރުކުގެ ބަސްތައް ހިމެނޭ

ސުވާލު: ތިޔަ ބޭފުޅުންގެ މަޖައްލާގެ 37ވަނަ ޢަދަދުގެ ފަތުވާ ބައިގައިވާ 5783 ވަނަ ފަތުވާގައި البُرْدَة (ބުރުދާ)[1] ކިޔުމަކީ ބިދުޢައެއްކަމަށް އައިސްފައިވެއެވެ. އަދި އެކަމުގެ ދަލީލެއްގެ ގޮތުގައި ޙަދީޘެއް ގެންނަވާފައިވެއެވެ. އަދި ބުރުދާ ކިޔުމުން ޘަވާބު ނުލިބޭނެކަމާއި އަދި ހަމައެހެންމެ ބައެއް ބައިތުތަކުގައި ބޮޑު ޝިރުކުވާކަމަށް ތިޔަބޭފުޅުން ވިދާޅުވެފައިވެއެވެ. މިޘާލަކަށް އަންނަނިވި ބައިތުތައް ހިމެނެއެވެ:

يا أكرم الخلق من لي من ألوذ به     ***    سـواك عنـد حلول الحادث العمم

إن لم تكن في معادي آخذًا بيدي    ***     فـضلاً و إلا فقــل يــا زلــة القــدم

ބައިތުތައް ނިމެންދެނެވެ.

އަޅުގަނޑުގެ ސުވާލަކީ: މިބައިތުތަކުގައި ބޮޑު ޝިރުކު ވަނީ ކޮންތަނެއްގައި ހެއްޔެވެ؟ ނުވަތަ ކޮން އެއްޗެއްގައި ހެއްޔެވެ؟

 

ޖަވާބު: މިބައިތުތަކުގައި ޝިރުކުވަނީ ޤިޔާމަތް ދުވަހު ހިނގާ ބޮޑުވެގެންވާ ކަންތައްތަކުން ރައްކާތެރިކަމަށް ﷲ ތަޢާލާ ފިޔަވާ އެހެން ފަރާތެއްގެ ކިބައިން އެދޭތީއެވެ. އެހެނީ އެއީ ﷲ ތަޢާލާ ފިޔަވާ އެހެން ފަރާތަކަށް އަދާކުރުން ހުއްދަވެގެން ނުވާ އަޅުކަމުގެ ވައްތަރުތަކުގެ ތެރެއިން ވައްތަރެކެވެ. ޅެންވެރިޔާވަނީ ދުނިޔެއާއި އާޚިރަތަކީ ނަބިއްޔާ صلى الله عليه وسلم ގެ ދީލަތިކަމުގެ ތެރެއިން ހިމެނޭ ދެތަންކަމުގައި ހަދާފައެވެ. މިއީ ދޮގެކެވެ. އަދި ހައްދު ފަހަނަ އަޅައިދިޔުމެވެ. އަދި ﷲ ގެ ޙަޟްރަތަށް މިލްކުވެވޮޑިގެންވާ އެއްޗެއް އެހެން ފަރާތަކަށް ނިސްބަތްކުރުމެވެ.

ތިންވަނަ ކަމަކަށް ބަލާނަމަ، ޅެންވެރިޔާވަނީ ލައުޙުލް މަޙްފޫޡުއާއި އޭގެ ޤަލަމުގެ ޢިލްމަކީ ނަބިއްޔާ صلى الله عليه وسلم ގެ ޢިލްމުގެ ތެރެއިންވާ ކަމެއްކަމުގައި ހަދާފައެވެ. މިއީ އެކަލޭގެފާނަށް ޣައިބު އެނގޭކަމަށް ބުނުމެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

 ﴿قُل لَّا يَعْلَمُ مَن فِي السَّمَاوَاتِ وَالْأَرْضِ الْغَيْبَ إِلَّا اللَّـهُ…﴾ [سورة النمل ٦٥]

މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! ﷲ އަށް މެނުވީ އުޑުތަކާއި ބިމުގައިވާ އެކަކަށްވެސް ޣައިބުގައިވާ ކަމެއް ނޭނގޭނެތެވެ… “

 

ސުޢޫދީ ޢަރަބިއްޔާގެ ފަތުވާދޭ ދާއިމީ ކޮމިޓީ

عبد العزيز بن عبد الله بن باز

عبد العزيز آل الشيخ

عبدالله بن غديان

صالح الفوزان

بكر أبو زيد

 

فتاوى اللجنة الدائمة، رقم الفتوى:  (17468)

_________________________________________

[1] “ބުރުދާއަކީ” ނަބިއްޔާ صلى الله عليه وسلم އަށް މަދަޙަ ކިޔުމުގެ ގޮތުން މުޙައްމަދު ބިން ސަޢީދު އަލްބޫޞީރީ ކިޔާ މީހަކު ލިޔެފައިވާ ޅެންބައިތުތަކެކެވެ. ނަމަވެސް އެޅެންބައިތުތަކުގައި ޝިރުކުގެ ލަފްޒުތަކެއް ހިމެނެއެވެ. އެހެންކަމުން އިހާއި ފަހުގެ ޢިލްމުވެރިންވަނީ އެޅެންބައިތުތައް ކިޔުން މަނާކުރައްވާފައެވެ.

ބޫޞީރީއަކީ ހިޖުރައިން 7ވަނަ ޤަރުނުގައި އުޅުނު މީހެކެވެ. އުފަންވެފައިވަނީ ހިޖުރައިން 608ވަނަ އަހަރު މިޞްރުގެ ރަށެއްކަމުގައިވާ އަބޫ ޞައިރުގައެވެ. އޭނާއަކީ ޝަރުޢީ ޢިލްމެއް ލިބިފައިވާ މީހެއް ނޫނެވެ. ނިސްބަތްވެފައިވަނީ ޞޫފީންގެ ޖަމާޢަތެއްކަމަށްވާ “ޝާޒިލިއްޔާ” އަށެވެ. އޭނާ މަރުވީ ހިޖުރީ ސަނަތުން 695ގައެވެ.

ބައްލަވާ: مقدمة ديوان البوصيري، تحقيق محمد سيد كيلاني، ص 5 – 44 / وكتاب: البوصيري دراسة ونقد