[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މަދީނާގެ މާތްކަން (އަދި އެތާގައި ދިރިއުޅުމާއި އެތަނަށް ޒިޔާރަތްކުރުމުގެ އަދަބުތައް) 19

madheenah

ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޤަބުރުފުޅާއި އެކަލޭގެފާނުގެ ދެ އަޞްޙާބު ބޭކަލުން رضى الله عنهما ގެ ޤަބުރުފުޅަށް ޒިޔާރަތް ކުރާ މީހާ އަންނާނީ ޤަބުރުގެ ކުރިމަތިންނެވެ.

އަދި ޤަބުރާއި ކުރިމަތިލައިގެން ހުރެ ޝަރުޢުގައި ވާގޮތައް ޒިޔާރަތް ކުރާނީއެވެ. ބިދުޢަވެރިން ޤަބުރަށް ޒިޔާރަތްކުރާގޮތައް ޒިޔާރަތް ކޮށްގެންނުވާނެއެވެ. ޝަރުޢުގައި ޒިޔާރަތް ކުރުމަށް އައިސްފައި ވާ ގޮތަކީ އެންމެ ފުރަތަމަ އަދަބުވެރިކަމާއި އަޑުއުފުލުމަކާ ނުލާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ސަލާމް ދެންނެވުމެވެ.

އޭނާ ކިޔާނީ:

“السَّلَامُ عَلَيْكَ يَارَسُوْلَ اللهِ وَرَحْمَةُ اللهِ وَبَرَكَاتُهُ صَلَّى اللهُ وَسَلَّمَ وَبَارَكَ عَلَيْكَ وَجَزَاكَ أَفْضَلُ مَا جَزَى نَبِيًّا عَنْ أُمَّتِهِ “މިފަދައިންނެވެ.

މާނައީ: “އޭ ﷲގެ ރަސޫލާއެވެ. ކަލޭގެފާނަށް ސަލާމް ހުއްޓެވެ. އަދި ﷲތަޢާލާގެ ރަޙުމަތާއި ބަރަކާތް ކަލޭގެފާނަށް ލައްވާށިއެވެ. އަދި ކަލޭގެފާނުގެ މައްޗަށް ﷲގެ ޞަލަވާތާއި ސަލާމާއި ބަރަކާތް ހުއްޓެވެ. އަދި ނަބީބޭކަލަކަށް އެބޭކަލެއްގެ އުންމަތުގެ ފަރާތުން ލިބެނިވި އެންމެ މަތިވެރި ދަރުމަ ކަލޭގެފާނަށް މިންވަރު ކުރައްވާށިއެވެ!”

އެއަށްފަހު އަބޫބަކުރު رضى الله عنه އަށް ސަލާމްނަންގަނެ އެކަލޭގެފާނަށްޓަކައި ދުޢާކުރާނީއެވެ. އެއަށްފަހު ޢުމަރު رضى الله عنه އަށްވެސް ސަލާމް ނަންގަނެ ދުޢާކުރާނީއެވެ.

މި މާތް ދެބޭކަލުންނާއި ބެހޭގޮތުން އަޅުގަނޑުމެން ދަންނަންޖެހޭ ކަންތައްތަކެއްވެއެވެ. ﷲ ތަޢާލާ އެހެން އެއްވެސް މީހަކަށް ނުދެއްވާ މާތްކަމާއި މަތިވެރިކަން މިދެބޭކަލުން ނަށް ދެއްވާފައިވެއެވެ.

އަބޫބަކުރު رضى الله عنه އަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ރިސާލަތައިގެން ވަޑައިގަތުމުން އެންމެ ފުރަތަމަ ފިރިހެނުން ގެ ތެރެއިން އެކަލޭގެފާނަށް އީމާންވީ ފަރާތެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ރިސާލަތައިގެން ފޮނުއްވުނު ފަހުން އެކަލޭގެފާނާއި އެކުގައި މައްކާގައި ތޭރަ އަހަރު އުޅުއްވިއެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ހިޖުރަކުރުމަށް އިޒުނަ ދެއްވުމުން އެ ދަތުރުގައި އެކަލޭގެފާނާއި އެކުގައި ބައިވެރިވެވަޑައިގެންނެވިއެވެ. ކީރިތި ޤުރުއާނުގައި ބަޔާންވެގެން އައިސްފައި ވެއެވެ.

﴿إِلَّا تَنصُرُوهُ فَقَدْ نَصَرَهُ اللَّـهُ إِذْ أَخْرَجَهُ الَّذِينَ كَفَرُوا ثَانِيَ اثْنَيْنِ إِذْ هُمَا فِي الْغَارِ إِذْ يَقُولُ لِصَاحِبِهِ لَا تَحْزَنْ إِنَّ اللَّـهَ مَعَنَا ۖ فَأَنزَلَ اللَّـهُ سَكِينَتَهُ عَلَيْهِ وَأَيَّدَهُ بِجُنُودٍ لَّمْ تَرَوْهَا وَجَعَلَ كَلِمَةَ الَّذِينَ كَفَرُوا السُّفْلَىٰ ۗ وَكَلِمَةُ اللَّـهِ هِيَ الْعُلْيَا ۗ وَاللَّـهُ عَزِيزٌ حَكِيمٌ﴾ [سورة التوبة ٤٠]

މާނައީ: “ތިޔަބައިމީހުން އެކަލޭގެފާނަށް ނަޞްރުނުދިނެއްކަމަކު ﷲ ތަޢާލާ އެކަލޭގެފާނަށް ނަޞްރުދެއްވިޔެވެ. ދެމީހުންކުރެ އެކަކު ކަމުގައި ވާ ޙާލު ކާފަރުން އެކަލޭގެފާނު ނެރިލި ހިނދުގައިވެ. އޭގެ ދެކަލުން (ޘައުރުފަރުބަދައިގެ) ހޮހޮޅައިގައި ތިއްބެވި ހިނދުގައެވެ. އެކަލޭގެފާނުގެ އެކުވެރިޔާއަށް(އެބަހީ: އަބޫބަކުރުގެފާނަށް) ކަލޭގެފާނު ހިތާމަނުކުރައްވާށޭ، ﷲތަޢާލާ ވޮޑިގެންވަނީ ތިމަންމެނާ އެކުގައޭ ވިދާޅުވި ހިނދުގައެވެ. އެހިނދު އެކަލޭގެފާނަށް ހިތްހަމަޖެހުމާއި އަމާންކަން ﷲތަޢާލާ ބާއްވާލެއްވިއެވެ. އަދި ތިޔަބައިމީހުންނަށް ނުފެންނަ ލަޝްކަރުތަކަކުން ﷲތަޢާލާ އެކަލޭގެފާނަށް ގަދަކަންދެއްވިއެވެ. އަދި ކާފިރުންގެ ބަސް އެއީ އެންމެ ދައްވެގެންވާ ބަސްކަމުގައި ﷲ ލެއްވިއެވެ. އަދި ﷲތަޢާލާގެ ބަސްފުޅު އެއީ އެންމެ މަތިވެރި ބަސްފުޅެވެ. އަދި ﷲ އީ ޢަޒީޒުވަންތަ ޙަކީމްވަންތައިލާހެވެ.”

އަދި މަދީނާގައި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމް ގެ އަރިހުގައި ދިހަ އަހަރު ހޭދަކުރެއްވިއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަވަހާރަވެވަޑައިގެންނެވުމުން އުންމަތުގެ ޚަލީފާކަމާއި ޙަވާލުވެވަޑައިގެންނެވިއެވެ. އެކަން އެންމެ ހެޔޮގޮތުގައި އެކަލޭގެފާނު ކުރެއްވިއެވެ. އަދި އެކަލޭގެފާނު އަވަހާރަވުމުން ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުގައި ފަސްދާނުލެވުމުގެ ނަސީބު އެކަލޭގެފާނަށް ﷲ ތަޢާލާ މިންވަރުކުރެއްވިއެވެ. އަދި މަޙްޝަރު ކުރެވޭ ދުވަހުގައި އެކަލޭގެފާނުވާނީ ސުވަރުގެ ވަންތަވެރިންގެ ތެރެއިންނެވެ. މިއީ ﷲތަޢާލާ ދެއްވަވާ މާތްކަމެވެ. އެއިލާހު އިރާދަކުރެއްވި އަޅަކަށް އެމާތްކަން ދެއްވައެވެ. އަދި ﷲ އީ އެންމެ މާތް އެންމެ މަތިވެރި އިލާހެވެ.

=ނުނިމޭ=

މިފޮތުގެ އެހެނިހެން ބައިތައް