بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ
إِنَّا أَعْطَيْنَاكَ الْكَوْثَرَ ﴿١﴾
فَصَلِّ لِرَبِّكَ وَانْحَرْ ﴿٢﴾
إِنَّ شَانِئَكَ هُوَ الْأَبْتَرُ ﴿٣﴾
ސޫރަތުގެ މާނަ:
“ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ގިނަގުނަވެގެންވާ ހެޔޮކަން ކަލޭގެފާނަށް ދެއްވީމެވެ. [1] ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ކަލޭގެފާނު ނަމާދު ކުރައްވާށެވެ! އަދި ޤުރުބާން ކުރައްވާށެވެ! [2] ހަމަކަށަވަރުން، ކަލޭގެފާނުދެކެ ރުޅިއަންނަ މީހާއީ ހުރިހާ ހެޔޮކަމަކުން ކެނޑިގެންވާ މީހާއެވެ.[3]”
ބިސްމީގެ ތަފްސީރު އިސްވެ ބަޔާންވެ ހިނގައްޖެއެވެ.
މިސޫރަތަކީ މިއީ މައްކީ ސޫރަތެއް ކަމުގައި ބުނެވެއެވެ. އަދި ބުނެވެއެވެ. މިއީ މަދަނީ ސޫރަތެކެވެ. މައްކާއަށް ނިސްބަތް ކުރެވެނީ ނަބިއްޔާ صلى الله عليه وسلّم މަދީނާއަށް ހިޖުރަ ކުރެއްވުމުގެ ކުރީން ބާވާލެއްވުނު ސޫރަތްތަކެވެ. އެއީ މައްކާގައި ނުވަތަ މަދީނާގައި ބާވައިލެއްވުން ކަމުގައި ވިޔަސް މެއެވެ. ނުވަތަ ދަތުރު މަތީގައި ވަނިކޮށް ބާވައިލެއްވުނު ކަމުގައި ވީނަމަވެސް މެއެވެ. ދެންފަހެ ހިޖުރައިގެ ފަހުން ބާވައިލެއްވުނު އެންމެހާ ބާވައިލެއްވުންތަކީ މަދަނިއްޔެވެ. އަދި އޭގެ ކުރިން ބާވައިލެއްވުނު ބާވައިލެއްވުމީ މައްކިއްޔެވެ. ޢިލްމުވެރިންގެ ބަސްފުޅުތަކުގެ ތެރެއިން ރާޖިޙު (އެންމެ ރަނގަޅު) ބަސްފުޅަކީ މިއެވެ.
ނަބިއްޔާ صلى الله عليه وسلم އާ މުޚާޠަބު ކުރައްވާ ﷲ ތަޢާލާ ވަޙީ ކުރައްވާފައި މިވަނީ: ﴿إِنَّا أَعْطَيْنَاكَ الْكَوْثَرَ﴾ “ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ގިނަގުނަވެގެންވާ ހެޔޮކަން ކަލޭގެފާނަށް ދެއްވީމެވެ.”
ޢަރަބި ބަހުގައި ކައުޘަރުއަކީ ގިނަގުނަވެގެންވީ ހެޔޮކަމެވެ. މިގޮތުން ނަބިއްޔާ صلى الله عليه وسلم އަށް ދުނިޔެއާއި އާޚިރަތުގައި ގިނަގުނަވެގެންވީ ހެޔޮކަން ﷲ ތަޢާލާ މިންވަރު ކުރެއްވިއެވެ. މީގެތެރޭގައި ސުވަރުގޭގައިވާ މާތްވެގެންވީ ފެންއާރު ހިމެނެއެވެ. އެއީ އެތަނަކުން އެކަލޭގެފާނުގެ ޙައުޟަށް [މަޙުޝަރުގެ މައިދާނުގައިވާ ފެންގަނޑަށް] ހުއްޓުމެއްނެތި ފެން އޮހިއޮހި ހުންނަ ތަނެވެ. [1] އެތާނގެ ފެން، ކިރަށްވުރެ ހުދުކަން ގަދަވެގެން ވެއެވެ. އަދި މާމުޔަށްވުރެ މީރުކަން އިތުރުވެގެން ވެއެވެ. ((وَأَطْيَبَ رَائِحَةً مِنَ الْمِسْكِ)) “އަދި ގޮމަކަސްތޫރިއަށްވުރެ އޭގެ ވަސް މީރުވެގެން ވެއެވެ.” ޤިޔާމަތް ދުވަހުގައި މިފެންގަނޑު ވާހުށީ މަޙްޝަރުގެ މައިދާނުގައެވެ. ނަބިއްޔާ صلى الله عليه وسلم ގެ އުއްމަތުގެ މުއުމިނުތަކުން އެތަނުން ފެންބޯނެއެވެ. އަދި ގިނަގުނަ ކަމާއި ޗާލުކަމުގައި އެއާރުގެ ކަންވާރުތައް ވާހުށީ އުޑުގެ ތަރިތައް ފަދައިންނެވެ.
ފަހެ އެކަލޭގެފާނުގެ ޝަރީޢަތަށް ވާޞިލްވެއްޖެ މީހާ (އެބަހީ ތަބާވެއްޖެ މީހާ) އާޚިރަތްދުވަހުގައި އެ ފެންގަނޑަށް ވާޞިލް ވާނެތެވެ. އަދި އެކަލޭގެފާނުގެ ޝަރީޢަތަށް ވާޞިލްނުވި މީހާ އާޚިރަތްދުވަހުގައި އެއިން މަޙްރޫމު ކުރެވޭ ހުއްޓެވެ.
އަދިވެސް ނަބިއްޔާ صلى الله عليه وسلم އަށް ދުނިޔޭގައި ދެއްވިގެންވާ ގިނަގުނަ ހެޔޮކަންތަކުގެ ތެރޭގައި، ޖާބިރު رضي الله عنه ގެ އަރިހުން ދެޞަޙީޙުގައި ޘާބިތުވެފައި ވެއެވެ. ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ((أُعْطِيتُ خَمْسًا لَمْ يُعْطَهُنَّ أَحَدًا مِنَ الأَنْبِيَاءِ قَبْلِي: نُصِرْتُ بِالرُّعْبِ مَسِيرَةَ شَهْرٍ، وَجُعِلَتْ لِيَ الأَرْضُ مَسْجِدًا وَطَهُورًا، فَأَيُّمَا رَجُلا مِنْ أُمَّتِي أَدْرَكَتْهُ الصَّلاةُ فَلْيُصَلِّ، وَأُعْطِيتُ الشَّفَاعَةَ، وَأُحِلَّتْ لِيَ الْمَغَانِمُ، وَكَانَ النَّبِيُّ يُبْعَثُ إِلَى قَوْمِهِ خَاصَّةً وَبُعِثْتُ إِلَى النَّاسِ عَامَّةً)) [2] މާނައީ: “ތިމަންކަލޭގެފާނުގެ ކުރިން އެއްވެސް ނަބިއްޔަކަށް ނުދެއްވާ ފަސްކަމެއް ތިމަންކަލޭގެފާނަށް ދެއްވުނެވެ: މަސްދުވަހުގެ ރާސްތާގެ ބިރުގެންނެވުމަކުން ތިމަންކަލޭގެފާނަށް ނަޞްރު ދެއްވުނެވެ. އަދި ޠާހިރު ކޮށްދޭ ތަނެއް ކަމުގައްޔާއި މިސްކިތެއް ކަމުގައި (އެބަހީ އަޅުކަން ކުރެވޭ ތަނެއް ކަމުގައި) ތިމަންކަލޭގެފާނަށްޓަކައި ބިންގަނޑު ލެއްވުނެވެ. ފަހެ ތިމަންކަލޭގެފާނުގެ އުއްމަތުގެ ތެރެއިން ނަމާދު ވަގުތު ދެކިއްޖެ މީހާ ނަމާދު ކުރާހުށިކަމެވެ. އަދި ޝާފާޢަތްތެރިވުން ތިމަންކަލޭގެފާނަށް ދެއްވުނެއެވެ. ޣަނީމާ މުދާ ވެސް ތިމަންކަލޭގެފާނަށްޓަކައި ޙަލާލު ކުރެއްވުނެއެވެ. އަދި ނަބިއްޔުން ފޮނުއްވުނީ އެބޭކަލުންގެ ޤައުމަށް ޚާއްޞަކޮންނެވެ. ތިމަންކަލޭގެފާނު ފޮނުއްވުނީ ޢާންމުކޮށް މުޅި އިންސާނިއްޔަތަށެވެ.”
މިއީ ގިނަގުނަވެގެންވީ ހެޔޮކަމެކެވެ. އެހެނީ ހަމަކަށަވަރުން މުޅި އިންސާނިއްޔަތަށް ޢާންމުކޮށް އެކަލޭގެފާނު ފޮނުއްވުމީ އެންމެ ގިނަ ނަބިއްޔުން އެކަލޭގެފާނަށް ތަބާވެވަޑައިގަތުން ލާޒިމު ކުރާނޭ ކަންތަކެވެ. އަދި އެކަން ވެފައިވީވެސް އެފަދައިންނެވެ. ފަހެ ސަލާމާއި ޞަލަވާތްލެވި އިތުރު އެކަލޭގެފާނު ވެވަޑައިގެންނެވީ އެންމެގިނަ ނަބިއްޔުން ތަބާވެވަޑައިގެންނެވި ކަލޭގެފާނަށެވެ.
-ނުނިމޭ-
________________________________________________________
[1] رواية الترمزي كتاب التفسير باب ومن سورة الكوثر ( 3361) وقال حديث حسن صحيح .
[2] أخرجه البخاري كتاب التيمم با ب قو ل الله تعالى : ) فَلَمْ تَجِدُوا مَاءً فَتَيَمَّمُوا صَعِيداً طَيِّباً )(335) . ومسلم كتاب الصلاة باب المساجد ومواضع الصلاة ( 521) (3)
މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ލިޔުއްވާފައިވާ سورة الكوثر ގެ ތަފްސީރުގެ ތަރުޖަމާއެވެ.