[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سورة الكوثر ގެ ތަފްސީރު – 3

އެއަށްފަހު ވަޙީ ކުރައްވާފައި ވަނީ: ﴿إِنَّ شَانِئَكَ هُوَ الْأَبْتَرُ﴾ “ހަމަކަށަވަރުން، ކަލޭގެފާނުދެކެ ރުޅިއަންނަ މީހާއީ ހުރިހާ ހެޔޮކަމަކުން ކެނޑިގެންވާ މީހާއެވެ.” މިއީ އެކަލޭގެފާނަށް ކައުޘަރުދެއްވުމާއެކު، އެކަލޭގެފާނުދެކެ ރުޅި އަންނަމީހާއަށް އޮތް ގޮތެވެ. ﴿شَانِئَكَ﴾ އެބަހީ ކަލޭގެފާނުދެކެ ރުޅިއަންނަ މީހާއެވެ. ‘الشَّنَئَان‘ އެއީ ނުރުހުންތެރި ކަމެވެ. މިގޮތަށް މާތް ﷲ ގެ ވަޙީބަސްފުޅުގައި ވެއެވެ: ﴿وَلَا يَجْرِمَنَّكُمْ شَنَآنُ قَوْمٍ أَن صَدُّوكُمْ عَنِ الْمَسْجِدِ الْحَرَامِ أَن تَعْتَدُوا﴾ (سورة المائدة: 2) މާނައީ: “އަދި ތިޔަބައިމީހުން ޙުރުމަތްތެރިވެގެންވާ މިސްކިތަށް (އެބަހީ: ކަޢުބަތުﷲ ގެފުޅަށް) ތިޔަބައިމީހުން ދިޔަނުދީ ހުރަސްއެޅިކަމަށްޓަކައި، ބަޔަކުމީހުންގެ މައްޗަށް ތިޔަބައިމީހުންގައި އުފެދުނު ނުރުހުންތެރިކަމެއް އެއީ، އެހެންމީހުންގެ މައްޗަށް ނަހަމައިން ތިޔަބައިމީހުން ހައްދުފަހަނަޅައިދިޔުމުގެ ސަބަބެއްކަމުގައި މެދުވެރި ނުކުރާށެވެ!” އެބަހީ އެބައިމީހުންގެ ރުޅިވެރިކަމަކީ ތިޔަބައިމީހުން ހައްދު ފަހަނައަޅަންވީ ކަމެއް ކަމުގައި ނަހަދާށެވެ. ﴿وَلَا يَجْرِمَنَّكُمْ شَنَآنُ قَوْمٍ عَلَىٰ أَلَّا تَعْدِلُوا﴾ (سورة المائدة: 8) މާނައީ: “އަދި ބަޔަކުމީހުންދެކެ ތިޔަބައިމީހުންގައި އުފެދިފައިވާ ރުޅިވެރިކަމެއް އެއީ، ތިޔަބައިމީހުން ޢަދުލުވެރި ނުވުމުގެ މައްޗަށް ބާރުއަޅާކަމެއް ކަމުގައި ނަހަދާށެވެ!” އެބަހީ: އެބައިމީހުންގެ ކިބައިގައިވާ ރުޅިވެރިކަމަކީ ތިޔަބައިމީހުން ޢަދުލުވެރިކަން ދޫކޮށްލަންވީ ސަބަބެއް ކަމުގައި ނަހަދާށެވެ. ﴿اعْدِلُوا هُوَ أَقْرَبُ لِلتَّقْوَىٰ﴾ (سورة المائدة: 2) “ތިޔަބައިމީހުން ޢަދުލުވެރި ވާށެވެ! އެގޮތް ތަޤުވާވެރިކަމާ ގާތްކަން ބޮޑެވެ.”

ﷲ ގެ ބަސްފުޅު ﴿إِنَّ شَانِئَكَ﴾ ގައިވާ شَانِئَك: އެބަހީ ކަލޭގެފާނުދެކެ ރުޅިއައުމެވެ. ﴿هُوَ الْأَبْتَرُ﴾ “އެއީ، ހުރިހާ ހެޔޮކަމަކުން ކެނޑިގެންވާ މީހާއެވެ.” الْأَبْتَر: މިއީ (بَتَرَ) ގެ اسْمُ تَفْضِيْل (‘އެންމެ’ ގެ މާނާގައި ބޭނުން ކުރެވޭ ގޮތް) އެވެ. މާނައީ ކެނޑިގެން ވުމެވެ. އެބަހީ އޭނާއަކީ އެންމެ ބޮޑަށް ކެނޑިގެންވާ މީހާއެވެ. އެންމެހާ ހެޔޮކަމުން ކެނޑިގެންވާ މީހާއެވެ. މިފަދައިން ޤުރައިޝް ވަންހައިގެ ކާފަރުން ވެސް ބުނެއުޅުނެވެ. ((مُحَمَّدٌ أَبْتَرٌ، لاَ يُوْلَد لَه، وَلَوْ وُلِدَ لَه فَهُوَ مَقْطُوْعُ النَّسْل)) މާނައީ: “އެންމެބޮޑަށް ކެނޑިގެންވަނީ މުޙައްމަދެވެ. އޭނާއަށް ދަރިއަކުވެސް ނުލިބެއެވެ. އަދި ދަރިއަކު ލިބިއްޖެނަމަ އެކުއްޖާ ވާނީ ނަސްލު ކެނޑިގެންވާ ދަރިއަކަށެވެ.” ފަހެ ﷲ ސުބުޙާނަޙޫ ވަތަޢާލާ ބަޔާންކޮށްދެއްވާފައި މިވަނީ އެންމެ ބޮޑަށް ކެނޑިގެންވާ މީހަކީ ރަސޫލާ صلى الله عليه وسلّم ދެކެ ރުޅިއަންނަ މީހާއެވެ. ފަހެ އޭނާއީ ހުރިހާ ހެޔޮކަމަކުން އެންމެ ބޮޑަށް ކެނޑިގެންވާ ފަރާތެވެ. އޭނާގެ ކަންކަމުގައި އެއްވެސް ބަރަކާތެއް ނުވެއެވެ. އޭނާގެ ދިރިއުޅުން ވާހުށީ އެކުރެވުނު ކަމުގެ ހިތާމައިގެ މަތީގައެވެ.

މިއީ އޭނާ ރުޅިއަންނަ ފަރާތަކީނަމަ އެކަލޭގެފާނުގެ ޝަރުޢާ މެދުވެސް އޭނާ ނުރުހުންތެރި ވާނެއެވެ. ފަހެ ނަބިއްޔާ صلى الله عليه وسلّم ގެ ޝަރީޢަތަށް ނުރުހުންތެރިވެއްޖެ މީހާ ނުވަތަ އިސްލާމްދީނުގެ ޝިޢާރުތަކުންކުރެ ޝިޢާރަކާމެދު ނުވަތަ ބޯލަނބައި ކިޔަމަންގަތުމުގެ ގޮތުން މީސްތަކުން ކުރަމުންދާ އަޅުކަމަކާމެދު ނުރުހުންތެރިވެއްޖެ މީހާއީ ހަމަކަށަވަރުންވެސް ކާފިރެކެވެ. ދީނުން ބޭރުވެފައިވާ މީހެކެވެ. މާތް ﷲގެ ބަސްފުޅުގައިވާ ގޮތުގެ މަތީންނެވެ: ﴿ذَٰلِكَ بِأَنَّهُمْ كَرِهُوا مَا أَنزَلَ اللَّـهُ فَأَحْبَطَ أَعْمَالَهُمْ﴾ (سورة محمد: 9) މާނައީ: “އެއީ އެއުރެން، ﷲ ބާވައިލެއްވި ފޮތަށް ނުރުހުމުގެ ސަބަބުންނެވެ. ދެން އެކަލާނގެ އެއުރެންގެ ޢަމަލުތައް ބާޠިލު ކުރެއްވިއެވެ.”

ކާފިރުކަމުން މެނުވީ ޢަމަލުތައް ބާޠިލުނުވާ ހުށްޓެވެ. ފަހެ ނަމާދުގެ ވާޖިބުކަމާމެދު ނުރުހުންތެރިވެއްޖެ މީހާ އޭނާ ނަމާދު ކުރި ކަމުގައި ވާނަމަ އަދި ޒަކާތްދޭ މީހާ ޒަކާތުގެ ވާޖިބު ކަމާމެދު ނުރުހުންތެރި ވީނަމަވެސް އެބައިމީހުންނީ ހަމަ ކާފަރުންނެވެ. ދަންނައެވެ! އިންކާރު ކުރުމެއް ނެތި އެއިން ކަމެއް ކުރުމަށް ބުރަހެލިވެއްޖެ މީހާއީ ނިފާޤުކަމުގެ ކަންތަކުން ކުރެ ކަމެއް އޭނާގައި ހުރެއްޖެ މީހެކެވެ. ނަމަވެސް ކާފިރެއް ނޫނެވެ. އޭނާގެ މައްޗަށް ކަމެއް ބުރަވެއްޖެ މީހާއާއި އިންކާރު ކުރި މީހާ ތަފާތުވެގެން ވެއެވެ.

ކޮންމެއަކަސް މިސޫރަތް ގުޅިލާމެހިފައި ވަނީ ﷲ ތަޢާލާ އެކަލާނގެ ރަސޫލާ صلى الله عليه وسلّم އަށް ދެއްވާފައިވާ ގިނަގުނަވެގެންވާ ހެޔޮ ނިޢުމަތްތައް ބަޔާން ކުރެއްވުމުގެ މައްޗަށެވެ. އެއަށްފަހު އަމުރު ކުރައްވާފައި ވަނީ ނަމާދު ކުރުމަގައްޔާއި ޤުރުބާން ކުރުމުގައި އަދި އެނޫންވެސް އަޅުކަންތަކުގައި ﷲ ތަޢާލާއަށް ހިތްނިޔަތް ޚާލިޞް ކުރުމަށެވެ. އޭގެފަހުގައި ބަޔާން ކުރައްވާފައިވަނީ ރަސޫލުﷲ صلى الله عليه وسلّم ދެކެ ރުޅިއަންނަ މީހާއި ނުވަތަ އެކަލޭގެފާނުގެ ޝަރީޢަތުން ކަމަކާ މެދު ނުރުހުންތެރިވެއްޖެ މީހާއީ ފަހެ އޭނާއީ އެއްވެސް ބަރަކާތެއް ނެތް ހެޔޮކަމުން ކެނޑިގެންވާ މީހާ ކަމުގައެވެ.

نَسْأَلُ اللهَ العَافِيَةَ وَالسَّلاَمَة.

[وصلى الله وسلم على نبينا محمد وعلى آله وصبه أجمعين. والحمد لله رب العالمين.]

-ނިމުނީ-

________________________________________________________

މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ލިޔުއްވާފައިވާ سورة الكوثر ގެ ތަފްސީރުގެ ތަރުޖަމާއެވެ.

މިލިޔުމުގެ އެހެންބައިތައް ބެއްލެވުމަށް