އިސްލާމީ ޢަޤީދާ އުނގެނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށްވާ ވާޖިބެކެވެ. އެގޮތުން، އިސްލާމީ ޢަޤީދާގެ ޙަޤީޤަތާއި އެ ޢަޤީދާގެ މަޤްޞަދާއި، އެ ޢަޤީދާގައި ހިމެނޭ އަޞްލުތަކާއި އުޞޫލުތަށް ދަނެގަންނަން ޖެހޭނެއެވެ. އަދި މީގެ އިތުރުން މި ޢަޤީދާއާ ފުށުއަރާ އަދި މިޢަޤީދާ ނަފީކޮށްލާ ފަދަ ހުރިހައި ކަމަކަމާއި ބާޠިލު ގޮތްތަކަކީ ކޮބައިކަންވެސް އެނގުން ލާޒިމެވެ. އަދި ޝިރުކުގެ ވައްތަރު ތަކަކީ ކޮބައިކަމާއި، ކުދި ޝިރުކާއި ބޮޑު ޝިރުކަކީ ކޮބައިކަންވެސް ދަނެގަތުން ލާޒިމުވެގެން ވެއެވެ.
މާތް ﷲ ވަޙީކުރައްވާފައި ވެއެވެ.
(( فَاعْلَمْ أَنَّهُ لَا إِلَٰهَ إِلَّا اللَّهُ )) (محمد:19)
މާނައީ: “ފަހެ، اللَّه މެނުވީ އިލާހަކު ނުވާކަން ކަލޭގެފާނު ދެނެވަޑައިގަންނަވާށެވެ!” (މުޙަންމަދު: 19)
މި އާޔަތުން ދަލީލު ނަންގަވައިގެން އިމާމު ބުޚާރީ (ރަޙިމަހު ﷲ) ވަނީ އެކަލޭގެފާނުގެ ފޮތުގައި (ޞަޙީޙް ބުޚާރީ) ބާބެއް އެކުލަވައިލާފައެވެ. އެ ބާބުގެ ނަމަކީ باب العلم قبل القول والعمل މިހެންނެވެ. މާނައީ، ބަސް ބުނުމާއި ޢަމަލު ކުރުމުގެ ކުރިން ޢިލްމު (ހޯދުމުގެ މުހިންމު ކަމާބެހޭ) ބާބު، މިއެވެ.
އެހެންކަމުން، ހުރިހައި ޒަމާނެއްގައިވެސް އިސްލާމީ އުއްމަތުގެ ދަންނަބޭކަލުން ވަނީ ޢަޤީދާގެ އަޙްކާމުތަކާއި ޢަޤީދާގެ ޢިލްމު މީސްތަކުންނަށް ބަޔާންކޮށްދިނުމުގައި އިތުރު ހިއްމަތާއި މިންނަތް ކުރައްވާފައެވެ. ވުމާއެކު، ޢަޤީދާގެ ޢިލްމަކީ އެންމެ ފުރަތަމަ އުނގެނެން ޖެހޭ ޢިލްމަށްވަނީ ވެފައެވެ. އެބޭކަލުން ވަނީ މި ރޮނގުން ބޮޑެތި ބޮޑެތި ފޮތްތައް އެކުލަވައިލައްވާފައެވެ. ޚާއްޞަކޮށް، ޢަޤީދާގެ އަޙްކާމުތަކާއި އެކަމުގެ ވާޖިބުތަކުގެ މައްޗަށް އިތުރަށް ލިޔުއްވައި އުއްމަތަށް ތަފްޞީލުކޮށްދެއްވާފައިވެއެވެ. އަދި މި ޢަޤީދާ ފާސިދުކޮށްލާ ޝިރުކިއްޔާތާއި ޚުރާފާތާއި ބިިދުޢަތަކުގެ ވާހަކަ ބަޔާންކޮށްދެއްވާފައިވެއެވެ.
އެހެންކަމުން، މިއިން ދޭހަކޮށްދެނީ لا إله إلا الله އަކީ ހަމައެކަނި ދުލުން ކިޔައިގެން ފުއްދައި ލެވެން އޮތް ކަލިމައެއް ނޫން ކަމެވެ. މި ކަލިމާގައި ވަރަށް ފުން މާނައެއް ވާކަމާއި، މި ކަލިމާއިގެ މައްޗަށް ޙުކުމްތަކަކާއި ވާޖިބާތުތަކެއް އެކުލެވިގެންވާކަން މިކަމުން ސާބިތުކޮށްދެއެވެ. މިޙުކުމްތަކަށް ބޭރުފުށުންނާއި އެތެރެ ފުށުން ޢަމަލުކުރަން ޖެހޭނެއެވެ. އަދި މި ކަލިމައާ ފުށު އަރާ ހުރިހައި ކަމަކުން ދުރުވާން ޖެހޭނެއެވެ. މިކަންކަން، އުނގެނިގެން ނޫނީ ޞައްޙަ ޢަޤީދާއަކީ ކޮބައިކަން ސާފުވެ ބަޔާނެއް ނުވާނެއެވެ.
ވުމާއެކު، މަދަރުސީ ހުރިހައި މަރުޙަލާއެއްގައިވެސް މި އަޤީދާ ކިޔަވައިދޭން ޖެހޭނެއެވެ. ބައިބަޔަށް ބަހައިގެންނެވެ. އެ މަރުޙަލާއަކާ ގުޅޭގޮތަކަށެވެ. އަދި މި ޢިލްމު އުނގަންނައިދޭން މަދު ނުވާ ވަރަށް މުދައްރިސުން ހަމަ ޖައްސަން ޖެހޭނެއެވެ. މުދައްރިސުން އެވަރަށް ނެތްނަމަ، ދައުލަތުގެ ޚަރަދުގައި މި ޢިލްމު ކިޔަވައިދޭން، ފެންވަރު ރަނގަޅު މަތީ ތަޢުލީމު ދޭ ކޮލެޖުތަކާއި ޔުނިވަރސިޓީތަކުން މުދައްރިސުން ތަމްރީނު ކުރައްވަން ޖެހޭނެއެވެ. ހިތާމައަކީ، މިއަދުގެ ޚާލަތުގެ އޮތީ މިއާއި މުޅިން ޚިލާފަށެވެ. ޢަޤީދާގެ ޢިލްމަށް ނުވަތަ އިސްލާމީ ތަޢުލީމަށް އަހައްމިއްޔަތުކަމެއް އެއްވެސް މަދަރުސާއަކުން ދޭތަން ފެނިގެން ނުދެއެވެ. އެކަމާ ބެހޭ ވުޒާރާއިންވެސް އެކަމަކީ ކުރަން ނުޖެހޭފަދަ ކަމެއްކަމުގައި ދޭހަވާ ގޮތަށް ކަންތައްތައް ދަނީ ކުރަމުންނެވެ. ނަމަވެސް، މި އުޞޫލުތައް ބަދަލުކުރަން އެބަ ޖެހެއެވެ. އިސްލާމީ ޢަޤީދާގެ މައްޗަށް ތަރުބިއްޔަތުވާ، ޚުރާފާތާއި ޝިރުކިއްޔާތާއި ބިދުޢަތަކުން ސަލާމަތްވެގެންވާ ޖީލެއް ބިނާ ކުރެވޭނީ އޭރުންނެވެ.
މިކަމަށްޓަކައި ލިޔެވިފައިވާ އިސްލާމީ ޞައްޙަ ފޮތްތަކުގެ ބޭނުން ހިފަން ޖެހޭނެއެވެ. އެ ފޮތްތަކަކީ ޤުރުއާނާއި ސުންނަތާ ދިމާވާ ފޮތްތަކެއް ކަމުގައި ވާން ޖެހޭނެއެވެ. ސަލަފުއްޞާލިހުންގެ މަންހަޖަށް އެކުލަވާލެވިފައިވާ ފޮތްތަކެއް ކަމުގައިވާން ޖެހޭނެއެވެ. އަދި ދަރިވަރުން މި ފޮތްތަކާއި އަހުލުވެރި ކުރުވަން ޖެހޭނެއެވެ.
މަދަރުސީ ނިޒާމުގެ ތެރެއަށް ހަމައެކަނި މި ތަޢުލީމު ވެއްދުމަކުން ފުދުނީއެއް ނޫނެވެ. އެއަށްވުރެ ދުރަށް ވިސްނަން އެބަޖެހެއެވެ. މިސްކިތްތަކުގައި މި ތަޢުލީމު ކުރިޔަށް ގެންދަން އެބަޖެހެއެވެ. ޢާންމު ރައްޔިތުންނަށްޓަކައެވެ. އެބައިމީހުންގެ ޢަޤީދާ އެބައިމީހުންނަށް ބަޔާންކޮށްދޭން އެބަޖެހެއެވެ. ޞާފު ޢަޤީދާ އަކީ ކޮބައިކަން ބުނެދޭން އެބަޖެހެއެވެ. ރޭވިގެން އަތުރާލެވިގެން ދާ ސިލްސިލާ ދަރުސްތަކެއްގެ ގޮތުގައި ނުވަތަ ކުލާސްތަކެއްގެ މިސްކިތްތަކުގައިވެސް ކުލާސްތައް ބާއްވަން އެބަޖެހެއެވެ. މިކަމަށް ދީނީ ޢިލްމު އުނގެނިގެން ތިއްބެވި ޢާލިމުންނާއި ދާޢީން އިސްވުމަކީ ކުރަންވެއްޖެކަމެކެވެ.
މީގެ އިތުރުން، އަފުރާދުންގެ މެދުގައިވެސް މި ޢިލްމާމެދު އަހުލުވެރި ކުރުވަން އެބަޖެހެއެވެ. އަމިއްލައިން ދީނީ ފޮތްތަކާއި ޢަޤީދާގެ ތަފާތު ފޮތްތަކާއި ދަރުސްތައް މުޠާލިޢާ ކުރަން ފަރުދުންނަށް ދަސްކޮށްދޭން އެބަޖެހެއެވެ. ނުވަތަ އެކަމަށް އެބައިމީހުން އަހުލުވެރި ކުރުވަން އެބަޖެހެއެވެ. އެއީ އިސްލާމަކަށް ވުމުން، ކޮންމެ ފަރުދަކުވެސް ކުރަން ލާޒިކު ކަމެކެވެ. މި ޢަޤީދާ އުނގެނުމަކީ ފަރުދީ ވާޖިބެކެވެ. ހަމައެފަދައިން މި ޢަޤިދާ ފާސިދުކޮށްލާ ކަންތައްތައް ދަނެގަތުމަކީ ވެސް ފަރުދީ ވާޖިބެކެވެ. މިކަމުން، ރެކި ގަނެވޭނެ އެއްވެސް މުސްލިމަކު ނެތެވެ.
އަޅުގަނޑުމެން، ޤުރުއާނަށް ނަޒަރު ހިންގާލާއިރު ބޮޑަށް ފެނިގެންދަނީ ނުވަތަ ގިނަ ސޫރަތްތަކުގައި އަދި ގިނަ އާޔަތްތަކުގައި މުޅިން ކަހަލަ ގޮތަކަށް ޢަޤީދާގެ މައްޗަށް އަލިއަޅުވާލެވިފައިވާ މަންޒަރެވެ. މައްކީ ސޫރަތްތަކުގައި މުޅީންވެސް ޢަޤީދާގެ ވާހަކަތެކެވެ. އިސްލާމީ ޢަޤީދާއަކީ ކޮބައިކަމާއި މި ޢަޤީދާއާ ފުށުއަރާ ޝުބުހަތަކަކީ ކޮބައިކަމުގެ ވާހަކައެވެ.
މަރުވެ ހިކިފައިވާ ބިމަކަށް ދިރުން ލިބުމަށްޓަކައި ފެން ބޭނުންވާނެ ފަދައިން އިސްލާމީ މުޖުތަމަޢެއްގެ ދިރުން ވަނީ ޢަޤީދާގެ ޢިލްމު އުނގެނުމާއި އުގަންނައިދިނުމުގައެވެ. އެއީ އަޅާއަށް އޭނާގެ ރައްބަކީ ކޮބައިކަން ބުނެދޭ ހަމައެކަނި ވަޞީލަތެވެ. އެއީ އުޑާއި ބިން އެއަކަށްޓަކައި މާތް ﷲ ޚަލްޤުކުރެއްވި އަދި އިންސީންނާއި ޖިންނިން ބިންމަތީގައި ލެއްވި ސަބަބުވެސް މެއެވެ.