الحمد لله والصلاة والسلام على رسول الله وعلى آله وصبحه أجمعين.
މުސްލިމެއްގެ މައްޗަށް ވާޖިބު ވެގެންވަނީ، މާތް ﷲ ކޯފާވެވޮޑިގަންނަވާނެ ފާފައެއް ކުރުމަށް ބިރުވެތި ވުމެވެ. އެއީ ކޮންމެ ފާފައެއް ކަމުގައި ވިޔަސް މެއެވެ. ހުރިހާ ފާފައެއްގެ ތެރެއިން ވެސް އެންމެ ބޮޑަށް ބިރުވެތިވެ، އެއިން ރައްކާތެރި ވާން ޖެހޭނީ ޝިރުކުންނެވެ. އެއީ އެންމެ ބޮޑު ފާފައެވެ. އަދި އެންމެ ނުރައްކާތެރި ފާފަ ވެސް މެއެވެ. އަނިޔާތަކުގެ ތެރެއިންވާ އެންމެ ބޮޑު އަނިޔާއެވެ. އެންމެ ބޮޑު ޖަރީމާއެވެ. އެއީ ނުފުއްސަވާނެ ފާފައެކެވެ. މާތް ﷲ ގެ ރުބޫބިއްޔަތާއި އުލޫހިއްޔަތަށް ކުރެވޭ އުނި ކުރުމެކެވެ. ﷲ އާއި ދޭތެރޭ ކުރެވޭ ނުބައި ހީއެކެވެ. ޝިރުކަކީ ﷲއަށް ޚާއްޞަވެގެންވާކަމެއްގައި އެއިލާހާ އެހެން ފަރާތެއް ބައިވެރިކުރުމެވެ. ޝަރީކުކުރާމީހުން، އުނި، ނިކަމެތި މަޚުލޫޤުތައް ﷲ އާ ހަމަހަމަކުރެއެވެ. މިހެން ކަމުން އެންމެ ބޮޑަށް އަހަރެމެން ބިރުވެތި ވާން ޖެހޭނީ ޝިރުކު ކުރެވިދާނެ ކަމަށްޓަކައެވެ. ޤުރްއާނާއި ސުންނަތުގައި މިކަމުގެ ހުރި ނުރައްކާތެރިކަން ބަޔާން ކުރައްވާފައިވެއެވެ. އެ އާޔަތްތަކާއި ޙަދީޘްތަކަށް ވިސްނައިފި މީހަކު ހިތަށް ބިރުވެރިކަން ވަދެގެންދާނެއެވެ.
ނިސާ ސޫރަތުގެ ދެތަނެއްގައި މިކަމުގެ ހުރި ނުރައްކާތެރިކަން ބަޔާންކުރައްވައި ވަޙީ ކުރައްވާފައި ވެއެވެ.
﴿إِنَّ اللَّـهَ لَا يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَاءُ﴾[1]
މާނައީ: “ހަމަކަށަވަރުން، ﷲ އެކަލާނގެއަށް شريك ކުރުމުގެ ފާފައެއް ނުފުއްސަވާނެތެވެ. އެނޫން ފާފަތައް، އެކަލާނގެ އިރާދަ ކުރައްވާ މީހަކަށް ފުއްސަވަތެވެ.”
މި އާޔަތުން އެނގިގެން ދަނީ ޝިރުކުގެ މަތީހުރެ މީހާ މަރުވެއްޖެ ކަމުގައި ވަނީނަމަ، އެމީހަކަށް މާތް ﷲ ފާފަ ފުއްސަވާނޭކަމުގެ އެއްވެސް އުއްމީދެއް ނެތް ކަމެވެ. އަދި ކިއެއްތަ، އެމީހަކު ވާހުށީ އަބަދުގެއަބަދަށް ދެމި އޮންނަ ގޮތަށް ނަރަކައިގައެވެ. މަރުވުމަށް ނިޔާއެއް ނުކުރައްވާނެތެވެ. އަދި ޢަޛާބު ލުޔެއްވެސް ނުކުރައްވާނެތެވެ. ވަޙީ ބަސްފުޅުގައިވާ ފަދައިންނެވެ.
﴿وَالَّذِينَ كَفَرُوا لَهُمْ نَارُ جَهَنَّمَ لَا يُقْضَىٰ عَلَيْهِمْ فَيَمُوتُوا وَلَا يُخَفَّفُ عَنْهُم مِّنْ عَذَابِهَا كَذَٰلِكَ نَجْزِي كُلَّ كَفُورٍ [٣٦] وَهُمْ يَصْطَرِخُونَ فِيهَا رَبَّنَا أَخْرِجْنَا نَعْمَلْ صَالِحًا غَيْرَ الَّذِي كُنَّا نَعْمَلُ أَوَلَمْ نُعَمِّرْكُم مَّا يَتَذَكَّرُ فِيهِ مَن تَذَكَّرَ وَجَاءَكُمُ النَّذِيرُ فَذُوقُوا فَمَا لِلظَّالِمِينَ مِن نَّصِيرٍ[٣٧]﴾[2]
މާނައީ: “އަދި كافر ވިމީހުން ނަށް ހުރީ ނަރަކައިގެ އަލިފާނެވެ. ފަހެ، އެއުރެން މަރުވުމަކަށް، އެއުރެންގެ މައްޗަށް ނިޔާއެއް ނުކުރައްވާނެތެވެ. އަދި ނަރަކައިގެ عذابން ބައެއް، އެއުރެންގެ ކިބަޔަކުން ލުޔެއްވެސް ނުމެ ކުރައްވާނޭ މެއެވެ. كافر ވާ ކޮންމެ މީހަކަށް ތިމަންރަސްކަލާނގެ عذاب ދެއްވަނީ އެފަދައިންނެވެ. (36) އެއުރެން އެ ނަރަކައި ގައި ރޮއިހޭރި ދަންނަވާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެން ކުރަމުން ގެންދިޔަ (ނުބައި) عمل ނޫން صالح عمل ކުރުމަށް އަޅަމެން ނެރުއްވައި ފާނދޭވެ! ހަނދުމަ ކުރާނެ މީހަކު އެދުވަސް ތަކުގައި ހަނދުމަ ކުރާހާ ދުވަހު، ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ عمر ނުދަންމަވަން ހެއްޔެވެ؟ އަދި إنذار ކުރައްވާ ބޭކަލަކު ތިޔަބައިމީހުންގެ ގާތަށް ވަޑައިގަތެވެ. ފަހެ، ތިޔަބައިމީހުން (عذاب ގެ (ރަހަ ލިބިގަންނާށެވެ! ފަހެ، އަނިޔާވެރިންނަށްنصر ދޭނެ އެއްވެސް މީހަކު ނުވެތެވެ. (37) “
=ނުނިމޭ=
_______________________________
[1] سورة النساء 48،116
[2] سورة فاطر 36،37