އިތުރު ފުރުޞަތެއް ދެއްވުމަށް މުޝްރިކުން އެދި ދަންނަވާނެތެވެ. އެހެނަސް އެ ފުރުޞަތެއް އެއުރެންނަކަށް ނުލިބޭނެތެވެ. ނަރަކައިގެ އަހުލުވެރިންގެ މައްޗަށް ވާ އެންމެ ބޮޑު އާޔަތަކީ މިއީއެވެ.
﴿فَذُوقُوا فَلَن نَّزِيدَكُمْ إِلَّا عَذَابًا﴾[1]
މާނައީ: “ފަހެ، ތިޔަބައިމީހުން (ކުޅަ ނުބައި عمل ތަކުގެ) ރަހަ ލިބިގަންނާށެވެ! ފަހެ، عذاب މެނުވީ، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަކަށް އިތުރެއް ނުކުރައްވާ ހުށީމެވެ.”
މި ބޮޑުވެގެންވާ ފާފައަށް، މުއުމިނު ހިތްތަކަށް އެންމެ ބޮޑަށް ބިރުވެތިކަން ވައްދައިދޭ ކަމަކީ، ނަބިއްޔުންނާއި ޞާލިޙުން މިކަމަށް ބިރުވެތިވެ އުޅުއްވި މިންވަރު ވިސްނައި ފިކުރުކުރުމެވެ.
توحيد ގެ އިމާމު އިބްރާހީމް عليه السلام ކުރައްވާފައިވާ ދުޢާއަށް ނިކަން ވިސްނަވައި ބައްލަވާށެވެ! އެކަލޭގެފާނީ އެކަލޭގެފާނުގެ އަމިއްލަ އަތްޕުޅުން ބުދުތައް ތަޅުއްވައި ލެއްވި ކަލޭގެފަނެވެ. توحيد އަށް ފުރިހަމައަށް ގޮވައި ލެއްވިއެވެ.
﴿وَاجْنُبْنِي وَبَنِيَّ أَن نَّعْبُدَ الْأَصْنَامَ [٣٥] رَبِّ إِنَّهُنَّ أَضْلَلْنَ كَثِيرًا مِّنَ النَّاسِ فَمَن تَبِعَنِي فَإِنَّهُ مِنِّي وَمَنْ عَصَانِي فَإِنَّكَ غَفُورٌ رَّحِيمٌ[٣٦] ﴾[2]
މާނައީ: “އަދި އަޅާއާއި، އަޅުގެ ދަރިން ބުދަށް އަޅުކަންކުރުމުން ދުރު ކުރައްވާނދޭވެ! (35) އަޅުގެ ވެރި ރަސްކަލާކޮ! ހަމަކަށަވަރުން، އެ ބުދުތައް މީސްތަކުން ކުރެ ގިނަބަޔަކު މަގުފުރައްދައިފި އެވެ. ފަހެ، މި އަޅާޔަށް تبع ވެއްޖެ މީހަކީ، ހަމަކަށަވަރުން، އަޅުގެ (دين ގެ) މީހެކެވެ. އަދި އަޅާޔަށް އުރެދިއްޖެ މީހާ )ދަންނަށެވެ!) ފަހެ، ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ. (36)”
ނިކަން ވިސްނަވައި ބައްލަވާށެވެ! އެކަލޭގެފާނު ދުޢާ ކުރައްވާފައި ވަނީ މުޅިން ބުދުތަކާ ދުރު ކުރެއްވުމަށެވެ.
إبراهيم التيمي رحمه الله تعالى މި އާޔަތް ކިޔެވުމަށް ފަހު ވިދާޅުވިއެވެ.
“مَنْ يَأْمَنُ البَلاء بَعْد إبْراهِيْم”
މާނައީ: “إبراهيمގެ ފާނަށް ފަހު ބަލާވެރިކަމުން (ޝިރުކުން)، އަމާންކަން ލިބިގެންވަނީ ކާކަށް ހެއްޔެވެ!”
އެބަހީ إبراهيم عليه السلام ޝިރުކަށް ބިރުވެތިވެ ދުޢާކުރުމުން، ޝިރުކުން ސަލާމަތް ވާނޭ ކަމުގެ އަމާންކަން ލިބޭނީ ފަހެ ކާކަށް ހެއްޔެވެ!
ނަބިއްޔާ عليه الصلاة والسلام ކޮންމެ ދުވަހަކު ހެދުނާއި ހަވީރު ތިން ފަހަރު އަންނަނިވި ދުޢާ ކިޔުއްވާކަމަށް ވާރިދުވެގެން އައިސްފައިވެއެވެ.
((اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْكُفْرِ وَالْفَقْرِ، اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ الْقَبْرِ، لَا إِلَهَ إِلَّا أَنْتَ))[3] – 3 ފަހަރު –
މާނައީ: “އޭ ﷲ! ކާފިރުވުމާއި ފަޤީރުކަމުން މި އަޅާ އިބަ އިލާހު ޙަޟްރަތުން ރައްކާތެރިކަން އެދެމެވެ. އޭ ﷲ! ކަށްވަޅުގެ ޢަޛާބުން މިއަޅާ އިބަ އިލާހުގެ ޙަޟްރަތުން ރައްކާތެރިކަން އެދެމެވެ. އިބަ އިލާހުމެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އެހެން ފަރާތެއް ނުވެއެވެ.”
=ނުނިމޭ=
_______________________________
[1] سورة النبأ 30
[2] سورة إبراهيم 35،36
[3] الأدب المفرد،حديث :701،ޝައިޚް އަލްބާނީ – رحمه الله – حسن ގެ ދަރަޖަ ދެއްވައިފައިވާ ޙަދީޘްއެކެވެ.