[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފާފަފުއްސެވުންއެދި ގިނަގިނައިން ދަންނަވާށެވެ!

عَنْ رَجُلٍ مِنْ أَصْحَابِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: قَالَ رَسُوْلُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: “يَا أَيُّهَا النَّاسُ تُوْبُوْا إِلَى اللَّهِ وَاسْتَغْفِرُوْهُ، فَإِنِّيْ أَتُوْبُ إِلَى اللَّهِ وَأَسْتَغْفِرُهُ فِيْ كُلِّ يَوْمٍ مِائَةَ مَرَةٍ”. (رواه الإِمام أحمد في المسند والبخاري بنحوه عن أبي هريرة).

ޙަދީޘުގެ މާނަ

ޞަޙާބީބޭކަލެއްގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ” އޭ މީސްތަކުންނޭވެ! ﷲ ތަޢާލާއަށް ތައުބާވެ، ފާފަ ފުއްސެވުން އެދި ދަންނަވާށެވެ! ފަހެ ހަމަކަށަވަރުން ތިމަންކަލޭގެފާނު، ކޮންމެ ދުވަހަކު 100 ފަހަރު އެއިލާހަށް ތައުބާވެ ފާފަ ފުއްސެވުން އެދި ދަންނަވަމެވެ.

ތަފްޞީލީ މާނަ

ދުނިޔެއާއި އާޚިރަތުގައި ފައިދާކުރުވަނިވި ކަންތައް، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަވަނީ، އުއްމަތަށް ބާޔާންކޮށް ދެއްވާފައެވެ. އަދި ގެއްލުންހުރި ކަންތައް ބަޔާންކޮށްދެއްވައި، އެކަންތަކުން ދުރުވެ ރައްކާތެރިވުމަށްވެސް އެކަލޭގެފާނުވަނީ އިރުޝާދުދެއްވައި ނަޞޭޙަތްތެރިވެލައްވާފައެވެ.

މި ޙަދީޘުގައި އެކަލޭގެފާނުވަނީ، ކުޑަބޮޑު ހުރިހާ ފާފައަކުން ތައުބާވުމަށް އުއްމަތަށް އިރުޝާދުދެއްވާފައެވެ. އިންސާނުންނަށް ނޭގުމެއްގެ ތެރޭގައިވެސް ފާފައެއް ކުރެވިދާނެއެވެ. އެހެންކަމުން އަބަދުމެ، ފާފަފުއްސަވައި ދެއްވުންއެދި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި ދަންނަވަންޖެހެއެވެ. އެއިލާހީ ތައުބާވާ އަޅުންގެ ފާފަފުއްސަވައި، އެއަޅުން މަތިވެރިކުރައްވާ އިލާހެވެ.

ފާފަތަކެއް ކުރެވިފައިވާނަމަ އުއްމީދު ކަނޑާލައި މާޔޫސްވުމުގެ ބަދަލުގައި، ﷲ ތަޢާލާގެ ޙަޟްރަތުގައި ފާފަފުއްސެވުން އެދި ދަންނަވަންވީއެވެ. އިޚްލާޞްތެރި ތައުބާއަކުން ތައުބާވެ، ފާފަ ފުއްސެވުން އެދި ދަންނަވައިފިނަމަ، ﷲ ތަޢާލާ އަޅުގަނޑުމެންގެ ފާފަތައް ފުއްސަވައި ދެއްވުމުގެ އިތުރަށް، ކުރީގައި ކުރެވިފައިވާ ފާފަތައްވެސް ހެޔޮކަންތަކަށް ބަދަލުކޮށްދެއްވައެވެ. އެއިލާހު ވަޙީކުރައްވާފައިވެއެވެ.  إِلا مَنْ تَابَ وَآمَنَ وَعَمِلَ عَمَلا صَالِحًا فَأُولَئِكَ يُبَدِّلُ اللَّهُ سَيِّئَاتِهِمْ حَسَنَاتٍ وَكَانَ اللَّهُ غَفُورًا رَحِيمًا (الفرقان : 70)     “ތައުބާވެ، އިމާންވެ، ގިނަގިނައިން ޞާލިޙުޢަމަލު ކުޅަ އަޅަކު މެނުވީއެވެ. ފަހެ އެބައިމީހުންގެ ނުބައިކަންތައް، ﷲ ތަޢާލާ ހެޔޮކަންތަކަށް ބަދަލުކޮށްދެއްވާނެތެވެ. ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.”

ގިނަގިނައިން ތައުބާވެ، ފާފަފުއްސެވުން އެދި ދެންނެވުމަކީ މިފަދަ މަތިވެރި ކަމަކަށް ވީހިނދު، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަވަނީ އެކަމަށް އިރުޝާދުދެއްވައި އެކަލޭގެފާނުގެ ޢަމަލުންވެސް އެކަން ދައްކަވައި، އެކަމުގެ އަހަނަމިއްޔަތުކަން އުއްމަތަށް ބަޔާންކޮށްދެއްވާފައެވެ.

މި ޙަދީޘުންލިބޭ ބައެއް ފައިދާތައް

  1. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އުއްމަތަށް ނަޞޭޙަތްދެއްވި ގޮތުގެ ފުރިހަމަކަން.
  2. ހުރިހާ ފާފައަކުން ތައުބާވެ، އަސްތަޣުފާރު ކުރުމަކީ ވާޖިބެއްކަން
  3. ކަމަކަށް ދަޢުވަތުދޭ މީހާ، އެކަމެއް ޢަމަލުންވެސް ދެއްކުމަކީ މުހިންމު ކަމެއްކަން.