[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤަބުރަށް އަޅުކަންކުރުމުގެ ޝިރުކު

ޝިރުކަކީ ޙަރާމްކަންތައްތަކުގެ ތެރެއިން އެންމެ ބޮޑުވެގެންވާ ޙަރާމް ކަމެވެ. މިކަން ދަލީލްކޮށްދެނީ އަންނަނިވި ޙަދީޘް އިންނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީސް ކުރައްވާފައި ވެއެވެ. “ألا أنبئكم بأكبر الكبائر؟ (ثلاثا) قالوا قلنا: بلى يا رسول الله. قال: الإشراك بالله…”الحديث. މާނައީ: “ތިމަންކަލޭގެފާނު އެންމެ ބޮޑުވެގެންވާ ފާފަތަކުގެ ޚަބަރު ތިޔަބޭކަލުންނަށް ދެއްވަންތޯއެވެ؟ (ތިން ފަހަރު ވިދާޅުވިއެވެ) ތިމަންބޭކަލުން (ސަޙާބީން) ދެންނެވީމެވެ. އާއެކެވެ. ދެން އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ﷲ އަށް ޝިރުކު ކުރުމެވެ…” (ޙަދީޘް ނިމެންދެން)”. ޝިރުކު ފިޔަވައި ކޮންމެ ފާފައެއްވެސް ﷲ ތަޢާލާ ފުއްސަވައިފާނެތެވެ. އެހެން ނަމަވެސް ޝިރުކުގެ ފާފަ އެއިލާހު ފުއްސަވާނީ ފުރިހަމަ ތައުބާއަކުން ތައުބާ ވުމުންނެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. (إِنَّ اللَّـهَ لَا يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَاءُ) النساء 48 މާނައީ: ” ހަމަކަށަވަރުން، اللَّه އެކަލާނގެއަށް ޝިރުކުކުރުމުގެ ފާފައެއް ނުފުއްސަވާނެތެވެ. އެނޫން ފާފަތައް، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފުއްސަވަތެވެ.”

ޝިރުކުގެ ތެރޭގައި މީހާ އިސްލާމްދީނުގެ މިއްލަތުން ބޭރުކޮށްލާ ބޮޑު ޝިރުކުވެސް ހިމެނެއެވެ. މި ޢަމަލުކުރާ މީހާ އަށް ނަރަކައިގައި ދާއިމީ ގޮތެއްގައި ވޭންދެނިވި އަޒާބު ލިބޭހުއްޓެވެ. ބޮޑުޝިރުކުގެ އެކި އެކި ވައްތަރުތައް ދުނިޔޭގެ ޤައުމުތަކުގައި ފެތުރިފައިވެއެވެ. މީގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވޭ އެއްކަމަކީ ޤަބުރަށް އަޅުކަންކުރުމުގެ ޝިރުކެވެ. އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައިވެސް ޒަމާންތަކެއް ކުރިން މިކަންތައް އާލާވެފައި ވަނިކޮށް ދީނީ ޢިލްމުވެރިންގެ މިންނަތް މަސައްކަތްޕުޅުން މިކަންތައް ވަނީ ހުއްޓިފައެވެ. އަދި މިހާރަކަށް އައިސް ޤަބުރުތައް މަތިވެރިކޮށް އޭގެމަތީގައި ބިނާތައް ހެދުމުގެ ރޫޙު އަނެއްކާވެސް ބައެއްމީހުންގެ ކިބައިގައި އާލާވެފައިވާކަން ފާހަގަކޮށްލަމެވެ.

ޤަބުރަށް އަޅުކަން ކުރުމަކީ މަރުވެފައިވާ ވަލީވެރިންނަކީ ދުނިޔެމަތީގައިވާ ކަންތައްތައް ހިންގުމުގެ ބާރު ލިބިގެންވާ ފަރާތްތައްކަމަށް ޤަބޫލުކޮށް އެފަދަ ފަރާތްތަކުގެ ޤަބުރުތަކަށް ގޮސް ޙާޖަތްތަކަށް ޖެހުމުން ދުޢާކޮށް މަދަދަށްއެދުމެވެ. ﷲ ތަޢާލާ އެއިލާހުގެ ކަލާމްފުޅުގައި ވަޙީ ކުރައްވާފައި ވެއެވެ. (وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ) الإسراء 23 މާނައީ: ” އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށް އެކަލާންގެ ކަނޑައަޅުއްވައިފިއެވެ.” އަދި މީގެ އިތުރަށް ވެސް އަވަހާރަވެފައިވާ ނަބިއްޔުންނާއި ޞާލިޙު އަޅުންނަށް ދުޢާކޮށް އެބޭކަލުންގެ ޤަބުރުތަކަށްގޮސް ޝަފާޢަތަށް އެދުމާއި އުނދަގޫތަކާއި ވޭންތައް ދުރުކޮށްދިނުމަށް އެދުމަކީ ޤަބުރަށް އަޅުކަންކުރުމުގެތެރޭގައި ހިމެނޭ ކަންކަމެވެ. ﷲ ތަޢާލާ އެއިލާހުގެ ކަލާމްފުޅުގައި ވާޙީކުރައްވާފައިވެއެވެ. (أَمَّن يُجِيبُ الْمُضْطَرَّ إِذَا دَعَاهُ وَيَكْشِفُ السُّوءَ وَيَجْعَلُكُمْ خُلَفَاءَ الْأَرْضِ ۗ أَإِلَـٰهٌ مَّعَ اللَّـهِ) النمل 62 މާނައީ: “ނުވަތަ ދަތި އުނދަގޫ ޙާލުޖެހިފައިވާ މީހާ، އެކަލާނގެއަށް ދުޢާ ކުރާހިނދު، އެމީހާގެ ދުޢާ އިޖާބަކުރައްވައި، އަދި ނުބައިކަން ދުރުކުރައްވައި، އަދި ބިމުގެ ޚާލީފާއިން ކަމުގައި ތިޔަބައިމީހުންލައްވާ ކަލާނގެ ހެއްޔެވެ؟ اللَّه އާއެކު އެހެން އިލާހަކު ވޭހެއްޔެވެ؟ ތިޔަބައިމީހުން ހަނދުމަކުރަނީ ވަރަށްވެސް މަދުންނެވެ.” އަދި ބައެއްމީހުން ޙަޔާތުގައި އެމީހުންނަށް އެކި ކަހަލަ ކަންތައްތައް ދިމާވުމުން މަރުވެފައިވާ ޞާލިޙު އަޅުންގެ ނަންގަނެ އުޅެއެވެ. އެއްބަޔަކު މުޙައްމަދު ޞައްލަﷲ ޢަލަހިވަސައްލަމް އަށް ގޮވައެވެ. އަނެއް ބަޔަކު ޢަލީ އަށް ގޮވައެވެ. އަދި އަނެއްބަޔަކު ޙުސައިން އަށްގޮވައެވެ. އަދި އަނެއްބަޔަކު ބަދަވީއަށް ގޮވައެވެ. އަދި އަނެއްބަޔަކު ޖީލާނީއަށް ގޮވައެވެ. އަދި އަނެއްބަޔަކު ޝާޒިލީ އަށް ގޮވައެވެ. އަދި އަނެއްބަޔަކު ރިފާޢީ އަށް ގޮވައެވެ. އަދި އަނެއްބަޔަކު ޢީދުރޫސް އަށް ގޮވައެވެ. އަދި އަނެއްބަޔަކު އައް ސައްޔިދާ ޒައިނަބު އަށް ގޮވައެވެ. އަދި އަނެއްބަޔަކު އިބްނު ޢަލްވާން އަށް ގޮވައެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. (إِنَّ الَّذِينَ تَدْعُونَ مِن دُونِ اللَّـهِ عِبَادٌ أَمْثَالُكُمْ) الأعراف 194 މާނައީ: “ހަމަކަށަވަރުން، اللَّه ފިޔަވައި ތިޔަބައިމީހުން ދުޢާކޮށް އަޅުކަން ކޮށްއުޅޭ ފަރާތްތަކަކީ، ތިޔަބައިމީހުންނާ އެއްފަދަ އަޅުންތަކެކެވެ.” 

ޤަބުރަށް އަޅުކަންކުރާ ބައެއްމީހުން ޤަބުރުވަށައިގެން ޠަވާފުކޮށްވެސް ހަދައެވެ. އަދި ގެފުޅުވަށައިގެން ތަވާފުކުރާއިރު ރުކުނުލް ޔަމާނީގައި އަތްލާ ފަދައިން އެ ޤަބުރުތަކުގެ ކަންތަކުގައި އަތްލައި އުޅެއެވެ. އަދި ޤަބުރު މަތީގައި އަތްލައި އެ ބިނާގައި ހުންނަ ދޮރުތަކުގައި ބޮސްދީ ހަދައެވެ. އަދި އެބައިމީހުންގެ މޫނުތައް ޤަބުރުމަތީގައިހުންނަ ވެލީގައި މޮޑެހަދައެވެ. އަދި އޭގެ މަތީގައި ސަޖިދަކޮށް ހަދައެވެ. އަދި ޚުޝޫޢަތްތެރިކަމާއި އެކީ ބަލި ބަލިން ޝިފާ ދެއްވުމަށާއި ދަރިން ދެއްވުން އެދި އެ ޤަބުރުގައިވާ ފަރާތަށް ދުޢާ ކުރެއެވެ. ބައެއްފަހަރު ކައްވަޅުގައިވާ މީހާއަށް އެމީހުން މިފަދައިން ގޮވައި ހަދައެވެ. “އޭ އަޅުގެ ވެރިޔާއެވެ! އަޅު މިއައީ ވަރަށް ދުރު ހިސާބަކުންނެވެ. އަޅުގެ ޙާޖަތް ފުއްދަވައި ނުދެއްވާ ދޫކޮށްނުލައްވާށެވެ.” އެ މީހުން މިގޮތަށް ޢަމަލުކުރަނީ ﷲ ތަޢާލާގެ މިބަސްފުޅާއިމެދު އެއްވެސް ފަރުވާލެއް ނުބަހައްޓައެވެ. އެއިލާހު ވަޙީ ކުރައްވާފައި ވެއެވެ. (وَمَنْ أَضَلُّ مِمَّن يَدْعُو مِن دُونِ اللَّـهِ مَن لَّا يَسْتَجِيبُ لَهُ إِلَىٰ يَوْمِ الْقِيَامَةِ وَهُمْ عَن دُعَائِهِمْ غَافِلُونَ) الأحقاف 5 މާނއީ: ” ޤިޔާމަތްދުވަހަށް ދާންދެން، އެމީހަކަށް އިޖާބަ ނުދޭފަރާތަކަށް اللَّه ފިޔަވައި އަޅުކަންކޮށް، ދުޢާކޮށްއުޅޭ މީހަކަށްވުރެން މަގުފުރެދުންބޮޑީ ކާކުހެއްޔެވެ؟ އަދި އެތަކެތިވަނީ، އެއުރެންގެ ދުޢާތަކަށް ޢާފިލުވެގެންނެވެ.” އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައި ވެއެވެ. ((مَنْ مَاتَ وَ هُوَ يَدْعُوا مِنْ دُوْنِ اللهِ نِدًّا دَخَلَ النَّارَ)) رواه البخاري “ﷲ ފިޔަވައި އެހެންފަރާތަކަށް ކަންކަމަށް އެދި ދުޢާކުރާ ޙާލު މަރުވެއްޖެމީހާ ނަރަކަ ވަދެއްޖެއެވެ.” އަދި ޤަބުރަށް އަޅުކަންކުރާ ބައެއްމީހުން އެމީހުންގެ ބޯތައް ޤަބުރުކައިރީ ތިބެ ބައި އުޅެއެވެ. ބޯބޭލުމަކީ ޙައްޖާއި ޢުމްރާގައި ކުރެވޭ އަޅުކަމެކެވެ. ﷲ ނޫން އެހެންފަރާތެއް ޤަސްދުކޮށް ބޯ ބޭލުމަކީ ބޮޑު ޝިރުކެވެ.  އަދި އޭގެ ތެރެއިން ބައެއްމީހުންގެ އަތުގައި ޤަބުރުތަކަށް ގޮސް ޙައްޖުވެ އަޅުކަން ކުރާނެ ގޮތްތައް ލިޔެވިފަވާ ފޮތްތައްވެސް ހުރެއެވެ. ޤަބުރުތަކަށް އަޅުކަން ކުރާމީހުން ޤަބޫލުކޮށް އިޢުތިޤާދުކުރާގޮތުގައި މަރުވެފައިވާ ވަލީވެރިނަށް ކައުނުގައިވާ ކަންތައް ބަދަލުކޮށް އަދި ގެއްލުންދީ މަންފާ ވެސް ދެވޭނެކަމެވެ. ނަމަވެސް ﷲ ތަޢާލާ ވާހީ ކުރައްވާފައިވެއެވެ. (وَإِن يَمْسَسْكَ اللَّـهُ بِضُرٍّ فَلَا كَاشِفَ لَهُ إِلَّا هُوَ ۖ وَإِن يُرِدْكَ بِخَيْرٍ فَلَا رَادَّ لِفَضْلِهِ ۚ يُصِيبُ بِهِ مَن يَشَاءُ مِنْ عِبَادِهِ ۚ وَهُوَ الْغَفُورُ الرَّحِيمُ) يونس 107 މާނައީ: ” އަދި اللَّه ތިބާއަށް ގެއްލުމެއް މެދުވެރިކުރައްވާނަމަ، އެކަލާނގެ މެނުވީ، އެކަން ފިއްލަވާނޭ އެހެންފަރާތެއް ނުވެއެވެ. އަދި އެކަލާނގެ ކަލޭގެފާނަށް ހެޔޮކަމަކަށް އިރާދަކުރައްވައިފިނަމަ، އެކަލާނގެ ފަޟުލުވަންތަކަން އަނބުރާ ރައްދުކުރެވޭނެ ފަރާތެއް ނުވެތެވެ. އެ ފަޟުލުވަންތަކަން އެކަލާނގެ ދެއްވަނީ، އެކަލާނގެ އަޅުންގެ ތެރެއިން، އެކަލާނގެ އިރާދަކުރެއްވި މީހަކަށެވެ. އަދި އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަޙީމްވަންތަ ކަލާނގެއެވެ.”