[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޝިިރުކު 4

 

މި ހުރިހާ ދަލީލުތަކުން ގޮވާލަނީ ޝިރުކުން ދުރުހެލިވެ ރައްކާތެރިވުމަށެވެ. ޝިރުކަށް ބިރުވެތިވާނަމަ ޝިރުކަކީ ކޮބައިކަން ދެނެގަންނަން ޖެހެއެވެ. އެއީ އެކަމުން ރައްކާތެރި ވުމަށްޓަކައެވެ. އެހެނީ އެއްޗެއް ރަނގަޅަށް ނޭނގޭނަމަ، އެ އެއްޗަކަށް ވެއްޓުން ގާތް ވެގެންވެއެވެ.

ޤުރްއާނާއި ސުއްނަތުން ދަލީލުކޮށްދޭ ގޮތުގައި ޝިރުކު ބެހެނީ ދެބަޔަށެވެ. އެއީ ބޮޑު ޝިރުކާއި ، ކުޑަ ޝިރުކެވެ. މާނައިގެ ގޮތުންނާއި ޙުކުމުގެ ގޮތުން މި ދެބައި ތަފާތުވެގެންވެއެވެ.

ބޮޑު ޝިރުކަކީ : މާތް ﷲ އާ އެހެން ފަރާތެއް އެއްފަދަ ކުރުމެވެ. އެއީ ރުބޫބިއްޔާ ، ނުވަތަ الأسماء والصفات

ނުވަތަ އުލޫހިއްޔަތުގައި ކަމުގައި ވިޔަސް މެއެވެ. މާތް ﷲ އަށް ޚާއްޞަ ވެގެންވާކަމެއްގައި ، އެހެން ފަރާތަކާ އެއްފަދަ ކޮށްފިކަމުގައި ވަނީ ނަމަ ، އެމީހަކު ބޮޑު ޝިރުކު ކޮށްފިއެވެ. މީގެ ސަބަބުން އެމީހަކު އިސްލާމީ މިއްލަތުން ބޭރުވެގެން ދާނެއެވެ.

ކުޑަ ޝިރުކަކީ : ޤުރްއާނާއި ސުއްނަތުގައި އެއީ ޝިރުކެއް ކަމަށް ސިފަކޮށްފައިވާ ޝިރުކުގެ ބާވަތްތަކުގެ ތެރެއިން، ބޮޑު ޝިރުކަށް ނުވާ ބާވަތްތަކެވެ. މިސާކަލަށް ﷲ ނޫން ފަރާތެއް ގަންދީ ހުވާ ކުރުން ފަދަ ކަންކަމެވެ.

އާޚިރަތުގެ ޙުކުމަށް ބަލާއިރު ވެސް ދެބައި ތަފާތެވެ. ބޮޑު ޝިރުކު ކޮށްފިމީހަކީ އަބަދުގެއަބަދަށް ނަރަކައިގައި ދެމި އޮންނާނެ މީހެކެވެ. މަރުވުމާއި ޢަޛާބު ލުއިކުރެއްވުން އެމީހަކަށް ނުވެއެވެ.

ކުޑަ ޝިރުކުކުރާ މީހަކީ ނަރަކައިގައި އަބަދުގެއަބަދަށް ދެމި އޮންނާނެ މީހެއް ނޫނެވެ. ކުޑަ ޝިރުކަކީ ބޮޑު ޝިރުކަށްފަހު، ފާފަތަކުގެ ތެރެއިންވާ އެންމެ ބޮޑު ފާފައެވެ. عبد الله بن مسعود رضي الله عنه ވިދާޅުވިއެވެ.

لَأَنْ أَحْلِفَ بِاللهِ كَاذِبًا أَحَبُّ إِلَيَّ مِنْ أَنْ أَحْلِفَ بِغَيْرِهِ وَأَنَا صَادِقٌ[1]

މާނައީ: ” ތެދެއްގެ މައްޗަށް ﷲ ނޫން ފަރާތެއް ގަންދީ ހުވާކުރުމަށްވުރެ، ﷲ ގަންދީ ދޮގު ހުވާކުރުންވެސް ތިމަންކަލޭގެފާނަށް މާ ލޮބުވެތިކަން ބޮޑެވެ.”

ސަބަބަކީ ﷲ ނޫން ފަރާތެއް ގަންދީ ހުވާކުރުމަކީ ޝިރުކަކަށް ވުމުންނެވެ. އެހެނެއްކަމަކު ﷲ ގަންދީ ހުވާކޮށް ދޮގު ހެދުމަކީ ފާފައެކެވެ. ފާފައަކާ ޝިރުކާ އެއްފަދަ ނުވާނެތީއެވެ.

               އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ޝިރުކަށް ބިރުވެތިވާށެވެ! އަބަދާއަބަދު توحيد އާއި ، އޭގެ އިދިކޮޅު ކަމަށްވާ ޝިރުކު ދެނެގަތުމަށް ގަދައަޅައި މަސައްކަތް ކުރައްވާށެވެ!

ދުޢާއަކީ މާތް ﷲ އަޅަމެން އެންމެންނަށް އެކަމަށް توفيق ދެއްވުމެވެ.

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم وبارك وأنعم على عبد الله ورسوله نبينا محمد وآله وصحبه أجمعين.

*******

ލިޔުނީ : أبو لقمان محمد إبراهيم

               الفقير إلى رحمة ربه

=ނިމުނީ=

_______________________________

[1]  المعجم الكبير – الطبراني، 8902.

 މިލިޔުމުގެ އެހެންބައިތައް