[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މަދީނާގެ މާތްކަން (އަދި އެތާގައި ދިރިއުޅުމާއި އެތަނަށް ޒިޔާރަތްކުރުމުގެ އަދަބުތައް) 21

madheenah

ބިދުޢަވެރިން ޒިޔާރަތްކުރާ ގޮތް

ފުރަތަމައީ: ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމައިގެ އަރިހުން ކަންކަމަށް އެދި ދުޢާކުރުމާއި އެކަލޭގެފާނުގެ ކިބައިން ވާތްގަށް އެދުމާ އަދި މުޞީބާތްފިއްލެވުން ފަދަ (ﷲތަޢާލާގެ ޙަޟްރަތުން ނޫނީ ނުއެދެވޭނެ) ކަންތައްތަކަށް އެދުމެވެ. ދުޢާކުރުމަކީ އަޅުކަމެކެވެ. އަދި އަޅުކަންތައް ﷲ ފިޔަވާ އެހެން އެއްވެސްފަރާތަކަށް ކުރުން ހުއްދަވެގެނެއް ނުވެއެވެ. ޙަދީޘެއްގައިވެއެވެ.

((الدُّعَاءُ هُوَ الْعِبَادَةُ))

މާނައީ: “އަޅުކަމަކީ ދުޢާއެވެ.”

މިއީ ޞައްޙަ ޙަދީޘެކެވެ. އަބޫދާވޫދާއި ތިރްމިޛީ އަދި އެހެނިހެން ބޭކަލުން މިޙަދީޘް ރިވާކުރައްވާފައިވެއެވެ. އަދި ތިރްމިޛީ ވިދާޅުވެފައިވެއެވެ. މިއީ ޙަސަންދަރަޖައިގެ ޞައްޙަ ޙަދީޘެކެވެ.

އަޅުކަމަކީ ﷲއަށްވާ ޙައްޤެކެވެ. އެހެން އެއްވެސް ފަރާތަކަށް އެކަން ނިސްބަތްކުރުން ހުއްދަވެގެން ނުވެއެވެ. އެހެނީ އެއީ ﷲ އާ ޝަރީކުކުރުމެވެ. ކަންކަމަށް އެދި އަހަރެމެން ދުޢާކުރަން ޖެހެނީ ﷲތަޢާލާގެ ޙަޟްރަތުންނެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަށްޓަކައި ހެޔޮ ދުޢާކުރެވިދާނެއެވެ. ނަމަވެސް އެކަލޭގެފާނުގެ އަރިހުން ކަމަކަށް އެދި ދުޢާއެއް ނުކުރެވޭނެއެވެ. ހަމަ މިފަދައިން މަރުވެފައިވާ ބޭކަލުންނަށްޓަކައިވެސް ދުޢާކުރެވިދާނެއެވެ. ނަމަވެސް އެބޭކަލުންގެ އަރިހުން ކަންކަމު ނޭދެވޭނެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ، އެކަލޭގެފާނުގެ ޤަބުރުފުޅުގައިވަނީ ޝަހީދުންނަށްވުރެވެސް މަތީ ދަރަޖައެއްގައެވެ. އެކަލޭގެފާނުގެ ބަރްޒަޚްގެ ޙަޔާތްޕުޅު ވަނީ ކިހިނަކުން ކަމެއް ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އެނގިގެނެއް ނުވެއެވެ. އަދި އެ ޙަޔާތް، ދުނިޔަވީ ޙަޔާތާ ތަފާތުވެގެންވެއެވެ. އަދި އަލުންދިރުއްވައި މަޙްޝަރު ކުރެއްވޭ ޙަޔާތާވެސް ތަފާތުވެގެންވެއެވެ. ފަހެ އެހެންކަމުން އެކަލޭގެފާނުގެ އަރިހުން ކަންކަމުއެދި ދުޢާކޮށެއް ނުހެދޭނެއެވެ. އެހެނީ ދުޢާކުރުމަކީ އަޅުކަމެކެވެ. އަޅުކަންތައް ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އަދާކުރުން ހުއްދަވެގެނެއް ނުވެއެވެ.

ދެވަނައީ: ނަމާދަށް ޙަރަމް ބަދެގެން ހުންނަފަދައިން ޤަބުރުކައިރީގައި ހުރުން ހުއްދަވެގެނެއް ނުވެއެވެ. އެހެނީ މިފަދައިން ހުއްޓިހުރުން ޝަރުޢުކުރެވިފައި ވަނީ ނަމާދުގައެވެ. އެއީ ﷲތަޢާލާއަށް ކުއްތަންވެ ފާފަފުއްސެވުން އެދޭ ޙާލުހުންނަ ހުރުމެކެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޢަޞްޙާބުން އެކަލޭގެފާނުގެ ޤަބުރުފުޅަށް ޒިޔާރަތްކުރައްވާއިރު މިފަދައިން ކަންތައް ކުރައްވާފައެއް ނުވެއެވެ. މިއީ ހެޔޮކަމެއްކަމުގައި ވާނަމަ އެބޭކަލުން އެކަމުގައި ކުރިއަރައިގެންދިޔަހީއެވެ.

ތިންވަނައީ: އެކަލޭގެފާނުގެ ޤަބުރުފުޅުގެ ވަށައިގެންވާ ފާރުގައްޔާއި ދޮރުތަކުގައި [ބަރަކާތް ޙާޞިލުކުރުމުގެ ނިޔަތުގައި] ބީހުން ހުއްދަވެގެން ނޫނެވެ. އަދި މަސްޖިދުއްނަބަވީގެ އެއްވެސް ތަނެއްގައި މިގޮތަށް ބީހުން ހުއްދަވެގެން ނުވެއެވެ. އެއީ ސުންނަތުން ސާބިތުވާ ކަމެއްނޫނެވެ. އަދި ސަލަފުއްޞާލިޙުންގެ ތެރެއިން އެއްވެސް ބޭކަލަކު އެފަދައިން ކުރައްވާފައި ނުވެއެވެ. އަދި މިއީ ޝިރުކަށް މަގުފަހިކޮށްދޭ ވަސީލަތެކެވެ. ފަހަރެއްގައި މިކަންކުރާ މީހާ ތިމަންނާ މިކަންތައް ކުރަނީ ރަސޫލާ صلى الله عليه وسلم އަށް ލޯބިކުރުމަށޭ ބުނެފާނެއެވެ. ޖަވާބުގައި ދަންނަވަން އޮތީ ކޮންމެ މުސްލިމެއްގެ ހިތުގައިވެސް އޭނާގެ މައިންބަފައިންނާއި ދަރިންނާ އަދި އެންމެހާ މީސްތަކުންނަށް އޮތް ލޯތްބަށްވުރެވެސް މަތިވެރި ލޯތްބެއް ރަސޫލާ صلى الله عليه وسلم ދިނުން ވާޖިބުވެގެންވެއެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ.

((لَا يُؤْمِنُ أَحَدُكُمْ حَتَّى أَكُونَ أَحَبَّ إِلَيْهِ مِنْ وَالِدِهِ، وَوَلَدِهِ، وَالنَّاسِ أَجْمَعِينَ)) [رواه البخارى ومسلم]

މާނައީ : “ތިޔަބައިމީހުންގެ މައިންބަފައިންނާއި ދަރިންނާއި އެންމެހާ މީސްތަކުންނަށްވުރެ ބޮޑަށް ތިމަންކަލޭގެފާނަށް ލޯބިކޮށްފުމަށް ދާންދެން ތިޔަބައިމީހުންގެ އީމާންކަން ފުރިހަމަ ނުވެއެވެ”.

ތިމާގެ އަމިއްލަ ނަފްސަށްވުރެވެސް ބޮޑަށް އެކަލޭގެފާނަށް ލޯބިކުރަން ޖެހެއެވެ. ޢުމަރު رضى الله عنه ގެ އަރިހުން އިމާމްބުޚާރީ ރިވާކުރައްވާފައިވާ ޙަދީޘެއްގައި މިކަންބަޔާންވެފައި ވެއެވެ. މިހުރިހާ އެންމެނަށްވުރެ ބޮޑަށް އެކަލޭގެފާނަށް ލޯބިކުރަންޖެހޭ ސަބަބަކީ އެކަލޭގެފާނު މެދުވެރިކުރައްވާ ﷲތަޢާލާ ދެއްވި މަތިވެރި ނިޢުމަތުގެ ސަބަބުންނެވެ. އެއީ އިސްލާމް ދީނުގެ ނިޢުމަތެވެ. ތެދުމަގަށް ލިބުނު ހިދާޔަތެވެ. އަނދިރިކަމުން އަލިކަމަށް ލިބުނު ހިދާޔަތެވެ. އެއީ އެންމެ މަތިވެރި ނިޢުމަތެވެ. އެހެން އެއްވެސް ނިޢުމަތެއް އެއާ އެއްވަރު ނުވަތަ އެއްފަދައެއްވެސް ނުކުރެވޭނެއެވެ.

=ނުނިމޭ=

މިފޮތުގެ އެހެނިހެން ބައިތައް