ޅ. ޙައްރާ[1] ހަނގުރާމަ:
ދެން އެއަށްފަހުވެސް ފުލުފުލުން ފިތުނަތައް ލައިގަންނަމުން ދިއައެވެ. އޭގެތެރޭގައި ޒައިދު ބިން މުޢާވިޔާގެ ވެރިކަމުގައި ހިނގައިދިޔަ މަޝްހޫރު ޙައްރާ ހަނގުރާމަ ހިމެނެއެވެ. އަދި އެކަން ހިނގައިދިއައީ ރަސޫލުﷲ صلى الله عليه وسلم ގެ ރަށުގައެވެ. އެތައް ބައިވަރު އަޞްޙާބުންނެއް އެހަނގުރާމާގައި އަވަހާރަވެގެން ދިއައެވެ. -رضي الله عنهم أجمعين-
سَعِيد بن المُسَيب ވިދާޅުވެފައި ވެއެވެ. [އެބަސްފުޅުގެ މާނައީ:] “ފުރަތަމަ ފިތުނަތައް ފާޅުވެގެން ދިއައެވެ. ފަހެ ބަދުރު ހަނގުރާމާގައި ބައިވެރިވެވަޑައިގެންނެވި އެއްވެސް ބޭކަލަކު ސަލާމަތެއް ނުވިއެވެ. އެއަށްފަހު ދެވަނަ ކަމެއް ހިނގިއެވެ. ޙުދައިބިއްޔާގައި ބައިވެރިވެވަޑައިގެންނެވި އެއްވެސް ބޭކަލަކު ސަލާމަތެއް ނުވިއެވެ.”
ވިދާޅުވިއެވެ: “އަދި ތިންވަނަ ކަމެއް މެދުވެރިވެއްޖެނަމަ، މީސްތަކުންގެ ތެރޭގައި ހެޔޮލަފާ އެކަކު ހުއްޓައިވެސް ނިމޭނޭހެނެއް ތިމަންކަލޭގެފާނަކަށް ހީފުޅެއް ނުވެއެވެ.”[2]
البغوي ވިދާޅުވިއެވެ. [އެބަސްފުޅުގެ މާނައީ:] “ފުރަތަމަ ހިނގައިދިޔަ ފިތުނައަކީ ޢުޘްމާނުގެފާނު ޝަހީދު ކޮށްލެވުމެވެ. ދެވަނައީ ޙައްރާ [ހަނގުރާމަ] އެވެ.”[3]
=ނުނިމޭ=
__________________________________________
[1] الحَرَّة: އެއީ އިރުމަތީފަރާތުގައިވާ [އަލިފާންފަރުބަދަ ގޮވައިގެން ފައިބައިވާ ކަޅު ހިލަ] ތަކެވެ. މަދީނާގެ ދެޙައްރާގެ ތެރެއިން ޙައްރާއެކެވެ. ހިޖުރީ ސަނަތުން 63 ވަނައަހަރު، މަދީނާގެ އަހުލުވެރިންނާއި ޔަޒީދު ބިން މުޢާވިޔާގެ ލަޝްކަރު ހަނގުރާމަ ކުރީ އެތަނުގައެވެ. އެކަމުގެ ސަބަބަކީ މަދީނާގެ އަހުލުވެރީން ޔަޒީދުގެފާނަށް ހިފާފައިވާ ބައިޢަތު ދޫކޮށްލުމުންނެވެ. ދެންފަހެ އެކަލޭގެފާނު، مُسلِم بن عقبة المري ގެ ކޮމާންޑަރުކަމުގެ ދަށުގައި އެބައިމީހުންގެ އަރިހަށް ލަޝްކަރެއް ފޮނުއްވިއެވެ. ފަހެ މަދީނާގައި އެހަނގުރާމަ ހިނގައިދިއައެވެ. އަދި މުހާޖިރުންނާއި އަންޞާރުންގެ ތެރެއިން ހަތްސަތޭކަ އެއްހާ އަޞްޙާބުން އަވަހާރަވެގެން ދިއައެވެ. އަދި އެނޫން ބޭކަލުންކުރެ ދިހަހާސް ބޭކަލަކު މަރުވެގެންވެސް ދިއައެވެ. ސަލަފުންގެ ބޭކަލުން މިއަށް ކިޔައި އުޅުއްވީ ‘المُسْرِف’ (އިސްރާފު ކުރެވުން [ހަނގުރާމަ]) އެވެ. ދެންފަހެ އެކަލޭގެފާނު މަދީނާއިން މައްކާއަށް ވަޑައިގެންނެވި މަގުމަތިން ﷲ ތަޢާލާ އެކަލޭގެފާނުގެ ފުރާނަފުޅު ހިއްޕެވިއެވެ.
ބައްލަވާ: ((البداية والنهاية)) (8 / 217 – 224)، و ((معجم البلدان)) (2 / 249).
[2] ބައްލަވާ: ((شرح السنة)) للبغوي (14 / 396)، تحقيق شعيب الأرناؤوط.
[3] [ބައްލަވާ:] ((شرح السنة)) (14 / 395).