[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކުށުސަޖިދަ ޖެހުމާއި ބެހޭ ޙުކުމްތައް 3

ksajida(ކުށު ސަޖިދަ ޖަހަން މެދުވެރިވާ ދެވަނަ ސަބަބު)

ޝެެއިޚު އިބުނު ޢުޘައިމީން ރަޙިމަހުﷲ ބަޔާންކުރައްވައެވެ.

“ދެވަނައީ: ނަމާދުން އުނިވުން (ނުވަތަ ނަމާދުން މަދުވުން).

ހ. ނަމާދުގެ ރުކުނެއް މަދުވުން.
ނަމާދުކުރާ މީހާ އޭނާގެ ނަމާދުން ރުކުނެއް އަޅައިފިނަމަ(އުނިވެއްޖެނަމަ)، އެއީ މިސާލަކަށް ޤަޞްދުގައި ކަމުގައިވިޔަސް، ނުވަތަ ހަނދާން ނެތިގެން ކަމުގައިވިޔަސް ޙަރަމް ބަން ތަކުބީރު (ނަމާދު ފަށަމުން ކިޔާ ﷲ އަކްބަރު) ކަމުގައިވާނަމަ، އޭނާއަށް ނަމާދެއް ނުވެއެވެ. ސަބަބަކީ އޭނާގެ ނަމާދު އޭނާއަކަށް ނުފެށެއެވެ. (އެހެނީ ނަމާދުގެ ތެރެއަށް ވަދެވޭނީ އިޙުރާމްބަން ތަކުބީރު ކިޔައިގެންނެވެ.)

ޙަރަމް ބަން ތަކުބީރު ނޫން އެހެންކަމެއް ކަމުގައި ވާނަމަ، ޤަޞްދުގައި ދޫކޮށްލައިފިނަމަ ނަމާދު ބާޠިލުވާނެއެވެ.
އަދި (ރުކުނެއް) އޮޅިގެން ދޫކޮށްލެވިއްޖެނަމަ، އެ ރުކުން އަދާކުރާ މަޤާމަށް ދެވަނަ ރަކުޢަތުން ފޯރައިފިނަމަ، އެރަކުޢަތެއްގައި ރުކުން އެޅުނު (ކުރީގެ) ރަކުޢަތް ބާޠިލުވާނެއެވެ. ދެން (ދެވަނަ ރަކުޢަތް) ކުރާނީ އަންނަނިވި ރަކުޢަތުގައެވެ. (އެބަހީ: ކުރަމުންއެދާ ރަކްޢަތްވާނީ ފުރަތަމަ ރަކުޢަތަށެވެ. ބާޠިލްވީ ރުކުން އެޅުމުގެ ސަބަބުންނެވެ.)

ދެވަނަ ރަކުޢަތުން (ރުކުނުގެ މަޤާމަށް) ވާޞިލުނުވާކަމުގައި ވާނަމަ، ދޫކޮށްލެވުނު ރުކުނަސް އަލުން ރުޖޫޢަވެ އެރުކުން އަދާކޮށް ދެން އޭގެ ފަހު ބައި އަދާކުރުން ހުއްޓެވެ. މި ދެ ޙާލަތުގައިވެސް ވާޖިބުވެެންވަނީ ސަލާމްދިނުމަށްފަހު ކުށު ސަޖިދަ ޖެހުމެވެ.

އޭގެ މިޘާލެއް:

މީހަކު ފުރަތަމަ ރަކުޢަތުގެ ދެވަނަ ސަޖިދަ (އެއީ ރުކުނެއް) ހަނދާން ނެތުނީއެވެ. އޭގެ މަތިން ހަނދާންވީ ދެވަަނަ ރަކުޢަތުގެ ދެ ސަޖިދަ ދެމެދުގައި އިށީނދެގެން އިންދައެވެ. އޭރަށް ފުރަތަމަ ރަކުޢަތް ބާޠިލުވާނެއެވެ. އަދި ދެވަނަ ރަކުޢަތް ފުރަތަމަ ރަކުޢަތުގެ މަޤާމުގައި ކުރާނީއެވެ. (އެބަހީ: ދެވަނަ ރަކުޢަތް ކުރާނީ ފުރަތަމަ ރަކުޢަތް ކުރާގޮތަށެވެ.) އެރަކުޢަތް ބަލާނީ އެއީ ފުރަތަމަ ރަކުޢަތް ކަމުގައެވެ. އަދި އެމަގުން ނަމާދު ފުރިހަމަކޮށް (އެބަހީ: އެޔަށްފަހު ދެވަނަ ރަކުޢަތްކޮށް ނަމާދުގެ ދެން އޮތްބައި ފުރިހަމަކޮށް) ނިންމާނީއެވެ. އަދި ސަލާމްދޭނީއެވެ. އެޔަށްފަހު ކުށު ސަޖިދަ ޖަހައި ސަލާމްދޭނީއެވެ.

އެހެން މިޘާލެއް:

މީހަކު ދެވަނަ ސަޖިދަ އަދި ދެސަޖިދަ ދެމެދުގައި އިށީނުން ފުރަތަމަ ރަކުޢަތުގައި ހަނދާންނެތުނީއެވެ. އެކަން ހަނދާންވީ ދެވަނަ ރަކުޢަތުގައި ރުކޫޢިން އިޢުތިދާލަށް ތެދުވިތަނާއެވެ. އޭރަށް އޭނާގެ މައްޗަށްވަނީ އަލުން (ފުރަތަމަ ރަކުޢަތަށް) ރުޖޫޢަވެ ދެސަޖިދަ ދެމެދުގައި އިށީނދެ، އަދި (ދެވަނަ) ސަޖިދަކުރުމެވެ. ދެން (ދެވަނަ ރަކުޢަތަށް ތެދުވެ އެބީދައިން) ނަމާދުކޮށް ނިންމާ ފުރިހަމަކޮށް ސަލާމްދޭނިއެވެ. އެޔަށްފަހު ކުށު ސަޖިދަޖަހައި ސަލާމްދޭނީއެވެ.”

(ނުނިމޭ.) ދެން އަންނަ ބަޔެއްގައި: ނަމާދުގެ ވާޖިބެއް އުނިވުން.
އިތުރުބައިތައް.