[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢުމްދަތުލްއަޙްކާމްގެ ޝަރަޙަ -1

كِتَابُ الطَّهَارَةِ

كِتَاب

މި ކަލިމައިގެ އަޞްލަކީ އެއްތަނަކަށް ގެނެސް ޖަމަޢަކުރުމެވެ. (މިތަނުގައި) އޭގެ މުރާދަކީ އެއް އަޞްލަކަށް ރުޖޫޢަވާ ބާބުތަކެއް އެއްތަނަކަށް ގެނެސް ޖަމަޢަކުރެވިފައިވާ ތަނެވެ. އެހެންކަމުން މީގެ ދަށުގައި ޖަމަޢަކުރެވިފައިވަނީ ޠަހާރަތާއި ގުޅުން ހުރި އެކިއެކި ބާބުތަކެވެ.

الطَّهَارَة

ލުޣަވީ މާނަ

ލުޣަވީގޮތުން ނުވަތަ ބަހުގެގޮތުން މިކަލިމައިގެ މާނައަކީ، ދުރުކޮށް ސަލާމަތްކޮށް ރައްކާތެރިކުރުމެވެ. ﷲތަޢާލާ ވަޙީކުރައްވާފައިވެއެވެ. (وَمُطَهِّرُكَ مِنَ الَّذِينَ كَفَرُوا)[1]އަދި ކާފިރުވީ މީހުންގެ ކިބައިން (އެބަހީ ؛އެމީހުންގެ ނުބައިޢަމަލުތަކުން) ކަލޭގެފާނު ދުރުކުރައްވައި ސަލާމަތްކުރައްވާ ހުށީމެވެ.” 

އިޞްޠިލާޙީ މާނަ

އިޞްޠިލާޙީގޮތުން މިބަހުގެ މުރާދާއިމެދު ޢިލްމުވެރިންގެ ތަފާތު ބަސްފުޅުތައް އައިސްފައިވެއެވެ. އެހުރިހާ ބަސްފުޅެއްގެ މުރާދަކީވެސް އެކައްޗެކެވެ. އެއީ ނަމާދުކުރުން ހުއްދަނޫން ޙާލަތުން، ހުއްދަ ޙާލަތަށް ދިއުމަށްޓަކައި ކުރާ ޢަމަލުތަކަށް ދެވިފައިވާ ނަމެކެވެ.

މިގޮތުން އައިސްފައިވާ ޢިލްމުވެރިންގެ ބަސްފުޅުތަކުގެ ތެރޭގައި އަންނިވި ބަސްފުޅުތައް ހިމެނެއެވެ.

  • އެކަމެއް ކުރުމުން ނަމާދުކުރުން ހުއްދަވާ ކަންތައް ކުރުމެވެ.
  • ޙަދަޘްއެރެގަތުމާއި ނަޖިސްފިލުވައިލުމާއި އޭގެ މާނައިގައިވާ ކަންތައްތަކެވެ.

ޠަހާރަތުގެ ބައިތައް

  • މަޢުނަވީ ޠަހާރަތު: އެއީ އަޚްލާޤާއި ޢަމަލުތަކާއި ޢަޤީދާ ޠާހިރުކުރުމެވެ.
  • ޙިއްސީ ޠަހާރަތު: ޙަދަޘް އެރެގަތުމާޢި ނަޖިސްފިލުވައިލުމާއި އޭގެ މާނައިގައިވާ ކަންތައްތަކެވެ.

ޠަހާރަތުން ފޮތް ފަށާފައިވާ ސަބަބު

މިފޮތުގެ ނަން “ޢުމްދަތުލް އަޙްކާމް” އިންވެސް، ސާފުކޮށް އެނގޭނެ ފަދައިން މިޢީ ޝަރުޢީ ޙުކުމްތަކާއި ގުޅުންހުރި ޙަދީޘް ޖަމަޢަކުރެވިފައިވާ ފޮތެކެވެ. ޝަރުޢީ ޙުކުމްތަކުގެ ތެރެއިން އެންމެ މުހިންމީ ވާޖިބު ކަންތައްތަކެވެ. އެހެނީ އެއީ ކުރުމުގެ މައްޗަށް ޘަވާބު، ނުކޮށް ދޫކުރުމުގެ މައްޗަށް ޢުޤޫބާތް ކަނޑައެޅިފައިވާ ކަންތަކެވެ. މިކަންތައްތަކުގެ ތެރެއިން އެންމެ އިސް އަދި އެންމެ މުހިންމު ވާޖިބަކީ ދީނުގެ ތަނބުކަމުގައި ކަނޑައެޅިފައިވާ ނަމާދެވެ. އެނަމާދުގެ ތަޅުދަނޑިއަކީ ޠަހާރަތެވެ. އެހެންކަމުން ތަޅުދަނޑިނެތި ގެއަށް ނުވަދެވޭނެތީ މިފޮތް ޠަހާރަތުން ފެށީއެވެ.

އަދި ހަމައެއާއެކު ފޮތެއް އުނގެނެން ފަށާއިރު ހިތް ޠާހިރުކޮށް ނިޔަތް އިޚްލާޞްތެރިކުރަން ހަނދާންކޮށްދިނުމަކީ ވެސް ސަބަބެއް ކަމުގައި ބުނެވިދާނެކަމަށް ޝެއިޚް އިބްނު ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.

الحديث الأول

عَنْ عُمَرَ بْنِ الْخَطَّابِ – رضي الله عنه – قَالَ: سَمِعْتُ رَسُولَ اللَّهِ – صلى الله عليه وسلم – يَقُولُ: ((إِنَّمَا الأَعْمَالُ بِالنِّيَّاتِ – وَفِي رِوَايَةٍ: بِالنِّيَّةِ – وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى , فَمَنْ كَانَتْ هِجْرَتُهُ إلَى اللَّهِ وَرَسُولِهِ , فَهِجْرَتُهُ إلَى اللَّهِ وَرَسُولِهِ , وَمَنْ كَانَتْ هِجْرَتُهُ إلَى دُنْيَا يُصِيبُهَا أَوْ امْرَأَةٍ يَتَزَوَّجُهَا , فَهِجْرَتُهُ إلَى مَا هَاجَرَ إلَيْهِ)).

ﷲ ރުއްސުންލެއްވި ޢުމަރު ބްނިލް ޚައްޠާބު ވިދާޅުވިއެވެ. ޞަލަވާތާއި ސަލާމްލެއްވި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާތީ ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. ” ނިޔަތްތަކުގެ މައްޗަށް މެނުވީ ޢަމަލުތައް ނުވެއެވެ. (“އެހެން ރިވާޔަތެއްގައި: ނިޔަތުގެ މައްޗަށް” މިފަދައިންވެއެވެ.) އަދި ކޮންމެ މީހަކަށްވެސް އެމީހަކު ނިޔަތްގަތްކަމެއް މެނުވީ ނުވެއެވެ. ފަހެ ﷲއާއި އެއިލާހުގެ ރަސޫލާއަށްޓަކައި ހިޖުރަކުޅަ މީހާ ދަންނައެވެ. އޭނާގެ ހިޖުރަވަނީ ﷲއާއި އެއިލާހުގެ ރަސޫލާއަށްޓަކައެވެ. އަދި ދުނިޔޭގެ ކަމެއް ޙާޞިލުކުރުމަށް ނުވަތަ އަންހެނަކާ ކައިވެނިކުރުމަށް ހިޖުރަކުޅަ މީހާ ދަންނައެވެ. އޭނާގެ ހިޖުރަވަނީ އޭނާ ހިޖުރަކުޅަ ކަމަކަށެވެ.

މިޙަދީޘުން ޠަހާރަތުގެބާބު ފަށާފައިވާ ސަބަބު  
  • ކޮންމެ ޢަމަލެއްވެސް ބިނާވަނީ ނިޔަތަށެވެ. ނިޔަތާއިނުލައި ޠަހާރަތުވެސް ޞައްޙައެއް ނުވާނެއެވެ. އެހެންކަމުން ޠަހާރަތުގެ ބާބު މި ޙަދީޘުން ފެށީއެވެ.
  • ޢިލްމުވެރިންގެ ބަސްފުޅާއި އެއްގޮތަށް ޢަމަލުކުރުމެވެ. ފޮތެއް ލިޔާ ކޮންމެ މީހަކު މިޙަދީޘުން ފޮތް ފެށުމަކީ އެދެވިގެންވާ ކަމެއްކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. އެއީ ދަރިވަރުންނާއި ފޮތް ކިޔާމީހުންނަށް ނިޔަތް އިޚްލާޞްތެރިކުރުމުގެ މުހިންމުކަން އެންގުމަށްޓަކައެވެ.

އަލްއިމާމް ޢަބްދުއްރަޙްމާން ބްނު މަހްދީ ވިދާޅުވިއެވެ. “ފޮތެއް ލިޔާނަމަ މިޙަދީޘުން ފޮތް ފަށާށެވެ.” އަދިވެސް ވިދާޅުވިއެވެ. “އަހުރެން ފޮތެއް ލިޔާނަމަ އެފޮތުގެ ކޮންމެ ބާބެއް ފަށާނީ މިޙަދީޘުންނެވެ.”

  • ޢިލްމުވެރިންގެ ޢަމަލުފުޅު ނަމޫނާއަކަށް ބެލުމެވެ. އިމާމް ބުޚާރީ އާއި އެހެން ޢިލްމުވެރިންވެސް އެބޭފުޅުންގެ ފޮތްތައް ފައްޓަވާފައިވަނީ މިޙަދީޘުންނެވެ. އިމާމް ބުޚާރީ އެކަލޭގެފާނުގެ ޞަޙީހުގެ ހަތްތަނެއްގައި މި ޙަދީޘްގެންނަވާފައިވެއެވެ.
ޙަދީޘުގެ ރާވީ

މި ޙަދީޘް ރިވާކުރައްވާފައިވަނީ އަމީރުލް މުއުމިނީން އަބޫޙަފްޞު ޢުމަރު ބްނުލް ޚައްޠާބް އެވެ. އެކަލޭގެފާނުގެ ނަސަބުފުޅާއި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ނަސަބުފުޅާއި ބައްދަލުވަނީ ކަޢުބު ބްނު ލުއައްޔި އާއި ހިސާބުންނެވެ.

އަބޫޙަފްޞު

އަބޫޙަފްޞުގެ ނަމުން އެކަލޭގެފާނަށް އެންމެފުރަތަމަ ގޮވާލެއްވީ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމައެވެ. ޙަފްޞުގެ މާނައަކީ ސިންގާއެވެ.

އަލްފާރޫޤު

އެކަލޭގެފާނުގެ ލަޤަބުފުޅަކީ އަލްފާރޫޤު އެވެ. އެއީ އެކަލޭގެފާނު އިސްލާމްވެވަޑައިގެންނެވުމުން ޙައްޤުފާޅުވެ ބާޠިލާއި ވަކިވިކަމަށްޓަކައެވެ. އެކަލޭގެފާނަށް މިލަޤަބުދެއްވުނީ ﷲތަޢާލާގެ ޙަޟްރަތުން ކަމުގައިވެސް ބުނެވެއެވެ. ނަމަވެސް އެކަމާއިބެހޭގޮތުން ވާރިދުވެފައިވާ ޙަދީޘަކީ ޟަޢީފު ޙަދީޘެކެވެ. އިބްނު ޝިހާބު އައްޒުހުރީގެ އަރިހުން އިމާމް އައްޠަބަރީ ރިވާކުރައްވާފައިވަނީ، އެކަލޭގެފާނަށް މިލަޤަބު ދިނީ އަހުލުކިތާބީން ކަމުގައެވެ. އަދި މިއީ ރަސޫލާޞައްލަﷲ ޢަލައިހިވަސައްލަމަ އެކަލޭގެފާނަށް ދެއްވި ލަޤަބެއްކަމުގައިވެސް އައިސްފައިވެއެވެ. ކޮންމެއަކަސް އަލްފާރޫޤަކީ އެކަލޭގެފާނުގެ ލަޤަބުފުޅުކަމަށް ޢިލްމުވެރިން އިއްތިފާޤުވެލައްވައެވެ.

އަމީރުލްމުއުމިނީން

ހުރިހާ މުއުމިނުންނަށް ނިސްބަތްކުރެވި، “މުއުމިނުންގެ އަމީރު” މިލަޤަބު، އެންމެފުރަތަމަ ދެވުނީ އެކަލޭގެފާނަށެވެ. ނަމަވެސް މުއުމިނުންގެ ތެރެއިން ވަކި ބޭކަލުންތަކަކަށް ޚާއްޞަކުރެވި، “މުއުމިނުންގެ އަމީރު”ގެ ލަޤަބު، އެކަލޭގެފާނަށްވުރެކުރިން ދެވުނީ ޢަބްދުﷲ ބްނު ޖަޙްޝް ރަޟިޔަﷲ ޢަންހުއަށެވެ. އެއީ 12 ބޭކަލުންގެ މައްޗަށް އެކުލެވޭ ސަރިއްޔާއެއްގެ އަމީރަކަށް އެކަލޭގެފާނު ކަނޑައެޅުނު ހިނދެވެ. ބައެއް ރިވާޔަތްތަކުގައި 8 ބޭކަލުންގެ މައްޗަށް އެކުލެވޭ ސަރިއްޔާއެއް ކަމުގައިވެސް ވާރިދުވެފައިވެއެވެ.

އަދި މުސައިލަމަތުލް ކައްޛާބު އަމިއްލައަށް ތިމަންނައަކީ އަމީރުލް މުއުމިނީން ކަމުގައި ކިޔައިއުޅުނު ކަމަށްވެސް، އޭނާ ޤަތުލުކުރެވުނު ޙަދީޘާ ގެންނެވިއިރު ޞަޙީޙުލް ބުޚާރީގައި ޛިކުރުކުރެވިފައިވެއެވެ.

އެކަލޭގެފާނުގެ މަންމާފުޅު

އެކަލޭގެފާނުގެ މަންމާފުޅަކީ ޙަންތަމަތު ބިންތު ހާޝިމް އެވެ. ހާޝިމް މަޝްހޫރުވެފައިވަނީ 2 ތީރުގެ ވެރިޔާގެ ނަމުންނެވެ. ބައެއްޢިލްމުވެރިން ވިދާޅުވާގޮތުން ރަނގަޅުގޮތަކީ ޙަންތަމަތު ބިންތު ހިޝާމްއެވެ. ނަމަވެސް އިބްނު ޢަބްދިލްބައްރި ރަޙިމަހުﷲ، އެކަލޭގެފާނުގެ ފޮތް “އަލްއިސްތީޢާބް” ގައި ވިދާޅުވެފައިވަނީ “ޙިޝާމް” އޭ ބުނުން އެއީ ކުށެއްކަމަށެވެ. ސަބަބަކީ ހިޝާމް ކަމަށްވާނަމަ، ޙަންތަމަތު ވާނީ އަބޫޖަހުލާއި އަލްޙާރިޘްގެ އުޚްތަކަށް ކަމުގައެވެ. ނަމަވެސް ޙަންތަމަތު އަކީ އަބޫޖަހުލުގެ ބޮޑުބޭބެގެ ދަރިކަނބަލެއް ކަމުގައެވެ.

– ނުނިމޭ –

[1]  آل عمران 55