[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢުމްދަތުލްއަޙްކާމްގެ ޝަރަޙަ -2

 

الحديث الأول

عَنْ عُمَرَ بْنِ الْخَطَّابِ – رضي الله عنه – قَالَ: سَمِعْتُ رَسُولَ اللَّهِ – صلى الله عليه وسلم – يَقُولُ: ((إِنَّمَا الأَعْمَالُ بِالنِّيَّاتِ – وَفِي رِوَايَةٍ: بِالنِّيَّةِ – وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى , فَمَنْ كَانَتْ هِجْرَتُهُ إلَى اللَّهِ وَرَسُولِهِ , فَهِجْرَتُهُ إلَى اللَّهِ وَرَسُولِهِ , وَمَنْ كَانَتْ هِجْرَتُهُ إلَى دُنْيَا يُصِيبُهَا أَوْ امْرَأَةٍ يَتَزَوَّجُهَا , فَهِجْرَتُهُ إلَى مَا هَاجَرَ إلَيْهِ)).

ﷲ ރުއްސުންލެއްވި ޢުމަރު ބްނިލް ޚައްޠާބު ވިދާޅުވިއެވެ. ޞަލަވާތާއި ސަލާމްލެއްވި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާތީ ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. ” ނިޔަތްތަކުގެ މައްޗަށް މެނުވީ ޢަމަލުތައް ނުވެއެވެ. (“އެހެން ރިވާޔަތެއްގައި: ނިޔަތުގެ މައްޗަށް” މިފަދައިންވެއެވެ.) އަދި ކޮންމެ މީހަކަށްވެސް އެމީހަކު ނިޔަތްގަތްކަމެއް މެނުވީ ނުވެއެވެ. ފަހެ ﷲއާއި އެއިލާހުގެ ރަސޫލާއަށްޓަކައި ހިޖުރަކުޅަ މީހާ ދަންނައެވެ. އޭނާގެ ހިޖުރަވަނީ ﷲއާއި އެއިލާހުގެ ރަސޫލާއަށްޓަކައެވެ. އަދި ދުނިޔޭގެ ކަމެއް ޙާޞިލުކުރުމަށް ނުވަތަ އަންހެނަކާ ކައިވެނިކުރުމަށް ހިޖުރަކުޅަ މީހާ ދަންނައެވެ. އޭނާގެ ހިޖުރަވަނީ އޭނާ ހިޖުރަކުޅަ ކަމަކަށެވެ.

ޙަދީޘުގެ ރާވީ

(ޢުމަރު ބްނުލް ޚައްޠާބް)

އުފަންވެވަޑައިގަތުން

އެކަލޭގެފާނު އުފަންވެވަޑައިގަތީ ފީލުބާގައިގެ މީހުން ގެފުޅު މުގުރާލުމަށްޓަކައި އައި އަހަރުގެ 13 އަހަރުފަހުންނެވެ.

އިސްލާމްވެވަޑައިގަތުން

އިސްލާމްވެވަޑައިގަތީ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ނަބީކަމާއިގެން ފޮނުއްވުނުތާ 6 އަހަރުފަހުންނެވެ. އަދި 5 އަހަރުފަހުން ކަމުގައިވެސް ބުނެވެއެވެ. އެއީ 40 ބޭކަލުންނާއި 11 ބޭކަނބަލުންނަށް ފަހުއެވެ.

އެކަލޭގެފާނު އިސްލާމްވެވަޑައިގަތީ އެކަމަށް އެދިވަޑައިގެން ރަސޫލާ މުޙައްމަދު ޞައްލަﷲ އަލައިހިވަސައްލަމަ ދުޢާކުރެއްވިތާ މާގިނަދުވަސްތަކެއް ނުވަނީހެވެ. އެއީ އިސްލާމްދީނަށް ލިބުނު މަތިވެރި ނަޞްރެކެވެ. ޞަޙީޙުލް ބުޚާރީގައި ވެއެވެ. “ޢުމަރު އިސްލާމްވެވަޑައިގެންނެވީއްސުރެން ތިމަންބޭކަލުން ތިއްބެވީ ޢިއްޒަތުގައެވެ.”

ޚިލާފަތު ހަވާލުކުރެވުން

ހިޖުރައިން 13 ވަނަ އަހަރުގެ ޖުމާދަލް އަޚިރާ މަހުގައި، އަބޫ ބަކުރު ރަޟިޔަﷲ ޢަންހު އަވަހާރަވެވަޑައިގެންނެވި ދުވަހު، ޚަލިފާއަކަށް އިސްކުރެވި އެކަލޭގެފާނަށް ބައިޢަތުހިފުނެވެ. އެއީ އަބޫ ބަކުރު ރަޟިޔަﷲ ޢަންހުގެ ވަޞިއްޔަތުގެ ދަށުންނެވެ.

އެކަލޭގެފާނުގެ މަނާޤިބުތަކުގެ ތެރެއިން…

ގިނަ މީސްތަކުން ހީކުރަމުންއައިގޮތާއި ޚިލާފަށް، އެކަލޭގެފާނު ވެވަޑައިގެންނެވީ އޯގާތެރި ޚަލީފާއަކަށެވެ. އެކަލޭގެފާނުގެ ޢަދުލުވެރިކަމަށް ޢަދުއްވުންވެސް ހެކިވެއެވެ.

ބައިތުލްމަޤްދިސް އާއި ޝާމުކަރަފަދަ ތަންތަން އެކަލޭގެފާނުގެ ޚިލާފަތުގައި ފަތަޙަކުރެވުނެވެ. މީސްތަކުން ކިޔާފާނެ އެއްޗަކަށް ފަރުވާލެއް ނުބަހައްޓަވައި އެކަލޭގެފާނުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރެއްވިއެވެ.

ހިޖުރީ ތާރީޚު ލިޔުއްވަން ފެއްޓެވީ އެކަލޭގެފާނެވެ. އެކަލޭގެފާނަކީ އިސްލާމްދީނުގައި އެންމެފުރަތަމަ އައްޔަން ކުރެވުނު ޤާޟީއެވެ. އެއީ އަބޫބަކުރު ރަޟިޔަﷲ ޢަންހުގެ ޚިލާފަތުގައެވެ. އެންމެފުރަތަމަ ޤުރުއާން ޖަމަޢަކުރެވުނީވެސް އެކަލޭގެފާނުގެ މަޝްވަރާއަށެވެ. މީސްތަކުންނާއިގެން މެދުނުކެނޑި 10 އަހަރުވަންދެން ޙައްޖުކުރެއްވިއެވެ. އެކަލޭގެފާނު މަގަކުން ވަޑައިގަންނަވާނަމަ ޝައިޠާނާ އެހެންމަގެއް އިޚްތިޔާރުކުރެއެވެ. ބަދުރު ހަނގުރާމައިގެ އަސީރުންނާއި، ޙިޖާބާއި، ރާ ޙަރާމްކުރެވުމާއި، މަޤާމުއިބްރާހީމާއި މެދު، އެކަލޭގެފާނުގެ ބަސްފުޅާއި އެއްގޮތަށް ވަޙީބާވައިލެއްވުނެވެ.

ރިވާކުރައްވާފައިވާ ޙަދީޘްތަކުގެ ޢަދަދު

އެކަލޭގެފާނުގެ އަރިހުން 539 ޙަދީޘް ރިވާކުރެވިފައިވައެވެ. އޭގެތެރެއިން 26 ޙަދީޘް ބުޚާރީއާއި މުސްލިމް އިއްތިފާޤުން ރިވާކުރައްވާފައިވެއެވެ. އަދި މި 26ގެ އިތުރަށް ޞަޙީޙް މުސްލިމްގައި ނެތް، 34 ޙަދީޘް ބުޚާރީ ރިވާކުރައްވާފައިވެއެވެ. އަދި ބުޚާރީގައި ނެތް 21 ޙަދީޘް މުސްލިމް ރިވާކުރައްވާފައިވެއެވެ.

ޝަހީދުވެވަޑައިގަތުން

ޚިލާފަތުގައި ½10 އަހަރު ހޭދަކުރެއްވިއެވެ. އަދި ހިޖުރައިން 23ވަނަ އަހަރު ޛުލްޙިއްޖާމަހުގެ ފަހުކޮޅުގެ ބުދަދުވަހެއްގައި އެކަލޭގެފާނު ފަތިސްނަމާދަށް ހުންނަވަނިކޮށް ދެވުނު ހަމަލާއެއްގައި ޝަހީދުވެވަޑައިގެންނެވިއެވެ. އަލްފައްލާސް ރަޙިމަހުﷲ ވިދާޅުވަނީ އެކަލޭގެފާނު އަވަހާރަވެވަޑައިގެންނެވީ ހިޖުރައިން 24ވަނަ އަހަރުކަމުގައެވެ. އޭރު އެކަލޭގެފާނުގެ ޢުމުރުފުޅަކީ 63 އަހަރެވެ.

އެކަލޭގެފާނު ހިނެވީ، އެކަލޭގެފާނުގެ ޒުހުދުވެރި ދަރިކަލުން ޢަބްދުﷲ ރަޟިޔަﷲ ޢަންހުއެވެ. އެކަލޭގެފަނުގެ މައްޗަށް އިމާމުވެ ކަށުނަމާދުކުރެއްވީ ޞުހައިބު ބްނު ސިނާން އައްރޫމީ ރަޟިޔަﷲ ޢަންހުއެވެ. އަދި ފަސްދާނުލެވުނީ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމައާއި އަބޫބަކުރު ރަޟިޔަﷲ ޢަންހުގެ އަރިހުގައި، ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ގެކޮޅުގައެވެ.

ހަމަލާދިނީ ކާކު؟

އެކަލޭގެފާނަށް ހަމަލާދިނީ މުޣީރާ ބިން ޝުޢުބާ ރަޟިޔަﷲ ޢަންހުގެ އަޅެއް ކަމުގައިވި އަބޫ ލުއުލުއާ އެވެ. އެއީ މަޖޫސީއެކެވެ. އަދި ނަޞާރާއެއްކަމުގައިވެސް ބުނެވެއެވެ. އެކަލޭގެފާނު ފަތިސްނަމާދަށް ހުންނަވަނިކޮށް ހަށިކޮޅުގެ 3 ތަނަކަށް، އެކަމަށްޓަކައި އޭނާ ޒަހަރުލައި ތައްޔާރުކޮށްފައިވާ ދެމިޔަލީ ޙަންޖަރަކުން ހަމަލާދިނެވެ. އަދި އެކަލޭގެފާނަށް ހަމަލާދިނުމަށްފަހު މިސްކިތުން ނިކުންނަން ދިޔައިރު 13 ބޭކަލަކަށް ހަމަލާދިނެވެ. އޭގެތެރެއިން 9 ބޭކަލުން އަވަހާރަވެވަޑައިގެންނެވިއެވެ. ބައެއް ރިވާޔަތްތަކުގައި ވާގޮތުން އަވަހާރަވީ 7 ބޭކަލުންނެވެ.

މުސްލިމުންގެ ތެރެއިން ބޭކަލަކަށް އެމަންޒަރު ފެނިވަޑައިގެންނެވުމުން ފޮތިގަޑެއް އޭނަގެ ބޮލުގައި އެޅުއްވިއެވެ. އެހިނދު ދެން ސަލާމަތްނުވާނެކަން އެނގުމުން އަމިއްލައަށް ކަރުގައި ޙަންޖަރުއަޅައި މަރުވީއެވެ.

ދެން ޢުމަރު ރަޟިޔަﷲ ޢަންހު އެކަލޭގެފާނުގެ ގެކޮޅަށް ގެންދެވުނެވެ. އަދި އޭގެ 3 ދުވަސްފަހުން (ބައެއް ރިވާޔަތްތަކުގައި ވާގޮތުން، 7 ދުވަސްފަހުން) އެކަލޭގެފާނު އަވަހާރަވެވަޑައިގެންނެވިއެވެ.

އެކަލޭގެފާނުގެ ކަރާމާތްތަކުގެ ތެރެއިން…

  • ހުކުރު ދުވަހެއްގެ ޚުތުބާ ދެއްވަމުން އެކަލޭގެފާނު ކުއްލިއަކަށް ވިދާޅުވިއެވެ. ” އޭ ސާރިޔާއެވެ. ފަރުބަދައެވެ. ފަރުބަދައެވެ.” އޭގެ މުރާދު ނުވިސްނިގެން މީސްތަކުން އެކަކުއަނެކަކަށް ބަލައިހެދިއެވެ. ދެންފަހެ ނަމާދު ނިމުމުން ޢަލީ ރަޟިޔަﷲޢަންހު ވިދާޅުވިއެވެ. “(ޚުޠުބާގައި) ކަލޭގެފާނު އެވިދާޅުވީ ކީކޭ ހެއްޔެވެ؟” ޖަވާބުގައި ވިދާޅުވިއެވެ. “ކަލޭގެފާނަށް އިވިވަޑައިގެންނެވިތޯއެވެ؟” ޢަލީ ރަޟިޔަﷲޢަންހު ވިދާޅުވިއެވެ. “އާދޭހެވެ. މިސްކިތުގައި ތިބި ހުރިހާ އެންމެނަށްވެސް އިވުނެވެ.” އެހިނދު ވިދާޅުވިއެވެ. “ތިމަންކަލޭގެފާނަށް ފެނިވަޑައިގެންނެވީ މުޝްރިކުން ތިމަންބޭކަލުންގެ އަޚުންތައް ބަލިކޮށް އެއަޚުންގެ ކޮނޑުތަކަށް ސަވާރުވާން އުޅޭ މަންޒަރެވެ. އެހިނދު އެއަޚުންތައް ފަރުބަދައެއް ކައިރިން ހުރަސްކުރަނީއެވެ. އެފަރުބަދަ ކައިރީ މަޑުކޮށްފިނަމަ އެއަޚުންނަށް ކާމިޔާބުވާނެއެވެ. އަދި ހުރަސްކޮށްފިނަމަ ހަލާކުވެގެންދާނެއެވެ. އެހިނދު ތިމަންކަލޭގެފާނުގެ ދޫފުޅުން އެބަސްތައް ބޭރުވީއެވެ.” އޭގެ މަހެއް ފަހުން ލަޝްކަރުގެ ޚަބަރާއިގެން ބޭކަލަކު ވަޑައިގެންނެވިއެވެ. އަދި އެ(ހުކުރު) ދުވަހުގެ އެވަގުތުގައި، ފަރުބަދަ ކައިރިން ހުރަސްކުރަނިކޮށް ޢުމަރު ރަޟިޔަﷲޢަންހުގެ އަޑުފުޅާއި ވައްތަރު އަޑެއް އިވުނުކަމަށް ބުންޏެވެ. އަދި އެއަޑު އިވުމުން ފަރުބަދަ ކައިރިއަށް މިސްރާބު ބަދަލުކުރިކަމަށާއި، ﷲތަޢާލާ ނަޞްރުދެއްވި ކަމަށް ބުންޏެވެ. ޘިޤާ ރާވީންގެ މައްޗަށް އެކުލެވޭ ސަނަދަކުން އިބްނު ޢަސާކިރު ރަޙިމަހުﷲ މިޙާދިޘާ ރިވާކުރައްވާފައިވެއެވެ. އެއީ ޢިރާޤުގެ ނަހާވަންދު ހަނގުރާމައިގައެވެ.
  • އެކަލޭގެފާނުގެ ޚިލާފަތުގައި އެއްދުވަހަކު ބިންހެލުމެއް އައެވެ. އެހިނދު ދުއްރާ ނަންގަވައި އެއިން ބިންމަތީގައި ޖެއްސެވިއެވެ. އަދި ވިދާޅުވިއެވެ. ” އަހުރެން ތިބާގެ ބުރަކަށިމަތީގައި ޢަދުލުވެރި ނުވަމުހެއްޔެވެ؟ ” އެހިނދު ބިންގަނޑު ހިމޭންވިއެވެ.

ރާވީންގެތެރެއިން “ޢުމަރު ބްނު އަލްޚައްޠާބް” ކިޔާ ބޭކަލުން…

ޙަދީޘް ރާވީންގެ ތެރޭގައި 7 ޢުމަރު ބްނު އަލްޚައްޠާބް އުޅެއެވެ.

ފުރަތަމައީ: މި ޙަދީޘުގެ ރާވީ، މުސްލިމުންގެ 2 ވަނަ ޚަލީފާ ޢުމަރު ބްނު އަލްޚައްޠާބްއެވެ.

ދެވަނައީ: ޢުމަރު ބްނު އަލްޚައްޠާބް އަލްކޫފީއެވެ. ޚާލިދު ބްނު ޢަބްދިﷲ އަލްވާސީޠީ ވަނީ މިކަލޭގެފާނުގެ އަރިހުން ރިވާކުރައްވާފައެވެ.

ތިންވަނައީ: އުމަރު ބްނު އަލްޚައްޠާބް އައްރާސިބީއެވެ. ސުވައިދު ބްނު އަބީ ޙާތިމު ވަނީ މިކަލޭގެފާނުގެ އަރިހުން ރިވާކުރައްވާފައެވެ.

ހަތަރުވަނައީ: ޢުމަރު ބްނު އަލްޚައްޠާބް އަލްއިސްކަންދަރީއެވެ. މިކަލޭގެފާނުވަނީ ޟިމާމް ބްނު އިސްމާޢީލްގެ އަރިހުން ރިވާކުރައްވާފައެވެ.

ފަސްވަނައީ ޢުމަރު ބްނު އަލްޚައްޠާބް އަލްޢަންބަރީއެވެ. މިކަލޭގެފާނުގެ ބައްޕާފުޅުގެ އަރިހުންނާއި، ޔަޙްޔާ ބްނު ސަޢީދިލްއަންޞާރީ ގެ އަރިހުން ރިވާކުރައްވާފައިވެއެވެ.

ހަވަނައީ: ޢުމަރު ބްނު އަލްޚައްޠާބް އައްސިޖިސްތާނީއެވެ. މިކަލޭގެފާނުގެ އަރިހުން މުޙައްމަދު ބިން ޔޫސުފް އަލްފިރްޔާބީ ރިވާކުރައްވާފައިވެއެވެ.

ހަތްވަނައީ: ޢުމަރު ބްނު އަލްޚައްޠާބް އައްސަދޫސީއެވެ. މުޢުތަމިރު ބިން ސުލައިމާނުގެ އަރިހުން ރިވާކުރައްވާފައިވެއެވެ.

– ނުނިމޭ-

އެހެން ބައިތައް ބެއްލެވުމަށް