[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަމާދު ( الصلاة ) – 1

salat

الحمد لله والصلاة والسلام على رسول الله وعلى آله وصبحه أجمعين

ނަމާދުގެ ތަޢުރީފް

ބަހުގެ ގޮތުން ( الصلاة ) ގެ އެންމެ އާއްމު މާނައަކީ ދުޢާ އެވެ.

الصلاة ނުވަތަ ނަމާދުގެ ޝަރުޢީ މާނައަކީ : ކަނޑައެޅި އެނގިގެންވާ ޒިކުރުތަކަކާއި ހަރަކާތްތަކެއްގެ މައްޗަށް އެކުލެވޭ، ތަކުބީރަކުންފެށޭ އަދި ސަލާމްދިނުމުން ނިމޭ ﷲ ތަޢާލާއަށް ވެވޭ އަޅުކަމެކެވެ.

ނަމާދަކީ ހުރިހާ އުއްމަތަކަށްވެސް ﷲ ތަޢާލާ ޝަރުޢުކުރައްވާފައިވާ އަޅުކަމެކެވެ. އެއީ ނަމާދުގެ އަހަންމިއްޔަތުކަން ބޮޑުވުމުގެ ސަބަބުންނާއި، އަދި އެއީ މަތިވެރި ގުޅުމަކުން އަޅާއާއި އޭނާގެ ވެރި ރައްބާއި ގުޅުވާދޭ އަޅުކަމަކަށް ވާތީއެވެ.

މި އުއްމަތަށް ﷲ ތަޢާލާ ފަސް ނަމާދު ފަރުޟުކުރެއްވީ، މި އުއްމަތުގެ މާތްނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ މިޢުރާޖައް އުފުއްލެވި ރޭގައި ﷲތަޢާލާ އާއި އެކަލޭގެފާނާއި ދެމެދު އެއްވެސް މެދުވެރި އެއްނެތި ސީދާ ބަސްފުޅު ވަޙީކުރައްވައިގެންނެވެ.

ނަމާދުގެ އަޙައްމިއްޔަތުކަން ބަޔާންވާ ބައެއް ނުކުތާތައް

1 – ނަމާދު ފަރުޟް ކުރެއްވުނީ ﷲ ތަޢާލާއާއި އެއިލާހުގެ ނަބިއްޔާއާ ދެމެދު އެއްވެސް ވާސިޠާއެއް ނުވަތަ މެދުވެރިއެއް ނެތި.

2 – ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް އައި ( އަޅުގަނޑުމެންނަށް އެނގިފައިވާ ) އެންމެ މާތް މަތިވެރި ރޭގައި ނަމާދު ފަރުޟްކުރެއްވުން.

3 – ދުނިޔެވީ ޙަޔާތުގައި އިންސާނަކަށް ވާޞިލް ވެވޭނެ އެންމެ މަތީ މަކާނުގައި ނުވަތަ ހިސާބުގައި އެކަލޭގެފާނު ހުންނަވަނިކޮށް ނަމާދު ފަރުޟު ކުރައްވާފައިވުން.

4 – އެންމެ ފުރަތަމަ ފަންސާސް ނަމާދު ފަރުޟް ކުރައްވައިފައި ވުމުން އެ ނަމާދަށް އެއިލާހުގެ ހަޟްރަތުގައި ދެވިފައިވާ ލޯބި ހާމަވެގެންދެއެވެ. ނަމަވެސް ކުރަންޖެހޭ މިންވަރުގެ ގޮތުން ފަސް ނަމާދަށް ލުއިކުރައްވައި، މީޒާނުގައި ފަންސާސް ނަމާދުކަމުގައި ލެއްވިއެވެ. ފަސް ނަމާދު ކުރިމީހާ ފަންސާސް ނަމާދު ކުރި މީހާ ފަދައެވެ. ކޮންމެ ނަމާދެއްގެ ޘަވާބު ދިހަގުނައަށް އިތުރުވެގެން ދިޔުމެއްނޫނެވެ. ނަމަވެސް ފަސް ނަމާދު ކުރި މީހާ ފަންސާސް ނަމާދު  ޢަމަލުން ކުރި ފަދައެވެ. ކޮންމެ ދުވަހެއްގައި ތަކުރާރުކޮށް ކުރަން ޖެހޭ ކަމެއްގެ ގޮތުގައި އަޅުކަމެއް ނަމާދުފިޔަވައި ފަރުޟް ކުރައްވާފައި ވާތީއެއް ނުފެނެއެވެ.

ނަމާދުގެ ވާޖިބުކަން

ނަމާދަކީ ﷲ ތަޢާލާ ވާޖިބުކުރައްވައި ފަރުޟް ކުރައްވާފައިވާ އަޅުކަމެކެވެ. އެއީ ﷲ ތަޢާލާގެ އެއްކައުވަންތަކަމަށާއި އެއިލާހުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ރިސާލަތަށް އީމާންވެ ހެކިވުމަށްފަހު، ދެން އިސްލާމްދީނުގައި ދެވަނަ ދަރަޖަ ދެވިފައިވާ އަޅުކަމެވެ. ދީނުގެ ދެވަނަ ރުކުނެވެ. ނަމާދަކީ ފަރުޟްގެ އެންމެ މަތިވެރި ވައްތަރެވެ.

ނަމާދުގެ ވާޖިބުކަމަށް ކީރިތި ޤުރުއާނާއި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ދަލީލް ލިބޭ އެތައް އާޔަތްތަކަކާއި ޙަދީޘްތަކެއް އައިސްފައިވެއެވެ. އަދި އުއްމަތުގެ ޢިލްމުވެރިންވަނީ ނަމާދުގެ ވާޖިބުކަމާއިމެދު އިޖްމާޢުވެފައެވެ. އަދި އެއްވެސް ޢިލްމުވެރިއެއް ނަމާދަކީ ފަރުޟެއްކަމާއިމެދު ޚިލާފްވެފައެއް ނުވެއެވެ. އަދި މިއީ އިސްލާމްވުމަށްފަހު ދީނުގައި ކޮންމެ މުސްލިމަކަށްވެސް ކޮންމެހެންވެސް އެނގުން ލާޒިމް ކަމެކެވެ. އެއްވެސް މުސްލިމަކަށް ނަމާދަކީ ފަރުޟެއްކަން ނުވަތަ ވާޖިބެއްކަން ނޭންގި އޮތުން މުސްތަޙީލް މިންވަރަށް، މި އަޅުކަމުގެ ހުކުމަކީ އެނގި ބަޔާންވެފައިވާ މަޝްހޫރު ކަމެކެވެ.

– ނުނިމޭ –

މަސްދަރު: ފަޟީލަތުއްޝައިޚް މުޙައްމަދު ބިން ޞާލިޙުލް ޢުޘައިމީން ( ރަޙިމަހުﷲ ) ގެ الشرح الممتع على زاد المستقنع