الحديث الأول
عَنْ عُمَرَ بْنِ الْخَطَّابِ – رضي الله عنه – قَالَ: سَمِعْتُ رَسُولَ اللَّهِ – صلى الله عليه وسلم – يَقُولُ: ((إِنَّمَا الأَعْمَالُ بِالنِّيَّاتِ – وَفِي رِوَايَةٍ: بِالنِّيَّةِ – وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى , فَمَنْ كَانَتْ هِجْرَتُهُ إلَى اللَّهِ وَرَسُولِهِ , فَهِجْرَتُهُ إلَى اللَّهِ وَرَسُولِهِ , وَمَنْ كَانَتْ هِجْرَتُهُ إلَى دُنْيَا يُصِيبُهَا أَوْ امْرَأَةٍ يَتَزَوَّجُهَا , فَهِجْرَتُهُ إلَى مَا هَاجَرَ إلَيْهِ)).
ﷲ ރުއްސުންލެއްވި ޢުމަރު ބްނުލް ޚައްޠާބު ވިދާޅުވިއެވެ. ޞަލަވާތާއި ސަލާމްލެއްވި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާތީ ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. ” ނިޔަތްތަކުގެ މައްޗަށް މެނުވީ ޢަމަލުތައް ނުވެއެވެ. (“އެހެން ރިވާޔަތެއްގައި: ނިޔަތުގެ މައްޗަށް” މިފަދައިންވެއެވެ.) އަދި ކޮންމެ މީހަކަށްވެސް އެމީހަކު ނިޔަތްގަތްކަމެއް މެނުވީ ނުވެއެވެ. ފަހެ ﷲއާއި އެއިލާހުގެ ރަސޫލާއަށްޓަކައި ހިޖުރަކުޅަ މީހާ ދަންނައެވެ. އޭނާގެ ހިޖުރަވަނީ ﷲއާއި އެއިލާހުގެ ރަސޫލާއަށްޓަކައެވެ. އަދި ދުނިޔޭގެ ކަމެއް ޙާޞިލުކުރުމަށް ނުވަތަ އަންހެނަކާ ކައިވެނިކުރުމަށް ހިޖުރަކުޅަ މީހާ ދަންނައެވެ. އޭނާގެ ހިޖުރަވަނީ އޭނާ ހިޖުރަކުޅަ ކަމަކަށެވެ.
ޙަދީޘުގެ ސަނަދަށް ނަޒަރެއް
ރަސޫލާ ޞައްލަﷲ ޢަލައިިހިވަސައްލަމަގެ އަރިހުން މިޙަދީޘް ރިވާކުރެއްވީ ހަމައެކަނި ޢުމަރު ރަޟިޔަﷲ ޢަންހުއެވެ. އަދި އެކަލޭގެފާނުގެ އަރިހުން ހަމައެކަނި ޢަލްޤަމާ ބްނު ވައްޤާޞް އައްލައިޘީ އެވެ. އަދި ޢަލްޤަމާގެ އަރިހުން ހަމައެކަނި މުޙައްމަދު ބްނު އިބްރާހިމް އައްތައިމީއެވެ. އަދި މުޙައްމަދު ބްނު އިބްރާހީމް އައްތައިމީގެ އަރިހުން ހަމައެކަނި ޔަޙްޔާ ބްނު ސަޢީދިލްއަންޞާރީއެވެ. އަދި ޔަޙްޔާގެ އަރިހުން ވަރަށް ގިނަބޭކަލުން މިޙަދީޘް ރިވާކުރެއްވިއެވެ.
ޔަޙްޔާ ބްނު ސަޢީދިލް އަންޞާރީގެ އަރިހުން ރިވާކުރެއްވި ބޭކަލުން…
އެކަލޭގެފާނުގެ އަރިހުން މިޙަދީޘް ރިވާކުރެއްވި ބޭކަލުންގެ ތެރޭގައި ޙަދީޘް ޢިލްމުގެ ބޮޑެތި ތަނބުތައް ކަމުގައި ބެލެވޭ ބޭކަލުންތައް ހިމެނިވަޑައިގަންނަވައެވެ. އޭގެތެރޭގައި އިމާމް މާލިކް، ޝުޢުބާ ބްނު ޙައްޖާޖް، ޙައްމާދު ބްނު ޒައިދު، ޙައްމާދު ބްނު ސަލަމާ، ސުފްޔާނުއްޘައުރީ، ސުފްޔާނު ބްނު ޢުޔައިނާ، އައްލައިޘު ބްނު ސަޢުދް، ޔަޙްޔާ ބްނު ސަޢީދިލްޤައްޠާން، ޢަބްދުﷲ ބްނު މުބާރަކު ފަދަ މަޝްހޫރު އެތައް ބޭކަލުންނެއް ހިމެނިވަޑައިގަންނަވައެވެ.
އަލްޙާފިޡް އަބޫސަޢީދް މުޙައްމަދު ބްނު ޢަލީ އައްނަޤާޝް ވިދާޅުވިއެވެ. ” ޔަޙްޔާ ބްނު ސަޢީދިލް އަންޞާރީގެ އަރިހުން 250 އެއްހާ ބޭކަލުން މިޙަދީޘް ރިވާކުރެއްވިއެވެ.” އިމާމް އިބްނުލް މުލައްޤިން ވިދާޅުވިއެވެ. ” އިބްނު މަންދާގެ މުސްތަޚުރަޖުގައި ބަޔާންކުރައްވާފައިވާ ޢަދަދު 300 އަށްވުރެ ގިނައެވެ.”
އެހެން ރާވީންތަކެއްގެ ފަރާތުން ރިވާކުރެވިފައިވޭތަ؟
ޢުމަރު ރަޟިޔަﷲ ޢަންހުގެ އިތުރުން ގާތްގަޑަކަށް 20 ޞަޙާބީން މިޙަދީޘް ރިވާކުރެއްވިކަމުގައި ބުނެވެއެވެ. އޭގެތެރޭގައި އަބޫސަޢީދިލްޚުދްރީ، ސަޢުދު ބްނު އަބީވައްޤާޞް، ޢަލީ ބްނު އަބީޠާލިބް، ޢަބްދުﷲ ބްނު މަސްޢޫދު، ޢަބްދުﷲ ބްނު ޢުމަރު، އަނަސް، އިބްނުޢައްބާސް، މުޢާވިޔާ، އަބޫހުރައިރާ ރަޟިޔަﷲ ޢަންހުމް ހިމެނިވަޑައިގަންނަވައެވެ.
އަދި ޢުމަރު ރަޟިޔަﷲ ޢަންހުގެ އަރިހުން ޢަލްޤަމާގެ އިތުރުން ޢަބްދުﷲ ބްނު ޢުމަރު، ޢަޠާއު ބްނު ޔަސާރު، އަބޫޖުޙައިފާ އަދި މުޙައްމަދު ބްނުލް މުންކަދިރް ފަދަ ބޭކަލުން ރިވާކުރެއްވިކަމުގައި ބުނެވެއެވެ.
އަދި ޢަލްޤަމާގެ އަރިހުން މުޙައްމަދު ބްނު އިބްރާހީމް އައްތައިމީގެ އިތުރުން ސަޢީދު ބްނުލް މުސައްޔިބް އަދި ނާފިޢު (އިބްނު ޢުމަރުގެ މައުލާ) ފަދަ ބޭކަލުން ރިވާކުރެއްވި ކަމުގައި ބުނެވެއެވެ.
އަދި މުޙައްމަދު ބްނު އިބްރާހީމް އައްތައިމީގެ އަރިހުން ޔަޙްޔާ ބްނު ސަޢީދިލްއަންޞާރީގެ އިތުރުން ދާވޫދު ބްނު އަބިލް ފުރާތު، މުޙައްމަދު ބްނު އިސްޙާޤް ބްނު ޔަސާރު އަދި ޙައްޖާޖު ބްނު އަރްޠާ ފަދަ ބޭކަލުން ރިވާކުރެއްވިކަމުގައި ބުނެވެއެވެ.
ނަމަވެސް މިއިން އެއްވެސް ސަނަދެއް ޞައްޙައެއް ނޫންކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ.
އެހެން ބައެއްބޭކަލުންގެ އަރިހުން ރިވާވެފައިވުމާއެކުވެސް މިޙަދީޘް ވާރިދުވެފައިވަނީ ހަމައެކަނި އިސްވެދެންނެވުނު ސަނަދުން ކަމުގައި ޢިލްމުވެރިންވިދާޅުވަނީ ކީއްވެ؟
އެއީ އެހެން އެއްވެސް ސަނަދެއް ޞައްޙަނުވާތީއެވެ. ސަނަދުތަކެއް ހުރިކަމުގައިވިއަސް، އެސަނަދުތައް ޞައްޙަ ނުވާނަމަ، އިތުރު ސަނަދެއް ނެތްފަދައެވެ.
ޙަދީޘަކާމެދު ވާހަކަދައްކަވަމުން މިޙަދީޘަކީ “ސަނަދެއް ނެތް ޙަދީޘެކޭ ” ނުވަތަ “އަތެއްފައެއް ނެތް ޙަދީޘެކޭ” ޢިލްމުވެރިން ވިދާޅުވާ ބައެއްފަހަރު، އޭގެ މުރާދަކީވެސް ޞައްޙަސަނަދެއް ނެތް ވާހަކައެވެ.
އަލްޚައްޠާބީ ވިދާޅުވެފައިވެއެވެ. “މިޙަދީޘް މުސްނަދުކޮށް، ޢުމަރު ރަޟިޔަﷲ ޢަންހުގެ ރިވާޔަތް ފިޔަވައި އެހެން އެއްވެސް ރިވާޔަތަކުން ޞައްޙަނުވާކަމާމެދު، ޙަދީޘްޢިލްމުވެރިންގެ މެދުގައި ޚިލާފެއް އޮތްކަމެއް އަހުރެން ނުދަންނަމެވެ.”
އިސްވެދެންނެވުނު ސަނަދުން މެނުވީ މިޙަދީޘް ރިވާވެގެން ނުވެއޭ ބުނުމާމެދު އަލްޙާފިޡް އިބްނުޙަޖަރް ވިދާޅުވިއެވެ. ” އާނއެކެވެ. ނަމަވެސް 2 ޝަރުޠަކާއެކުއެވެ. ފުރަތަމައީ ޞައްޙަވުމެވެ. އެހެނީ އެހެން ޟަޢީފު ސަނަދުތަކުން ވާރިދުވެފައިވެއެވެ. އައްދާރުޤުތުނީއާއި އިބްނުމަންދާ އާއި މިނޫންބޭކަލުންވެސް އެ ސަނަދުތައް ޛިކުރުކުރައްވާފައިވެއެވެ. ދެވަނައީ ޢިބާރާތެވެ. އެހެނީ އެހެން ޢިބާރާތްތަކުން މިމާނައިގައި ނިޔަތުގެ ވާހަކަ ބަޔާންކުރެވިފައިވާ ޙަދީޘްތައްވެއެވެ.”
މިޙަދީޘް ޛިކުރުކުރެވިފައިވާ ބައެއް ބޮޑެތި ޙަދީޘްފޮތްތައް
އިމާމް އަޙްމަދުގެ މުސްނަދު، އިމާމް ބުޚާރީގެ ޞަޙީޙުގެ 7 ތަނެއްގައި، އިމާމް މުސްލިމްގެ ޞަޙީޙުގައި 8 މަގަކުން (އެބަހީ؛ 8 ސަނަދުން)، އަދި ސުނަނުގެ މަޝްހޫރު 4 ފޮތް ކަމުގައިވާ ސުނަން އަބީދާވޫދް، ސުނަން އައްތިރްމިޛީ، ސުނަން އައްނަސާއީ، އަދި ސަނަނު އިބްނިމާޖާގައިވެސް މި ޙަދީޘް ބަޔާންކުރެވިފައިވެއެވެ. ބޮޑެތި ޙަދީޘްފޮތްތަކުގެ ތެރެއިން މިޙަދީޘް ޛިކުރުކުރެވިފައިނުވަނީ ހަމައެކަނި އިމާމް މާލިކްގެ މުވައްޠާގައެވެ. ނަމަވެސް އެކަލޭގެފާނުގެ އަރިހުންވެސް، މުވައްޠާއިން ބޭރުން ރިވާކުރެވިފައިވެއެވެ. އިމާމް ބުޚާރީއާއި މުސްލިމްގެ ރިވާޔަތްތަކުގައި އެކަލޭގެފާނުގެ (އެބަހީ: އިމާމް މާލިކްގެ) ސަނަދުން މިޙަދީޘް ޛިކުރުކުރައްވާފައިވެއެވެ.
ސަނަދުގެ މައްސަލަތައްކަމުގައި ބުނެވޭ ބައެއްކަންތައް
- މުޙައްމަދު ބްނު އިބްރާހީމް އައްތައިމީގެ އަރިހުން ޔަޙްޔާ ބްނު ސަޢީދު އަޑުއައްސަވާފައި ނުވެއެވެ.
- ޢަލްޤަމާގެ އަރިހުން މުޙައްމަދު ބްނު އިބްރާހީމް އައްތައިމީ އަޑުއައްސާވާފައިނުވެއެވެ.
ޖަވާބު:
ޞަޙީޙުލް ބުޚާރީގައިވެއެވެ. ” ޙުމައިދީ އަހަރެމެންނަށް ކިޔައިދެއްވިއެވެ. ތިމަންމެނަށް ސުފްޔާން ކިޔައިދެއްވިއެވެ. ޔަޙްޔާ ބްނު ސަޢީދުލް އަންޞާރީ ތިމަންމެނަށް ކިޔައިދެއްވިއެވެ. މުޙައްމަދު ބްނު އިބްރާހިމް އައްތައިމީ ޢަލްޤަމާގެ އަރިހުން އަޑުއެއްސެވިކަމަށް އަހުރެންގާތު ވިދާޅުވެ މިޙަދީޘް ޛިކުރުކުރެއްވިއެވެ. “
މިސަނަދަށް ބަލައިލުމުން، މުޙައްމަދު ބްނު އިބްރާހީމް އައްތައިމީގެ އަރިހުން ޔަޙްޔާ ބްނު ސަޢީދިލް އަންޞާރީ އަޑުއެއްސެވިކަމާއި، ޢަލްޤަމާގެ އަރިހުން އެކަލޭގެފާނުވެސް އަޑުއެއްސެވިކަން ސާފުވެގެންދެއެވެ. އަދި މައްސަލަތައް ކަމުގައި ބުނެވޭ ކަންތައްތަކުގައި ބުރަދަނެއް ނެތްކަން އެނގިގެންދެއެވެ.
މުތަވާތިރު ޙަދީޘެއްކަމުގައި ބުނުމާމެދު …
މިއީ މުތަވާތިރު ޙަދީޘެއް ނޫނެވެ. އަދިކިއެއްހެއްޔެވެ. މިޙަދީޘްހިމެނެނީ އާޙާދު ޙަދީޘްތަކުގެ ތެރޭގައެވެ. އެހެނީ އިސްވެ ބަޔާންކުރެވުނުފަދައިން މިޙަދީޘް ޞައްޙަ މަގުން ރިވާކުރެވިފައިވަނީ ހަމައެކަނި ޢުމަރު ބްނު އަލްޚައްޠާބްގެ އަރިހުންނެވެ. އަދި އެކަލޭގެފާނުގެ އަރިހުން ރިވާކުރެއްވިކަމަށް ޞައްޙައީ ހަމައެކަނި ޢަލްޤަމާއެވެ. އަދި ޢަލްޤަމާގެ އަރިހުން ހަމައެކަނި މުޙައްމަދު ބްނު އިބްރާހިމް އައްތައިމީއެވެ. އަދި އެކަލޭގެފާނުގެ އަރިހުން ހަމައެކަނި ޔަޙްޔާ ބްނު ސަޢީދިލްއަންޞާރީއެވެ. އަދި އެކަލޭގެފާނުގެ އަރިހުން އެތައް ބޭކަލުންނެއް ރިވާކުރެއްވިއެވެ.
ޔަޙްޔާ ބްނު ސަޢީދިލް އަންޞާރީގެ އަިރިހުން މުތަވާތިރު ދަރަޖައަށްދާވަރަށް ރާވީން ރިވާކުރައްވާފައިވިޔަސް ސަނަދުގެ ހުރިހާ ހިސާބެއްގައިވެސް އެޝަރުޠު ފުރިހަމަ ނުވާނަމަ މުތަވާތިރު ޙަދީޘެއްކަމުގައި ނުބުނެވޭނެއެވެ.
މުތަވާތިރު ޙަދީޘަކަށްނުވިޔަސް މުޅިއުއްމަތްވަނީ މި ޙަދީޘް ބަލައިގަނެފައެވެ. އަދި މިއީ ދީނުގެ އަޞްލެއްކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ.
ސަނަދުން ފާހަނގަކުރެވޭ ކަންތަކުގެ ތެރެއިން…
- މި ޙަދީޘުގެ ސަނަދުގައި 3 ތާބިޢީން އެއްބޭކަލަކު އަނެއްބޭކަލެއްގެ ފަރާތުން ރިވާކުރައްވާފައިވެއެވެ. ޔަޙްޔާ ބްނު ސަޢީދިލް އަންޞާރީއަކީ ތާބިޢީއެކެވެ. އެކަލޭގެފާނު ރިވާކުރައްވާފައިވަނީ މުޙައްމަދު ބްނު އިބްރާހިމް އައްތައިމީގެ އަރިހުންނެވެ. އެއީވެސް ތާބިޢީއެކެވެ. އަދި އެކަލޭގެފާނު ރިވާކުރައްވާފައިވަނީ ޢަލްޤަމާގެ އަރިހުންނެވެ. އެއީވެސް ތާބިޢީއެކެވެ.
-ނުނިމޭ-