[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ﷲ ނޫން އެހެންފަރާތްތަކަށް ޒަބަޙަ ކުރުމުގެ ޝިރުކު

ބޮޑުޝިރުކުގެ ޢަމަލުތަކުގެ ތެރެއިން ﷲ ތަޢާލާ ފިޔަވައި އެހެންފަރާތްތަކަށް ޒަބަޙަ ކުރުމަކީ ނުވަތަ ޤުރުބާންކުރުމަކީ ދުނިޔޭގެ އެކިއެކި ޤައުމުތަކުގައި ފެތުރިފައުވާ ވަރަށް ނުބައިކަމެކެވެ. ޒަބަޙަކުރުމަކީ ނުވަތަ ޤުރުބާންކުރުމަކީ ނުވަތަ ކަތިލުމަކީ އަޅުކަމެކެވެ. މިކަން ދަލީލްކޮށްދެނީ ކީރިތި ޤުރްއާނުގެ މިއާޔަތުންނެވެ. ﷲތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. (فَصَلِّ لِرَبِّكَ وَانْحَرْ) الكوثر 2 މާނައީ: “ފަހެ، ކަލޭގެފާނުގެ ވެރިއިލާހަށް ކަލޭގެފާނު ނަމާދު ކުރައްވާށެވެ! އަދި ޤުރުބާން ކުރައްވާށެވެ!” ނަޙްރު ކުރުމަކީ ޒަބަޙަ ކުރުމުގެ ވައްތަރެކެވެ. މިއާޔަތުގައި ﷲ ތަޢާލާ އަމުރުކުރައްވާފައިވަނީ ﷲ އަށްޓަކައި އެއިލާހުގެ ނަންފުޅުގެ މަތީގައި ނަޙްރުކުރުމަށެވެ. ނުވަތަ ޤުރުބާން ކުރުމަށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ((لَعَنَ اَللهُ مَنْ ذَبَحَ لِغَيْرِ اللهِ)) رواه مسلم މާނައީ : “ﷲ ތަޢާލާފިޔަވައި އެހެން ފަރާތްތަކަށް ޒަބަޙަ ކުރިމީހަކަށް ﷲ ތަޢާލާ ލަޢުނަތްލައްވައެވެ.” ޒަބަޙަ ކުރެވޭ ޖަނަވާރު ކެއުން ޙަރާމްވެދާނެ ދެކަމެއް ވެއެވެ. އެ ޒަބަޙަ ކުރެވުނު އެއްޗަކީ ﷲ އަށްޓަކައި އެއިލާހަށް ޤަސްދުކޮށް ކަތިލެވުނު އެއްޗެއް ކަމުގައި ނުވެއްޖެނަމަ އެއިން ކެއުން ޙަރާމްވެގެންވެއެވެ. އަދި އެ އެތި ކަތިލެވޭއިރު ﷲ ތަޢާލާގެ ނަންފުޅު ނުގަނެ އެހެންފަރާތެއްގެ ނަމުގައި ކަތިލައިފިނަމަވެސް އެއިން ކެއުން ޙަރާމް ވެގެންވެއެވެ. މި ޒަމާނުގައި މީހުން ކުރަމުންދާ ޖާހިލިއްޔަ ޒަމާނުގެ ޒަބަޙައެއް ކަމުގައި ޖިންނިއަށް ޒަބަޚަކުރުން ހިމެނިގެންވެއެވެ. މިގޮތުން ޖާހިލިއްޔަ ޒަމާނުގެ މީހުން އާގެއެއް އަޅައިފިކަމުގައި ވަނީނަމަ ނުވަތަ ގެއެއް ކުއްޔަށް ހިފައިފިނަމަ ނުވަތަ އަލަށް ފެންބޯ ވަޅެއް ކޮނެފިނަމަ އޭގެކައިރީގައި ޖިންނިއަށްޓަކައި ޒަބަޙަކުރެއެވެ. މިއިން އެމީހުން ބޭނުންވާ ކަމަކީ ޖިންނީގެ އުނދަގުލުން އެ ގެ ނުވަތަ އެ ވަޅު ޙިމާޔަތްކޮށް ޖިންނީގެ ކިބައިން ޙިމާޔަތްހޯދުމެވެ.