ނަމާދު ނުކުރާމީހާ ކާފަރުވާނެ ކަމުގެ ދަލީލު.
ނަމާދު ދޫކޮށްލާ މީހާ ކާފިރުވެ މިއްލަތުން ބޭރުވާނެކަމަށް، ކީރިތި ޤުރުއާނާއި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞައްޙަ ޙަދީޘްތަކުންނާ އަޞްޙާބުބޭކަލުންގެ ބަސްފުޅުތަކުން ދަލީލް ލިބެއެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައި ވެއެވެ. (( މީހާއާއި، ޝިރުކާއި ކުފުރާއި ދެމެދުވަނީ ނަމާދު ދޫކޮށްލުމެވެ. )) – رواه مسلم – އެހެން ޙަދީޘެއްގައި ވެއެވެ. (( އަހަރެމެންނާއި އެމީހުންނާއި ( އެބަހީ މުސްލިމުންނާއި ކާފިރުންނާއި) ދެމެދުގައިވާ ޢަހުދަކީ ނަމާދެވެ. ފަހެ ނަމާދު އަޅައިފިމީހާ ކާފަރުވެއްޖެއެވެ. )) – رواه أحمد و الترمزي والنسائي و غيرهم –
ތާބިޢީ ބޭކަލެއްކަމުގައިވާ ޢަބްދުﷲ ބިން ޝަޤީޤް ރަޟިޔަﷲ ޢަންހު، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަޞްޙާބުންގެ ކިބައިން ނަޤުލުކުރައްވައި ވިދާޅުވިއެވެ. (( ޢަމަލު ތަކުގެ ތެރެއިން އެއްވެސް ޢަމަލެއް ދޫކޮށްލުމުން ކާފަރުވާނެކަމަށް، ނަމާދު ފިޔަވައި، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްމަލަގެ އަޞްޙާބުން ދެކިވަޑައިނުގަންނަވައެވެ. )) – رواه الترمزي و الحاكم – އެހެންކަމުން އަލްއިމާމް އިސްޙާޤު ބުން ރާހުވައިހި މިކަމަށް އިޖްމާޢު ގެންނަވައި ވިދާޅުވެފައި ވެއެވެ. (( ޞަޙާބީންގެ ދުވަސްވަރުން ފެށިގެން އަދާހަމައަށްވެސް މީސްތަކުން ބުނަމުން ދެއެވެ. ހަމަކަށަވަރުން ނަމާދު ދޫކޮށްލާ މީހާއީ ކާފިރެކެވެ.))
ނަމާދު އަޅާމީހާއަށް ތައުބާލައިދިނުން.
މި މައްސަލައިގައި، ޢިލްމުވެރިންގެ އެއް ރައުޔަކީ ތައުބާ ލައިދިނުމެއްނެތި، ޤަތުލުކުރުމެވެ.
ގިނަ ޢިލްމުވެރިން ދެކެވަޑައިގަންނަވާގޮތުގައި ނަމާދު އަޅާމީހާއަށް 3 ދުވަސް ވަންދެން ޙާކިމު(ވެރިމީހާ) ނުވަތަ ވެރިމީހާ ކަނޑައަޅާ މީހަކު، ތައުބާ ލައިދީ ނަސޭހަތްތެރިވުމަށްފަހުގައިވެސް، ޙައްޤައް ރުޖޫޢަވެ ނަމާދު ކުރަން ނުފަށައިފިނަމަ، ޤަތުލު ކުރެވޭނެއެވެ.
މި މައްސަލައިގައި ޢިލްމުވެރިންގެ އަނެއް ރައުޔުއަކީ، ( ތައުބާ ލައިދީ ނަސޭހަތްދޭނީތޯ ނުވަތަ ޤަތުލުކުރާނީތޯ ކަނޑައެޅުން ) ޙާކިމާގެ އިޖްތިހާދަށް ދޫކޮށްލުމެވެ. ފަޟީލަތުއްޝައިޚް މުޙައްމަދު ބިން ޞާލިޙުލް ޢުޘައިމީން ( ރަޙިމަހުﷲ ) އެއްމެ ޞައްޙަ ރައުޔެއްކަމުގައި ދެކިވަޑައިގަންނަވަނީ މި ރައުޔެވެ.
– ނުނިމޭ –
މަސްދަރު: މި ލިޔުމަށް މައިގަނޑުގޮތެއްގައި މަޢުލޫމާތު ނަގާފައިވާނީ ފަޟީލަތުއްޝައިޚް މުޙައްމަދު ބިން ޞާލިޙުލް ޢުޘައިމީން ( ރަޙިމަހުﷲ ) ގެ الشرح الممتع على زاد المستقنع އިން.