[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ލަޢުނަތް ދިނުން

laun

الحمد لله

ލިސާނުލް ޢަރަބުގެ ( އަރަބި ބަހުގެ އެންމެ ބޮޑު ރަދީފުގައި) މުއައްލިފު ވިދާޅުވެފައިވެއެވެ. ” اللَّعْنُ ” ގެ މާނައަކީ ހުރިހާހެޔޮ ކަންތައްތަކުން މީހަކު ދުރުކޮށްލުމެވެ. އަދި ބުނެވެއެވެ. އެއީ ﷲ ތަޢަލާގެ ކިބައިން ދުރުކޮށްލުމެވެ. ނުވަތަ މީސްތަކުންގެ ކިބައިން ދުރުކޮށްލުމެވެ.

اللَّعْنُ  ގެ އިޞްތިލާޙީ މާނަ އަކީވެސް، ހަމަ ލުޣަވީ މާނައާއި އެއް މާނައެކެވެ.

ލަޢުނަތް ދިނުން ދެގޮތަކަށް އާދެއެވެ.

އެންމެ ފުރަތަމަ ގޮތަކީ : ކާފަރުންނާއި ފާފަވެރިންނަށް ( ވަކި މީހަކު ކަނޑަނާޅައި) ލަޢުނަތްލެއްވުން އެދި  އާންމުވާގޮތުގެ މަތިން ދުޢާކުރުމެވެ. މިފަދައިން ބުނެފިނަމަ: ޔަހޫދީންނާއި ނަޞާރާއިންގެ މައްޗަށް ﷲ ލަޢުނަތް ލައްވާށިއެވެ. ނުވަތަ ކާފިރުންގެ މައްޗަށް ﷲ ލަޢުނަތް ލައްވާށިއެވެ. ނުވަތަ ފާސިޤުންގެ މައްޗަށް ﷲ ލަޢުނަތް ލައްވާށިއެވެ. ނުވަތަ އަނިޔާވެރިންގެ މައްޗަށް ﷲ ލަޢުނަތް ލައްވާށިއެވެ. ނުވަތަ ރާބޯމީހުންގެ މައްޗަށް ނުވަތަ ވައްކަންކުރާމީހުން މައްޗަށް ﷲ ލަޢުނަތްލައްވާށިއެވެ. މިފަދައިން ލަޢުނަތް ދިނުމަކީ ހުއްދަކަމެކެވެ. އޭގައި އެއްވެސް މައްސަލައެއް ނެތެވެ. الآداب الشرعية  ގައި އިބްނި މުފްލިޙު ވިދާޅުވެފައި ވެއެވެ. (1/203) ކާފަރުންގެ މައްޗަށް އާއްމުވާގޮތަށް ލަޢުނަތްދިނުން ހުއްދައެވެ.

ދެވަނަ ގޮތަކީ : ކާފަރެއްކަމުގައި ވިޔަސް އަދި ފާސިޤެއް ކަމުގައިވިޔަސް، ވަކި ޚާއްސަ ޝަޚްޞަކު ކަނޑައަޅައި، އެމީހަކަށް ލަޢުނަތްދިނުމެވެ. ވަކި ޚާއްޞަ މީހަކު ކަނޑައަޅައި އެމީހާގެ ވާހަކަ ބަޔާންކޮށް، ﷲ އެމީހަކަށް ލަޢުނަތްލައްވާށިއޭ ބުނެފިނަމަ، މި ކަން، ދެ ޙާލަތަކަށް ބެހިގެން ވެއެވެ.

  • އެފަރާތަކަށް ނުވަތަ އެމީހަކަށް ލަޢުނަތް ލެއްވިފައިވާކަމަށް ޝަރުޢީ ނައްސެއް އައިސްފައިވާ ފަރާތްތައް، މިސާލަކަށް އިބްލީސް ނުވަތަ އެމީހަކު ކާފަރުކަންމަތީ މަރުވެފައިވާކަމަށް ޝަރުޢީ ނައްޞެއް އައިސްފައިވާ، ފިރުޢައުނު އަދި އަބޫލަހަބުފަދަ މީހުންނަށް ލަޢުނަތްދިނުން. މިޙާލަތުގައި ލަޢުނަތް ދިނުން ހުއްދައެވެ.

الآداب الشرعية  ގައި އިބްނި މުފްލިޙު ވިދާޅުވެފައި ވެއެވެ. (1/214) އެމީހަކަށް ލަޢުނަތް ލެއްވިފައިވާކަމަށް ނައްޞެއް އައިސްފައިވާ މީހުންނަށް ލަޢުނަތް ދިނުމަކީ ހުއްދަ ކަމެކެވެ. އަދި އެކަން ނުކޮށް ދޫކޮށްލި މީހެއްގެ މައްޗަށްވެސް ފާފައެއް ނެތެވެ.

  • އެފަރާތަކަށް ނުވަތަ އެމީހަކަށް ލަޢުނަތް ލެއްވިފައިވާކަމަށް ޝަރުޢީ ނައްސެއް އައިސްފައި ނުވާ ފަރާތްތައް، އެއީ ކާފަރެއް ކަމުގައި ވިޔަސް ނުވަތަ ފާސިޤެއްކަމުގައި ވިޔަސް، މިސާލަކަށް، ރާ ވިއްކާ މީހަކަށް ނުވަތަ ﷲ ފިޔަވާ އެހެން ފަރާތަކަށް ޛަބަޙަކުރާ މީހަކަށް، ނުވަތަ މައިންބަފައިންނަށް ލަޢުނަތްދޭ މީހަކަށް، ނުވަތަ ބިދުޢަވެރިންނަށް ލަޢުނަތްދޭމީހަކަށް އަދި މިނޫނަސް މިފަދަ މީހުންނަށް، ކަނޑައެޅިގެން އެނގޭ ވަކީމީހަކަށް، ލަޢުނަތްދިނުން :

މި ޙާލަތުގައި ލަޢުނަތްދިނުމާއިމެދު ޢިލްމުވެރިންގެ 3 ޤައުލުގެ މައްޗަށް އިޚްތިލާފްވެފައިވެއެވެ.

އެންމެ ފުރަތަމަ: އެއްވެސް ޙާލެއްގައި ހުއްދައެއް ނޫނެވެ.

ދެވަނަ އަށް: ކާފިރު މީހާއަށް ލަޢުނަތްދިނުން ހުއްދައެވެ. ފާސިޤުމީހާއަށް ލަޢުނަތްދިނުން ހުއްދައެއްނޫނެވެ.

ތިންވަނައަށް: ހުރިހާ ޙާލަތެއްގައިވެސް ހުއްދައެވެ.

ހުއްދަ ނުވާނެކަމަށް ވިދާޅުވާ ޢިލްމުވެރިން އެބޭފުޅުންގެ ޤައުލަށް ބާރުދޭ ގިނަ ދަލީލްތަކެއް ގެންނަވައެވެ.

އޭގެތެރޭގައި:

ޢަބްދުﷲ ބުން ޢުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްﷲ ޢަލައިހި ވަސައްލަމަ ފަތިސް ނަމާދުގެ ފަހު ރަކުޢަތުގެ ރުކޫޢުން ތެދުވެ ވަޑައިގެންފިނަމަ، (سَمِعَ اللَّهُ لِمَنْ حَمِدَهُ رَبَّنَا وَلَكَ الْحَمْدُ) މިފަދައިން ވިދާޅުވުމަށްފަހު، ދެން ވިދާޅު ވެއެވެ. ( އޭ ﷲ ! މިވެނި މީހަކަށް ލަޢުނަތް ލައްވާންދެއެވެ. އަދި އެވެނި މީހަކަށް ލަޢުނަތް ލައްވާންދެއެވެ. ) ދެންފަހެ، ﷲ ތަޢާލާ މި އާޔަތް ބާވައިލައްވައިފިއެވެ. (( لَيْسَ لَكَ مِنْ الأَمْرِ شَيْءٌ أَوْ يَتُوبَ عَلَيْهِمْ أَوْ يُعَذِّبَهُمْ فَإِنَّهُمْ ظَالِمُونَ  . )) އާޔަތުގެ މާނަ: ( އެއުރެންގެ ކަންތަކުގެ ތެރެއިން އެއްވެސްކަމެއް، ކަލޭގެފާނަކަށް މިލްކުވެގެނެއް ނުވެއެވެ. (އެކަންއޮތީ ހަމައެކަނި اللَّه އަށެވެ.) އެކަލާނގެ (އިރާދަކުރައްވާނަމަ) އެއުރެންގެ މައްޗަށް، ތައުބާލައްވައިފާނެތެވެ. ނުވަތަ، އެއުރެންނަށް ޢަޒާބު ދެއްވައިފާނެތެވެ. ފަހެ، ހަމަކަށަވަރުން، އެއުރެންނީ އަނިޔާވެރިންނެވެ. ) – رواه البخاري –

އުމަރު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެން އައިސްފައި ވެއެވެ. ( ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި ޢަބްދުﷲ އޭ ކިޔުނު މީހަކު އުޅުނެވެ. އެމީހާއަށް ޙިމާރު އޭ ކިޔައި ލަޤަބު ދެވިފައިވެއެވެ. އަދި، އެމީހާ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ހެއްވައި އުޅުއްވިއެވެ. އެއްފަހަރެއްގައި އެމީހާ ރާ ބުއިމުގެ ސަބަބުން، އެކަލޭގެފާނު ހައްދު ޖެއްސެވިއެވެ. ފަހެ ، އަނެއްކާވެސް އެހެން ދުވަހެއްގައި ހަމަ އެމީހާ ރާބޮއިގެން، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ގެނެވުމުން، ހައްދު ޖެހުމަށް އަމުރު ކުރިއެވެ. އަދި އެމީހާ ގައިގައި ހައްދު ޖެހުނެވެ. ދެން އެތަނުގައި ހުރި މީހަކު ބުންޏެވެ. ﷲ އޭނައަށް ލަޢުނަތް ލައްވާށިއެވެ. ( އެކަމުގައި) އޭނަ، ގެނެވޭލެއް ހާދަ ގިނައެވެ. ދެން ފަހެ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. އޭނައަށް ލަޢުނަތް ނުދޭށެވެ. އޭނައާއި ބެހޭގޮތުން ތިމަންކަލޭގެފާނަށް އެނގިފައިވަނީ، އޭނަ ﷲ އާއި އެއިލާހުގެ ރަސޫލާދެކެ ލޯބިވާކަމެވެ. ) – رواه البخاري –

شيخ الإسلام ابن تيمية – ރަޙިމަހުﷲ – މަޖުމޫޢުލް ފަތާވާގައި ވިދާޅުވެފައި ވެއެވެ.

އެމީހަކަށް ﷲ އާއި އެއިލާހުގެ ރަސޫލާ ލަޢުނަތް ލައްވާފައިވާ މީހެއްނަމަ، ކަނޑައެޅިގެން ވަކި މީހަކު ޢައްޔަނުކޮށް، އެމީހަކަށް ލަޢުނަތްދިނުން ހުއްދައެވެ. ހަމަ އެފަދައިން، ކަނޑައެޅިގެން މިވެނި މީހަކު މަރުވީ ކާފިރުކަން މަތީގައިކަން އެނގޭ މީހަކަށް ލަޢުނަތް ދިނުންވެސް ހުއްދައެވެ. ދެންފަހެ ، ފާސިޤުމީހާއާއި މެދު ދަންނާށެވެ. މިޙާލަތުގައި، ވަކި މީހަކު ކަނޑައަޅައި، މިވެނި މީހަކަށް ލަޢުނަތް ދިނުމަކީ އެކަށީގެންވާ ކަމެއްނޫނެވެ. އެއީ،( އިސްވެ ބަޔާންވެދިޔަ ޙަދީޘްގައިވާފަދައިން ) ރާބޮއި އުޅުނު މީހެއްކަމަށްވާ، ޢަބްދުﷲ ބުން ޙިމާރަށް ލަޢުނަތް ދިނުން ރަސޫލޫﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަހީކުރައްވާފައިވެއެވެ. އެއީ އެކަލޭގެފާނު ޞައްލަﷲ ޢަލައިހި ވަސައްލަމަ، ރާ ބޯ މީހުންނަށް ޖުމްލަގޮތެއްގައި ލަޢުނަތްލައްވާފައި ވާއިރުވެސް މެއެވެ. ކޮންމެގޮތެއްވިޔަސް، ބިދުޢަތަކަށް ގޮވާލާމީހުންނާއި ، ފާސިޤުންގެ ތެރެއިން ކަނޑައެޅިގެން ވަކި ވަކި މީސްމީހުންނަށް ލަޢުނަތްދިނުމަކީ ޢިލްމުވެރިންގެ މެދުގައި އިޚްތިލާފް އޮންނަ މައްސަލައެކެވެ. ”  – شيخ الإسلام ابن تيمية – ރަޙިމަހުﷲ – ގެ ޤައުލު ނިމުނީ.

فضيلة الشيخ العلامة محمد بن صالح العثيمين – رحمه الله – ” ޤައުލުލް މުފީދު ” ގައި ވިދާޅުވެފައި ވެއެވެ.

ވަކި ވަކި މީސްމީހުންނަށް ލަޢުނަތްދިނުމާއި، ފާފަވެރިންނަށް ޖުމްލަގޮތެއްގައި ލަޢުނަތް ދިނުމުގެ ތަފާތު ދަންނަވާނަމަ، ފުރަތަމައަށް މިބަޔާންކުރެވުނުގޮތް (ވަކި ވަކި މީސްމީހުންނަށް ލަޢުނަތްދިނުން(އެމީހެއްގެނަން ވަކިން ކިޔައި ލަޢުނަތްދިނުން)) މަނާވެގެން ވެއެވެ. ދެވަނަ ގޮތް (ފާފަވެރިންނަށް ޖުމްލަގޮތެއްގައި ލަޢުނަތް ދިނުން ) ހުއްދައެވެ. ތިބާއަށް ބިދުޢަވެރިއެއް ފެނިއްޖެނަމަ މިފަދައިން ނުބުނާށެވެ. ﷲ ތިބާއަށް ލަޢުނަތް ލައްވާށިއެވެ. ނަމަވެސް މިހެން ބުނާށެވެ. ބިދުޢަވެރިންނަށް ﷲ ލަޢުނަތް ލައްވާށިއެވެ. ވަކި މީހަކަށް ޚާއްސަކޮށް ނުބުނާށެވެ. އާންމު ބަހެއް ބުނާށެވެ. އޭގެ ދަލީލަކީ، ޖާހިލިއްޔަ ޒަމާނުގެ މުޝްރިކުންގެ ތެރެއިން ކަނޑައެޅިގެން ވަކިވަކި މީސްމީހުންނަށް (( އޭ ﷲއެވެ. އެވެނި މީހަކަށް ލަޢުނަތް ލައްވާނދޭވެ. އެވެނި މީހަކަށް ލަޢުނަތް ލައްވާނދޭވެ. އެވެނި މީހަކަށް ލަޢުނަތް ލައްވާނދޭވެ. )) މިފަދައިން ލަޢުނަތް ލެއްވުން އެދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދަންނަވަންފެށުމުން ﷲ ތަޢާލާ މި އާޔަތް ބާވައިލެއްވައި އެކަން ނަހީކުރެވުނެވެ.  (( ليس لك من الأمر شيء أو يتوب عليهم أو يعذبهم فإنهم ظالمون )) އާޔަތުގެ މާނަ: ( އެއުރެންގެ ކަންތަކުގެ ތެރެއިން އެއްވެސްކަމެއް، ކަލޭގެފާނަކަށް މިލްކުވެގެނެއް ނުވެއެވެ. (އެކަންއޮތީ ހަމައެކަނި اللَّه އަށެވެ.) އެކަލާނގެ (އިރާދަކުރައްވާނަމަ) އެއުރެންގެ މައްޗަށް، ތައުބާލައްވައިފާނެތެވެ. ނުވަތަ، އެއުރެންނަށް ޢަޒާބު ދެއްވައިފާނެތެވެ. ފަހެ، ހަމަކަށަވަރުން، އެއުރެންނީ އަނިޔާވެރިންނެވެ. ) رواه البخاري” اهـ .

د. خالد بن عبدالله بن محمد المصلح – حفظه الله –  ވިދާޅުވެފައިވެއެވެ.

” އަނިޔާވެރިވާ މީހާގެ މައްޗަށް ބަދު ދުޢާކުރުމަކީ ހުއްދަ ކަމެކެވެ. ނަމަވެސް ލައުނަތް ދިނުމާއި އަނިޔާވެރިވާ މީހާގެ މައްޗަށް، އޭނަ ހަލާކުކުރެއްވުމަށް ނުތަ ޢަޒާބެއް ފޮނުއްވުމަށް ދުޢާ ކުރުމަކީ ތަފާތު ދެކަމެކެވެ. އަނިޔާވެރިވާ މީހާގެ މައްޗަށް ބަދު ދުޢާ ކުރުމަކީ ހުއްދަކަމެކެވެ. އެހެން ނަމަވެސް އަޅުގަނޑު ދަންނަވާނީ، ތިބާއަށް މީހަކު އަނިޔާވެރި ވެއްޖެނަމަ، އެއްމެ ފުރަތަމަ އޭނަގެ މައްޗަށް ބަދު ދުޢާކުރަން ނުފަށައި، މިފަދައިން ދުޢާކުރުމަށެވެ. އޭ ﷲ ! އޭނައަށް އެއްމެ ހައްޤުވާ އިޤާބު އޭނައަށް ދެއްވާފާނދެއެވެ. ދެންފަހެ، ލަޢުނަތަކީ ބަދު ދުޢާ ކުރުމަށްވުރެ މާބޮޑުކަމެކެވެ. އެއީ ﷲ ތަޢާލާގެ ރަޙްމަތުން އެމީހަކު ދުރުކުރެއްވުމެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މުޝްރިކުންގެ ތެރެއިން ކަނޑައެޅިގެން ޚާއްސަ މީހުންތަކަކަށް ލަޢުނަތް ލެއްވުން އެދި ދުޢާކުރިއެވެ. ފަހެ، ﷲ ތަޢާލާ މިއާޔަތް (( ليس لك من الأمر شيء أو يتوب عليهم أو يعذبهم فإنهم ظالمون )) – سورة آل عمران – މާނަ: ( އެއުރެންގެ ކަންތަކުގެ ތެރެއިން އެއްވެސްކަމެއް، ކަލޭގެފާނަކަށް މިލްކުވެގެނެއް ނުވެއެވެ. (އެކަންއޮތީ ހަމައެކަނި اللَّه އަށެވެ.) އެކަލާނގެ (އިރާދަކުރައްވާނަމަ) އެއުރެންގެ މައްޗަށް، ތައުބާލައްވައިފާނެތެވެ. ނުވަތަ، އެއުރެންނަށް ޢަޒާބު ދެއްވައިފާނެތެވެ. ފަހެ، ހަމަކަށަވަރުން، އެއުރެންނީ އަނިޔާވެރިންނެވެ. )  ބާވައިލެއްވުމުން އެކަލޭގެފާނު އެކަން ނުކުރައްވައެވެ. ﷲ ތަޢާލާ މި އާޔަތުގައި، އެމީހުންނަކީ އަނިޔާވެރިން ކަމަށް ކަނޑައަޅައިފައި ވާއިރުވެސް، ތަޢުޔީނުކޮށް ވަކި ވަކި މީހުން ކަނޑައަޅައި އެމީހުންނަށް ލަޢުނަތް ދިނުން މަނާކުރެއްވީއެވެ. “

د. خالد بن عبدالله بن محمد المصلح – حفظه الله އަކީ فضيلة الشيخ العلامة محمد بن صالح العثيمين – رحمه الله – ގެ ދަރިވަރެކެވެ.

والله تعالى أعلم .


މަޞްދަރު:

http://islamqa.info/ar/36674

https://www.youtube.com/watch?v=MiNEd3q52b8