ފުޟައިލް ބިން ޢިޔާޟް ރަޙިމަހުﷲ ވިދާޅުވި ބަސްފުޅެއްގެ މާނައިގައިވެއެވެ.
“ތިބާ ހިދާޔަތުގެ މަގަށް ތަބާވާށެވެ. އެމަގުން ހިނގާމީހުން މަދުވުމަކުން ތިބާއަކަށް ގެއްލުމެއްނެތެވެ. އަދި އަނދިކަމުގެ މަގުތަކުން ތިބާ ރައްކާތެރިވާށެވެ. އެމަގުގައި ހަލާކުވާ މީހުންގެ ގިނަކަމުން އެކަމުގެ ކެހީގައި ނުޖެހޭށެވެ.”
އެމީހެއްގެ އަތުން މިސްކިތުގެ ތަންތަނުގައި ފިރުމުމުން ބަރަކާތް ޙާޞިލުވާނެކަމަށް ޤަބޫލުކުރާމީހާ އެކަން ޤަބޫލުކުރަނީ އޭނާގެ ޖާހިލުކަމާއި ޣާފިލުކަމުގެ ސަބަބުންނެވެ. އެހެނީ ބަރަކާތްވަނީ ޝަރުޢުގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގައެވެ. ހެޔޮގޮތުން އެއްކިބާވެ ހުރެގެން މާތްކަންހޯދާނީ ކިހިނަކުން ހެއްޔެވެ؟!
– އިބުނު ކަޘީރު ރަޙިމަހުﷲގެ ބަސްފުޅު މިހިސާބަށް ނިމުނީއެވެ. –
ހަތަރުވަނައީ: ރަސޫލުﷲ ޞައްލަﷲ ޢަލަހިވަސައްލަމްގެ ޤަބުރުފުޅަށް ޒިޔާރަތްކުރާމީހާ އެތަނުގެ ވަށައިގެން ތަވާފުކުރުމަކީ ޙަރާމްވެގެންވާ ކަމެކެވެ. ﷲތަޢާލާ، ތަވާފުކުރުން ޝަރުޢު ކުރައްވާފައިވަނީ ހަމައެކަނި ގެފުޅުގެ ވަށައިގެންނެވެ. ﷲތަޢާލާ ވަޙީކުރައްވާފައިވެއެވެ.”
(وَلْيَطَّوَّفُوا بِالْبَيْتِ الْعَتِيقِ)
މާނައީ: “އަދި ޒަމާންވީ ގެފުޅުގެ ވަށައިގެން އެބައިމީހުން ތަވާފުކުރާހުށިކމެވެ.”
މިހެންކަމުން ގެފުޅު ނޫން އެހެންތަނެއްގެ ވަށައިގެން ތަވާފުނުކުރެވޭނެއެވެ. އެކިކަންކޮޅުތަކުގައި ﷲތަޢާލާއަށް ނަމާދުކޮށް އުޅޭ ކިހާބަޔަކު ވޭހޭ ބުނެއުޅެއެވެ. އަދި ﷲއަށްޓަކައި ރޯދަ ހިފާ އުޅޭ ކިހާބަޔަކު ވޭހޭ ބުނެއުޅެއެވެ. ﷲ ހަނދުމަކޮށް އުޅޭ ކިހާބަޔަކު ވޭހޭ ބުނެއުޅެއެވެ. ނަމަވެސް އެކިކަންކޮޅުތަކުގައި ﷲއަށްޓަކައި ތަވާފުކުރޭހޭ ބުނެއެއް ނޫޅެއެވެ. އެއީ ހަމައެކަނި ގެފުޅަށް ޚާއްޞަކުރެވިފައިވާ ކަމެކެވެ.
ޝައިޚުލް އިސްލާމް އިބްނުތައިމިޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.
“ގެފުޅުގައި ފިޔަވައި ތަވާފުކުމެއްނުވާކަމަށް މުސްލިމުން އިއްތިފާޤުވެފައިވެއެވެ. އެހެން ކަމުން ބައިތުލް މަޤްދިސާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމްގެ ކޮޓަރިކޮޅާއި ޢަރަފާތު ފަރުބަދައިގައިވާ ޤުއްބުގެ ވަށާ ނުވަތަ އެނޫން އެހެން ތަނެއްގެ ވަށައިގެންވެސް ތަވާފުކުރުމެއްނުވެއެވެ.”
ފަސްވަނައީ: ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމްގެ ޤަބުރުފުޅުގެ އަރިހުގައި އަޑުއުފުލުން ހުއްދަވެގެނެއްނުވެއެވެ. މިކަމަށް މުއުމިނުތަކުން ﷲތަޢާލާވަނީ އެކަލޭގެފާނު ދުނިޔޭގައި ހުންނަވަނިކޮށް އަދަބުވެރިކުރައްވާފައެވެ. ﷲތަޢާލާ ވަޙީކުރައްވާފައިވެއެވެ.
(يَا أَيُّهَا الَّذِينَ آَمَنُوا لَا تَرْفَعُوا أَصْوَاتَكُمْ فَوْقَ صَوْتِ النَّبِيِّ وَلَا تَجْهَرُوا لَهُ بِالْقَوْلِ كَجَهْرِ بَعْضِكُمْ لِبَعْضٍ أَنْ تَحْبَطَ أَعْمَالُكُمْ وَأَنْتُمْ لَا تَشْعُرُونَ (2) إِنَّ الَّذِينَ يَغُضُّونَ أَصْوَاتَهُمْ عِنْدَ رَسُولِ اللَّهِ أُولَئِكَ الَّذِينَ امْتَحَنَ اللَّهُ قُلُوبَهُمْ لِلتَّقْوَى لَهُمْ مَغْفِرَةٌ وَأَجْرٌ عَظِيمٌ (3)) [الحجرات]
މާނައީ :”އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ނަބިއްޔާގެ އަޑުފުޅުގެ މައްޗަށް ތިޔަބައިމީހުން އަޑުނުއުފުލާށެވެ. އަދި ތިޔަބައިމީހުން އެކަކު އަނެއްކަކަށް ގަދަ އަޑުން ބަސްބުނެހަދާ ފަދައިން އެކަލޭގެފާނަށް ގަދައަޑުން ބަސްބުނެ ނުހަދާށެވެ.(އެއީ) ތިޔަބައިމީހުން ނުއެނގިތިއްބާ ތިޔަބައިމީހުންގެ ޢަމަލުތައް ބާތިލުވެދާނެތީއެވެ.(2) ހަމަކަށަވަރުން ﷲގެ ރަސޫލާގެ އަރިހުގައި އެއުރެންގެ އަޑުމަޑުކުރާ މީހުންނީ އެބައިމީހުންގެ ހިތްތައް ﷲ އިމްތިޙާނުކުރައްވާ ތަޤުވާވެެރިވުމަށް ފަހިކޮށްދެއްވި މީހުންނެވެ.އެބައިމީހުންނަށް ފާފަފުއްސެވުމާއި ބޮޑުވެގެންވާ ދަރުމަހުށްޓެވެ. (3)”
އެކަލޭގެފާނަކީ އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި އިޙްތިރާމް ލިބިގެންވާ އަދި އަވަހާރަވުމަށް ފަހުގައިވެސް އިޙްތިރާމް ލިބިގެންވާ ބޭކަލެކެވެ.
=ނުނިމޭ=